ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަފްތަރު މައްސަލައިގައި ޕާޓީގެ ރައީސަށް ރައްދު ދީ އެމްޑީޕީގެ ބަޔާނެއް!

ރައީސް ސޯލިހު، ރައީސްނަޝީދު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި އެކު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބާއި ކުރިމަތިލާން ޖެހެނީ ގަޑުބަޑުވެފައިވާ ދަފްތަރަކާއި އެކީކަމަށާއި މިއީ އިންތިހާބުގެ ނަތީޖާއާއި މެދު ސުވާލު އުފެދޭ ހާލަތެއްކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ޕާޓީން އެމަނިކުފާނަށް ރައްދު ދީ ބަޔާނެއް އާއްމުކޮށްފި އެވެ.

އެމްޑީޕީގެ ޓިކެޓުގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ވޯޓު ލާ ތާރީހެއްގެ ގޮތުގައި ޕާޓީން އިއުލާނުކޮށްފައި ވަނީ ޖެނުއަރީ 28 އެވެ. އަދި އަންނަ ހޮނިހިރު ދުވަހާއި ހަމައަށް ކެނޑިޑެސީ ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނިކޮށް އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރި ރައީސް ނަޝީދު ވަނީ ވޯޓުގެ ސައްހަކަމާއި މެދު ސުވާލު އުފައްދާފަ އެވެ. އެއީ ޕާޓީގެ 40،000 އެއްހާ މެމްބަރުން ދަފްތަރުން އުނިކޮށްފައިވާކަމަށް ވިދާޅުވެ އެވެ. ރައީސް ނަޝީދު ވިދާޅުވީ، ދަފްތަރު ގަޑުބަޑު ކުރުމުގެ ނަތީޖާއެއްގެ ގޮތުން، އޭގެ އަސަރު ކުރާނީ އިންތިހާބަށް ކަމަށެވެ.

ރައީސް ނަޝީދު ދަފްތަރާއި ގުޅޭގޮތުން އެ ފާހަގަކުރެއްވީ، ޕާޓީން ގެންގުޅޭ އަމިއްލަ ދަފްތަރު ދޫކޮށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރާއި އެއްގޮތަށް އިންތިހާބުތަކުގެ ވޯޓުލުންތައް ކުރިޔަށް ގެންދިއުމަށް މި އަހަރުގެ ކުރީކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ނިންމުމަށް އަމާޒުކޮށެވެ. އެމްޑީޕީން ކޮންމެ އިންތިހާބަކާއި ދިމާކޮށް މީގެ ކުރިން އާއްމު ކުރި ލިސްޓުގައި 90،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލެވޭކަމަށް އޮތް ނަމަވެސް އީސީގެ ދަފްތަރުގައި ޕާޓީގެ މެމްބަރުންގެ ގޮތުގައި ރެޖިސްޓްރީކޮށްފައި ވަނީ 55،000 އެއްހާ މެމްބަރުންނެވެ.

ޕާޓީގެ އިސް މަގާމެއްގައި ހުންނަވައި، ރައީސް ނަޝީދު ދަފްތަރާއި މެދު ސުވާލު އުފެއްދުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް އެމްޑީޕީން މިރޭ އެމަނިކުފާނަށް ރައްދު ދީ އާއްމު ކުރި ބަޔާނުގައި ވެއެވެ.

އެމްޑީޕީން އާއްމު ކުރި ބަޔާނުގައި ބުނީ، ޕާޓީގެ އެންމެ އަގު ހުރި ރައުސުލްމާލަކީ އެ ޕާޓީގެ އާއްމު މެމްބަރުންކަމަށެވެ. އަދި ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި އިންތިޒާމުވެ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމާ އެކު ޕާޓީގެ އަސާސްތަކަށް ތާއީދުކުރާ ކޮންމެ ދިވެހި ރައްޔިތަކު ޕާޓީގެ މެމްބަރަކަށް ވުމަށް އަބަދުވެސް މަރުހަބާ ކިޔާނެކަމަށް ބުންޏެވެ. އެއާއި އެކު ޕާޓީގެ އަސާސީ ގަވާއިދާއި ގާނޫނީ ނިޒާމުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ޕާޓީ ހިންގުމާއި މެމްބަޝިޕް ކަންތައް ބެލެހެއްޓުމަށް ޕާޓީން އަބަދުވެސް އިސްކަން ދޭނެކަން ފާހަގަކޮށް އެމްޑީޕީގެ ބަޔާނުގައި ބުނީ އެ ޕާޓީއަކީ އަބަދުވެސް އެތެރޭގެ އިންތިހާބުތައް އާއްމު މެމްބަރުންގެ ނުހަނު ބޮޑު ބައިވެރިވުމާ އެކު ކުރިއަށް ގެންދާ ޕާޓީއެއް ކަމަށެވެ. އަދި މި އިންތިހާބުތަކުގައި ވޯޓުގެ ހައްގު ލިބެން ޖެހޭނީ ހަމައެކަނި ޕާޓީގެ މެމްބަރުންނަށްކަމަށް ބަޔާނުގައި ބުންޏެވެ.

އެހެން ނަމަވެސް، ޕާޓީން މީގެ ކުރިން ބަލަހައްޓަމުން ދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ މީހުންނަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓު ގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށްކަމަށް ބަޔާނުގައި ވެއެވެ. އެހެންކަމުން، މިއީ ޕާޓީގެ ސިޔާސަތުތަށް ކުރިއެރުވުމަށް އޮތް ހުރަހަކަށްވުމުން އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ދަފްތަރު ސައްހަ ކުރުމަށް ނިންމީ އެމްޑީޕީގެ ގައުމީ މަޖިލީހުންކަމަށް ބަޔާނުގައި ފާހަގަކުރި އެެވެ.

ދަފްތަރަށް ބަދަލު ގެނެސް، އޮޅުވާލާފައިވާކަމަށް ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކަށް އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އަސާސީ ގަވައިދުގެ، 19 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ޕާޓީގެ މެމްބަރުކަން ބާތިލުވާނީ ޕާޓީގެ މެމްބަރަކު އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން އަދި އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމުން ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި އެއްވެސް މީހަކަށް އެއްފަހަރާ އެއް ސިޔާސީ ޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީގެ މެމްބަރަކަށް ނުހުރެވޭނެކަމަށް ވަރަށް ސާފުކޮށް ލިޔެފައިވާކަމަށް ބަޔާނުގައި ވެއެވެ.

2022 މޭއި 29 ގައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސް ކުރި ގޮތުގެ ތަފްސީލު ވެސް ބަޔާނުގައި ހިމަނާފައި ވެއެވެ. އެގޮތުން އެ ބަޔާނުގައި އޭރު އެމްޑީޕީއިން ބަލަހައްޓަމުން ގެންދިޔަ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ރަސްމީ ދަފްތަރުގައި ހިމެނޭ 54,599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބަލައި، ދެން ތިބި 39,911 މީހުންނަށް އެމްޑީޕީގެ މެމްބަރުކަން ސައްހަ ކުރުމަށް ތިން މަސް ދިނުމަށާއި، އޭގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގައި އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީން ވަކިކުރުމަަށް ހިމެނިކަން ފާހަގަކުރި އެވެ. އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުރި މެމްބަރަކު ނަމަ އެއް މަސް ދުވަސްތެރޭގައި މެމްބަޝިޕް ސައްހަ ކުރުމަށް އެ ގަރާރުގެ ދަށުން ނިންމިކަން ވެސް ބަޔާނުގައި ފާހަގަކުރި އެވެ. އެހެންކަމުން އެ ނިންމުމާ އެއްގޮތަށްވާ ގޮތުގެ މަތިން މިއަދާ ހަމައަށް ވެސް އެ މެމްބަރުން މި ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ބަންދުވެފައި ނޯންނާނެކަމަށް އެމްޑީޕީން ރައީސް ނަޝީދަށް ރައްދު ދީ ނެރުނު ބަޔާނުގައި ބުނެފައެވެ.

ނިމިދިޔަ ޗެއަޕާސަން އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވެސް ކެމްޕެއިންގައި ޕާޓީގެ ދަފްތަރު ސައްހަ ކުރަން ޖެހޭކަމަށް ވައުދުވެ، އެ ވާހަކަ ދެއްކިކަމަށް ބަޔާނުގައި ވެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާ އިރު ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ ރައްޔިތުންނަށް ފުރުސަތު ހުޅުވިފައިވާކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާގޮތުގެ މަތިން، ދަފްތަރު ސައްހަކޮށް، ބަލަހެއްޓަމުން ދަނިކޮށް އެ ދަފްތަރާއި ޝައްކު އުފައްދައި، ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް ރައީސް ނަޝީދު ދެއްކި ވާހަކައާއި މެދު ހިތާމަ ކުރާ ކަމަށެވެ.

ތަފްސީލް އަންނަނީ…

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހުރިހާބާރަކާއި ނުފޫޒު މިއިންތިހާބުގާވެސް ބޭނުން ކުރާނެ ކަމައް މިބަލަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: