ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރިއްކޮޅުގެ މައްސަލަ ހުޅުވާލައިގެން ކުރިޔަށް ގެންދަން ރަސްމީކޮށް މަހާޒް އެދިވަޑައިގެންފައެއް ނުވޭ: ޖޭއެސްސީ

ޤަޟާއީ އަހަރު 2022 އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގަ ފަނޑިޔާރު މަހާޒް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުން ބެލި މައްސަލައެއްގައި ނެރުނު ހުކުމަކާއި ގުޅިގެން، މައްސަލައިގެ ހަސްމަކާއި ގުޅުން ހުރި މީހަކު ދިން ކެއުމަކާއި ހަވާލުވިކަމަށް ބުނެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއާއި ގުޅޭގޮތުން ތަހުގީގު ކުރަމުން ދާ މައްސަލަ ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށް ރަސްމީކޮށް މަހާޒް އެދިވަޑައިގެންފައި ނުވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

“ސަންގު” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވީ ފަނޑިޔާރު މަހާޒާއި ގުޅޭ ގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުން ގެންދާ މައްސަލަ ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށް ރަސްމީކޮށް މަހާޒްގެ ފަރާތުން އެދިވަޑައިގެންފައިނުވާ ކަމަށެވެ. އަދި އެފަދަ ސިޓީއެއް ވެސް މިހާތަނަށް މަހާޒްގެ ފަރާތްޕުޅުން ލިބިފައި ނުވާކަމަށް އިޒްމީރާ ވިދާޅުވިއެވެ.

އިޒްމީރާ ވިދާޅުވީ ޖޭއެސްސީން ކުރަމުންދާ ތަހުގީގެއް ހުޅުވާލައިގެން ކުރިޔަށް ގެންދަން އެ މައްސަލައެއް ރައްދުވާ ފަނޑިޔާރަކު އެދިވަޑައިގެންފިނަމަ އެ މައްސަލައެއް ކުރިޔަށް ގެންދާނީ ހުޅުވާލައިގެން ކަމަށެވެ. އަދި އެއީ މިހާތަނަށް ޖޭއެސްސީން އަމަލު ކުރަމުން އައި ގޮތް ކަމަށާއި އެހެން ކަމުން މައްސަލަ ހުޅުވާލައިގެން ކުރިޔަށް ގެންދަން ރަސްމީކޮށް މަހާޒްގެ ފަރާތުން އެދިވަޑައިގެންފިނަމަ މައްސަލަ ކުރިޔަށް ގެންދާނީ ހުޅުވާލައިގެން ކަމަށް އިޒްމީރާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދަށު ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްދޭން އެދި އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވި ދުވަހު ކެއުމެއް ގެނައި މައްސަލައިގައި މަހާޒްގެ ސުލޫކީ މައްސަލައެއް ބަލަމުންދާކަން ކޮމިޝަނުން ހާމަކުރުމުން އޭނާ ވަނީ މައްސަލަ މީޑިއާތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދަން ހުށަހަޅުއްވާފަ އެވެ. ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހު، އެ މައްސަލަ ކޯޓުގައި ބެއްލެވުމުގައި ހިމެނޭ ފަނޑިޔާރުންގެ ބެންޗަށް ކެއުމެއް ގެނައި މައްސަލަ ޖޭއެސްސީން ބަލަނީ، އެއީ ހަދިޔާއެއް ބަލައިގަތުންކަމަށް ތުހުމަތުކޮށެވެ.

ޖޭއެސްސީން ބުނާ ކެއުމަކީ ޝަރީއަތް ދިގުލައިގެން ދާތީ، ބެންޗުގައި ތިބި ހުރިހާ ފަނޑިޔާރުންނަށް އޯޑަރުކޮށްގެން ގެނައި ޕާރްސަލްތަކެއްކަމަށް މަހާޒް ވިދާޅުވެ އެވެ. އަދި އާއްމުކޮށް ކޯޓުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހޭ ދުވަހެއް ނަމަ އެއް ފަނޑިޔާރަކު ބިލު ދައްކާ ގޮތަށް ބެންޗުގެ އެހެން ބޭފުޅުންނަށް ކެއުން ގެންނަކަން މަހާޒް ފާހަގަކުރެއްވި އެވެ. މިއީ އެއްވެސް ހާލަތެއްގައި ހާއްސަ ކެއުމެއް ނޫންކަމަށާއި، 2021 ނޮވެމްބަރު 30 ގައި ކެއުން އޯޑަރުކޮށް ގެނައީ ކޮން ރެސްޓޯރަންޓަކުންކަން ހުރިހާ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެކަމަށް މަހާޒް ވިދާޅުވި އެވެ.

ޖޭއެސްސީން މައްސަލަ ބަލަމުން ދާތީ، ދިފާއުގައި މަހާޒް ބަޔާނެއް އާއްމުކޮށްފައި ވަނިކޮށް ކޮމިޝަނުން ބުނީ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް އޭނާ މީޑިއާތަކަށް މެދުވެރިކޮށް މައުލޫމާތުތައް ފަތުރަމުންދާކަން ސަމާލުކަމަަށް އައިސްފައިވާކަމަށެވެ. މަހާޒާއި ގުޅޭގޮތުން ކޮމިޝަނަށް ލިބުނު ޝަކުވާއަކީ އޭނާ ބެންޗުގައި ހިމެނޭ ގޮތުން ސުޕްރީމް ކޯޓުން ބެއްލެވި މައްސަލައެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވުމުން އެ ކަމުގެ އުފަލުގައި އެ ޤަޟިއްޔާގައި ހިމެނޭ ޚަސްމެއްގެ ސަޕޯޓަރެއް ފޮނުވި ކެއުމަކާއި ހަވާލުވެ އެ އުފަލުގައި ބައިވެރިވުންކަމަށް ބަޔާނުގައި ވެއެވެ.

އެހެންވެ އެ ޝަކުވާ އާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން ވެސް އެ ދުވަހުގައި ކެއުމެއް އޮތްކަމަށް ވިދާޅުވުން ފިޔަވައި، އެކަމާއި ގުޅޭ މައުލޫމާތު ދިނުމަށް މަހާޒް ތަކުރާރުކޮށް އިއުތިރާޒުކޮށް ދެކޮޅު ހެދިކަމަށް ޖޭއެސްސީން ބުންޏެވެ. އަދި ކެއުން އިންތިޒާމުވި ގޮތާއި އެކަމަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި އިޖާބަ ދެއްވާފައި ނުވާކަން ވެސް ކޮމިޝަނުން ފާހަގަކުރި އެވެ. ކޮމިޝަނުން ބުނީ އެ މައުލޫމާތު ފަނޑިޔާރު މަހާޒް ހާމަނުކުރެއްވީ އެވަގުތު އެ މައުލޫމާތާއި ލިޔެކިޔުން ފަނޑިޔާރު އަތުގައި އޮވެމެކަން ނުވަތަ ނޫންކަން އިތުރަށް ސާފު ވާނީ ތަހުގީގަށް ފަހު ކަމަށެވެ.

ޖޭއެސްސީގެ ބަޔާނުން އެނގޭ ގޮތުގައި، މައްސަލައިގެ މައުލޫމާތު ހޯދައި ތަހުގީގަށް ކޮމިޝަނުން މަހާޒް މަސައްކަތް ކުރައްވާ ސެކްޝަނުގެ މުވައްޒަފުން ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އަދި އެ މައުލޫމާތުތަކުން އެ ފަރީއްކޮޅާއި މެދު ނުވަތަ ކެއުމާއި މެދު އުފެދޭ ސުވާލުތަކަށް ބާރުދޭ ބައެއް ކަންކަން ހާމަވާކަމަށް ވެއެވެ. އެހެންވެ މި ފަދަ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަކީ ހުރިހާ ގޮތަކުން ވެސް ބޭނުންތެރި ކަމެއްކަމަށް ފެންނާތީ މައްސަލަ ތަހުގީގުކުރަން ކޮމިޝަނުން ނިންމީކަމަށް ބަޔާނުގައި ވެއެވެ.

މައުލޫމާތު ސާފު ކުރުމުގެ މަރުހަލާގައި، މަހާޒަށް އެއްބާރުލުން ދީ ޖަވާބުދޭން ވަގުތު ލިބުނު ނަމަވެސް ކޮމިޝަނަށް އެއްވެސް މިންވަރަކަށް ހާމަނުކުރާކަން ފާހަގަކޮށް ބަޔާނުގައި ޖޭއެސްސީން ބުނީ އެ ޝަކުވާއާއި ގުޅިގެން ބަސް އިއްވަވައި ބަޔާން އިއްވީ މީޑިއާތަކަށް ފެންނާނެހެން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މުޅި ޖުޑިޝަރީ ނަމޫނާއަކަށް ބަލާ ބޭފުޅުންނަށްވާއިރު، ކޯޓުގެ ފަނޑިޔާރުންނަކީ އެންމެ މަތީ ދަރަޖައިގެ އަހުލާގީ މިންގަނޑު ނަގަހައްޓައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ދަމަހައްޓަން ވާނެ ބައެއްކަމަށް ޖޭއެސްސީން ބުންޏެވެ.

ބަޔާން ނިންމާލަން ޖޭއެސްސީން ބުނީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ގޮތް ނިންމަމުން ދަނީ ކޮންމެ ދަރަޖައެއް އަދި ގިންތިއެއްގެ ފަނޑިޔާރެއްކަމުގައި ވިޔަސް އެއް ހަމަ އުސޫލަކުން ތަފާތު ކުރުމެއްނެތި ކަަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: