ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްވެރިން ބަންދު ކުރާއިރު ކެޓަގަރައިޒް ކުރަން ޖެހޭ، ނޫނީ ޖަލުތައް ވާނީ ކުށުގެ ޓްރެއިނިން ސެންޓަރަކަށް: މުހުތާޒް

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުުހުސިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޖަލުތައް އިސްލާހު ކުރުމަށް މަސައްކަތްތައް ކުރަމުން ދާއިރު، ނެތީ ގާނޫނެއް ނޫންކަމަށާއި ކުށެއްގެ ތުހުމަތުގައި ޖަލުގައި ބަންދު ކުރާ މީހުން ކެޓަގަރައިޒް ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ޖަލުތައް ވެފައިވަނީ ރިހެބިލިޓޭޓުވުމުގެ ބަަދަލުގައި ކުށްވެރިން ޓްރެއިން ކުރާ ސެންޓަރުތަކަށްކަމަށް ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

ޖަލުތައް އިސްލާހުކޮށް، ކުށްވެރިން މުޖްތަމައަށް ފައިދާ ކުރުވަނި ބައެއްގެ ގޮތުގައި ނެރުމަށް މަސައްކަތް ކުރާނެކަމަށް ސަރުކާރުން ވައުދުވި އެވެ. އަދި އެކަމަށް މަސައްކަތްތައް ކުރި ނަމަވެސް، ރާއްޖޭގެ ޖަލުތަކުގައި ބޮޑެތި ކުށްތައް ހިނގުމާއި އަދި މާލޭގައި ހިނގާ ބޮޑެތި ކުށްތަކުގެ މުއާމަލާތްތައް ޖަލުގެ ތެރެއިން ހިނގާކަމުގެ ތުހުމަތުތައް ކުރެވެ އެވެ. އޭގެ އިތުރުން ކަންބޮޑުވާ މިންވަރަށް ޖަލުތަކުގައި ދަނީ ހަރުކަށި ފިކުރު ފެތުރެމުންނެވެ.

މީގެއިތުރުން ޖަލުތަކުގައި ގައިދީންނަށް ލިބެން ޖެހޭ ހައްގުތައް، ގާނޫނުތަކުގައި ލިޔެވިފައި ވީ ނަމަވެސް އަދިވެސް ގިނަ ގޮންޖެހުންތަކާއި ދިމާވެ އެވެ.

ޖަލުތަކުގައި ކުރާ އަނިޔާތަކުގެ ވާހަކަތައް އަބަދު ދައްކަން ޖެހިފައިވާއިރު، ”ސަންގުޓީވީ“ ގެ ޚ މުހުތާޒް ވިދާޅުވީ އަނިޔާއަކަށް ވަނީ ހަމައެކަނި ޖިސްމާނީ ގޮތުން ދޭ އަނިޔަތަކަށް ނޫން ކަމަށެވެ. އެ ނޫން ގޮތްގޮތުން ވެސް ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ގެއްލުން ވާނެހެން އަމަލުތައް ބަހައްޓާއިރު އޭގެ ތެރޭގައި އިރުގެ އެއްވެސް އަލިކަމެއް ނުލިބޭ ގޮޅިއެއްގައި ކަރަންޓަކާއި ނުލައި ބޭއްވުމާއި ކެއުމާއި ބޭސްފަރުވާގެ މައްސަލަތައް ހިމެނޭކަމަށް މުހުތާޒް ވިދާޅުވި އެވެ.

ހާއްސަކޮށް ވެރިކަމަށް އައުމަށް ފަހު ޖަލުތައް އިސްލާހުކޮށް، އެ މަސައްކަތަށް ކޮމިޝަނެއް އުފެއްދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށް މުހުތާޒް ވިދާޅުވީ ރައީސް އުފެއްދެވި ކޮމިޝަންތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހަވާލުކޮށްފައިވާ ޒިންމާތަކާއި އެއްގޮށް ކުރިޔަށް ދިޔަ ކޮމިޝަނަކަށް ޕްރޮޒަންސް އޮޑިޓް ކޮމިޝަން ވާނެ ކަމަށެވެ. އެގޮތުން ތިން މަސް ދުވަހުގެ ތެރޭގައި، ރިޕޯޓެއް އެކުލަވާލައި ކަމާއި ބެހޭ ވުޒާރާތަކަށް އެ ތަފްސީލުތައް ފޮނުވިކަމަށް މުހުތާޒް ވިދާޅުވި އެވެ.

180 އަށް ވުރެ ގިނަ ރެކަމަންޑޭޝަން ހިމެނޭ ގޮތަށް އެކުލަވާލި އެ ރިޕޯޓުގައި ކޮމިޝަނަރާއި ހޯމް މިނިސްޓަރުގެ ބައެއް ޒިންމާތައް ހިމަނާފައި ހުރިކަމަށް މުހުތާޒް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި އޮޑިޓު އެކުލަވާލި އިރު ވެސް ޖަލުތަކާއި ޕެރޯލް ގާނޫނެއް އޮވެ، އެ ތަންފީޒު ނުކުރެވި އޮތުމަކީ ގާނޫނުގައި މައްސަލަތަކެއް ނެތްކަން ހެކިދޭ ސަބަބެއްކަމަށެވެ.

ކުރާ ކުށުގެ ކުޑަބޮޑު މިނަށް ބަލައި، ތުހުމަތުވާ މީހުން ބަންދު ކުރާއިރު އެ މީހާ ހުރި ހާލަތަށް ރިއާޔަތް ކުރުމަށް ގާނޫނު ލާޒިމް ކުރާކަން ފާހަގަކޮށް، މުހުތާޒް ވިދާޅުވީ އާދައިގެ ކުށެއް ކުރި މީހަކާއި، ބޮޑު ޖިނާއި ކުށެއްގެ މައްސަލައިގައި ހައްޔަރު ކުރާ މީހާ އެއް ގޮޅިއެއްގައި ބޭއްވުމުން ނިކުންނަ ނަތީޖާ ގޯސްވާނެ ކަމަށެވެ.

މިގޮތަށް ކުށްވެރިން އެއްކުރުމުގެ ސަބަބުން، އެ މީހުން އިސްލާހުވުމުގެ ބަދަލުގައި އިތުރަށް ގޯވާކަމަށް މުހުތާޒް ވިދާޅުވި އެވެ.

”ވަރަށް އާއްމު ކަންތައްތަކެއް، ގާނޫނުގައި އޮތް އަޅުގަނޑުމެންނަށް ތަންފީޒު ނުވެ މިދަނީ.. މިހާރު ވެސް އޭރު ވެސް ފާހަގަކުރެވުނު ގޮތުގައި ޖަލަށް މީހާ ފުރަތަމަ ވައްދާ ހިސާބުން ފެށިގެން ކެޓަގަރައިޒް ކުރަން ގާނޫނު ލާޒިމް ކުރޭ.. ވަރަށް ބައިވަރު ސަބަބުތަކެއް އޮވެގެން.. އެއީ ނުރައްކާތެރި ކުށްވެރިންނާއި އާދައިގެ ކުދިކުދި ކުށްތައްކޮށްގެން ޖަލަށް ލެވޭ މީހުންނާއި މިކްސް ނުކުރުމަށްޓަކައި… އެކަން ނުކުރުމުގެ ނަތީޖާއަކަށް ވަނީ ކުށްވެރިން ޓްރެއިން ކުރާ ޓެރެއިނިން ސެންޓަރުތަކަކަށް އެތަން ވުން.. އެތަނުން މީހަކު ރިހެބިލިޓޭޓު ކުރުން އެއީ ވަރަށް އުނދަގޫކަމެއް“ މުހުތާޒް

ޖަލުތަކަކީ އެއީ އެއްވެސް ހާލެއްގައި ބަޔަކު ރިހެބިލިޓޭޓު ނުކުރެވޭ، ނުވަތަ އެކަމަށް މަސައްކަތް ނުކުރާ ތަނެއްގެ ގޮތުގައި ބުނެވެން ނެތް ނަމަވެސް އެގޮތަށް ބަޔަކު ރަނގަޅު ވަނީ ކުށްވެރިއަކު އަމިއްލައަށް އެކަމަށް އަޒުމް ކަނޑައަޅައި ކުރާ މަސައްކަތަކުންކަމަށް މުހުތާޒް ވިދާޅުވި އެވެ. މުހުތާޒް ވިދާޅުވީ އަމިއްލައަށް ފެނިގެން، ރަނގަޅުވާން ބޭނުންވާ މީހާ ވެސް ކެޓަގަރައިޒް ކުރުމެއް ނެތް ގޮޅިއެއްގައި ބޭއްވުމުން އެ މަސައްކަތް ކާމިޔާބު ކުރަން އުނދަގޫވާނެކަމަށެވެ.

މުހުތާޒް ވިދާޅުވީ ގާނޫނު ލާޒިމް ކުރާ ގޮތަށް 21 ދުވަހުގެ ތެރޭގައި ކުށުގެ ތުހުމަތަށް ވަންނަ މީހާ އަދި ހުކުމެއް ތަންފީޒު ކުރަން ޖެހޭ މީހުންގެ ތެރެއިން ކުދި ކުށްތައް ކުރި މީހުންނާއި ބޮޑެތި ކުށް ކުރި މީހުން ވަކިން އަދި މެދުފަންތީގެ ކުށްތަކުގެ ކެޓަގަރީ ވެސް ގާނޫނުގައި ބުނާ  ނިޒާމު ރަނގަޅަށް ހިންގޭނަމަ ނިކުންނަ ނަތީޖާ ރަނގަޅުވާނެ ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން، އެންޓި ޓޯޗާ ގާނޫނެއް ގެނައިއިރު، އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މުހުތާޒް ވިދާޅުވީ އެ ގާނޫނު ވެސް މުވައްސަސާތަކަށް އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވުމެވެ.

ދާދިފަހުން ކުށެއްގެ ތުހުމަތުގައި ހުރި މީހަކު، ދަންޖެހިގެން މަރުވި ހާދިސާއަށް އިޝާރާތްކޮށް މުހުތާޒް ވިދާޅުވީ މައްސަލައިގައި އޭނާ ދެއްކި ވާހަކައަކުން ވަރަށް ގިނަ ބަޔަކު ތިބީ ހިތްހަމަނުޖެހިފައި ކަމަށެވެ. ނަމަވެސް ކަމެއް ދިމާވުމާއި އެކު ދިފާއަށް ކުޅެންވީ ސަބަބެއް ނެތްކަން ފާހަގަކޮށް މުހުތާޒް ވިދާޅުވީ ގޯހެއް ހެދިފައި ވާނަމަ އެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

”މުވައްސަސާތަކުން އެކަން ގަބޫލުކޮށް، އެކަން ރަނގަޅު ކުރަންވީ ނޫން ތޯ.. އަޅުގަނޑުގެ ޕޮއިންޓަކީ މީހަކު އެކަހެރިކޮށް ބަންދުކޮށްފައި ބާއްވާއިރުގައި އޭނާގެ އަތަށް އޭނަ ބަންދުކޮށްގައި އޮންނަ ތަނުން އަމިއްލަ ނަފްސަށް ގެއްލުންދެވޭނެ އެއްޗެއް އަތުގަ ޖެހިގެން ނުވާނެ.. އެވަރު އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ..“ މުހުތާޒް

މުހުތާޒް ވިދާޅުވީ ޖަލުގައި ގައިދީންނަށް ބޭސް ދިނުމަށް ފަހު، އޮފިސަރުން އެ ގޮޅިއެއް ދޫކޮށް ދާނީ އޭނާ ބޭސް ކެއިކަން ޔަގީންކޮށް އަނގައިގެ ތެރެވެސް ބެލުމަށް ފަހުކަމަށްވާއިރު ގޮޅީގައި އެއްވެސް މީހަކަށް އަމިއްލަ ނަފްސަށް ގެއްލުންދޭ ވަރުގެ އެއްޗެއް އޮވެގެން ނުވާނެކަން އެނގެން ޖެހޭ ކަމަށެވެ.

ގޮޅީގައި ބެޑްޝީޓެއް އޮވެދާނެކަމަށާއި، ނަމަވެސް އެހާ ހިސާބުން ދެން އެ ތަނެއްގައި އައްސައި ދަން ޖެހެވޭ ގޮތަށް ތަން ހުރެގެން ނުވާނެކަމަށް މުހުތާޒް ފާހަގަކުރި އެވެ. އަދި އެފަދަ ފުރުސަތެއް ކިރިޔާ ވެސް ވާނަމަ އެ މީހަކު އެކަނި ގޮޅީގައި ބާއްވައިގެން ނުވާނެކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން މުހުތާޒް ވިދާޅުވީ، ފައިސަލް ދަން ޖެހުނު ރޭގައި އޮފިސަރުން ގޮޅި ކޮންމެ ދިހަ މިނެޓަކުން ބަލާފައި ނުވާކަމަށް ބުނެ ސުވާލު އުފައްދަން ބޭނުން ނުވާކަމަށެވެ. ނަމަވެސް ހައްޔަރު ކުރި މީހާގެ، ނަފްސާނީ ހާލަތު ހުރި ގޮތާއި އޭނާގެ ސިކުނޑީގެ ތެރޭގައި ހިނގާނެ ކަންކަމަށް ވިސްނައި މުވައްސަސާތަކުން ފިޔަވަޅު އަޅަން ޖެހޭނެކަމަށް މުހުތާޒް ވިދާޅުވި އެވެ.

”ކަމެއް ހިނގާއިރަށް އެކަން ބަލަމޭ، ބުނުމަކުން އަޅުގަނޑަކަށް ހީއެއް ނުވޭ ކަންކަން އިސްލާހު ވާނެހެންނެއް.. އަމިއްލައަށް މުވައްސަސާތަކުން ވެސް ތިމަންނާމެންނަށް ގޯހެއް ހެދިއްޖެކަން ގަބޫލުކޮށްގެން ކުރިޔަށް އޮތްތަނުގައި ވެސް އެކަން ރަނގަޅު ކުރެވޭނީ“ މުހުތާޒް

ޕްރިޒަންސް ކޮމީޝަނަރު އަހުމަދަކީ ގާބިލު ބޭފުޅެއްކަމަށާއި، އޭނާއަކީ ކަންކަން އިސްލާހު ކުރުމުގެ ކެޕޭސިޓީ ހުރި ބޭފުޅެއްކަމަށް މުހުތާޒް ވިދާޅުވި އެވެ. ނަމަވެސް، ތަނެއް ރަނގަޅު ކުރުމަށް މަސައްކަތް ކުރާއިރު މަދު ބަޔަކު ނުވަތަ އެކަކު ކުރާ މަސައްކަތުން ނަތީޖާ ނުނެރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: