ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ”ރިއެކްޓު“ ނުކުރީ ނަޝީދުގެ ބަރުލަމާނީ ހުށަހެޅުމަށާއި، ކޯލިޝަން ރުޅާލުމުގެ ހުށަހެޅުމަށް: ސަނީފް

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

”ރިއެކްޓު“ ނުކުރާކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވާ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން އަމާޒު ކުރާ ފާޑުކިއުންތަކަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ރައްދު ދެއްވައިފި އެވެ.

މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ އާއި އެކު، ޕާޓީގެ އެތެރޭގެ މައްސަލަތައް ވަނީ ބޮޑުވެފަ އެވެ. އިންތިހާބުގައި ރައީސް ސޯލިހުގެ އިތުރުން ދެން ވާދަ ކުރައްވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

ވާދަވެރިކަން ބޮޑުވެ، ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ ރައީސް ސޯލިހު ގައުމުގައި ހިނގާ ގިނަ ކަންކަމަށް ރިއެކްޓު ނުކުރާކަމަށް ބުނެފަ އެވެ. ރައްދުގައި ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުން ބުނީ، އާއްމު ގޮތެއްގައި ރިއެކްޓު ކުރާ ނަމަ ވެރިކަން ވެސް ވެއްޓި ބަަދަލުވާ ކަމަށެވެ. އަދި ރައީސް ސޯލިހު ވެސް ވަނީ އެމަނިކުފާނަށް އަމާޒު ކުރާ އެ ފާޑުކިއުންތަކުގެ ރައްދު ދެއްވާފަ އެވެ.

ރިޔާސީ ޕްރައިމެރީ އާއި ދިމާކޮށް ޕާޓީގެ އެތެރޭގައި ”ރިއެކްޓު“ ގެ މައުޟޫއެއް އައީ ކޮން ސަބަބަކާއި ހުރެ ތޯ އާއި ރައީސް ސޯލިހަކީ ”ރިއެކްޓު“ ނުކުރާ ބޭފުޅެއްކަމަށް ބުނެވިދާނެ ތޯ ސުވާލު ކުރުމުން ”ސަންގު ޓީވީ“ ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ސަނީފް ވިދާޅުވީ ރައީސް ނަޝީދުގެ އަމިއްލަ މަސްލަހަތާއި ފައިދާ އެކުލެވޭ ބައެއް ކަންކަމަށް އެމަނިކުފާނު ހުށަހެޅުވުމުން ރައީސް ސޯލިހު އެއާއި އެއްގޮތަށް ކުރިޔަށް ދާން ބޭނުން ނުވާތީ ”ރިއެކްޓު“ ކުރައްވާފައި ނުވާނެ ކަމަށެވެ.

ފެށުނީއްސުރެ ބޮޑުވަޒީރަކަށް ވުމަށް ރައީސް ނަޝީދު ބޭނުންފުޅު ވާތީ އެ ފުރުސަތު ފަހިކޮށްދޭން އެދި ތަކުރާރުކޮށް ހުށަހަޅެމުމަށް ފަހު ޕާޓީގެ ގައުމީ މަޖިލީހާއި ވެސް ބައްދަލު ކުރައްވައި މިއީ ހުރިހާ އެންމެނަށް ވެސް ފައިދާ ހުރި މަގާމާއި މެމްބަރުކަން ޔަގީން ކުރެވޭނެ ނިންމުމަކަށް ވާނެކަމަށް އެމަނިކުފާނު ދެންނެވިކަމަށް ސަނީފް ވިދާޅުވި އެވެ.

”އެއީ ތެދެއް ރައީސް ނަޝީދު އެދިލެއްވި ބައެއް ކަންކަމަށް ރިއެކްޓު ނުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު.. ކީއްވެ ތޯ ނުކުރެއްވީ.. މި ގައުމުގެ މަސްލަހަތަށްޓަކައި“ ސަނީފް

ސަނީފް ވިދާޅުވީ ރައީސް ނަޝީދު ބޭނުން ވީ ރައީސުލްޖުމްހޫރިއްޔާ ދަމަހައްޓަމުން އައި ކޯލިޝަނުގެ ގުޅުމަށް ނިމުމަކަށް ގެނެސް އެ ރުޅާލުމަށް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ބޭނުން ވި ގޮތުގެ މައްޗަށް އެއްވެސް ރިއެކްޝަނެއް ނުދެއްވާކަމަށް ވިދާޅުވި އެވެ.

އަމިއްލަ ބޭނުމަށް އެދި ހުށަހެޅި ހުށަހެޅުންތަކަށް ގަބޫލު ވެ ކުރިޔަށް ދާން ރައީސް ސޯލިހު ބޭނުން ނުވީ ގައުމުގެ ހަމަޖެހުމާއި ޕާޓީގެ މަސްލަހަތު އިސްކުރުމަށް ކަމުގައި ފާހަގަކޮށް ސަނީފް ވިދާޅުވީ ޕާޓީގެ އާއްމު މެމްބަރުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މަގުމަތީ ފަސް އަހަރު ހޭދަ ކުރަން ޖެހުނު ގޮތަށް ދުވަސްތައް ވޭތު ކުރުމަށް ބޭނުން ނުވާ ކަމަށެވެ.

ކުރިމަތިލުންތަކާއި ހަމަނުޖެހުންތަކަށް އަބަދު ޖާގައެއް ނުދެވޭނެކަމަށާއި، ހަމަޖެހިލައިގެން އުޅެވޭނެ މަގެއް އޮއްވައި އިތުރު ގޮތަކަށް ކުރިޔަށް ދާން ޖެހޭ ސަބަބެއް ނެތްކަމަށް ސަނީފް ވިދާޅުވި އެވެ. އަދި ހާއްސަކޮށް އެމްޑީޕީއަކީ އަބަދު މަގުމަތީ އުޅެން ޖެހޭ ޕާޓީއެއްކަމަށް ހީކުރާ ހީކުރުމަށް ޖާގަ ދޭން ބޭނުން ނުވާތީ އެކަމަށް ވެސް ރިއެކްޓެއް ނުކުރައްވާކަމަށް ސަނީފް ވިދާޅުވި އެވެ.

”އެންމެ ފުރަތަމަ އެދުނީ ކޯލިޝަން ރޫޅާލުމަށް.. އެކަމަށް ރިއެކްޓެއް ނުކުރި ތެދެއްމެ.. ކޯލިޝަން ރޫޅައެއް ނުލި.. ގައުމުގެ ހަމަޖެހުމަށްޓަކައި… މި ޕާޓީގެ މަސްލަހަތަށްޓަކައި..“ ސަނީފް

ސަނީފް ވިދާޅުވީ ގިނަ އަހަރުތަކެއްގެ މަސައްކަތުން ގެނައި އެމްޑީޕީގެ ދެވަނަ ވެރިކަމަށް ފުރަތަމަ ދިމާވި ހާލަތު އައުމަށް އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށެވެ. އަދި ހަމަޖެހުމާއި އަމާންކަން ރައީސް ސޯލިހު އިސް ކުރެއްވުމުގެ ނަތީޖާއަކީ 2018 ގައި އެކުލަވާލެވުނު ސަރުކާރާއި ކޯލިޝަނުގައި އެއްވެސް މައްސަލައެއް ދިމާ ނުވެ ކުރިޔަށް ދިއުންކަމަށް އޭނާ ވިދާޅުވި އެވެ.

”އިބްރާހިމް މުހައްމަދު ސޯލިހުގެ ދުރު ވިސްނުމުން މިކަންކަމަށް ރިއެކްޓު ނުކުރީމައި 2018 ގައި ލިބުނު ވެރިކަން މިހާ އަމާން އޮމާންކާމާއި އެކު ކުރިޔަށް މިދަނީ“ ސަނީފް

ސަނީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އޮތީ ސުޕަމެޖޯރިޓީއަކަށްވުމާއި އެކު ބަރުލަމާނީއަކަށް ދިއުމުގެ މަސައްކަތް ފެށުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ކަމަށެވެ.

”ހަމައެއާއި އެކު ރިއެކްޓު ނުކުރެއްވީ މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮވެމެ ބަރުލަމާނީއަކަށް ދިއުމަށް.. ބަރުލަމާނީ އަކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތުމުން އޭގެ ނާޖާއިޒް ފައިދާ ނަގައިގެން ހިންގޭނެ ކަމެއް ނޫން.. އެކަމަށް ރިއެކްޓެއް ނުކުރެއްވި.. ރިއެކްޓު ނުކުރެއްވީމާ އެކަން ގޯސްވީ“ ސަނީފް

ސަނީފް ވިދާޅުވީ ބަރުލަމާނީއެއް ގެނައުމުގައި ރައީސް ނަޝީދު ހުށަހެޅުއްވީ އެމަނިކުފާނަށް ބޮޑުވަޒީރުކަން އަދި ރައީސެއްގެ މަގާމުގައި ރައީސް ސޯލިހު ހުންނެވުމަށް ކަމަށެވެ. ނަމަވެސް ގައުމީ މަޖިލީހުގެ މެމްބަރުން އެގޮތް ބޭނުން ނުވިކމަަށް ސަނީފް ވިދާޅުވި އެވެ.

”ދާދިފަހުން ކްރޮސްރޯޑްސްގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ބުނީ ތިމަންމަނިކުފާނު މިކަމާއި ދުރުގައި ހުންނަން ވަރަށް މަސައްކަތްކޮށްފީމޭ.. ރާއްޖެއިން ބޭރުގައި ވެސް މަޑުކޮށްފީމޭ.. ތިމަންމަނިކުފާނަށް މިކަމާއި ދުރުގައި ނުހުރެވުނޭ.. އެހެންވީމާ ތިމަންމަނިކުފާނާއި އިބްރާހިމް މުހައްމަދު ސޯލިހު އާއި ދެމީހުން މި ގައުމުގައި އެންމެ މަތީގައި ތިބެނޭނެ ގޮތަށް ތިމަންނަށް އަށް ބޮޑުވަޒީރުކަން ލިބޭ ގޮތަށް ގާނޫނު އިސްލާހުކޮށްދީފިއްޔާ ތިބޭފުޅުންނަށް ވެސް އިތުރު ދައުރެއް ލިބިގެން ދާނެ.. އަޅުގަނޑުމެން އެކަމަށް ރިއެކްޓެއް ނުކުރިން.. ނުކުރީމާ އަޅުގަނޑުމެން އެމްޑީޕީ ބަޔަކަށް ނުވި.. މިވާހަކަ އަޅުގަނޑުމެން މީގެ ކުރިން ނުދައްކައި ތިބީ.“ ސަނީފް

ސަނީފް ވިދާޅުވީ ޕާޓީގެ އެތެރޭގައި ހިނގަމުން ދިޔަ މިފަދަ އަމަލުތަކުގެ ވާހަކަ މެމްބަރުން ނުދައްކައި އެތެރޭގައި ހިފެހެއްޓީ ޕާޓީގެ މަސްލަހަތަށްޓަކައި ކަމަށެވެ. އަދި ރައީސް ނަޝީދަކީ އެބޭފުޅުން ލޯބިވާ އަދި އިހުތިރާމް ކުރާ ބޭފުޅަކަށް ވާތީ ކަމަށެވެ. ނަމަވެސް މިއަދު މި ވާހަކަތައް ދައްކަން ޖެހެނީ އިތުރު ގޮތެއް ނެތިގެންކަމަށް އޭނާ ވިދާޅުވި އެވެ.

ކެމްޕެއިން ޖަލްސާތަކުގައި ރައީސް ސޯލިހު ވަނީ، ގައުމުގެ ހަމަޖެހުން އިސްކޮށް އެމަނިކުފާނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ އެންމެނާއި ގުޅިގެން، ތަފާތު ސިޔާސީ ފިކުރުތަކުގެ މީހުންނާއި އެކު ވެސް މަޝްވަރާ ކުރެވޭނެ ގާބިލުކަން ހުރީ އެމަނިކުފާނުގެ ކަމަށެވެ.

ކުރިޔަށް އޮތް ފަސް އަހަރަށް އިންތިހާބު ކުރާ ސަރުކާރެއް ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑަށް ވިސްނަން ވީ ކާމިޔާބީ ގެނެސްދެވޭނެ ވެރިއެއް ހޯދުމަށްކަމަށް ފާހަގަކޮށް ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ނިކުމެ ހުންނެވީ އެމްޑީޕީއަށް ކާމިޔާބު ހޯދައިދޭން ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގަމުން ދާއިރު އެކަމުގައި ބައިވެރިވެވި ރައްޔިތުންގެ އަޑު އިވެމުންދާތީ އޭގެއިން ފެނި ހާމަވާ އެންމެ ބޮޑު މަންޒަރަކީ އިންތިހާބުގެ ކާމިޔާބީކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު ނިކުމެ ހުންނެވީ އެމްޑީޕީއަށް އިތުރު ދައުރެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންގެ ވޯޓާއި އެކު ފަސް އިންތިހާބު ކާމިޔާބު ކުރައްވާފައިވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިންތިހާބުތައް ކާމިޔާބު ކުރާނެ ފޯމިއުލާ އާއި ރައްޔިތުންގެ ވޯޓު ހޯދާނެ ގޮތް އެމަނިކުފާނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި މެދު އެއްވެސް ޝައްކެއް ނެތްކަމަށާއި، އިންތިހާބު ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުންކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ވެސް ކާމިޔާބު ކުރަން ޖެހޭއިރު ރިޔާސީ ޓިކެޓު ހޯއްދަވާނީ ވެސް ބޮޑު ތަފާތަކާއި އެކުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: