ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިއަކު ކުއްލި ކުއްލިއަށް މާ ބޮޑަށް ރިއެކްޓުކުރެއްވުމަކީ “ގަދަ” ކަމެއް ނޫން: ހިސާން

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިއަކު ކުއްލި ކުއްލި މާ ބޮޑަށް ރިއެކްޓް ކުރުމަކީ “ގަދަ” ކަ،މެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޓީމުގެ ފަރާތުން ރޭ ނ ވެލިދޫގައި ބޭއްވި “އިބޫ 2023” ޖަލްސާގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ އެމްޑީޕީއާއިއެކު ކުރިއަށް ދެވޭނެ ކެޑިޑޭޓަކީ ރައީސް ސާލިހުކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ހިސާން އޭނާގެ ތަޖުރިބާގެ އަލީގައި ވިދާޅުވީ ގައުމެއްގެ ވެރިއަކު ކުއްލި ކުއްލިއަށް މާ ބޮޑަށް ރިއެކްޓުކުރެއްވުމަކީ “ގަދަ” ކަމެއް ނޫންކަމަށެވެ. އަދި ހިސާން ވިދާޅުވީ މިފަދައިން އަމަކުކުރައްވައިގެން ނިކުންނަ ނަތީޖާވެސް “ސަޅި” އެއް ނޫންކަމަށެވެ.

އަޅުގަނޑުގެ ތަޖުރިބާގައި ގައުމެއްގެ ވެރިއަކު ކުއްލި ކުއްލިއަށް މާ ބޮޑަށް ރިއެކްޓްކުރުމަކީ މާ ގަދަކަމެއް ނޫން. މާ އަވަހަށް މާ ބޮޑަށް ރިއެކްޓުކުރީމައި ނިކުންނަ ނަތީޖާއެއްވެސް އެހާ ސަޅިއެއް ނޫން

މާ ބޮޑަށް ރިއެކްޓްކުރެއްވުމުން ވެރިކަމުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ތިން ނައިބު ރައީސުން އައްޔަނުކުރަންވެސްޖެހޭކަމަށާއި، އަދި މާ “ގަދަޔަށް ރިއެކްޓްކުރެއްވުމުން ވެރިކަން ވެއްޓެންވެސްް މެދުވެރިވާކަމަށް ވިދާޅުވެ ހިސާން ނުސީދާ ގޮތެއްގައި ފާޑުކިޔުން އަމާޒުކުރެއްވީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށެވެ.

މާ ބޮޑަށް ރިއެކްޓް ކުރުމުން ނިކުންނަށް ނުރަނގަޅު ނަތީޖާތައް ކިޔާދެއްވަމުން ހިސާން ވިދާޅުވީ ބައެއް ހާލަތްތަކުގައި މިކަމުގެ ސަބަބުން ވެރިކަންވެސް ދެމެހެއްޓެނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެންކަމަށެވެ. އަދި މާ ބޮޑަށް ރިއެކްޓްކުރެއްވުމުން ސްޕްރީމް ކޯޓުން ޓިނު ނަގައިގެން، ކޯޓުގައި ތިބޭ ފަނޑިޔާރުން ނެރެންޖެހޭކަމަށް ވިދާޅުވެ ހިސާން ނަން ވިދާޅުނުވެ ފާޑުކިޔުން އަމާޒުކުރެއްވީ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ.

އަނެއްބައި ފަހަރު މާ ގަދައަށް ރިއެކްޓް ކުރެއްވީމަ ވެރިކަން އެބަ ވެއްޓިގެންދޭ. އަނެއް ބައި ފަހަރު ކުއްލި ނުރައްކާގެ ހާލަތު އިއުލާންކޮށްގެން ނޫނީ ވެރިކަން ނުއެއް ދެމެހެއްޓޭ. ބައެއް ފަހަރު ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެތާ ތިއްބަވާ ފަނޑިޔާރުން ދަމާ ކޫތާ ނެރެން އެބަޖެހޭ.

އެފަދަ ރިއެކްޝަންތަކުގެ ނަތީޖާއަކީ ރައްޔިތުން މަގުމަތިވުންކަމުގައި ހިސާން ވިދާޅުއިރު، ގިނަ ބަޔަކު ރައީސް ސާލިހަށް އަމާޒުކުރާ އެއް ފާޑުކިޔުމަކީ ރިއެކްޓު ނުކުރުމުގެ ފާޑު ކިޔުމެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން ގެއްލުމުން ވީ ގޮތް ހަދާން ނައްތާލައިގެން ނުވާނެކަމަށް ރައީސް ސާލިހު ވިދާޅުވާކަމަށް ފާހަގަކުރައްވާ ހިސާން ވިދާޅުވީ އެ ހާލަތު ހަދާން ނުނެތޭނެކަމަށެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ހަމައަށް އެމްޑީޕީގެ ލަޝްކަރު އޮތީ އިހުތިޖާޖުގައިކަމަށާއި، މަގުމަތީގައި ނިކުމެ ތިބީ ގައުމަށް ހެޔޮ ވެރިކަމެއް ގެނައުމުގެ ބޭނުމުގައިކަމަށް ހިސާން ވިދާޅުވިއެވެ.

ބިރުވެރި ހާލުގައި އެމްޑީޕީ މަގުމަތީގައި ތިބީ ދިވެހި ރައްޔިތުންގެ ހައްގުގައި، ދިވެހި ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށްކަމަށް ހިސާން ފާހަގަކުރެއްވިއެވެ.

މި ޕާޓީގެ މެމްބަރުން އެތައް ގުރުބާނީއެއް ވެއްޖެ މަގުމަތީގައި. މިއަދު ހަމަޖެހިގެން ހިންދަމާލައިގެން ދިރިއުޅެވެން އޮތް ދުވަހު އަލުން އަނބުރާ ގައުމު ހަލަބޮލިކޮށް އަލުން އަނބުރާ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނޫން.

ރައީސް ސާލިހަށް އޭނާ ތާއީދުކުރައްވާ ސަބަބެއްކަމުގައި ހިސާން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ 4 އަހަރުގެ ތެރޭގައި ރައްޔިތުންނަށް ހޯދައިދެއްވި ހިތްފަސޭހަކަމާއި، ސިޔާސީ ހަމަޖެހުމުގެ ސަބަބުންކަމަށެވެ. އަދި އެއީ ރައީސް ސާލިހު އެބޭފުޅުންގެ ޗޮއިސްއަށްވާ ސަބަބުކަމަށް ވިދާޅުވިއެވެ. ވިސްނުންތެރިކަމާއިއެކު ތަފާތު ހިޔާލުތަކާއި، ހިޔާލް ތަފާތުވުންތަކުގެ ތެރެއިން ވެރިކަން ކުރެވޭނެކަން ރައީސް ސާލިހު ދައްކުވައިދެއްވައިފިކަމަށް ހިސާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: