ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ހާމަކުރަންޖެހޭ ބައެއް މައުލޫމާތުތައް ހާމަކުރުމަށް ވާދަވެރިން މަޖުބޫރު ކުރޭ: ނިޔާޒް

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަަކަދައްކަވަނީ. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ހާމަކުރަންޖެހޭ ބައެއް މައުލޫމާތުތައް ހާމަކުރުމަށް ވާދަވެރި އަނެއް ކެމްޕެއިން ޓީމުން މަޖުބޫރުކުރާކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންތަކުގެ ތެރެއިން ރޭ ހުޅުމާލެ ބްރައިޓްވޭ ސުކޫލުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޓީމުގެ ފަރާތުން ބޭއްވި “އިބޫ 2023” ޖަލްސާގައި ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ އާންމުކޮށް ކެމްޕެއިންނެއްގައި ނަމަ އޮންނާނީ އިދިކޮޅުކަމަށެވެ. ނަމަވެސް މި ކެމްޕެއިންގައި ތިބީ ވާދަވެރިންކަމަށް ވިދާޅުވިއެވެ.

ޕްރައިމަރީގައި ރައީސް ސާލިހާއި ވާދަކުރައްވާ ކެޑިޑޭޓު ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމަށް އިޝާރާތްކުރައްވާ ނިޔާޒް ވިދާޅުވީ، އެ ކެމްޕެއިން ޓީމުގައިވެސް ތިބީ އެބޭފުޅުންނާއި ގާތް، އަދި އިހުތިރާމުވެސް ކުރާ މީހުންކަމަށެވެ. ނިޔާޒް ވިދާޅުވީ ވާދަވެރި އަނެއް ކެމްޕެއިން ޓީމުން ކެމްޕެއިންކުރާއިރުގައި، ރައްޔިތުންނަށް ހާމަކުރަންޖެހޭ ބައެއް މައުލޫމާތުތައް ހާމަކުރުމަށް މަޖުބޫރުކުރާކަމަށެވެ.

އަޅުގަނޑުމެން ކެމްޕެއިން ކުރަނީ އެމްޑީޕީ ސްޓައިލްގައި، އަޅުގަނޑުމެންނަށް އިގޭ ކެމްޕެއިން ކުރަން.

އެގޮތުން ވަރަށް އޮޅޭ ގޮތަށް ވާހަކަދައްކަވާކަމަށް ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ ރައީސް ސާލިހުގެ ކެމްޕެއިންގައި އެހެން ފިކުރެއް ގެންގުޅޭކަމުގެ ވާހަކަ އެބޭފުޅުންދައްކަވާކަމަށެވެ. އެމްޑީޕީއަކީ ފިކުރެއްކަމަށާއި، އެ ފިކުރަކީ “ޖަޒީރާ ރާއްޖެ” ފިކުރާއި، އެ ފިކުރަކީ “ކުރިއަށްދާ ފިކުރު”  އަދި “ފަހަތައް ނުޖެހޭ ފިކުރު” ކަމަށް އޭނާ ވިދާޅުވިއެވެ. ނިޔާޒް ވިދާޅުވީ އެއީ ވަކި މީހަކު ގެންގުޅޭ ފިކުރެއްނޫންކަމަށާއި، އެ އުސޫލު އެމްޑީޕީއިން ނައްތާލައިފިކަމަށެވެ.

30 އަހަރު އެކެއްގެ ފަހަތުގައި އުޅެގެން ކަމު ނުގޮސްގެން އަޅުގަނޑުމެން މަގު މައްޗަށް ނިކުމެ، އެއީ ވެރިކަން ކުރުމުގެ ނިޒާމުގައި އޮތް ގޮތެއްކަމަށް އަޅުގަނޑުމެން ގަބޫލުނުކުރީ.

އެމްޑީޕީ އުފެއްދީ ވަކި މީހެއްގެ ފަހަތުން އެބުރޭ އުސޫލު ނައްތައިލުމަށްކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ ޕާޓީއެއްގައިނަމަ ލީޑަރުން ބަދަލުވާނެކަމަށް ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ އެއަށްފަހު ޖެހޭނީ އެ އަންނަ ލީޑަރަކާއިއެކު ޕާޓީ ތިބެ، ސިޔާސަތުތަކާއިއެކު ކުރިއަށްދިއުމަށްކަމަށެވެ.

ތިމަންނަމެން މި ނިކުތީ މި ސަރުކާރުގައި އެމްޑީޕީގެ ސިޔާސަތު ނެތީމައިކަމަށް ވާދަވެރި ފަރާތްތަކުން ބުނާކަމަށް ފާހަގަކޮށް ނިޔާޒް ވިދާޅުވީ އެނާއާއި، ރައީސް ސާލިހުގެ ކެމްޕެއިން ތަރުޖަމާނު އަދި ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ އާއި އެބޭފުޅުންގެ ކެޑިޑޭޓު ރައީސް ސާލިހަށްވުރެ ބޮޑަށް އެމްޑީޕީގެ ސިޔާސަތުތައް އެގޭނެ ބަޔަކު ނުތިބޭނެކަމަށެވެ.

މި ސަރުކާރުން ހިންގަނީ އެމްޑީޕީގެ ސިޔާސަތުކަމަށް ވިދާޅުވެ އޭނާ މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވީ ހިލޭ ޑިގްރީގެ ސިޔާސަތެވެ. އަދި ވިދާޅުވީ އެއީ އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންކަމަށެވެ.

16،000 އެތައް ދަރިވަރަކަށް އެކަން ލިބިގެން ދިޔައީ މި ސަރުކާރުގައި ހަމަ މި ވަޒީރުން ތިއްބަވައިގެން. ހަމަ ކޯލިޝަން ވަޒީރުން ތިއްބަވައިގެން. އެބޭފުޅުންގެވެސް ރުހުމާއި އެއްކޮށް. އެހެން ނަމަވެސް ހިންގަވަނީ އެމްޑީޕީގެ ސިޔާސަތު.

ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމަކީވެސް އެމްޑީޕީގެ ސިޔާސަތެއްކަމަށާއި، އެއީވެސް އެމްޑީޕީގެ މެނިފެސްޓޯގައި އޮތް ވާހަކައެއްކަމަށް ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ ކުރިން އޮތް ގޮތުން އެކަން ނުވިކަމަށެވެ. ނަމަވެސް މި ދައުރުގެ ތެރޭގައި އެކަން ކާމިޔާބުވީ އެމްޑީޕީގެ ސިޔާސަތު ތަންފީޒްކުރައްވަން ތިއްބެވި ބޭފުޅުން މޮޅުވީމައިކަމަށެވެ. ވިހެއުމުން ލިބޭ ޕެޓާނިޓީ ލީވް އާއި މިހުރިހާ ވާހަކަތަކީވެސް އެމްޑީޕީގެ މެނިފެސްޓޯގައި ހުރިކަންކަންކަމަށް ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ މި ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެކަން ކޮށް ނިންމައިފިކަމަށެވެ.

އެހެންކަމުން ޕާޓިގެ ސިޔާސަތުތައް ނުހިގާ ވާހަކަ އެ ދަންނަވަނީ ކިހިނަކުންކަން ނޭގޭކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި ވާދަވެރިން އެ ދައްކަވަނީ ވަކި މީހަކު ހުރެގެން އެމްޑީޕީގެ ސިޔާސަތުތައް ނުހިގާ ވާހަކައެވެ. ނަމަވެސް މިއީ ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫންކަމަށް ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ނިޔާޒް ވިދާޅުވީ ރައީސް ސާލިހަށް އޭނާ ތާއީދުކުރައްވަނީ ހުރި އާއިލީ ގުޅުމުގެ ގާތްކަމުން ނޫންކަމަށާއި، އަދި ރައްޔިތުން ހުދު އޭނާއަށްވެސް ވޯޓު ދީ އިންތިހާބު ކުރީ ރައީސް ސާލިހުގެ އާއިލާ މީހަކަށްވާތީ ނޫންކަމަށެވެ. ރައްޔިތުން އެބޭފުޅުން އިންތިހާބު ކުރީ އެމްޑީޕީގެ ސިޔާސަތުތައް ދަމަހައްޓާނެ ބަޔަކަށް ވާތީކަމަށް ނިޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: