ދިވެހިރާއްޖޭގައި މި އަހަރު ޤާއިމުކުރަން ފަށާފައިވާ ވައިގެ ސާފު މިންވަރު ބެލުމުގެ ނިޒާމް ނުވަތަ އެއަރ ކޮލިޓީ މޮނިޓަރިންގް ނެޓްވޯކް އިތުރަށް ފުޅާކޮށް، އެއްބާރުލުން ދިނުމުގެ ގޮތުން، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއަށް 2 އެމްބިއަންޓް އެއަރ ކޮލިޓީ މޮނިޓަރިންގް ސްޓޭޝަން ހަދިޔާކޮށްފިއެވެ.
އެ ސްޓޭޝަން މެދުވެރިކޮށް ވައި ތަޣައްޔަރުކުރުވާ ގިނަ މާއްދާތަކެއް ކަމަށްވާ So2, No2, Co2, CO, O3, NH3, H2S، PM1, PM2.5, PM10 މޮނިޓަރކުރެވިގެންދާނެ ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ހަދިޔާކޮށްފައިވާ 2 ސްޓޭޝަންގެ ތެރެއިން އެއް ސްޓޭޝަން ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް ހަވާލުކުރުމުގެ ގޮތުން މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ދެމެދެ ވަނީ ފަހުމުނާމާގައި ސޮއި ކޮށްފައެވެ. މި ސްޓޭޝަން ޤާއިމުކުރުމަށް ނިންމާފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައެވެ. މި ސްޓޭޝަންގެ ޒަރިއްޔާއިން ލިބޭ ޑާޓާ ބޭނުންކޮށްގެން ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ޑާޓާ ޢާންމުންނަށް ފެންނާނެހެން ޝާޢިއުކުރުމުގެ މަސައްކަތް އެޗް.ޑީ.ސީއާއި މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.
މީގެ އިތުރުން، 2 އެއަރ ކޮލިޓީ މޮނިޓަރ ހަވާލުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ވަނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ފަހުމުނާމާގައި ވަނީ ސޮއިކުރެވިފައެވެ. މި މޮނިޓަރތަކުގެ ޒަރިއްޔާއިން ޕަރޓިކިއުލޭޓް މެޓަރ – PM1, PM2.5, PM10 އަދި ކާބަންޑައިއޮކްސައިޑް ގޭސް ވައިގަ ހުރި މިންވަރު މޮނިޓަރކުރެވިގެންދާނެއެވެ. މި މޮނިޓަރތައް ހަރުކުރަން ރާވާފައިވަނީ ހުޅުމާލޭގެ އެއްވަނަ އަދި ދެވަނަ ފިޔަވަހީގައެވެ. ވައި ތަޣައްޔަރު ވެފައިވާ މިންވަރު އަންގައިދޭ މިންގަނޑު ކަމަށްވާ ”އެއަރ ކޮލިޓީ އިންޑެކްސް“ ނުވަތަ އޭ.ކިއު.އައިވެސް މި މޮނިޓަރތަކުގެ ޑާޓާއިން އެނގިގެންދާނެއެވެ.
އެއަރ ކޮލިޓީ އިންޑެކްސް ނުވަތަ އޭ.ކިއު.އައި އަކީ އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ވައިގެ ސާފު މިންވަރު ބެލުމަށް ކަނޑައަޅާފައިވާ މިންގަނޑެކެވެ. މި އިންޑެކްސް ވައިގެ ސާފު މިންވަރު އަންގައިދޭ ކެޓަގަރީތަކަކަށް ބަހާލެވިގެންވެއެވެ.
ޖުމުލަ 6 ކެޓަގަރީއަކަށް ބަހާލެވިފައިވާއިރު ކޮންމެ ކެޓަގަރީއަކަށް ކުލައެއްވަނީ ދެވިފައެވެ.
ސިއްޙތަށް ނޭދެވޭ އަސަރު ކުރުވާ މިންވަރު ފަސޭހަކަމާއެކު ދެނެގަތުމަށް ކޮންމެ ކެޓަގަރީއަކަށްވެސް ވަނީ ތަފާތު ކުލައެއް ދީފައެވެ.
އެއަރ ކޮލިޓީ މޮނިޓަރިންގް ނެޓްވޯކެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި މިހާތަނަށް މި މޮނިޓަރ ހަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހިތަދޫގައެވެ.
މާލޭގައި މި މޮނިޓަރ ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ވިލިމާލޭގައިވެސް އަވަސް މުސްތަޤުބަލެއްގައި މި މޮނިޓަރ ހަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

