ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު އިސްލާމީ ވެރިކަމެއް ގާއިމު ކުރާނެކަމަށް ބުނުމުން ގަބޫލުކުރަން ދަތި: މަވޯޓާ

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިޖެނަމަ، ރާއްޖޭގައި އިސްލާމީ ވެރިކަމެއް ގާއިމުކުރައްވާނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ގަބޫލުކުރައްވަން ދަތި ވާހަކަައެއްކަމަށް އައްޑޫ މަަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން އިތުރުވެ، ދެ ފެކްޝަންގެ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުވަމުންދާއިރު، އިބްރާހިމް ޝަރީފްވަނީ ރައީސް ނަޝީދު ދައްކަވަމުންދާ ވާހަކަތަކަކީ ގަބޫލުނުކުރެއްވޭ ވާހަކަތަކެއް ކަމަށް ފާހަގަކުރައްވާފައެވެ. އެނާ ވަނީ މީގެ އިތުރުންވެސް ރައީސް ނަޝީދަށް ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ، ރައީސް ނަޝީދަކީ ރާއްޖޭ ބަނގުރޫޓުވެދާނެކަމަށް ވިދާޅުވެ، ރައްޔިތުންގެ މެދުގައި އެކަމުގެ ބިރު ފަތުރުއްވަމުންދާ ސިޔާސީ ލީޑަރެއްކަމަށެވެ. އެހެންނަމަވެސް އެކަމަކީ ހަގީގަތެއް ނޫންކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ކޮވިޑްއަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އަލުން އިއާދަވުމާއި އެކު އިގްތިސާދުވެސް ހުރީ ރަނގަޅު މަގެއްގައިކަމަށެވެ.

އެނާ ވިދާޅުވީ، ސަރުކާރުންވަނީ ގައުމު އެކަށީގެންވާ ގޮތެއްގެ މަތިން މެނޭޖުކޮށްފައިކަމަށެވެ. އެގޮތުން ތަކެތީގެ އަގުތައް ހެފެހެއްޓީ ސަބްސީޑީ ދީގެންކަމަށާއި، އެކަންވެސް ކުރީ ބައިނަލްއަގުވާމީ މާކެޓުގައި ތަކެތީގެ އަގު އުފުލިދިއުމުގެ ޕްރެޝަރާއިވެސް އެކުކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދަނީ ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ ބޭނުމުގައި ރާއްޖެ ބަނގުރޫޓު ކުރުމަށްކަމަށް އިޝާރާތްކުރައްވާ ޝަރީފް ވިދާޅުވީ، އިގްތިސާދީ ހާލަތު ރަނގަޅަށް ހުރިނަަމަވެސް، ރަނގަޅު ގޮތުގެ މަތީ ދެމެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެހެންކަމުން ގައުމުގެ ހާލަތު ގޯސް ފައްތަރަކަށް ގެންދިއުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކަށް އެކަމަށް ޖާގަ ނުދިނުމަށް ސަމާލުވާންޖެހޭކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: