ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ މުޒާހަރާ ތަކުގައި އޮއްޓަރެއް ނެތްތާ ރިއެކްޝަނެއް ވެސް ނެތް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލަށް ލުމާއި ގުޅިގެން އިދިކޮޅުން މުޒާހަރާތައް ކުރިއަށް ގެންދަންފަށާފައިވަނީ ބުނާ ގޮތުން ނަމަ ވަރަށް ފޯރިއާއެކުގައެވެ. ފުރަތަމަ މުޒާހަރާތައް ފެށިއިރު މީހުން ގިނައެވެ.

މި ފަހަކަށް އައިސް އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާ ތަކުގެ ތަރުހީބު ކުޑަކަން ފާހަގަކޮށްލެވެއެވެ. މުޒާހަރާތައް ރޭގަނޑާއި ދުވާލު އިދިކޮޅުން ކުރަމުން ގެންދިޔަ ނަމަވެސް މުޒާހަރާ ތަކުގައި ފޯރިނެތް ވާހަކަ އަކީ އާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ.

މީގެ އެއްދުވަސް ކުރިން ސަބަބުވެރި ހިނގާލުމުގެ ނަމުގައި އިދިކޮޅުން ވަނީ ސުލްހަވެރި އިހުތިޖާޖު ނުވަތަ މުޒާހަރާއެއް ވެރިރަށް މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވާފައެވެ. އިދިކޮޅުން ދުރާލާ ތައްޔާރުވެގެން ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވި މީހުންގެ އަދަދު އެހެން މުޒާހަރާތަކާ އަޅާބަލާއިރު ގިނަ ނަމަވެސް މުޒާހަރާގައި އެއްވެސް ފޯރިއެއް ނެތެވެ. ފުލުހުންގެ ފަރާތުން ހުއްދަ ހޯދައިގެން ކުރިއަށްގެންދިޔަ ސަބަބުވެރި ހިނގާލުމުގައި އިދިކޮޅުގެ ލީޑަރޝިޕްގެ ގިނަ ބަޔަކާއި ރައީސް ޔާމީންގެ ސަޕޯޓަރުން ބައިވެރިވި ނަމަވެސް އިދިކޮޅުގެ އެއްވެސް ރިއެކްޝަނެއް ރައީސް ޔާމީން ގެ އަޑު ސަރުކާރަށް އިއްވުމުގައި ނެތޭވެސް ދެންނެވިދާނެއެވެ.

މުޒާހަރާ ފެށިގެން ގޮސް ނިމެންދެންވެސް ފެނިގެން ދިޔައީ މާލޭގެ މަގުތަކުގައި ހިނގަމުންދިޔަ މަންޒަރެވެ. އާއްމުންގެ ޝުއޫރު ފާޅުކުރުމެއް ލީޑަރޝިޕްގެ ބޭފުޅުންގެ ހިޔާލު ފާޅުކުރުމެއް ފެނިގެންގޮސްފައެއް ނުވެއެވެ.

މީގެ އިތުރުން އިދިކޮޅުން ސިލްސިލާކޮށް މިހާރު ފަށައިގެން ކުރިއަށް ގެންދާ މުޒާހަރާތަކުގައި ވެސް ފެނިގެންދަނީ 10 ވަރަކަށް މީހުންނެވެ. މުޒާހަރާ ރޭގަނޑު 9 ޖަހާއިރު ފެށުނު ނަމަވެސް 9،30 ގައި ނިމިދާނެއެވެ. ބައެއް ފަހަރު އެއީ މުޒާހަރާ އެއް ކަމެއް ނުވަތަ ވޯމްއަޕް ޖައްސާލުމަށް ބާއްވާ ކަސްރަތު ކުލާހެއް ބާއޭ ހީވާފަހަރު ވެސް އާދެއެވެ. ވާނީ ވެސް އެހެންތާއެވެ.

މީގެ ކުރިން މި ގައުމުގައި އެމްޑީޕީ ކިޔާ ޕާޓީ އަކުން މުޒާހަރާތަކެއް ސިލްސިލާ ގޮތެއްގައި ކޮށްފައިވެއެވެ. އެ މުޒާހަރާ ތަކުގައި ފޯރިގަދައެވެ. ފުލުހުންނަށް އޮބި ނޯންނަ ވަރަށް މުޒާހަރާ ހޫނުވެގެންދާ މަންޒަރު ފެނިގެން ގޮސްފައިވެއެވެ. އެމްޑީޕީގެ މުޒާހަރާތަކުގައި ލީޑަރޝިޕް އިން ވާހަކަ ދައްކާ ޝުއޫރުފާޅު ކުރާ މަންޒަރު ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް އެމްޑީޕީގެ މުޒާހަރާ ތަކާއި އަޅާބަލާއިރު އިދިކޮޅުގެ މުޒާހަރާތަކުގައި ފޯރިނެތް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ލީޑަރޝިޕުން މުޒާހަރާގައި ވާހަކަ ދައްކާ ފޯރިނަގާތަނެއް ނުފެނެއެވެ. ހީވަނީ ކުރަން އުޅޭކަން ބަޔަކު މީހުން ބޮލުގައި ބަޑިޖައްސައިގެން ކުރުވަނީހެނެވެ.

އެމްޑީޕީން ކުރި މުޒާހަރާ ކުރުމަށް ހިތްވަރު ދެނީކީނޫނެވެ. ނަމަވެސް މުޒާހަރާ ކުރަނީ ކޮންމެވެސް މަގްސަދުގައި ކަމަށް ވުމުން އެ މަގްސަދު ހާސިލްވާ މިންވަރަށް އެކަން ކުރުމަށް މަސައްކަތް ނުކުރެވޭތީ އެވާހަކަ ހަމަ ފާހަގަކޮށްލީއެވެ.

އިދިކޮޅުން ބުނާ ގޮތުގައި ކުރަމުންދަނީ ސުލްހަވެރި މުޒާހަރާއެވެ. އިދިކޮޅުގެ މުޒާހަރާތަކުގައި ފުލުހުންނާ ކުރިމަތިނުލާ އަލިފާންބޯޅަ ނޫކާ އަޑުގަދަ ނުކޮށް މީހުންގެ މުދަލަށް ގެއްލުން ނުދޭ ވާހަކަ އިދިކޮޅުން ބުނެއެވެ. އެވާހަކައަކީ ރަނގަޅު ވާހަކައެކެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިނާ ވާހަކަ ދައްކާލާ ފޯރި ނެގިދާނެއެވެ. އޭގެ ބަދަލުގައި އުޅެނީ މައިކަށް ވެސް ފިލަން ވެގެންނެވެ. ދިދަ ވެއްޓިދާނެތީއެވެ.

އިދިކޮޅުން މުޒާހަރާތަކުގައި ފުލުހުންާނާ ކުރިމަތިލުމެއް ނުހިނގައެވެ. ނަމަވެސް މުޒާހަރާ ހުއްޓުވުމަށް ފުލުހުން ނުކުންނާނެއެވެ. ސަބަބަކީ މަގުމަތީގައި މުޒާހަރާ ކުރާނަމަ ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިވާނެތީއެވެ. އެކަންކަން ހައްލު ކުރުމަށް ފުލުހުން ނުކުމެއެވެ. ފުލުހުން ޝީލްޑާ އެކު ނުކުމެ ގަޑިއެއް ހާއިރުގެ ތެރޭގައި މުޒާހަރާގެ ބައިވެރިން ގެއްލިގެންދެއެވެ.

އިދިކޮޅުގެ މުޒާހަރާ ތައް ފެށޭއިރު ލީޑަރޝިޕްގެ ބޭފުޅުން ފެނިފައި މުޒާހަރާގެ މެދުތެރެއިން އެބޭފުޅުން ގެއްލޭ ވާހަކަ ދައްކަނީ އާއްމު ރައްޔިތުންނެވެ. އެކަމަށް އިދިކޮޅުން ވަނީ ރައްދުވެސް ދީފައެވެ. އިދިކޮޅުން ބުނި ގޮތުގައި ލީޑަރޝިޕްގެ ބޭފުޅުން މުޒާހަރާ ތެރޭގައި ފިލާފައެއް ނުވާނެއެވެ. ނަމަވެސް މަދުން ނަމަވެސް އެމަންޒަރު ފެނިފައި އެބަހުއްޓެވެ.

އިހުތިޖާޖުތައް ފެށުމާއި އެކު އިދިކޮޅަށް ތަކުރާރުކޮށް އަމާޒުވާ ފާޑުކިއުންތަކަކީ، ހަމައެކަނި އާއްމުން މަގުތަކަށް ނިކުންނަކަމާއި އިސް ސަފުން ލީޑާޝިޕް ނުފެންނަ ކަމަށެވެ. މީގެ ކުރިން ވެސް ރައީސް ޔާމީނަށް ގއ. ވޮޑަމުލާ މައްސަލައިގެ އިއްވި ފަސް އަހަރުގެ ހުކުމަށް ފަހު ވެސް އެފަދަ ކަންކަން ފާހަގަކުރެވުނުކަމަށް އާއްމު މެމްބަރުން ތުހުމަތު ކުރެ އެވެ.

އެއްވުންތައް ކުރިޔަށް ދާއިރު، ޕާޓީގެ ލީޑާޝިޕްގެ ފަރާތުން އެދެވޭ މަސައްކަތްތައް ނުފެންނަކަމަށާއި އަދި ވަކި ހިސާބަކުން އެއްވުންތައް ދޫކޮށް ދާ މައްސަލައިގައި އަމާޒުވާ ފާޑުކިއުންތަކަށް ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

އެގޮތުން ފާއިތުވެ ދިޔަ ދެ ރޭ ވެސް ކުރިޔަށް ގެންދިޔަ މުޒާހަރާތަކުގައި ލީޑާޝިޕުން ބައިވެރިވިކަމަށާއި އެއްވެސް ބޭފުޅަކު އެ ސަރަހައްދެއް ދޫކޮށް “ފިލައި ގޮސްފައި” ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހުރިހާ ލީޑަރުން ވެސް އެއްވުމުގައި ބައިވެރިވިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މުޒާހަރާތަކަށް އާއްމުން ނެރުމަށް ފަހު، އިދިކޮޅު ލީޑަރުން ފިލާކަމަށް ބުނާ ވާހަކައިގެ ރައްދަށް އަބްދުއްރަހީމް ވިދާޅުވީ ހަރަކާތްތަކުން ހައްޔަރު ކުރާ މީހުންގެ ގާނޫނީ އެހީތެރިކަން ހަމަޖެއްސުމަށް ލީޑާޝިޕުން ވަގުތުން އެޓެންޑުވާކަމަށެވެ. އެހެންކަމުން، މުޒާހަރާތަކަށް އާއްމުން ދޫކޮށް ޕާޓީގެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ފިލާކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އަބްއްދުއްރަހީމް ވިދާޅުވީ އެގޮތަށް ދުވަހަކު ވެސް ކަންތައް ހިނގާފައި ނުވާނެކަމަށާއި މިއީ ކުރިޔަށް އޮތް ތަނުގައި ވެސް ވާނެ ގޮތެއް ނޫންކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ބައްދަލުވުންތަކާއި ހަރަކާތްތައް ދޫކޮށް ދާ ބަޔަކީ އެމްޑީޕީކަމަށާއި ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުން  ފެނިގެން ދަނީ އެ މަންޒަރު ކަމަށެވެ. އެކަން ފާހަގަކޮށް އަބްދުއްރަހީމް ގޮވާލީ، ޕީޕީއެމްގެ ހަރަކާތް ވަގުތުން ގެނެސްދިން ލައިވް ކަވަރޭޖު ބެލުމަށެވެ. އަދި އެ ކަވަރޭޖުން ޕާޓީގެ ހުރިހާ ލީޑަރުން މުޒާހަރާ ފެށި ގޮސް ނިމެންދެން ތިބިކަން ސާފުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

އިދކިކޮޅުން މިހާރު އެންމެ ގަދައަށް ދައްކަމުން ދާ ވާހަކައަކީ ރައީސް ޔާމީނަށް އިއްވި ހުކުމުން އެމަނިކުފާނު ސަލާމަތް ކުރުމަށް އިދިކޮޅުން ހުއްޓާނުލައި މަސައްކަތް ކުރާނެކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރުމުގައި މަޑުން ތިބެގެން އެކަން ވާންނެތް ކަމަށް އިދިކޮޅު ލީޑަރޝިޕްގެ ބައްދަލުވުގައި އެކިއެކި ބޭފުޅުން ވަނީ ތަކުރާރުކޮށް އެވާހަކަ ފާހަގަކޮށްފައެވެ. ނަމަވެސް އަދިވެސް ލީޑަރު މިނިވަން ކުރުމަށް މާބޮޑު މަސައްކަތެއް ކުރާ މަންޒަރު ފެނިގެން ނުދާ ކަމަށް އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ. ހަގީގަތަކީ އިދިކޮޅުގެ މުޒާހަރާގައި ލީޑަރު މިނިވަން ކުރުމުގައި ކުރާ މަސައްކަތުގައި އެއްވެސް ރިއެކްޝަނެއް ނެތް ކަމަށެވެ. ހަމަ ނުވަނީއެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 56%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: