ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީން ނަޝީދު ނޫން މީހަކު ވެރިކަމަށް އައުމަށް ނޭދުމަކީ ރައީސް މައުމޫންގެ ފިކުރު: ޔައުގޫބް

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނޫން ބޭފުޅަކު ޕާޓީގެ ފަރާތުން ވެރިކަމަށް ވަޑައިގެންފާނެކަމަށް ހީފުޅުވެއްޖެ ހާލަތެއްގައި ޕާޓީއިން ބޭރުކޮށް ދުރައްޖެއްސުމަށް މަސައްކަތްކުރައްވާކަމަށް މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު އެމަނިކުފާނަށް ފާޑުކިޔުން އަމާޒުކުރައްވަމުންދަނީ އަރިސް ބޭފުޅުން މެދުވެރިކޮށް ކަމަށާއި އެހެނެންނަމަވެސް ރައީސް ސާލިހަށް އެންމެހާ ފާޑުކިޔުންވެސް އަމާޒުކުރައްވަމުންދަނީ އެމަނިކުފާނަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ޔައުގޫބްވަނީ އެ ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އެނާ ވިދާޅުވީ، ރައީސް ނަޝީދު ތާއަބަދު ވެރިކަމާއިގެން އުޅުއްވާތީ އަދި އެ ނޫން ވިސްނުމެއް އެމަނިކުފާނުގެ ސިކުނޑީގައި ނުހުންނަވާތީ ހަނދުމަފުޅު ނެތިފައިވާހެން ހީވާކަމަށެވެ. އަދި ރައީސް ނަޝީދާއި އަރިސް ބޭފުޅުން ދައްކަވާފައިވާ ވާހަކަތައް މީޑިއާތަކަށް ސާފުވާނެކަމަށާއި، އެމަނިކުފާނުގެ އިތުރުން އަރިސްކޮށް އުޅުއްވާ ބޭފުޅުންވެސް ވަނީ ރައީސް ސާލިހު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނަށްވެސް އެތައް ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައިކަމަށް އެނާ ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ، އެމްޑީޕީ ވުޖޫދަށް އައީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ “ހުދުމުހުތާރު” 30 އަހަރުގެ ދިގު ވެރިކަމާއި ދެކޮޅަށްކަމަށެވެ. އަދި ޕާޓީ އުފެދި ވެރިކަމަށްވެސް އައީ 30 އަހަރުގެ ތެރޭގައި އެކަކު ރާއްޖޭގެ ވެރިކަމުގައި ހުރުމަކީ ދިވެހިން ބޭނުންވާ ގޮތް ނޫންކަމަށް ދެކިގެން އެ ވާހަކަތައް ދައްކައި ވަކާލާތުކޮށްގެންކަމަށްވެސް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އާ ގާނޫނު އަސާސީ ފާސްކުރި ފަހުން ނުވަތަ އެމްޑީޕީ ވުޖޫދުވެގެން އައި ފަހުން މިހާރު 20 އަހަރާއި ގާތް ކުރަނީ ކަމަށެވެ. އަދި އެއީ ރައީސް މައުމޫނުގެ ވެރިކަމުގެ ތިން ބައި ކުޅަ ދެބައިކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، މި ހިސާބަށް އައި އިރު، އެމްޑީޕީގެ ވެރިކަމުގެ ވާހަކަތައް ދައްކަވަމުންދަނީ ރައީސް ނަޝީދު އެކަނިކަމަށެވެ.

“މި ހިސާބަށް އައި އިރު، އެމްޑީޕީގެ ވެރިކަން އެ ބަސް ރައީސް ނަޝީދު ނޫން ބޭފުޅަކު އެބަ ބޭނުންކުރައްވާތޯ، ނޫނީ ވެރިކަމަށް އަންނަން ރައީސް ނަޝީދު ނޫން ބޭފުޅަކަށް ފުރުސަތު ލިބޭތޯ، ރައީސް ނަޝީދު ނޫން ބޭފުޅަކަށް އެ ފުރުސަތު ލިބިވަޑައިގެންފާނެކަމަށް ހީފުޅުވަންޏާވެސް ޕާޓީއިން ބޭރު ނޫނީ ކޮންމެސް ގޮތަކުން ޕާޓީއާއި ހަމަ ދުރަށްޖެއްސޭތޯ އެ ބައްލަވަނީ” މެމްބަރު ޔައުގޫބް

