ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ހުރަސް އަޅަނީއެއް ނޫނެވެ، ހަމަ ތާއިދުނެތީއެވެ.

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން، ރައީސް ނަޝީދު އަދި ރައީސް ސާލިހާއި، އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ގަދަޔަށް ދެކެވެމުންދާ އެއްވާހަކައަކީ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރައްޔިތުންނާއި އަދި ޕާޓީގެ މެންބަރުންވެސް ކުރި ތާއީދު ގެއްލިއްޖެކަމުގެ ވާހަކައެވެ. އަދި އެމަނިކުފާނަކީ “ހިތްތަކުގެ ރައީސް” ކަމަށް ރައްޔިތުން ގަބޫލުކުރި ދުވަސްތައް މާޒީވެ ހިނގައްޖެކަމަށް އެމްޑީޕީގެ ބައެއް މެންބަރުންވެސް ބުނެއެވެ.

މި މަހުގެ 2 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ ގދ ތިނަދޫއަށް ވަޑައިގެންފައެވެ. އެދުވަހުގެ ހަވީރު 4:30 އެހާކަންހާއިރު ރައީސް ނަޝީދުގެ ފައި ތިނަދޫގެ ފަސްގަނޑުގައި ޖެހުނު ހިސާބުން ދެ ފެކްޝަނަކަށް ހިނގާ އެމްޑީޕީގައި ތިއްބެވި އެމަނިކުފާނާއި ދެކޮޅު މެންބަރުން މުޅި ސޯޝަލް މީޑީއާތެރެ ކައްކުވާލީ ތިނަދޫއިންވެސް ރައީސް ނަޝީދަށް ތާއީދެއް ނެތްކަމަށް ބުނެއެވެ. ކޮންމެއަކަސް ތިނަދޫގައި ތިބި އެމްޑީޕީގެ އާންމު މެންބަރުންގެ ތެރެއިން ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ގަބޫލުކުރަނީ ރައީސް ނަޝީދަށް އެ ރަށުން ކީ ވަރަށް ހޫނު މަރުހަބާއެއްކަމަށެވެ.

ތާއިދު ނެތްކަމަށް ބަޔަކު ފާހަގަކުރި ނަމަވެސް ރައީސް ނަޝީދު ހުންނެވީ އަދިވެސް ތިނަދޫއަށް ދިއުމުގެ އުއްމީދުގައެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ތިނަދޫގައި ތިބި ސަރުކާރު މުވައްޒަފުންނަށް މާލެ އަންނަ ސަރުކާރުން އަންގިއެވެ. އަދި ވާހަކަދެއްކެވީ ސަރުކާރުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރައްޔިތުންނަށް ހުރަސްއެޅީކަމަށް ދޭހަވާފަދަ މޭރުމަކުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން “ސަންގުން” ސަރުކާރާއި ސުވާލުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުން އެއްވެސް ހުރަހެއް ނާޅާކަމަށެވެ.

އެހެންކަމަށްވާނަމަ ތިނަދޫގައި އެމްޑީޕީއިން ބޭއްވި ޖަލްސާއިން އެ ފެނުން މަދު މީސްކޮޅަކީ ނިސްބަތުން އާބާދީ ބޮޑު އެ ރަށުން ރައީސް ނަޝީދަށް ތައީދުކުރާ ނުވަތަ އެމަނިކުފާނާ ބައްދަލުކޮށްލާ ހިތުން ތިބި ހަމައެކަނި މީސްކޮޅުހެއްޔެވެ؟ ހަމަ ހަގީގަތުގައިވެސް ރައީސް ނަޝީދަށް އޮތް ތާއީދު ގެއްލެނީ ހެއްޔެވެ؟ އެމްޑިޕީއަކީ ރައީސް ނަޝީދުކަމަށް ރައްޔިތުން ދެކުނު ދުވަސްތައް ބަދަލުވީ ހެއްޔެވެ؟

