ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ މަންފާ ހާސިލްކުރެވޭނެ މަގެއް ފެނުނިއްޔާ ނޫނީ ތިބޭ ހޮރުން ބޯވެސް ދިއްކޮށް ނުލާ!

ޝެއާރކޮށްލާ ކަހަލަދޯ؟

އަޅުގަނޑުމެންނަށް އަބަދުވެސް އިވޭ އަޑަކީ ގައުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ވަކި މީހަކު ވެރިކަމަށް ގެންނަންޖެހޭކަމުގެ ވާހަކައެވެ. އިގްތިސާދީ ހާލަތު ރަނގަޅުކުރޭވޭނީ ވަކި ބޭފުޅަކު ވެރިކަމަށް ގެނެސްގެންކަމަށް ރައްޔިތުންނަށް ދައްކައިދިނުމަށްޓަކައި ނުކުރާ މަސައްކަތެއް ނެތެވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓާ ދެވޭނީ ވަކި ވެރިއަކު ހުރެގެންކަމަށް ބުނެ އުފުލާ އަޑުތައްވެސް ސިޔާސީ މަޝްރަހުގައި މަޑެއް ނޫނެވެ. ވަކި ގައުމަކަށް ބަރޯސާނުވެ، ރާއްޖެ އޭގެ ޒާތުގައި އަމިއްލަ ފައި މައްޗަށް ތެދުވެވޭނީވެސް ވެރިކަމަށް ވަކި ބޭފުޅަކު އިންތިހާބު ކޮށްގެންކަމަށް ބުނެއެވެ.

ސިޔާސީ މަސައްކަތްތައް ކުރައްވާ ބޭފުޅުންގެ ހަމައެކަނި ބޭނުމަކީ ގައުމުގެ ހާލަތު ރަނގަޅުކޮށް، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުންކަމަށް ބުނެއެވެެ. މިއީ މިއަދުވެސް ސިޔާސީ ޕޯޑިއަމްތަކުގައި ގަދަޔަށް ދެކެވޭ ވާހަކަތަކެވެ. މި އަޑުތައް އަހާލަން ފަސޭހައެވެ. ދައްކަވާ ވާހަކަތައް ސާދާވެފައި ރީއްޗެވެ. ނަމަވެސް އިހުލާސްތެރިކަމާއިމެދު ސުވާލު އުފެދެނީ ދައްކަވާ ކޮންމެ ވާހަކަ އެއްވެސް ބުރު ޖަހާފައި ގޮސް ވެރިކަމާއި ގުޅޭ ހިސާބުންނެވެ.

ބޯހިޔާވަހިކަމުގެ މައްސަލައެއް ނަމަވެސް، ސިއްހީ ނިޒާމުގައި ހުރި ގޮންޖެހުންތަކެއް ނަމަވެސް ހައްލު ހޯދައިދެވޭނެކަމަށް ބުނަނީ ވެރިކަމުންނެވެ. ފެނާ ނަރުދަމާ އާއި ސާފު ބޯފެނާއި، ބަނދަރުފަދަ އަސާސީ ކަންތައްތައްވެސް ރައްޔިތުންނަށް ކޮށްދެވެން އޮތީ ވެރިކަން ލިބުމުންނެވެ. ކުރި ނާރާ ހުރި ހުރިހާކަމަކުން ފެށިގެން، މުޖުތަމައުގެ ތެރޭގައި ހުރި ހުރިހާ މައްސަލަތަކާއި، އިންސާފު ނުލިބިވާ ހުރިހާކަމެއްގެ ހައްލަކީވެސް ވެރިކަމެވެ.

ފައިސާވެރިންނެވެ. މުންސަދިންނެވެ. އަތުގައި ހުރިހާ ބާރުތަކެއް ނެތަސް، ވެރިކަމުގެ ތަހުތުގައި ނީދެވުނަސް ރައްޔިތުންގެ ހައްގުގައި ކަންކަން ކޮށްދެވޭނެ ފުދުންތެރިކަން ހުންނާނެއެވެ. ރަށެއްގެ ސުކޫލަކަށް އެހީއެއް ނުވެވޭންވީ ކީއްވެހެޔެވެ. ނޫނީ ހޮސްޕިޓަލަަކަށް ދަތިވެފައިވާ ކަމެއް ހައްލު ނުކޮށްދެވޭންވީ ކީއްވެހެއްޔެވެ. ބޭސް ފަރުވާ ހޯދުމުގައި ދަތިވެފައިވާ މީހަކަށް އެހީވެސް ވެދެވޭން އޮތީ ހަމައެކަނި ވެރިކަން ލިބުމުންނެވެ. ސަރުކާރާއިއެކު ކިތައްމެ ގާތުގައި، މަޝްވަރާ ދެވޭނެ ހިސާބުގައި އޮތް ނަމަވެސް އަޑު އުފުލަނީ ހަމައެކަނި ބޭފުޅުންގެ މަސްލަހަތު އޮތް ކަންކަމުގައެވެ. ރައްޔިތުންގެ ހައްގުގައި ކަމެއް ކޮށްދެވެން އޮތީ ވެރިކަން ހޯދައިދިނުމުން އެކަންޏޭ ބުނާ ކަހަލައެވެ.

މިއީ އެބުނާ ދުވަސްވަރެވެ. ގައުމުގެ އިއްޒަތްތެރިންނާއި، ކަމުވޮށިގެންވާ ބޭފުޅުންނަށް ނިކަމެތި ރައްޔިތު މީހާ ފެންނާނެ ދުވަސްވަރެވެ. އުމުރު އެކީ ސިޔާސީ މަސައްކަތްކޮށް، ރައްޔިތުންގެ ކަންތައްތައް ފުރިހަމަކޮށްދީ، އުއްމީދުތައް ހާސިލްކޮށްދިނުމަކީ ހަމައެކަނި ބޭނުމަކަށްވީ ސިޔާސީ ބޭފުޅުންނަށް ރައްޔިތުން ފެންނާނެ ދުވަސްވަރެވެ. ދައުރު ނިމެން ފަހު އަހަރަށް އަޅައި، އަނެއް އަހަރުގެ ރިޔާސީ އިންތިހާބު ގާތްވުމާއިއެކު ހިނގަމުންދާ ދައުރުގެ ތެރޭގައި ނުވިހާ ކަމެއް ކޮށްދޭން ރައްޔިތުންނަށް ވައުދުވާނެއެވެ. ރައްޔިތުންގެ އިހުސާސްތަކާއި ޝަކުވާ އިވޭނެއެވެ. ދަންނަވަންތޯއެވެ. އެއީ ހަމަ ދުވަސްކޮޅެއްގެ ކަމެކެވެ.

ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ގައުމު ހަމަ މަގަށް އެޅުވުމަށްކަމަށް ބުނެ ސިޔާސީ ޕާޓީތަށް އުފައްދާ، ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާއިން މަންފާ ހޯދައިގެން ތިބެ، ކުރަންވަނީ ކީއްތޯއެވެ. އަމިއްލަ މަންފާ ހާސިލް ކުރެވޭނެ މަގެއް ފެނުނިއްޔާ ނޫނީ ތިބޭ ހޮރުން ބޯވެސް ދިއްކޮށް ނުލައެވެ. ކޮންމެ 5 އަހަރުގެ ދައުރެއްގެ 4 އަހަރު ފާއިތުވާއިރު ތިބިކަންވެސް އަންގާނުލައެވެ.

ބޭފުޅުންގެ ޖީބު ފުރާ ބާރުކޮށްދިން ރައްޔިތު މީހާއަށް ކަމެއް ކޮށްދޭން ޖެހުމުން، އެހީއަކަށް އެހުމުން އެދެނީ ވޯޓަށެވެ. އެ ވޯޓު ބޭނުންވާފަދަ އިންތިހާބެއް ކައިރިވުމުން ނޫނީ ރައްޔިތު މީހާ ނުވެސް ފެނެއެވެ. ރައްޔިތުން މަގުމައްޗަށް ނިކުމެ އެ ދައްކާ ވާހަކަތައް ނުވެސް އިވޭ ކަހަލައެވެ. އެހީއަށް އެދި ބޭފުޅުންނަށް އެ ފޮނުވާ ސިޓީތައް ހަމަ ނުލިބެނީތޯއެވެ؟

ހުރި މައްސަލަތަކަށް ރައްޔިތުން ބޭނުންވަނީ ދާއިމީ ހައްލެވެ. އަބަދުވެސް ރައްޔިތުން ފެންނާނެ ވެރިއެއްގެ އުއްމީދު ރާއްޖޭގެ ރައްޔިތުން ކުރެއެވެ. އިންތިހާބު ގާތްވީމާ ވީ ވައުދުތައް ފުއްދުމުގެ ސްޕީޑް އަވަސްކޮށް، މަޝްރޫއުތައް ހިންގާކަން ދެއްކުމަށްޓަކައި، އެއީ ކުރިއަށް ގެންދެވޭނެ މަޝްރޫއުއެއްތޯ ނުވަތަ ނޫންތޯވެސް ނުބަލައި ސަރުކާރު ކޮންމެސް ކުންފުންޏަކަށް މަޝްރޫއުތައް އެވާޑްކުރާ ވެރިން ދެކި ދެކި ދިވެހި ރައްޔިތުން ފޫހިވެއްޖެއެވެ. އިންސާފަށް ވާސިލްވުމަށޭ ބުނެ ތަހުގީގުތައް އިންތިހާބަށް މަދު ދުވަސްކޮޅަކަށްވީމާ ފެށުމުން ސުވާލު އުފެދޭނީ ހަމަ އިހުލާސްތެރިކަމާއިމެދުއެވެ.

އެހެންކަމުން 2023 ވަނަ އަހަރުގެ އިންތިހާބަށް ވޯޓު ހޯދުމަށް ރައްޔިތު މީހާ ގާތަށް ދާއިރު މިވީހާތަނުގައި، އެ ރައްޔިތު މީހާއަށް ކަންކުރި ގޮތް ހަދާން ނައްތާނުލުމަށް ސިޔާސީ ވެރިންނަށް އިލްތިމާސްކުރަމެވެ. ވޯޓު ހޯދަން ދާން ޖެހޭނީ ރައްޔިތު މީހާ ކައިރިއަކަށް ދަނެ، ރައްޔިތުންގެ ހައްގުގެ މައްޗަށް، އަމިއްލަ ސިޔާސީ މަންފާ އިސްނުކުރާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: