ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށްވުރެ ބޮޑަށް، ގުޅިގެން ރާވައިގެން ވަކި އިންތިޒާމެއްގެ ދަށުން ”ވައްކަން ކުރި“ ސަރުކާރެއް ދިވެހިރާއްޖޭގެ ތާރިހުގައި ފެނިފައިނުވާކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުލްރަހީމްވަނީ ރައީސް ސާލިހުގެ ސަރުކާރުގެ އިސް ވެރިންނަކީ ”ވަގުން“ ގޮތުގައި ސިފަކުރައްވާފައެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ފާޑުކިޔުންތަކެއް އަމާޒު ކުރައްވާ އެމަނިކުފާނަކީވެސް ”ވަގެއް“ ކަމަށް ސިފަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ، މިނިސްޓަރު ޝާހިދުއަކީ ޒަމާނުއްސުރެ ”ވައްކަން“ ކުރަމުން އަންނަ ފަރާތެއްކަމަށެވެ.
އަބްދުލްރަހީމް ވިދާޅުވީ، ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދަށް މިކަންކަން އެނގިވަޑައިގަންނަވާނެކަމަށެވެ. އެނާ ވިދާޅުވީ ޝާހިދުވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުގައި ހުންނަވައިގެން އެފަދަ އަމަލުތަކެއް ހިންގަވާފައިކަމަށެވެ.
އަބްދުލްރަހީމް ވިދާޅުވި ގޮތުގައި ޝާހިދުވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި ރައީސް އޮފީހުގެ މަގާމެއްގައި ހުންނަވައިގެން ރައީސް އޮފީހަށްވުރެ ބާރު ދުވެއްޔެއްގައި އެމަނިކުފާނުގެ ގެ އިމާރާތްކޮއްފައެވެ. އަދި މިފަދަ ވާހަކަތައް ފެންމަތި ކުރުމުން މިނިސްޓަރު ޝާހިދު ނުރުހުންވާކަމަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ ރުޅިއައި ނަމަވެސް މިނިސްޓަރުވަނީ މި ވެރިކަމުގައިވެސް އެފަދަ އަމަލުތަކެއް ހިންގަވާފައިކަމަށެވެ.
އަބްދުލްރަޙިމް ވިދާޅުވީ، ސަރުކާރުގެ އިސްވެރިންނަށް ވައްކަމުގެ ތުހުމަތުތައް އަމާޒުކުރަައްވަނީ އެ ތުހުމަތުތައް އަމާޒު ކުރުމަށް ޖާގަ ދެމުން ދިއުމުގެ ސަބަބުންކަމަށެވެ. އަދި މި ސަރުކާރަށްވުރެ ބޮޑަށް ގުޅިގެން، ރާވައިގެން ވަކި އިންތިޒާމެއްގެ ދަށުން ”ވައްކަން ކުރި“ ސަރުކާރެއް ދިވެހިރާއްޖޭގެ ތާރީހުގައިވެސް ފެނިފައިނުވާނެކަމަށް އެނާ ވިދާޅުވިއެވެ.
އަބްދުލްރަހީމްވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށްވެސް ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.
މިނިސްޓަރު އަމީރުވެސް ހުންނެވީ ”ވައްކަން“ ތަކެއް ކުރައްވާފައިކަމަށް ތުހުމަތު ކުރައްވައި އެނާ ވިދާޅުވީ، ދުނިޔޭގެ އިގްތިސާދު ހީނަރުވެގެން ދިޔަ ނަމަވެސް ދިވެހި އިގްތިސާދު ހަމައަކަށް އަޅުވާލެވޭނެކަމަށް މިނިސްޓަރު އަމީރު ފާހަގަކުރައްވާކަމަށެވެ.
މިނިސްޓަރު އަމީރު ދައްކަވަމުންދަނީ ހަމަނުޖެހޭ ވާހަކަތަކެއް ކަމަށް ފާހަގަކުރައްވާ އަބްދުލްރަހީމްވަނީ ދިވެހިރާއްޖެ އޮތީ ދުނިޔެއާއި ވަކިންތޯ ސުވާލު ކުރައްވާފައެވެ. އަދި ދުނިޔޭގެ އިގްތިސާދާއި އެކު ދިވެހިރާއްޖޭގެ އިގްތިސާދަށްވެސް ގެއްލުންތަކެއް ލިބިގެންދާނެކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ޑޮލަރު ނުލިބިއްޖެ ހާލަތެއްގައި ފައިސާ ޗާޕުކޮއްގެން އިގްތިސާދު ހަމަޖެއްސުމުގެ ވާހަކަތައް މިނިސްޓަރު ދައްކަވަމުންދާކަމަށެވެ.
މީގެ އިތުރުން އަބްދުލްރަހީމް ވަނީ ”އިންޑީއާ އައުޓް“ ހަރަކާތައްވެސް އަލިއަޅުއްވާފައެވެ.
އެނާ ވިދާޅުވީ، އިންޑިއާ އަސްކަރިއްޔާ އިން ދިވެހިރާއްޖޭގައި ތަމްރީނުތައް ހެދުމުގައި މައްސަލައެއް ނެތްކަމަށެވެ. އަދި އެއްގައުމު އަނެއް ގައުމާއި ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ހިންގުމަކީ ދުނިޔޭގައި އާންމުކޮށް ކުރާ ކަމެއް ކަމަށްވެސް އަބްދުލްރަހީމް ވިދާލުވިއެވެ.
އަބްދުލްރަޙީމް ވިދާޅުވީ މައްސަލައަކަށްވަނީ ”ނިދާ ކޮޓަރީގައި އަނބިމީހާގެ ބިއްދޮށުގައި އިންޑިއާ ސިފައިން އޮށޯންނާތީ“ ކަމަށެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުންވަނީ އެ ޖާގަ ފަހިކޮއްދީފައިކަމަށާއި ދިވެހިން ބަދިގެއަށް ވަދެ ކެއްކުމުން އެންމެ ފުރަތަމަ ކާބައެއްގެ ޖާގަވެސް ރައީސް ސާލިހުގެ ސަރުކާރުންވަނީ އިންޑިއާއަށް ހޯދައިދީފައިކަމަށް އެނާ ވިދާޅުވިއެވެ.