އަޅުގަނޑުގެ ނަޒަރުގައި މި ހުރިހާކަމެއްގެވެސް ފެށުމަކީ އެ ބުނާ “އުކުޅަހު ބަޣާވާތުން” ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ހަވާލުކުރި އެމްޑީޕީގެ ރިޔާސީ ޓިކެޓެވެ. އަދި އެއަށްފަހު ވެރިކަން ކާމިޔާބުކުރި ހިސާބަކީ ޕާޓީގައި ރައީސް ނަޝީދުގެ މައްޗަށް ލީޑަރެއް އައި ހިސާބެވެ. ހަމައެކަނި ކެނެރީގޭ ތެރެއިން ކަންކަން ނިންމުމުގައި ހުރަސްތަކާއި ކުރިމަތިވެ، އަމިއްލައަށް ބޭނުންފުޅުވެލައްވާހާ ގޮތަކަށް ޕާޓީ ހިންގުން ހުއްޓުމަކަށް އައި ހިސާބެވެ. އެއާއިއެކު ދެން ފެނުނީ އަރާރުންވެ ކޯޅެން ފެށި މަންޒަރެވެ. ތިމާގެ ވިސްނުމާއި ދެކޮޅަށް ބަހެއް ބުނެފިނަމަ “އަރައި ކައިގަންނަން” ފެށި މަންޒަރެވެ.

ގައުމުގެ ވަލީއުލްއަމްރުކަމުގައި ހުންނެވި ބޭފުޅާއަށްވުރެ އިތުރު އެހެން މީހެއްގެ ބާރު ވެރިކަމުގެ ކޮއެލު ތެރޭގައި ގަދަ ނުވާނޭކަން ދަންނަ ޕާޓީގެ މެންބަރުން އަމިއްލަ މަންފާތަކަށް އުއްމީދުކޮށް ރައީސް ނަޝީދާއި ދެކޮޅުވާން ފެށިއެވެ. އަދި ފާޅުކަން ބޮޑު ގޮތެއްގައި އެމަނިކުފާނަށް ފާޑު ވިދާޅުވެ، ބަހުގެ ހަމަލާތައް އަމާޒުކުރިއެވެ. ރައީސް ނަޝީދާއި މެދު އިދިކޮޅުގެ ލީޑަރަށް ކަން ނުކުރާނެ އުސޫލުން އެމްޑީޕީގެ މެންބަރުން ރައީސް ނަޝީދާއިމެދު އަމަލުތައް ބެހެއްޓެވިއެވެ. ޕާޓީގެ މެޖޯރިޓީ ރައްޔިތުން ތިބީ މި ވިސްނުމުގައި ރައީސްގެ ފަހަތްޕުޅުގައޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.

އަބަދުވެސް ޑިމޮކްރަސީއަށް ވަކާލާތުކުރާ ކަމަށް ބުނާ ރައީސް ނަޝީދަށް ދެން ޖެހިވަޑައިގަތީ މެޖޯރިޓީގެ ހައްގުތަކަށް ބެއްލެވުމެއްނެތި ޕާޓީގެ ތެރޭގައި އުފެދިފައި އޮތް މައިނޯރިޓީގައި ތިބި މަދު މެންބަރުންކޮޅާއިއެކު، މެޖޯރިޓީއަށް ތަބާވުމަކީ ޑިމޮކްރަސީގެ ރިވެތި އަސާސެއްކަމަށް ގަބޫލުކުރާ އެމްޑީޕީގެ މެންބަރުންނާއި ދެކޮޅުވެ ހަނގުރާމަކުރާށެވެ.

ރައީސް ނަޝީދު ގަބޫލުކުރައްވާ ގޮތުގައި ރައީސް ސާލިހާއި އެމަނިކުފާނާއި ދެމެދު ހިލާފު އުފެދެނު ނުވަތަ އެކުގައި ކުރި މަސައްކަތްތަކާއި މަޝްވަރާތައް ހުއްޓުމަކަށް އައިސް ބާރުތައް މުށުތެރެއަށް ޖަމާކުރުމަށް ރައީސް ސާލިހު މަސައްކަތް ފެއްޓެވި ހިސާބަކީ 2019 ވަނަ އަހަރަށް ފަހެވެ. ރައީސް ސާލިހު އެމަނިކުފާނު އެއް ފަރާތްކޮށްލެއްވީ “ވިދާ ވިދުން” ކުޑަވެދާނެތީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއީ ބައެއް ބޭފުޅުންގެ ލަފާގެ މަތިން ރައީސް އަމަލުފުޅު ކުރެއްވި ގޮތްކަމަށް ފާހަގަކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ ރައީސް އަށް ލަފާ ދިން ގޮތުގައި ރައީސްގެ ވިދާ ވިދުން ގަދަކުރެވޭނީ އެމަނިކުފާނާއި ވާހަކަދެއްކުން ނިމުމަކަށް ގެނެސްގެންނެވެ. އެމަނިކުފާނު ދެއްވާ ހިޔާލަކީ ކިތައްމެ ބުއްދި ހަމަޖެހޭކަމެއްކަމުގައިވީ ނަމަވެސް އެކަމަކާއި ދެކޮޅު ހެއްދެވުމަށް ރައީސަށް ބަޔަކު ނަސޭހަތްލައިދިންކަމަށް ރައީސް ނަޝީދު ގަބޫލުކުރައްވައެވެ.

ބޮޑު ވަޒީރަކަށްވުމަށް އެމަނިކުފާނު ކުރައްވާ އުއްމީދުގެ ހުޅުކޮޅު ނިވާލަނީ ރައީސް ސާލިހުކަމަށްވާތީ، ރައީސް ނަޝީދު ހުންނެވީ ދެން ރައީސް ސާލިހާއިއެކުގައި ސިޔާސީ މަސައްކަތެއް ނުކުރެއްވުމަށްވެސް ނިންމަވައިގެންނެވެ. ޕާޓީގެ ރައީސް އަމިއްލަފުޅު ނިންމުންތައް ތަންފިޒްކުރެވުމަށްޓަކައި އިދިކޮޅުގެ ލީޑަރުގެ ދަރަޖައަށް ކަންތައްތައް ގެންދަވަން ނިންމެވި ހިސާބަަކީ ޕާޓީގެ މެޖޯރިޓީ ރައީސް ނަޝީދަށް ގެއްލުން ހިސާބެވެ. އެމަނިކުފާނަށް ދެން އޮތީ އެކުގައި ތިބި އާއިލީ މެންބަރުންނާއިއެކު ބޮޑު ބާރު ހޯއްދެވުމަށް މަސައްކަތްކުރެއްވުން އެކަންޏެވެ.

ދަންނަވަންތޯއެވެ. އަދި އެހެން ހަގީގަތެއް ވެސް އެބައޮތެވެ. ރައީސް ނަޝީދަށް އޮތް ކުރި އޮތް ތާއިފދު މިހާރު ނެތްކަން ބުނެދޭ އެއްހަގީގަތަކީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. ރައީސް ނަޝީދާ ވާދަ ކުރެއްވީ އެމަނިކުފާނާ އަޅާބަލާއިރު ޕޮޕިއުލާ ބައެއް ނޫނެވެ. 3000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުކުމުގެ ހައްގު ލިބިގެންވާ މަންޗަންގޯޅި މެދު ދާއިރާއިން ރައީސް ނަޝީދަށް 1000 ވޯޓު ވެސް ނުލިބުނެވެ. އިންތިހާބުވީ ހަމަ ކިރިޔާއެވެ. މާލެއަށް ގަދަ ކަމަށް ބުނާ ރައީސް ނަޝީދުގެ އެ ގަދަ ކަމެއް ނުފެނުނެވެ.

މިއަދުގެ ހަގީގަތަކީ މަލެ މިލާ މޯޅިވެދާ ފަދައިން ރައީސް ނަޝީދުގެ ތާއިދަސް ކުރި އޮތް ތާއިދު ގެއްލިޖެ ކަމެވެ. މިއީ އެކުގައި އުޅޭ ކުދިންކޮޅަށް ގަބޫލު ނުކުރެވުނަސް ހަމަ ހަގީގަތެވެ. ހުރަސް އަޅަނީއެއް ނޫނެވެ. ހަމަ ތާއިދު ނެތީއެވެ.

ވަރަށް ގަދަ
63%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 3%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: