ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގެ ތުހުމަތު: ދަފްތަރު ގަޑުބަޑު ކުރީ ޕްރައިމެރީއަށް، އެއީ އަސްލު މެމްބަރުން ގެއްލުވާލަން!

ސަންގު ބަހުސްގައި އިމްތިޔާޒް ފަހުމީ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަފްތަރު ”ގަޑުބަޑުކޮށް“ ޕާޓީގެ ސާޅިސް ހާހެއް ހާ މެމްބަރުންގެ ނަން އުނި ކުރީ 2023 ގެ ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޑަކު ހޮވުމަށް ބާއްވާ އިންތިހާބަށް ރައީސް މުހައްމަދު ނަޝީދަށް ދަތި ކުރުމުގެ ގޮތުންކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރުމުގެ ކެނޑިޑެސީ ފޯމު އަންނަ ހޮނިހިރު ދުވަހުގެ ކުރިން ހުށަހެޅުމަށް ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ އިއުލާނުކޮށްފަ އެވެ. އަދި އާއްމުކޮށްފައިވާ ތާވަލުގެ ދަށުން، އިންތިހާބުގެ ވޯޓުލުން އޮންނަނީ އަންނަ ޖެނުއަރީ މަހުގެ 28 ގަ އެވެ.

މި އިންތިހާބުގައި ރައީސް ނަޝީދުގެ އިތުރުން ދެން ވާދަ ކުރައްވަނީ، ވެރިކަމުގެ އިތުރު ދައުރަކަށް އައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި އެމަނިކުފާނު ވެސް ވަނީ ރަސްމީ މަސައްކަތް ފައްޓަވައި، ގައުމީ މަޖިލިސް މެމްބަރުންނާއި އެކު ބައްދަލުވުންތަކެއް ބާއްވާފަ އެވެ. ދެ ރައީސުންގެ ދެމެދުގައި މިވަގުތު ސިޔާސީ ގޮތުން، އެންމެ ބޮޑު ހިޔާލުތަފާތުވުން އުފެދިފައި ވަނީ ސަރުކާރު ހިންގުމުގައި ރައީސް ސޯލިހު އެމްޑީޕީގެ އަސާސްތަކާއި ހިލާފުވާކަމަށް ތުހުމަތު ކުރުމުގެ ސަބަބުން އައި ދެބަސްވުންތަކަށް ފަހު އެވެ.

އެމްޑީޕީގެ މެމްބަރުންގެ ތެރެއިން، ސާޅީސް ހާހެއް ހާ މެމްބަރުންގެ ނަން އުނިކޮށްފައިވާއިރު މިއީ ނަތީޖާއަށް އަސަރުކޮށް 2023 ގެ ނަތީޖާއަށް ވެސް އޭގެ އަސަރު ކުރާނެ ސަބަބެއްކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ޕާޓީން އެމަނިކުފާނަށް ރައްދު ދީ ބަޔާނެއް އާއްމުކޮށް ބުނީ ޕާޓީގެ އިސް މަގާމެއްގައި ހުންނަވައި، ރައީސް ނަޝީދު ދެއްކެވި ވާހަކަތައް ބަލައި ނުގެނެވޭނެ ކަމަށެވެ. މީގެ ކުރިން ބަލަހައްޓަމުން ދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުންނަށް ނަތީޖާއާއި ކުޅެވޭ ގޮތަކަށްވުމާއި އެކު އެކަމަށް ބަދަލު ގެނައީކަމަށް ބަޔާނުގައި ވެއެވެ. އަދި 2022 މޭއި 29 ގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ރު އެމްޑީޕީއިން ބަލަހައްޓަމުން ގެންދިޔަ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ރަސްމީ ދަފްތަރުގައި ހިމެނޭ 54,599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބަލައި، ދެން ތިބި 39,911 މީހުންނަށް އެމްޑީޕީގެ މެމްބަރުކަން ސައްހަ ކުރުމަށް ފުރުސަތު ދިނީ އެކަމަށް ވޯޓު ދީ ފާސްކޮށްގެންކަމަށް ބަޔާނުގައި ވެއެވެ.

ތާއީދު ސޮއި ކުރުމުގެ ހަރަކާތުގެ ތެރެއިން، ސަންގުއާއި އިންތި ވަނީ މި މައްސަލައިގައި ވާހަކަ ދައްކަވާފަ އެވެ.

ދަފްތަރާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކުގެ ޝަކުވާތައް، ރައީސް ނަޝީދުގެ ފަރާތުން ރަސްމީކޮށް ހުށަހަޅާފައިވާކަން ފާހަގަކޮށް ”ސަންގު“ އަށް އިންތި ވިދާޅުވީ، އެމްޑީޕީގެ ބަޔާނުގައި ވަނީ އެއްކޮށް ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

ވަކި މުއްދަތެއްގެ ތެރޭގައި، ޕާޓީގެ ދަފްތަރުގައި ތިބި 39،900 އެއްހާ މެމްބަރުން ވަކިވާނެކަމަށް ގަރާރެއް ފާސް ކުރީ ޗެއާޕާސަންގެ އިންތިހާބަށް ފަހު ބޭއްވި ފުރަތަމަ ބައްދަލުވުމުގައިމަށް އިންތި ވިދާޅުވި އެވެ. އަދި އޭރު ނޫސްވެރިންނަށް އޭގެ މައުލޫމާތުތައް ނުލިބި ވަނީ، އެ ބައްދަލުވުމަށް މީޑިއާތަކަށް ދައުވަތު ދީފައި ނުވާތީކަމަށް އިންތި ވިދާޅުވި އެވެ.

”އޭރު ވެސް ގައުމީ މަޖިލީހުގައި އެކަމަށް އަޅުގަނޑުމެން ދެކޮޅު ހެދިން.. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް.. އެމްޑީޕީގެ މެމްބަރު އީވާ އެ ގަރާރުގައި އޮތް ގޮތް ބަދަލު ކުރުމަށް އަދި އެ ގޮތަށް މީހުން ވަކި ނުވެވޭނެ ގޮތަށް ހެދުމަށް ހުށަހެޅުމެއް ވެސް ހުށަހެޅުއްވި.. އެހެން ނަމަވެސް އެ ހުށަހެޅުމެއް ބަލައެއް ނުގަތް.. ހަމަ ވަކި މުއްދަތެއްގެ ތެރޭގައި މި ދެންނެވި މީހުން ވަކިވާނެ ގޮތަށް ފާސް ކުރީ“ އިންތި

އިންތި ވިދާޅުވީ ގައުމީ މަޖިލީހުގެ މިހާރުގެ ހާލަތު އޮތް ގޮތުން، އެބޭފުޅުން ބޭނުންވާ ގޮތަށް ތާއީދު ހޯދައި ގަރާރުތައް ފާސް ކުރެވިދާނެ ކަމަށެވެ. އަދި ހުދުމުހުތާރު ގޮތަކަށް ޕާޓީއަށް ގެއްލުންތައް ލިބޭނެ ކޮންމެ ނިންމުމެއް ވެސް އެގޮތަށް ނިންމަފާނެކަމަށް އިންތި ވިދާޅުވި އެވެ.

މިގޮތަށް ބަދަލު ގެނައުމުގެ ސަބަބުން، އެމްޑީޕީގެ އެތައް ޒަމާންވީ މެމްބަރުންނެއް ވެސް ވަކިވެފައި އެބަހުރިކަމަށް އިންތި ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ ތާއީދު ފޯމުތަކުގައި ސޮއި ކުރުމަށް ބަލާއިރު ޕާޓީގެ ދަފްތަރުގައި އެ މީހުންގެ ނަން ނެތުމެވެ. މިއީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބި، ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންކަން ވެސް އިންތި ފާހަގަކުރި އެވެ.

”މި ޕްރައިމެރީއަށް ފޯމުތަކުގައި ސޮއި ކުރަން ފެށުމާއި އެކު އަޅުގަނޑުމެންނަށް ފާހަގަވީ އެމްޑީޕީގެ އާއްމު މެމްބަރުންގެ ތެރެއިން ރައީސް ނަޝީދަށް ތާއީދު ކުރާ ބޭފުޅުން، ތައީދު ފޯމުތަކުގައި ސޮއި ކުރުމަށް ބަލާއިރު ނަން ނެތްކަން… ބައެއް ބޭފުޅުން އެބަ ޝަކުވާ ކުރޭ“

އިންތި ވިދާޅުވީ ޕާޓީގެ ދަފްތަރުގައި ނަން ނެތިގެން، އެ ނޫން ވެސް ގޮތްގޮތުން ބައެއް ޝަކުވާތައް ލިބިފައިވާކަމަށެވެ. އަދި އާއިލާގެ މެމްބަރުންގެ ނަން ނެތްކަން ވެސް ބައެއް އާއްމު މެމްބަރުން ހިއްސާކޮށްފައިވާކަމަށް އިންތި ވިދާޅުވި އެވެ.

ދަފްތަރަށް ބަދަލު ގެނައުމުގެ ސަބެއްކަމަށް އިންތި ވިދާޅުވީ، އެމްޑީޕީގެ އަސްލު މެމްބަރުން ޕާޓީން ދުރަށް ޖެއްސުމެވެ. އަދި މިއީ ކުރިޔަށް ބޮޑު ރިޔާސީ ޕްރައިމެރީއެއް އޮތްކަން އެނގި ތިބެ، ނެގި ފިޔަވަޅެއްކަމަށާއި އޭގެ ބޭނުމަކީ އަސްލު އެމްޑީޕީ ދެކެ ލޯބިވާ ޕާޓީގެ ރޫހުގައި ތިބި މެމްބަރުންނަށް ވޯޓު ނުލެވޭ ގޮތް ހެދުންކަމަށް ތުހުމަތު ކުރެއްވި އެވެ.

”އެހެންވީމާ ރައީސް ނަޝީދަށް ލިބޭނެ ތާއީދު ކުޑަ ކުރުމަށް ކުރިކަމެއްގެ ގޮތުގައި އަޅުގަނޑަށް ގަބޫލު ކުރެވެނީ.. އެހެން ނޫންނަމަ އެގޮތަށް ހެދުމުގެ ބޭނުމެއް ނެތް.. ޗެއާޕާސަން އިންތިހާބަށް ވެސް ވޯޓު ލީ އެ ދަފްތަރަށް.. އެހެންކަމުން މިއީ ސީދާ މި ޕްރައިމެރީއަށް ކުރިކަމެއްގެ ގޮތުގައި ދަންނަވާލަން އަޅުގަނޑުމެންނަށް ކެރޭ“ އިންތި

ރައީސް ނަޝީދު ދަފްތަރާއި ގުޅޭގޮތުން އެ ފާހަގަކުރައްވަނީ، ޕާޓީން ގެންގުޅޭ އަމިއްލަ ދަފްތަރު ދޫކޮށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރާއި އެއްގޮތަށް އިންތިހާބުތަކުގެ ވޯޓުލުންތައް ކުރިޔަށް ގެންދިއުމަށް މި އަހަރުގެ ކުރީކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ނިންމުމަށް އަމާޒުކޮށެވެ. އެމްޑީޕީން ކޮންމެ އިންތިހާބަކާއި ދިމާކޮށް މީގެ ކުރިން އާއްމު ކުރި ލިސްޓުގައި 90،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލެވޭކަމަށް އޮތް ނަމަވެސް އީސީގެ ދަފްތަރުގައި ޕާޓީގެ މެމްބަރުންގެ ގޮތުގައި ރެޖިސްޓްރީކޮށްފައި ވަނީ 55،000 އެއްހާ މެމްބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: