ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނބުރުވެރިކަން: ތާރީހީ މަސައްކަތްތައް އާލާ ކުރުން މުހިންމު!

ކަނބުރުވެރިކަމުގެ މާހިރެއް އޭނާގެ މަސައްކަތުގައި ބުރަވެ އިންނަވަނިކޮށް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި ޖަޒީރާ ރަށްތަކަކުން އެކުލެވިފައިވާ ދިވެހިރާއްޖޭއަކީ ޒަމާނުއްސުރެ މަސައްކަތްތެރި ބަޔަކު ދިރިއުޅެމުންދާ ގައުމެކެވެ. ދިވެހިންގެ ތެރެއިން ޒަމާނުއްސުރެ އެންމެ ފާހަގަކުރެވޭ އެއް ކަމަކީ އަތް ތެރި ކަމުގެ މަސައްކަތްތަކެވެ.

އެގޮތުން އަތްތެރިކަމުގެ ސަގާފީ އެތައް ޒާތެއްގެ މަސައްކަތްތައްވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނާއި ގުޅިލާމެހިފައެވެ. މަސްވެރިކަމުގެ ކުރުމަށް ބޭނުންކުރި ބުޅި ފަދަ ތަކެތި ފަރުމާ ކުރީވެސް ދިވެހިންގެ އަތުންކަމަށްވާއިރު، ދޯނި ފަދަ ތަކެތި ބަނުމަށް ބޭނުން ކުރި ވަޑާމުގެ ސާމާނުވެސް ފަރުމާ ކުރަމުންދިޔައީ ހަމަ އަތްތެރިކަމުގެ މަސައްކަތްތަކުގެ ތެރެއިންނެވެ. މި މަސައްކަތައް ކިޔަނީ ކަނބުރުވެރިކަމެވެ.

ތާރީހު ދައްކާގޮތުން، މި މަސައްކަތަކީ ދިވެހިރާއްޖޭގެ އިގްތިސާދާއިވެސް އިންތިހާއަށް ގުޅިފައިވާ މަސައްކަތެކެވެ. ދިވެހިރާއްޖޭގެ ދިގު ލާރި ފަދަ މާލީ މުއާމަލާތުގެ ވަސީލަތްތައްވެސް ފަރުމާ ކުރެވިފައިވަނީ ކަނބުރުވެރިކަމުގެ ތެރެއިންނެވެ. އެހެންކަމުން މި ދާއިރާއަކީ ދިވެހި އިގްތިސާދީ ހަަމަޖެހުމައްޓަކައި އާލާކޮއް ކުރިއެރުވުން މުހިންމު ކަމެއް ކަމަށް ބުނެވިދާނެއެވެ.

ޒަމާން ބަދަލުވެ ޓެކްނޮލޮޖީ ތައާރަފްވެގެން އައި އިރު، ދިވެހިރާއްޖޭގެ މިފަދަ ގިނަ ފަންނުތަކެއްވަނީ ގެއްލި ދިއުމުގެ ބިރުވެރިކަމުގެ ތެރޭގައެވެ. ޒަމާނެއް ކުރިން އެންމެ އިއްޒަތްތެރި އަދި މަގުބޫލު ދާއިރާތަކުގެ ގޮތުގައި އޮތުމަށް ފަހު، މި ދާއިރާއަށް އޮންނަ އިހުތިރާމާއި މުޖުތަމައުގައި އޮންނަ ޖާގަ ވަނީ ގެއްލުމާއި ގާތުގައެވެ.

މިއަދު އިހުތިރާމް ލިބިގެންދަނީ، ހުދު ފޮތީ ގަމީހެއްގައި އޭސީ ކޮޓަރިއެއްގައި އިނދެ ކުރާ މަސައްކަތްތަކުންކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެން ނަމަވެސް މިކަމުގެ ސަބަބުން ދިވެހި އުފެއްދުންތަކުގެ އަގު ވެއްޓި، މި ފަދަ ތަކެތި އުފެއްދުން ވަނީ ހުއްޓުމާއި ގާތުގައެވެ. އާހިރުގައި ރާއްޖެ ވެގެންގޮސްފައިވަނީ ކޮންމެ އެއްޗެއްވެސް އިމްޕޯޓު ކުރާ ގައުމަކަށެވެ.

ލޭގެ ގުޅުމެއްވާ މަސްވެރިކަމުގެ ދާއިރާގެ ތެރެއިން އަތުން ފަރުމާކޮއްގެން ބޭނުންކުރަމުންދިޔަ ބުޅި ފަދަ ތަކެއްޗަކީވެސް މިއަދު އިމްޕޯޓުކޮއްގެން ބޭނުން ކުރާ ތަކެތި ކަމަށްވާއިރު، ގައުމުން ބޭރުން ބޯޓު ފަހަރު ބަނދެގެން ގެނައުންވެސް އާންމުވެގޮސްފިއެވެ. ދޯނީގައި އޮންނަ ނަގިލިވެސް ގެންނަނީ އޯޑަރުކޮއްގެންކަމަށް ބުނެވިދާނެއެވެ.

އެހެންނަމަވެސް މި އަގު ހުރި މަސައްކަތްތަކަކީ ދިވެހިންގެ އިގްތިސާދުގެ ހަމަޖެހުން ހިފެހެއްޓުމައްޓަކައި އަށަގަނުގައި އާލާކޮއް ފުޅާ ކުރުން މުހިންމު ދާއިރާތަކެކެވެ. އިގްތިސާދީ ހާލަތު ދައްވެގެންދާ ވާހަކަތައް ދެކެވޭ ކޮންމެ ފަހަރަކުވެސް އިވިގެންދަނީ ދިވެހި އުފެއްދުންތައް މަދު ނުވަ ހުރި ނަމަވެސް އެ ތަކެތި އުފައްދާ މިންވަރު ދައް ވާހަކައެވެ. މިއީ އަޑު އަހަން ހިތް ދަތި ވާހަކަތަކެކެވެ. އަމިއްލަވަންތަ އުފެއްދުންތައް ތިބި އިރު ގައުމައްޓަކައި އިގްތިސާދީ މަންފާއެއް ހާސިލު ނުކުރެވެންވީ ސަބަބެއް ނެތެވެ.

ދިވެހިރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ދިވެހި އަތްތަކުން އުފައްދާފައިވާ ތަކެއްޗަށް ދެމުންދާ ޝައުގުވެރިކަމާއި އިހުތިރާމުން އެ ތަކެތީގެ އަގު ހުރި މިންވަރު ސާފުވެއެވެ. ގައުމަށް ޒިޔާރަތް ކުރާ ގިނަ ފަތުރުވެރިން އެނބުރި ގައުމަށް ދަނީ ހަނދާނެއްގެ ގޮތުގައި ދިވެހި އުފެއްދުމެއް ހިފައިގެންނެވެ. ގަންނަނީވެސް އެކަށީގެންވާ އަގެއްގައެވެ.

ދިވެހިރާއްޖޭގެ ކަނޑު ދަތުރު ފަތުރު ކުރުމުގެ ދާއިރާގެ ތެރެއިންވެސް އަތް ތެރިކަމުގެ ދާއިރާ ނުވަތަ ދިވެހި އުފެއްދުންތަކުގެ އަގު ހުރި މިންވަރު ހާމަވެގެންދެއެވެ. ދިވެހިރާއްޖޭގެ ހިމެނޭނީ ކަނޑު ދަތުރު ފަތުރު ކުރުމުގެ އެންމެ އިސް ސަފުގައިކަމަށްވާއިރު، ދަތުރު ކުރުމަށް ބޭނުންކުރާ އޮޑި ފަހަރުގައި ބޭނުން އޮންނަ ނަގިލި ފަދަ ތަކެއްޗަކީވެސް ދިވެހި އުފެއްދުންތަކެވެ. އެހެންކަމުން އެތަކެއްޗަކީ ފެންވަރު ރަނގަޅު އުފެއްދުންތަކެއް ކަން ކަށަވަރެވެ.

މި އެކަންޏެއް ނޫނެވެ. ޖަޕާނު ފަދަ ގައުމުތަކުގައިވެސް ސަގާފީ ކަންކަމަށް އަދި މަސައްކަތްތަކަށް ދިން އަހައްމިޔަތުގެ މަންފާ މިއަދު އެ ގައުމުތަކަށް ކުރެއެވެ. ދިވެހިން ފަދައިން ޖަޕާނުގައި ކުރާ ކަނބުރުވެރިކަމުގެ ތެރެއިން އުފައްދާ ވަޅި ފަދަ ތަކެއްޗަކީ ބައިނަލްއަގުވާމީ މާކެޓުގައި ބޮޑު އަގުގައި ވިއްކާ ތަކެއްޗެވެ.

ދިވެހިންވެސް މިފަދަ ތަކެތި ފަރުމާ ކުރުމަށް ކުޅަދާނަކަން މަސް މާރުކޭޓުގައި މަސްކަނޑަން ހުންނަ މަސައްކަތްތެރިޔާގެ އަތުގައި އޮންނަ ވަޅީގެ ތޫނުކަމާއި މަސް ކެނޑިގެންދާ ލުއި ފަސޭހަކަމުން ދައްކުވައިދެއެވެ. އެހެންކަމުން މި ދާއިރާތައް ފުޅާކޮއް، ދިވެހިރާއްޖޭގެ އުފެއްދުންތައް ނެތިގެން ނުދާކަން ކަށަވަރު ކުރުމަކީ ޒަރޫރީ ބޭނުމެކެވެ.

ކުރި އަރާފައިވާ މި ޒަމާނުގައި މި ފަދަ ދާއިރާތަކަށް އޮތް އެންމެ ބޮޑު ހުރަސް ނުވަތަ ނުރައްކަލަކީ، އިމްޕޯޓު ކުރެވޭ ތަކެއްޗެވެ. އެގޮތުން ދިވެހި އަތް ތެރިކަމުގެ އުފެއްދުންތަކުގެ ސިފައިގައި ބޭރު ގައުމުތަކުން ތަކެތި ފަރުމާކޮއްގެން ގެނެސް ދިވެހިރާއްޖޭގެ މާކެޓުގައި ވިއްކުމުން މިފަދަ ތަކެއްޗަށް ބޭރު ގައުމުތަކުން ކުރަމުންދާ އިހުތިރާމު ގެއްލި އަގު ވެއްޓިގެންދެއެވެ. މިއީ އިންތިހާއަށް ދެރަ އަދި ހައްލުތަކެއް ހޯދަންޖެހިފައިވާ މައްސަލައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: