ފަސް މިލިއަން ޑޮލަރު އިންވެސްޓުކޮއްގެން ގިރާވަރު ފަޅުގައި ރެޒިޑެންޝަލް ސިޓީއެއް ތަރައްގީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނެރުއްވާފައިވާ ގަރާރެއްގައި ބުނެފައިވާގޮތުން، އެ މަނިކުފާނު މި ފުރުސަތު ހުޅުވާލާފައިވަނީ ދައުލަތުގެ އާންމު މަންފާއައްޓަކައި ބޭނުންވާ އިގްތިސާދީ ސިޔާސަތުތަކެއް ހާސިލު ކުރެއްވުމުގެ މަގުސަދުގައެވެ. އެހެންކަމުން މަޝްރޫޢުތައް ހަވާލު ކުރެވޭ ފަރާތްތަކުން އެންމެ މަދުވެގެން އިންވެސްޓު ކުރަންޖެހޭ އަދަދުތައް ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ނެރުއްވާފައިވާ ގަރާރުގައި ބުނެފައިވާގޮތުން މާލެ އަތޮޅު ގިރާވަރު ފަޅުގައި ތަރައްގީ ކުރުމަށް ބޭނުންވެފައިވާ ރެޒިޑެންޝަލް ސިޓީ އަށް އިންވެސްޓު ކުރުމަށް އެންމެ މަދު އަދަދަކީ 5 މިލިއަން ޑޮލަރެވެ.
އިކޮނޮމިކް މިނިސްޓްރީއިންވެސް ވަނީ މިކަމާއި ގުޅިގެން އިއުލާނެއް ކޮށްފައެވެ. އެގޮތުން ގިރާވަރަށް އިންވެސްޓު ކުރާ ފަރާތްތަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް ނުވަތަ ފަޅެއް ކްރޮސް ސަބްސިޑީ އުސޫލުން ދޭނެކަމަށް ވަނީ ނިންމާފައެވެ. އިއުލާނުގައި ބުނެފައިވާ ގޮތުގައި އެންމެ މަދުވެގެން އިންވެސްޓު ކުރެވޭނީ 5 މިލިއަން ޑޮލަރެވެ. އަދި ހުށައަޅާ އަދަދުން ބިމު ކުލި ކަނޑާނެކަމަށް ބުނެފައިވެއެވެ.
ގިރާވަރު ފަޅުގައި ސިޓީއެއް ތަރައްގީ ކުރުމަށް ހުޅުވާލެވިފައިވާއިރު، އިންވެސްޓުމެންޓު ހުޅުވާލެވިފައިވާނީ ކޮން ދުވަހަކާއި ޖެހެންދެންކަމެއް ބަޔާންކޮއްފައިނުވެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި މާލެ ރައްޔިތުންނަށް ގޯތި ދިމުނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯއްޗާއި ގުޅީފަޅުން މަދުވެގެން 2000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުންވެސް ގޯތި ދިނުމަށް ރައީސް ސާލިޙް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ރިޔާސީ ދައުރު ނިމުމުގެ ކުރިން މާލެ ރައްޔިތުންގެ އެންމެ ޒަރޫރީ ބޭނުމަކަށް ވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން، މާލޭ ރައްޔިތުންނަށް އިން ވަކިކޮށް ގޯތީގެ ފަތް ހަވާލު ކުރެވޭނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

