100 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް ވިއްކާފައިވާ ޓީބިލުގެ މައުލޫމާތުތައް އެނގިވަޑައިނުގަންވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރު އަލީ ހާޝިމް ވިދާޅުވިކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މާލީ ހާލަތާއިމެދު މައުލޫމާތު ސާފުކުރެއްވުމައްޓަކައި އެމްއްމޭގެ ގަވަނަރާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސައީދުވަނީ ދިވެހި މާލި ނިޒާމުގެ ތެރެއިން ނޭދެވޭ އެތައް ކަމެއް ފެނިގެންދާކަމަށް ސިފަކުރައްވާފައެވެ.
އެނާ ވިދާޅުވީ، މި ސަރުކާރުންވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ގާއިމުކުރައްވާފައިވާ ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރި ފައިސާތައް ބޭނުންކޮއް ހުސްކޮއްފައިކަމަށެވެ. އަދި އެ ފަންޑު އުފެއްދެވީ ރާއްޖޭގެ އުމްރާނީ ތަރައްގީއައްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމައްޓަކައިކަމަށް އެނާ ވިދާޅުވިއެވެ.
ސަރުކާރުން ހިންގަމުންދާ މާލީ މުއާމަލާތަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ބޭނުންކުރެވޭ ރިޒާވްގައި ހުރި ފައިސާގެ މިންވަރުތައް 90 މިލިއަނާއި ގާތަށް ތިރިވެގެންދިއުމުން އެންމެ ބޮޑު އެއް ސިޔާސީ ޕާޓީގެ ހައިސިއްޔަތުން ކަންބޮޑުވުންތައް ހުންނާނެކަމަށެވެ. ސައީދު ވިދާޅުވީ، މިހާރު ސަރުކާރުން އުޅެނީ އެއް މަސްދުވަަހަށް ކާޑު ގަތުމަށް ބޭނުންވާ ފައިސާ ނެތިގެންކަމަށެވެ.
އިންޑިއާ އިން ނަގަމުންދާ ލޯނުތަކަށް އަލިއަޅުއްވައި ސައީދު ވިދާޅުވީ، އެންމެ ފަހުން 100 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް އެ ގައުމަށް ވިއްކާފައިވާ ޓީބިލުގެ އިންޓްރެސްޓު ރޭޓުވެސް އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމްއަށް އެނގިނުލައްވާކަމަށެވެ. އަދި ސަރުކާރުން އެ މައުލޫމާތުތައް ނުދެއްކިކަމަށް ގަވަނަރު ވިދާޅުވިކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ސަރުކާރުން ހިންގަމުންދާ މާލީ މުއާމަލާތްތަކާއި ގުޅޭ މައުލޫމާތުތައް ހޯދުމުގެ ބާރެއް ނެތް މަރުކަޒީ ބެންކެއްގެ ބޭނުމެއް އޮތް ތޯ ސުވާލުކުރައްވާ ސައީދު ވިދާޅުވީ ސެންޓްރަލް ބޭންކުގެ ގަވަނަރެއް ބަހައްޓާފައި ހުރިނަމަވެސް ގައުމު ހިންގަމުންދަނީ އެހެން ފަރާތްތަކަކުންކަމަށެވެ.
އެނާ ވިދާޅުވީ، މާލީ އަދި އިގްތިސާދީ ކަންކަމާއި ހަވާލުވެގެން ތިއްބެވީ އިންޑިއާގެ ސަފީރު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުކަމަށެވެ. އަދި އިގްތިސާދާއި، ސެންޓްރަލް ބެންކު އަދި މާލީ ނިޒާމުގެ ބާރުވެސް އޮތީ އެ ބޭފުޅުންގެ އަތް މަތީގައިކަމަށް އެނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުންވަނީ ދިވެހި ދައުލަތުގެ ސިފަ ގެއްލުވާލާފައިކަމަށެވެ. އަދި ސަރުކާރުންވަނީ އެމްއެމްއޭއަށްވެސް ލޯނުގެ މައުލޫމާތުތައް ސިއްރުކޮއްފައިކަމަށް އެނާ ވިދާޅުވިއެވެ.
ދިވެހިރާއްޖެ ޑެޓް ޑީފޯލްޓު ނުވަތަ ނުވަތަ ބަނގުރޫޓުވެދާނެތޯ ”ސަންގު“ އިން ސުވާލު ކުރުމުން ސައީދު ވިދާޅުވީ، ދިވެހިރާއްޖޭ މިހާރުވެސް އޮތީ އެ ހާލަތުގައިކަމަށެވެ. އަދި މިހާރު ސުވާލު އުފެފައިވާ 100 މިލިއަން ޑޮލަރަކީ އެ ވަގުތުގައި އިންޑިއާއިން ދީފައިވާ ލޯނެއް ކަމަށާއި އެ ފައިސާ ދީފައިވަނީ ރިޒާވްގައި ހުރި ބޭނުންކުރެވޭ ފައިސާގެ މިންވަރު ނުރައްކާތެރި މިންވަރަކަށް ދައްވުމުންކަމަށްވުމުންކަމަށް އެނާ ވިދާޅުވިއެވެ.

