މި ސަރުކާރުގެ އަމިއްލަ މަސައްކަތަކުން ބޯހިޔާވަހިކަން ހޯދައިދިން އެއްވެސް ދިވެހި ރައްޔިތަކު އަދި މިހާތަނަށް ނެތްކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ހަތް އަހަރު ރާއްޖޭގެ ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވަނީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިގްތިސާދަށް އެންމެ ބޮޑު ފައިދާއެއް ކުރާނެކަމަށް ބުނެ އަޅާ ”ތިލަމާލެ“ ބްރިޖަށް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރި މަސައްކަތަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތްކަން ވެސް މުއިއްޒު ފާހަގަކުރި އެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ފައިދާ ހުރި، ނުވަތަ އިގްތިސާދީ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް އެމްޑީޕީގެ އެ ގާބިލުކަން އެބަހުރިތޯ ސުވާލު އުފެދޭކަމަށެވެ.
ތިލަމާލެ ބްރިޖުން 2023 ގެ ޖުލައިން ފެށިގެން ދަތުރު ކުރެވޭނެކަމަށާއި، އޭގެ ކުރިން ބްރިޖު ފޭސްތަކަށް ބަހާލައިގެން ހުޅުވަމުން ދާނެކަމަށް ބުނުމަށް ފަހު މިއަދާއި ހަމައަށް އައިއިރު ފެނުން މައްޗަށް އެރި ތަނބެއް ނެތްކަމަށް މުއިއްޒު ވިދާޅުވި އެވެ. މި މަޝްރޫއަކީ އެމްޑީޕީގެ މޮޅު ވިސްނުމެއްގެ ގޮތުގައި ދައްކަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ކަމެއް ކުރަން ނޭނގޭ ބަޔަކަށް ކުރެވޭނެ ކަމެއް ނޯންނާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ބްރިޖު އެޅުމަށް އިއުލާނު ކޮށް އަދި ވަކި ތާރީހެއްގެރ ތެރޭގައި ހުޅުވާނެކަމަށް ބުނި ނަމަވެސް އެ މަސައްކަތް ކުރާނެ ގޮތެއް ސަރުކާރަށް ނޭނގޭ ކަމަށެވެ. ރަނގަޅު ލީޑާޝިޕެއް ބޭނުންވާ ސަބަބަކީ މިއީކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ގައުމުގެ އިގްތިސާދާއި ތަރައްގީ އޮތީ ކަންބޮޑުވާ ފައްތަރެއްގައި ކަމަށެވެ.
ވަރަށް ކަންބޮޑުވާ ހިސާބެއްގަ ގައުމުގެ ތަރައްގީގެ ކަންކަން މިއޮތީ، މިއީ ލީޑަރޝިޕެއް މި ގައުމަށް މުހިންމުވާ ސަބަބު
2013 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ޔާމީން މާލެއާއި ހުޅުމާލެ، އަދި ހުޅުލެ ގުޅާލައި ބްރިޖެއް އަޅާނެކަން އިއުލާނު ކުރުމުން އެމްޑީޕީން ނެގީ އެކަން ޖޯކެއް ގޮތަށްކަން މުއިއްޒު ފާހަގަ ކުރި އެެވެ. އަދި ވެރިކަމުގެ ފަސް އަހަރު ފުރިހަމަ ވުމުގެ ކުރިން ބްރިޖު ހުޅުވާނެކަން އެމަނިކުފާނު އިއުލާނު ކުރެއްވީ އެ ވިސްނުމާއި ގާބިލު ކުރަން ހުރުމުންކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މުއިއްޒު ވިދާޅުވީ ދައުރުގެ ތެރޭގައި ނިންމަވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެއްވެސް މަޝްރޫއެއް ނުނިމި ނެތް ކަމަށެވެ. އަދި ވިދާޅުވީ އިއުލާނު ކުރި ހުރިހާ މަޝްރޫއެއް ފުރިހަމަ ކުރެއްވިކަމަށެވެ.
މި ސަރުކާރަށް އެއާއި ހިލާފަށް ބުރިޖުގެ މަޝްރޫއުއާއި އިތުރު މަޝްރޫއުތައް ވެސް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވިފައިނުވާކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ އޭގެއިން ވެސް ބުނެދެނީ ގައުމަށް ބޭނުން ވަނީ ރައީސް ޔާމީންގެ ވިސްނުން ކަމެވެ. އޭނާ ވިދާޅުވީ މިއީ ވަކި ޕާޓީއަކަށް ނިސްބަތް ނުވީ ނަމަވެސް ދިވެހި ރައްޔިތަކަށްވީތީ ވިސްނަންޖެހޭ ކަންކަންކަމަށެވެ.
ފާޅުގައި ފެންނަ ހުރި ކަންކަންވެސް ރައްޔިތުންނަށް އޮޅުވާލަން ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށާއި، އަދި ކަންކަމުގެ ކްރެޑިޓް ނެގުމަށް މަސައްކަތް ކުރަމުން އަންކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ތިލަމާލެ ބުރިޖު އެޅުމަށްޓަކައި އެތައް ފައިސާއެއް ހަރަދުކޮށްގެން ސާވޭއެއް ހެއްދެވިކަމަށް ފާހަގަކުރައްވާ، މުއިއްޒު ވިދާޅުވީ މިއީ ރައީސް ޔާމީންގެ ދައުރުގައި ނިންމާފައި އޮތް ސާވޭއެއްކަމަށެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި މަޝްރޫއުތައް ކުރިއަށް ގެންދެވީ ހަމައެކަނި މާލެ ތަރައްގީކުރުމަށްޓަކައި ނޫންކަމަށާއި، އަތޮޅު ތެރެއަށްވެސް އިސްކަންދެއްވިކަމަށެވެ. އެގޮތުން އުތުރާއި ދެކުނުގައި މަޝްރޫއުތަކެއް ހިންގެވުމަށް ރޭވިކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއް މަޝްރޫއުތައް އެމްޑީޕީގެ ސަބަބުން ކުރިއަށް ނުގެންދެވުންކަމަށެވެ.
އުތުރުގަ އައިހެވަން މަޝްރޫއު، މެދު ރާއްޖެތެރޭގައިވެސް ހަމަ މަސައްކަތްކުރެއްވި ހަމަ އެމްޑީޕީއާއިހެދި ފާފުގެ މަޝްރޫއު ކުރިއަށް ނުދިޔައީ
މުއިއްޒު ވިދާޅުވީ ދެވަނަ ދައުރެއް ލިބިވަޑައިގެންނެވިނަމަ އަތޮޅުތެރެއަށްވެސް ރައީސް ޔާމީން ފާހަގަކޮށްލެވޭފަދަ ތަރައްގީ ގެންނަވާނެކަމަށެވެ. ”ތިލަމާލެ“ ބުރިޖުގެ މަޝްރުއުއަކީވެސް ދެވަނަ ދައުރުގެ ތެރޭގައި ކުރެއްވުމަށް ހަމަޖެހިފައިވާ މަސައްކަތެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ އޭނާގެ ވާހަކައިގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށްވެސް ފާޑު ވިދާޅުވެފައެވެ. ގުޅީފަޅުން ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަޝްރޫއު ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ދައުރު ނިމެން ގާތްވީއިރުވެސް މި މަޝްރޫއުވެސް ކުރިއަށް ގެންދެވިފައިނުވާކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އިނީޝީއޭޓުވެ ފެއްޓިފައި ނެތް މަޝްރޫއުއެއް ނޫން އިތުރު މަޝްރޫއެއް ނިމިގެން ބޯހިޔާވަހިކަން ލިބުނު އެއްވެސް ދިވެހި ރައްޔިތެއް ނުހުންނާނެކަމަށެވެ.
ބައެއް މަޝްރޫއުތައް ކޮންޓްރެކްޓްކޮށް ކުރިއަށް ގެންވި ނަމަވެސް އެއީ ރައީސް ޔާމީންގެ ދައުރުގައި ބަޖެޓުކޮށްފައިހުރި ކަންކަންކަމަށް މުއިއްޒު ވިދާޅުވިއެވެ.