ރައީސް ނަޝީދު ނޫން ބޭފޫޅަކަށް ވެރިކަމަށް އައުމުގެ ފުރުސަތު ލިބިގެންދޭތޯ ސުވާލު އުފައްދަވާ ޔައުގޫބް ވިދާޅުވީ، އެމަނިކުފާނު ނޫން ބޭފުޅަކަށް އެ ފުރުސަތު ލިބިވަޑައިގަތުމުގެ ފުރުސަތު އޮތް ހާލަތެއްގައިވެސް ޕާޓީއިން ބޭރުކޮށްލާ ދުރައްޖައްސާލާކަމަށެވެ.

އެނާ ވިދާޅުވީ، އެމްޑީޕީ އަދި ގައުމުގެ ވެރިކަމުގައިވެސް އަބަދު ހުންނަންޖެހެނީ ރައީސް ނަޝީދުކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި އެއީ އެމްޑީޕީގެ ސިޔާސަތާއި މުޅިން ހިލާފުކަމެއްކަމަށް ވިދާޅުވިއެވެ. އަދި އެކަކު އެތައް ޒަމާނެއް ވަންދެން ރާއްޖޭގެ ވެރިކަމުގައި ހުރުމަކީ އެމްޑީޕީގެ ސިޔާސަތާއި ފިކުރާއި ދުރުކަމެއްކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އެއީ ރައީސް މައުމޫން ފިކުރުގެ ކަމެއްކަމަށެވެ.

“އަބަދު ރައީސް ނަޝީދެއް ނޫން އެމްޑީޕީގެވެސް ނޫނީ މި ގައުމުގެވެސް ވެރިކަމަށް ހުންނަންޖެހެނީ، އެމްޑީޕީގެ ސިޔާސަތާއި މުޅިން ހިލާފުކަމެކޭ އެއީ އެމްޑީޕީ ވިސްނުމަކީ އެކަކު އެތައް ޒަމާނެއްވަންދެން މި ރާއްޖޭގެ މި ގައުމުގެ ވެރިކަމަށް ހުރުމަކީ އެއީ އެމްޑީޕީގެ ސިޔާސަތާއި އެމްޑީޕީގެ ފިކުރާއި މުޅިން ދުރު މާ ދުރު އެއީ ރައީސް މައުމޫނުގެ ފިކުރުގެ ކަމެއް އެއީ އެމްޑީޕީ އާއި ގުޅޭ ކަމެއް ނޫން، އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ އެ މަންޒަރެއް ނޫންތޯ” މެމްބަރު ޔައުގޫބް

އެހެންނަމަވެސް ޕާޓީގެ ތެރެއިން އެ މަންޒަރު ފެނިގެންދާކަމަށާއި، 2008 ވަނަ އަހަރާއި 2013، 2018 އަދި 2023 ގައިވެސް ރައީސް ނަޝީދު ވެރިކަން ބޭނުންވެވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެނާ ވަނީ ރައީސް ނަޝީދު ދާދި ފަހުން ޓެކްސީ ދުއްވާ ބޭފުޅުންތަކާއި އެކު ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި އެ ބޭފުޅުންގެ ޓެކްސީތައް ސަރުކާރަށް ނަގައި ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާ ވާހަކަތަކަށްވެސް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ޔައުގޫބް ވިދާޅުވީ، އަމިއްލަ ރައްޔިތުންގެ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫންކަމަށާއި އެފަދަ ގޮތަކަށް އަމިއްލަ ވިޔަފާރިތައްވެސް ސަރުކާރުން ބަހަލައްޓާނަމަ އެއީ “ކޮމިއުނިޒަމް” ކަމަށް ވިދާޅުވިއެވެ. އަދި އެ ވިދާޅުވާގޮތުން ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންފި ހާލަތެއްގައި ބޭނުންކުރައްވާނީ “ކޮމިއުނިސްޓު” ސިޔާސަތުތަކެއްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ އެމަނިކުފާނުގެ ސިޔާސަތުކަމަށްވީ ނަމަވެސް އެއީ ޕާޓީއާއި ގުޅުންހުރި ސިޔާސަތެއް ނޫންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: