ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯވިތަނުގައި އިތުރަށް ނީލަން ފިހާރަ ހިންގުމުގެ ހުއްދަ ނުދޭން ސިޓީ ކައުންސިލުން ނިންމައިފި

މާލޭގެ ދެކުނު ފަރާތު، ކުރީގެ އެއް ނަމްބަރު ކުނިކޮށި ހިމެނޭ "ނީލަން ފިހާރަ" އިގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހިންގަމުން އައި ނީލަން ފިހާރަ ކުރިން ހުރި ތަނުގައި ހިންގުމުގެ ހުއްދަ ދޫނުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އެގޮތަށް ނިންމާފައި ވަނީ، އެ ތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުމަށް ސަރުކާރަށް އެކި ފަހަރު މަތީން ހުށަހަޅައި މުދާތައް ހުސް ކުރުމަށް އެންގުމަށް ވެސް އެ ތަންފީޒު ނުކުރެވި ވަނިކޮށް ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެވެ. މިދިޔަ ހޯމަ ދުވަހު ނީލަން ފިހާރައިގައި ފަތިހުގެ 05:30 ހާއިރު ރޯވި އަލިފާންގަނޑު އެއްވެސް މިންވަރަކަށް ކޮންޓްރޯލް ނުކުރެވި އެ ސަރަހައްދަށް ފެތުރި މުޅި ތަން ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ. މި ހާދިސާގައި ނީލަން ފިހާރަ ކައިރީގައި ހުރި، މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކަމޮޑޭޝަން ބްލޮކު އެއްކޮށް ވަނީ އަނދާފަ އެވެ. އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ނުވީ ނަމަވެސް، އެ މީހުންގެ އަންނައުނާއި ރައްކައުކޮށްފައި ހުރި ފާއިސާތައް ވެސް ވަނީ އަނދާފަ އެވެ. އެ ބިދޭސީން މިވަގިތު ތިބީ ވަގުތީ ހިޔަލުގަ އެވެ.

އަލިފާނުގެ ހާދިސާއަށް ފަހު، ދިމާވި އެކި ދަތިތައް ފާހަގަކުރައްވައި މިއަދުގެ ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނީލަން ފިހާރަތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުމަށް ކައުންސިލުން 2021 ގެ އޮގަސްޓުގައި ބޭއްވި ބައްދަލުވުމެއްގައި ނިންމައި އެކަން ސަރުކާރުގެ އިދާރާތަކަށް އެންގުމުން ލިބުނު އެއްބާރުލުމެއް ނެތް ކަމަށެވެ. އެއަށް ފަހު ހިނގައިދިޔަ ހިތާމެރި ހާދިސާއަށް ފަހު އެފަދަ ދެވަނަ ހާދިސާއަކަށް ފުރުސަތެއް ނުދެވޭނެކަން ފާހަގަކޮށް މޭޔަރު ވިދާޅުވީ، ނީލަން ފިހާރަތައް ހުރިތަނުން އެހެން ތަނަކަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ކައުންސިލުން މިއަދު ނިންމީ ނީލަން ފިހާރަ މިހާރު ހުރި ތަނުގައި ދެން އެ ވިޔަފާރި ނުހިންގޭނެ ކަމަށާއި، އެތަން ހިންގަން މާލެ ނުވަތަ ހުޅުމާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ދޫކުރަން ސަރުކާރުގައި އެދުމަށެވެ. 11 މެމްބަރުންގެ އިއްތިފާގުން ފާސް ކުރި މި ނިންމުން ހުށަހެޅުއްވީ މުއިއްޒެވެ.

ޖަލްސާގައި މުއިއްޒު ވިދާޅުވީ އިންޑަސްޓްރިއަށް ވިލެޖަށް އެތަން ބަދަލު ކުރިޔަސް ވަކި ބަޔަކަށް އެތަން ދޫ ނުކުރާނެ ކަމަށާއި އޭގެ ބަދަލުގައި އެތަން ހިންގާނީ އޮންނަ އުސޫލުގެ ދަށުން ފުރުސަތަށް ހުޅުވާލައިގެން އެކަން ކުރަން ބޭނުންވާ މީހުންނަށް ކަމަށެވެ.

”ނީލަން ފިހާރަ ހިންގަން ސަރުކާރުން ޖާގަ ނުދެންޏާ ވާނެ ގޮތަކީ ނީލަން ފިހާރަ ނުވަތަ ސެކަންޑް ހޭންޑް މާކެޓް ވަގުތީ ގޮތުން ވިޔަސް މާލެ ސިޓީގަ ނެތިގެން ދާނެ، އެއީ ދެން އޭގަ އޮތް ނަތީޖާއަކަށް ވާނީ“ މޭޔަރު

ނީލަން ފިހާރަ އެ ސަރަހައްދުން ނަގަން މީގެ ކުރިން ވެސް ކައުންސިލުން ފާސް ކުރި އެވެ. އެހެންނަމަވެސް އެތަން އެހެން ސަރަހައްދަކަށް ބަދަލު ނުކުރެވުނީ އިތުރު ބިމެއް ދޫކޮށްފައި ނުވާތީ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ދުވަހު ”ސަންގު“ އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ސިނާއީ ސަރަހައްދުގައި އެކަމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައި ވަކިން ރައްކާތެރި ގޮތަކަށް ތަރައްގީ ކުރުމަށް ފަހު، އެ ތަން އެ މީހުންނާ ހަވާލު ކުރަން ރާވާފައިވާ ކަމަށާއި ނަމަވެސް ސަރުކާރުން އެ ބިން ދޫކޮށްފައި ނުވާ ކަމަށެވެ. އެގޮތުން މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކޮންމެހެން ހުންނަން ނުޖެހޭ ތަންތަނުގައި ހިތާމަވެރި ހާދިސާތައް ހިނގަމުންދާ އަދަދު މިހާރު ގިނަ ކަމަށާއި އެ ކަންކަން ހައްލު ކުރުމަށް އިންޑަސްޓްރިއަލް ސަރަހައްދު ބޭނުން ކުރުން މުހިންމުކަމަށް މޭޔަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: