ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ މައްސަލަ: މިހާރު ކުރިއަށް ދަނީ ގާނޫނީ ވަކީލުން ހޯދުމުގެ މަސައްކަތް، ސަރުކާރު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި މިވަގުތު ކުރިއަށްދަނީ ގާނޫނީ ވަކީލުން ހޯދުމުގެ މަސައްކަތް ކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ސަންގުން” ކުރި ސުވާލަކަށް ޖަވާބުދެމުން ރައީސްގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި އާބިޓްރޭޝަން އަށް މައްސަލަ ހުށައެޅުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

2020 ވަނަ އަހަރު ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދުވަސްވަރު، ބަލީގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ގެންނަން އުޅުނު ވެންޓިލޭޓަރުތައް އެއްބަސްވުމާއި އެއްގޮތަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ރާއްޖެއަށް ފޮނުވާފައި ނުވާތީ އެ ފައިސާ އަނބުރާ ހޯދުމަށް މައްސަލަ ބައިނަލްއަގުވާމީ އާބިޓްރޭޝަނަށް ދާން ހެލްތު މިނިސްޓްރީން އަދި ހުށަހަޅާފައި ނުވާ ކަމަށް އެޓާނީ ޖެނެރަލް އޮފީސުން މީގެ ކުރިން ވަނީ ބުނެފައެވެ.

ކޮވިޑުގެ ބަލިމަޑުކަމުގައި ދިމާވެދާނެ އެންމެ ގޯސް ހާލަތަށް ބެލުމަށް ފަހު ރާއްޖެއަށް ގެނައުމަށް ފައިސާ ދެއްކި ވެންޓިލޭޓަރުތައް އޭގެ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީ ފަހުން ވެސް ނުލިބިވާ މައްސަލަ އަކީ މިހާތަނަށް ހައްލު ނުވެފައި އޮތް ކޮރަޕްޝަންގެ ބޮޑު މައްސަލައެކެވެ.  ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށް، ކޮރަޕްޝަނުގެ ގިނަ އަމަލުތަކެއް ހިންގާފައިވާ މި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކި ކުރުން ފިޔަވައި އަދި މިހާތަނަށް އިތުރު އެއްވެސް ފިޔަވަޅެއް އެޅިފައި ނެތެވެ. ދައުލަތަށް ގެއްލުންވާ ގޮތަށް، އެއްބަސްވުން އެކުލަވާލައި ވެންޓިލޭޓަރުގެ ފައިސާއަށް ހިޔާނާތްވިކަމަށް އަމީން ހިމެނޭހެން މިނިސްޓްރީގެ އެހެން އިސް މީހުންގެ މައްޗަށް ތުހުމަތު ކުރި ނަމަވެސް އޭސީސީން ތަހުގީގު ނިންމައި އެކި ފަހަރު މަތީން ދައުވާކޮށްދޭން އެދި ފޮނުވި މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާލާފައި ވަނީ ދައުވާ ކުރުމަށް ހުށަހެޅޭނެ އެކަށީގެންވާ ހެއްކެއް ނެތްކަމަށް ބުނެ އެވެ.

އެކަމަކު ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ކުރެވޭނެ މިންވަރަށް އެއްވެސް ހެއްކެއް ނެތީ ތޯ މެމްބަރުން ސުވާލު ކުރުމުން ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެ މައްސަލައިގައި އޭސީސީއާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، ވަރަށް އަވަހަށް “އަލިމަގެއް ފެންނާނެ” ކަމަށެވެ. ޝަމީމް ވިދާޅުވީ އެންމެ ފަހުން ދައުވާ ކުރުމަށް އެދި ފޮނުވި ލިޔުންތަކުގައި ހުރި ކުދިކުދި މައްސަލަތައް ހައްލު ކުރުމަށް ކޮމިޝަނުން ފޮނުވުމުން އެ މަސައްކަތް ކުރިޔަށް ދާކަމުގެ މައުލޫމާތު ދޭ ކަމަށެވެ.

ވެންޓިލޭޓަރު ގަތުމުގައި ހިޔާނާތުގެ އަމަލު ހިންގުމަގައި 11 މީހަކު ޝާމިލްވާ ކަމަށް އޭސީސީން ތުހުމަތުކޮށްފައިވެ އެވެ. އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ކޮމްޕަޔަންސް އޮޑިޓު ރިޕޯޓުގައި އަމީނާއި، މިނިސްޓްރީގެ ބިޑު ކޮމިޓީއިން އަމިއްލަ މަންފާއަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުތަކެއް ކުރެވެއެވެ. މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ތުހުމަތުތައް ކުރީ އަމީންގެ މައްޗަށެވެ. އަދި މައްސަލައިގެ ރިޕޯޓު ނިންމާ ޕްރޮސެކިއުޓާރ ޖެނަރަލްގެ އޮފީހަށް ފޮނުވިއެވެ.

މިވެންޓިލޭޓަރުތަކަކީ 2020 ވަނަ އަހަރުގެ މޭއި މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމަށް ބުނި ވެންޓިލޭޓަރުތަކެވެ. އެއްބަސްވުމާއި އެއްގޮތަށް އެގްޒެކިއުޓާސް އިން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަންޖެހޭއިރު އެވެންޓިލޭޓަރުތައް މިހާތަނަށްއައިއިރު ރާއްޖެ ގެނެވިފައި ނުވެއެވެ. ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއި ހަވާލުކޮށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުވަތަ ދިވެހި ފައިސާއިން 34 މިލިއަން ރުފިޔާ ދައްކާފައެވެ. އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ޓްރައިބިއުނަލަށް ދާން ނިންމި އަދިވެސް މަސައްކަތްތައް ދަނީ ކުރިޔަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: