ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ 17 އަހަރުގެ ހަޔާތުގައި ވެރިކަމަށް އައުމަށްޓަކައި ރައީސް މަސައްކަތެއް ނުކުރައްވާ: ވަހީދު

ހއ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު މަޖިލީހުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ 17 އަހަރުގެ ހަޔާތުގައި ދިވެހިރާއްޖޭގެ ވެރިކަމަށް އައުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންގެ ތެރެއިން ރައީސުލްޖުމްހުރިއްޔާގެ މަގާމަށް އައުމަށް އެންމެ ރަނގަޅު ބޭފުޅަކީ ކޮބައިތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ވަހީދު ވިދާޅުވީ އެމްޑީޕީ އުފެދިގެން އައިސް، މަސައްކަތްތަށް ކުރިއަށް ދިޔައިރުގައި ޕާޓީގެ މަގާމުތަކަށް އައުމުގެ ފުރުސަތު އެކި ގޮތް ގޮތުން އޮންނަކަމަށެވެ.

ވަހީދު ވިދާޅުވީ މިހާ ހިސާބަށް އައިރުގައި މިހާ ވާދަވެރިކޮށް އެމްޑީޕީގެ ޕްރައިމަރީއެއް ކުރިއަށް ގޮސްފައިނުވާކަމަށެވެ.

އެހެންވީމަ މުޅިން އަލަށް އަޅުގަނޑުމެންނަށް މި ޕާޓީގެ 17 އަހަރުގެ ހަޔާތުގައި ހިނގާކަމެއްގެ ގޮތުގައި މިކަން ވެގެން މި ދަނީ

2018 ވަނަ އަހަރު ވެރިކަމަށް އައުމަށްފަހު، މި ސަރުކަރުން ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށްޓަކައި ކޯލިޝަނާއިއެކު ރައީސް ސާލިހު ގެންދަވަނީ މަސައްކަތް ކުރައްވަމުންކަމަށް ވަހީދު ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ ރައީސް ސާލިހަކީ އެމްޑީޕީ އުފެދުނީއްސުރެ، ހުރިހާ ގޮތަކުން ޕާޓީގެ ދިރުމަށްޓަކައި ވަގުތުތައް ހޭދަކުރައްވައިގެން ހުންނެވި ބޭފުޅެއްކަމަށެވެ. އަދި ވަހީދު ފާޙަގަކުރެއްވީ އެމްޑީޕީގެ 17 އަހަރުގެ ހަޔާތުގައި ދިވެހިރާއްޖޭގެ ވެރިކަމަށް އައުމަށްޓަކައި ރައީސް އެއްވެސް މަސައްކަތެއް ކުރައްވާފައި ނެތްކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ސަލިހު ނިކުމެވަޑައިގަތީ، އެ ވަގުތުގެ ހާލަތު އޮތް ގޮތުން އެއީ ޕާޓީގެ ކުރި މަގަށް މުހިންމުކަމެއް ކަމުގައިވާތީކަމަށް ވަހީދު ވިދާޅުވިއެވެ. މިއަދާއި ހަމައަށްވެސް ރައީސް ސާލިހު ހުންނެވީ އެ ދުވަހު ހަވާލުކުރެވުނު މަސްއޫލިއްޔަތާއި އެކީގައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ރައީސް ސާލިހު ޕާޓީގެ މެންބަރުންގެ އިތުބާރު ހޯއްދަވައިފިކަމަށާއި، އެހެންކަމުން  ރިޔާސީ ޓިކެޓް ދިނުމަށް އެންމެ އެކަށޭނެ ކެޑިޑޭޓަކީ ރައީސް ސާލިހުކަމަށެވެ.

މިއަދާއި ހަމައަށް އައިރު އަޅުގަނޑުމެން ގަބޫލުކުރަން އެބަ ޖެހޭ އަސާސީ ހިދުމަތުގެ ގޮތުގައި ސާފު ބޯފެނެއް ލިބޭކައް ނެތް. ނަރުދަމާގެ ނިޒާމެއް ނެތް. އެހެންވީމަ މިއަދު އަޅުގަނޑުމެންގެ މި ސަރުކާރުން ކުރެވޭ މަސައްކަތަކީ ރާއްޖޭގެ ރައްޔިތުންނަށް ހައްގުވާ މިންވަރު، މި ޕާޓީގެ ވައުދު، މި ޕާޓީ ހަގީގަތުގައި އުފެދިގެން އައި ކަން ހާސިލްކޮށްދިނުމަށްޓަކައި މި މަސައްކަތްކުރެވިގެންދަނީ

މީގެ އިތުރުން ވަހީދު ވަނީ މި ސަރުކާރުގެ ކުޑަ އަދި ބޮޑު ރަށެއް ނުބަލައި ތަރައްގީ ގެނައުމުގެ ސިޔާސަތާއި ބެހޭ ގޮތުން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީއިން އަބަދުވެސް ދެއްކި ވާހަކައަކީ ރައްޔިތުންނަށް ހައްގުވާ މިންވަރު ނުލިބޭކަމުގެ ވާހަކަކަމަށެވެ. އަދި ދިވެހި ރައޔްިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހަމަޖެހިފައި ނެތްކަމުގެ ވާހަކަވެސް އެމްޑީޕީއިން ދެއްކިކަމަށް ފާހަގަކުރައްވާ ވަހީދު ވިދާޅުވީ، އެމްޑީޕީއިން ރައްޔިތުންނަށްވީ ވައުދަކީ ރައްޔިތުންގެ ހުރިހާ އަސާސީ ކަންތައްތަކެއް ފުއްދައިދިނުމުގެ ވައުދުކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިވެސް މަސައްކަތްކުރީ އެ ވައުދު ފުއްދުމަށްކަމަށާއި ނަމަވެސް އެކަން ކާމިޔާބުކުރެވިފައި ނުވާކަމަށެވެ.

އެހެންކަމުން މި ކަންތައް ހާސިލްކުރުމަށްޓަކަިއ ކުރެވޭ މަސައްކަތުގައި ތަފާތުކުރުން އުފައްދާނީ ކިހިނެއްކަމާއިމެދު އޭނާ ސުވާލުއުފެއްދެވިއެވެ. ވަހީދު ވިދާޅުވީ މި ސަރުކާރުން ކުރާ މަސައްކަތަކީ ޕާޓީގެ އަސާސްތަކާއި އެއްގޮތަށް މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުންކަމަށެވެ. ކުދި އަދި ބޮޑު ރަށެއް ނުބަލައި ތަރައްގީ ގެންނަމުންދަނީ އެމްޑީޕީއިންވީ ވައުދާއި އެއްގޮތަށް ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: