ވަގުންނަށް ޖާގަ ނުދޭނެ ކަމަށާއި، ވީ ހިޔާނާތުގެ ހައްގު އަދަބު ހޯދަންޖެހޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމް ޕީއެންސީ އިން އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްދިޔަ އެއްވުމުގައި އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުގައި ތިބީ ހިޔާނާތްތެރިން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހަކީ ނާގާބިލު ތަންދޮރު ނުދަންނަ، ހިޔާނާތްތެރި ޣައްދާރު ވެރިއެއް ކަމަށެވެ. އެހެންކަމުން ރައްޔިތުން ދެވަނަ ދައުރަކަށް ރައީސް ސާލިހަށް ވޯޓް ނުދޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލަށްލުމާ ގުޅިގެން އެމަނިކުފާނަށް ސަޕޯޓް ކުރާ ރަށްރަށުގައި ތިބި ރައްޔިތުން ރޭގަނޑު ނުނިދާ ރޯން ތިބޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ތިބީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ވޯޓްދޭން ތައްޔާރަށް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށާއި ސަރުކާރުން ވަނީ ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއަށް ހަތަރެސްފައި ބާނާފައި ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ދިވެހި ގައުމަކީ އިންޑިއާ އާއި މޯދީގެ ގައުމެއް ނޫން ކަމަށާއި މިއީ ދިވެހި ރައްޔިތުން ނާއި ޕީޕީއެމް އަދި ޕީއެންސީގެ ރައްޔިތުންގެ ވެސް ގައުމު ކަމަށެވެ.

