އަމުރުން 55 އަހަރު ނުވިނަމަވެސް ފަނޑިޔާރުންނަށް ފަނޑިޔާރު ކަމުން ރިޓަޔަރ ކުރެވޭ ގަވާއިދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލައި އާންމުކޮށްފިއެވެ.
މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން، އުމުރުން 55 އަހަރު ވުމުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުން ވަކިވެއްޖެނަމަ، އެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެވޭ ޢިނާޔަތާއި، އެ ޤާނޫނުގެ 66 ވަނަ މާއްދާގެ(ނ) ގެ ދަށުން މުސްކުޅިކުރެވޭ ފަރާތްތަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ޢިނާޔަތް ބަޔާންކުރާ އަދި 55 އަހަރު ނުވިކަމުގައި ވިޔަސް، ޝަރަފުވެރިކަމާއެކު މަޤާމުން ވަކިވެވޭނެ އުސޫލު ބަޔާންކުރާ ގަވާއިދެވެ.
ގަވާއިގެ ދަށުން ރިޓަޔަރވެވޭނީ
(1 ) ތައުދީބީ މައްސަލައެއްގައި ފަނޑިޔާރުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމާ ފަނޑިޔާރުންނާއި، ފަނޑިޔާރެއްގެ މަޤާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އޭނާއާމެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ބަރީޢަވުމަށް ޓަކައި ފަނޑިޔާރުކަމުގެ މަޤާމުން އިސްތިޢުފާދޭ ނުވަތަ ވަކިވާ ފަރާތްތައް ފިޔަވައި، ފަނޑިޔާރެއްގެ ގޮތުގައި ހުރެވޭނެ އެންމެ ދޮށީ އުމުރު ހަމަވުމުން ވަޒީފާއިން ވަކިކުރާ ފަރާތްތަކާއި، އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައި ނެތް ހާލަތުގައި، އަދި އެފަދަ މައްސަލައެއް އުފުލުމުގެ ހާލަތު ވެސް އުފެދިފައި ނެތި، އަމިއްލަ އިޚްތިޔާރުގައި ފަނޑިޔާރުކަމުގެ ވަޒީފާއިން އިސްތިޢުފާދޭ ނުވަތަ ވަކިވާ ފަނޑިޔާރުންގެ ތެރެއިން ގަވާއިދުގައި ބުނާ ޝަރުޠުތައް ހަމަވާ ފަނޑިޔާރުންގެ ތެރެއިން ގަވާއިދުގައިވާ ގޮތުގެ މަތީން ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވުމަށް އެދޭ ފަނޑިޔާރުންނެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޝަރަފުވެރިކަމާއެކު މަޤާމުން ވަކިކޮށްދިނުމަށް އެދެވޭނެ ފަރާތްތަކަކީ ފަނޑިޔާރުކަމުގައި 10 އަހަރުދުވަހު ޚިދުމަތް ކޮށްފައިވާ ފަނޑިޔާރުންނާއި، ސުލޫކީ މައްސަލައެއް ސާބިތުވެ، އެކަމުގެ ފިޔަވަޅެއްގެ ގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފިޔަވަޅު، ވޭތުވެދިޔަ އެއް އަހަރުދުވަހުގެ ތެރޭގައި އަޅައިފައިނުވާ ފަނޑިޔާރުން.ނަށެވެ.
މީގެއިތުރުން ސުލޫކީ މައްސަލައެއް ސާބިތުވެ، އެކަމުގެ ފިޔަވަޅެއްގެ ގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު( ގެ 1-32 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފިޔަވަޅު، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި އަޅައިފައިނުވާ ފަނޑިޔާރުން.ނަށް މަގާމުން ރިޓަޔަރ ވުމަސް އެދި ހުށަހެޅޭނެއެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު 66 ވަނަ މާއްދާގެ (ނ) ގެ ދަށުން މުސްކުޅިކުރެވޭ ފަނޑިޔާރުން މުސްކުޅިކުރެވޭނީ ފަނޑިޔާރަކަށް ކުރިމަތިވާ ބައްޔެއްގެ ސަބަބުން، ޤާނޫނު ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ޗުއްޓީތަކަށް ފަހުގައި ވެސް ބަލިހާލުހުރިގޮތުން މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވުން ނުވަތަ މަޤާމުގައި ހުރުމަށް ނުކުޅެދުމުންނެވެ.
މީގެއިތުރުން ފަނޑިޔާރުކަމުގެ ޚިދުމަތުގައި އުޅެނިކޮށް ދިމާވާ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ފަނޑިޔާރުކަމުގެ މަޤާމު އަދާކުރުމަށް ނުކުޅެދޭ ހާލަތުގައި ވެސް ފަނޑިޔާރު ކަމުން މުސްކުޅި ކުރެވޭނެ ކަމަށް ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.

