ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮގުހެކި ދިން ކަމުގެ ތުހުމަތުގައި ނަރީޝް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފި

ޕީޕީއެމްގެ ސެނެޓު މެންބަރު، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް، ރައީސް ޔާމީން އާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑަރ ކުރުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީޢަތުގައި ދޮގު ހެކިބަސް ދިން ކަމުގެ ތުހުމަތުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފިއެވެ.

ނަރީޝް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރިކުރުމާއި ގުޅޭ ގޮތުން ފުލުހުންގެ އިދާރާއިން މިހާތަނަށް މައުލޫމާތު ހިއްސާކޮށްފައި ނުވިނަމަވެސް ” ސަންގު” އަށް އެނގިފައިވާ ގޮތުގައި ނަރީޝް ޝަރީޢަތުގައި ދޮގު ހެކި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން ނަރީޝް ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ނަރީޝް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި ސަބަބު ސާފު ކުރުމަށް “ސަންގު: އިން ނަރީޝްއަށް ގުޅީ ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ ނަރީޝްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ވ، އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރ ކުރުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލުމާއިއެކު ފަސް މިލިޔަން ޑޮލަރުން ޖުރުމަނާކޮށް ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރ މަހުގެ 25 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް މިހާތަނަސް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެއް ނުވެއެވެ. ނަމަވެސް އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅިއިރު، އެ ދައުވާތަކުން ދިފާއުވުމަށް ރައީސް ޔާމީންގެ ފަރާތުން ވެސް ހެކި ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނި ޕީޕީއެމްގެ ސެނެޓު މެމްބަރު އަހުމަދު ނަރީޝާއި، އޭނާއާއި އެކު ޔޫސުފް ނައީމްގެ ގެއަށް ފައިސާ ގެންދިޔަކަމަށް ބުނާ އަބްދުﷲ އާއި މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.

މައްސަލައިގައި ނަރީޝްގެ ހެކި ބަސް ހުށަހަޅާފައި ވަނީ، ޔޫސުފް ނައީމްގެ ގެއަށް 01 މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ކަޅު ކުލައިގެ ދެ ދަބަހެއްގައި ގެންދިޔަކަން ސާބިތު ކުރުމަށެވެ. އަބްދުﷲ ހެކި ބަސް ދީފައި ވަނީ ނަރީޝާއި އެކު ކާރެއްގައި އެގެއަށް ގޮސްފައިވާތީ އެވެ. އަދި މުހައްމަދު އިސްމާއިލް ހެކި ބަސް ދިނީ، ރައީސް ޔާމީން ޑޮލަރު ގަންނަން ބޭނުން ވާތީ ގުޅުއްވައި އެކަން ހަމަޖެއްސުމަށް އެދުނުކަމަށް ސާބިތު ކުރުމަށާއި ޔޫސުފް ނައީމަކީ ޑޮލަރު ހަމަޖެއްސުމަށް ގުޅި ވިޔަފާރިވެރިންގެ ތެރެއިން އެކަކަށް ވާތީ އެވެ. ޝާހިދު ހެކި ބަސް ދިނީ، ރައީސް ޔާމީން ގުޅުއްވި ވަގުތު މުހައްމަދު އިސްމާއީލާއި އެކު އޭނާ ހުންނެވިކަން ސާބިތު ކުރުމަށެވެ.

ސައީދުގެ ހެކި ބަސް ހުށަހެޅީ، އެ ދުވަސްވަރު އޭނާ ހުންނެވީ އިކޮނޮމިކް މިނިސްޓަރަށްވުމާއި އެކު އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް، (އީވައިސީ) ގެ ބައްދަލުވުންތަކާއި ގުޅޭ ތަފްސީލު ދެއްވުމަށެވެ.

ހުކުމުގައި ނަރީޝްގެ ހެކި ބަހަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު އުފައްދާފައިވާ ހެކިތަކެއްކަން ގަބޫލު ކުރެވޭކަމަށް ވެއެވެ.

ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ހުކުމްގެ ރިޕޯޓުގައި ވަނީ ރައީސް ޔާމީންގެ ފަރާތުން ހެކި ބަސް ދިން ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށް ހުށަހެޅި ހެކިން ކަމަށެވެ. އަދި ހެކިންގެ ހެކި ބަހުގައި ކަނޑައެޅިގެން އޮޅުވާލުމުގެ ނިޔަތުގައި ބައެއް ވާހަކަތަކެއް ދެއްކިކަމަށާއި ބައެއް ކުދިކުދި ކަންތައް ހަނދާނުގައި ހުރިއިރު އެހެން ތަފްސީލުތައް ހަނދާނުގައި ނުހުންނަން ވީ ސަބަބާއި މެދު ހުކުމުގައި ސުވާލު އުފެއްދި އެވެ.

ޝަރީއަތަށް ހެކިން ކަނޑައެޅިގެން ދީފައިވަނީ ދޮގު ހެކިކަން ފާހަގަކޮށް، ހުކުމުގައި ވަނީ އެ ވަހަކަތަކުގައި ފުށު އެރުންތައް އެބަހުރި ކަމަށެވެ. އަދި ގިނައީ ދެކޮޅު ހަމަނުޖެހޭ، ބުއްދިއަށް ގަބޫލު ނުކުރެވޭ ވާހަކަތަކެއްކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެހެންކަމުން ހުކުމުގައި ބުނީ، މިއީ ވަކިގޮތަކަށް މަންޒަރެއް ދެއްކުމުގެ ބޭނުމުގައި ވަކި މަގްސަދެއް ހާސިލު ކުރުމަށް ހުށަހަޅާފައިވާ ހެކިންތަކެއްކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ.

ހުކުމުގައި ވަރަށް ތަފްސީލުކޮށް، ހެކިންގެ ވާހަކަތައް ހިމަނާފައި ވެއެވެ. އެގޮތުން، ފާހަގަކުރެވޭ ފުށުއެރުންތައް ހިމަނައި ބުނެފައި ވަނީ 01 މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާކަމަށް ވާ 15 މިލިއަން ދިވެހި ރުފިޔާ ޔޫސުފް ނައީމާއި ހަވާލު ކުރިކަމަށް ބުނާއިރު އެ މުއާމަލާތް ހިނގި ސީދާ ދުވަހެއް ނުވަތަ އަންދާޒާ ކުރެވޭ ދުވަހެއް ވެސް ހެކިން ހަނދާނުގައި ނެތް ކަމަށެވެ. ހާއްސަކޮށް ފައިސާ ހިފައިގެން ދިޔައީ ދުވާލު ވަގުތުގައި ތޯ، ނޫނީ ރޭގަނޑުގެ ވަގުތެއްގައި ތޯ ވެސް ހަނދާނުގައި ނެތްކަމަށާއި އެ ދުވަހު އެގެއަށް ގެންދިޔައީ ކަޅު ކުލައިގެ ދެ ދަބަސް ކަމާއި ފައިސާ ގެންދިޔައީ ކާރުގެ ފަހަތު ޝީޓުގައި ބަހައްޓައިގެންކަން ހަނދާނުގައި ހުރިއިރު ކުދިކުދި ތަފްސީލުތައް ހަނދާނުގައި ނެތުން އެއީ ހައިރާންވާ ވަރުގެ ކަމެއްގެ ގޮތުގައި ހުކުމުގައި ވެއެވެ.

ހުކުމުގައި ވަނީ ކާރުގެ ކުލަ އާއި، ރައީސް ޔާމީން ގުޅި ވަގުތު ހުރީ ގޭގައިކަން ވެސް ހަނދާނުގައި އެބަހުރި ކަމަށެވެ. ނަމަވެސް އަތުން ގުނިކަމަށް ބުނާ އެ ފައިސާ ގުނަން ހޭދަވީ ވަގުތެއް އޭނާއަށް ނޭނގުމަކީ އަޖައިބު ކުރުވުވަނިކަމެއްކަމަށެވެ. އެކަން ފާހަގަކޮށް، ގާޒީ އަހުމަދު ޝަކީލް އިއްވެވި ހުކުމުގައި ވަނީ، ނަރީޝް މައްސަލައިގައި ހެކި ބަސް ދީފައި ވަނީ ނުހިނގާކަމެއް ހިނގިކަމަށް ބުނެ ދޮގު ހެކި ބަސް ދިނުމަށް ތައްޔާރުވެގެން ކަމަށެވެ.

ނަރީޝާއި އެކު އެގެއަށް ދިޔަކަމަށް ބުނާ އަބްދުﷲ ރަޝީދުގެ ހެކި ބަހުގައި ފުށު އެރުންތަކެއް ހުރިކަމަށް ވެސް ހުކުމުގައި ވެއެވެ. އެގޮތުން އެ ފައިސާ އެންމެ ފުރަތަމަ ދޫވެހީގައި ގުނި ވަގުތު ތިބީ އިޝީނދެގެން ތޯ ނޫން ތޯ ސާފުކޮށް ނުދެވޭއިރު ރައީސްކަން ކުރައްވާ ބޭފުޅެއްގެ ގެއަށް އަބްދުﷲ ވަނީ ކިހިނެއްތޯ ކުރި ސުވާލަށް އޭނާއަށް ޖަވާބު ދެވިފައި ނުވާކަމަށް ހުކުމުގައި ވެއެވެ. އަދި 15 މިލިއަން ރުފިޔާ ހަވާލު ކުރުމުން، ދަބަހުގައި ހުރި ފައިސާގެ އަދަދު ހަމަތޯ ބެލުމެއް ނެތި ޔޫސުފް ނައީމް ފައިސާއާއި ހަވާލުވެ ލިޔުމެއްގައި ސޮއި ކުރުމަށް ބުނި ވާހަކަ ބުއްދިއަށް ގަބޫލު ނުކުރެވޭކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ނަރީޝްގެ ހެކި ބަހުގައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީން ގުޅުވައި ކަމަކަށް އެދުމުން އެގެއަށް ދިއުމުން އެދިވަޑައިގަތީ އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ޔޫސުފް ނައީމްގެ ގެއަށް ގެންގޮސް ދިނުމަށް ކަމަށެވެ. އެހާ ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތެއްގައި ރައީސް ޔާމީން އެހީއަށް އެދުނު ސަބަބެއްކަމަށް ނަރީޝް ވިދާޅުވީ ދެބޭފުޅުންގެ ދެމެދުގައި އޮންނަ ގުޅުމާއި އެމަނިކުފާނު އޭނާއަށް ކުރައްވާ އިތުބާރެވެ. އަދި އެކަން ތަފްސީލުކޮށްދެއްވަން އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށްކަމަށް ނަރީޝް ވަނީ ވިދާޅުވެފަ އެވެ.

އެ ފައިސާ ދޫވެހިން، ޔޫސުފް ނައީމް އޭރު ދިރިއުޅުނު ގެއަށް ގެންދިޔައީ އަބްދުﷲ އާއި އެކުކަމަށް ނަރީޝް ބުންޏެވެ. އަދި ހެކި ބަސް ނެގުމުގެ ބައިގައި އަބްދުﷲ ވިދާޅުވި ގޮތުގައި އޭނާ އާއި ޔޫސުފް ނައީމާއި ގާތް ގުޅުމެއް ނެތެވެ. ދެ މީހުން ބައްދަލުވީ ކެމްޕެއިން ދަތުރުގެއްގެ ތެރެއިންނާއި، ފައިސާ ހަވާލު ކުރުމަށް އެ ގެއަށް ދިޔަ ވަގުތު އެކަނިކަމަށް އެނާ ވިދާޅުވި އެވެ.

އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ އަކީ، 15 މިލިއަން ދިވެހި ރުފިޔާ އެވެ. އެހެންވެ ދައުލަތުން ވަނީ އެ ފައިސާ ގުނީ ކިހިނެއް ތޯ ނަރީޝާއި ވެސް ސުވާލުކޮށްފަ އެވެ. ނަރީޝް ވިދާޅުވީ އެ ފައިސާ ބުނީ އަތުން ކަމަށެވެ. ނަމަވެސް އެއީ ބަންޑަލް ގޮތަށް ތޯ އޭނާގެ ވާހަކައިން ސާފެއް ނުވި އެވެ. އަދި އެކަމަށް ހޭދަވީ ވަގުތާއި ގުޅޭގޮތުން ދައުލަތުން ތަކުރާރުކޮށް ކުރި ސުވާލަށް ނަރީޝް ވިދާޅުވީ ވަގުތު ސީދާ ހަނދާނެއް ނެތްކަމަށާއި ގާތްގަނޑަކަށް ހޭދަވީ ވަގުތު ވެސް ބުނަން ނޭނގޭ ކަމަށެވެ.

އެމްއެމްޕީއާރުސީހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ދިފާއުން ހުށަހެޅި ހެކިވެރިން ދޮގު ހެކިބަސް ދިން ކަމަށް ބުނެ ދައުލަތުން އައު ހެކިތައް ހުށަހެޅި އެވެ. މުއާމަލާތް ހިނގިކަމަށް ބުނާ ތާރީހުގައި ނަރީޝަކީ ސިފައިންގޭގެ އޮފިސަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. ދައުލަތުގެ ވާހަކަތައް އިއުތިރާޒުކޮށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ހާޒިރީގެ ރިޕޯޓަކުން އެއީ ދޮގު ހެކިބަހެއްކަމަށް ސާބިތުކޮށް ނުދެވޭނެ ކަމަށެވެ. ވަކީލުން ވިދާޅުވީ، ނަރީޝް ސިފައިންގޭގައި ވަޒީފާ އަދާކުރަމުން ރައީސް ޔާމީންގެ ގެއަށް ނުދާކަން ރިޕޯޓުން ނޭނގޭނެކަމަށެވެ.

ސިފައިންގޭގައި އަދާ ކުރަނީ ޝިފްޓު ޑިއުޓީކަމަށްވުމާއި އެކު، ހާޒިރީއިން އެހެން އިތުރުކަމެއް ސާބިތު ނުކުރެވޭނެކަން ވެސް ވަކީލުން ފާހަގަ ކުރި އެވެ. އެންމެ މުހިންމު ނުކުތާއެއްގެ ގޮތުގައި ވަކީލުން ފާހަގަކުރީ، ނަރީޝް ވަޒީފާއިން އޭރު ވަކި ކުރި ސަބަބެވެ. ސިޔާސީ މީހުންނާއި ގުޅުން ބާއްވާކަމުގެ ތުހުމަތަށް ނަރީޝް ވަޒީފާއިން ވަކި ކުރުމުން، އޭގެއިން ވެސް ނަރީޝް ދެެއްކެވި ވާހަކައަށް އިތުރު ބާރެއް ލިބޭކަމަށް ވަކީލުން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިފަދަ ބުހުތާންދޮގު ކީރިތިޤްރުޢާންގަ އަތްލައިފަ ހަދަންކެރުނު މީހަކުދެންނުކުރާނީ ކޮންކަމެއްތޯ؟ މިފަދަމީހުން ތަހުޤީގައް ހާޒިރުކުރުމަކުންނުފުދޭ، ވީއެންމެ އަވަހަކަށް ހައްޤް އަދަބުދީ ދެންވެސް މިފަދަ އަމަލްތައްކުރަންތިބި މީހުންނަށް އިބުރަތެއްދޭން އެބަޖެހޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: