ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫނު ކުރި ފަދަ ދިގު ވެރިކަމެއް ކުރުމަށް ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ފަދަ 30 އަހަރުގެ ދިގު ވެރިކަމެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވުމަށްޓަކައި ކުރިއަށް ގެންދާ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސާލިހުވަނީ 5 އަހަރުގެ ދައުރެއްވެސް ދިގުކަމަށް ވިދާޅުވެފައިކަމަށެވެ. އެހެންކަމުން އެފަދައިން ވިދާޅުވުމަށްފަހު، އިތުރު ދައުރެއް ހޯއްދެވުމުގެ ވާހަކަތައް ދައްކަވަމުންދިއުމާއި ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިތުރު ދައުރެއް ލިބިވަޑައިގެންފި ހާލަތެއްގައި، ގާނޫނުއަސާސީ އިސްލާހު ކުރައްވައިގެން ރައީސް ސާލިހު 3 ވަނަ ދައުރެއްގެ ވާހަކަތައްވެސް ދައްކާނެކަމަށެވެ. އަދި ދިވެހި ރައްޔިތުނަނަށް ގިނަ އަދަދެއްގެ ދައުރުތައް އަދާ ކުރެއްވި ވެރިއެއްގެ ވެރިކަން ފެނިފައިވާނެކަމަށާއި، އެހެންކަމުން ރައީސް މައުމޫނު ކުރެއްވި ފަދަ 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވުމުގެ ފުރުސަތު ދީގެން ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޑިމޮކްރެޓިކް އުސޫލުގެ ދަށުން ނޫންގޮތަކަށް ވެރިކަމަށް ބަދަލުތަކެއް ގެނައުމުގެ ހަނި ފުރުސަތެއްވެސް ދީގެން ނުވާނެކަމަށެވެ.

އެމްޑީޕީގެ މެމްބަރުން ސަރުކާރާއިމެދު ހިތްހަމަނުޖެހިފައިވާކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެކަން މެދުވެރިވެފައިވާ އެތައް ސަބަބެއް ވާކަމަށެވެ. އަދި ރައީސް ސާލިހު ބޯހިޔާވަހިކަމުގެ ވާހަކަތައް ދައްކަވާކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ކަނޑައިދިނުމަށް އެ ވިދާޅުވާ ގޯތިތައް އަދި އޮތީ ކަނޑު އަޑީގައިކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، 2019 ވަނަ އަހަރު ނިމި 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރު ނިމިގެންދިޔަ އިރުވެސް މާލޭގެ ރައްޔިތުންނަަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅެފައިނުވާކަމަށެވެ. އަދި 2022 ވަނަ އަހަރާއި ޖެހުނު އިރުވެސް އެންމެ ފްލެޓެއްވެސް އަޅަން ފަށާފައިނުވާކަމަށާއި އޭގެ އިތުރުން ގޯތި ދިނުމަށްވެސް އިންކާރު ކުރަމުންދިޔަކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ސާލިހު ގޯތި ކަނޑާނެކަމަށް އެއްބަސްވެވަޑައިގަތީ މާލޭގެ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީސް މެމްބަރުން އެކަމާއި އިހުތިޖާޖު ކުރެއްވުމުންކަމަށެވެ. އަދި އެއަށްފަހު، އަސްލަމް ގުޅީ ފަޅުގައި ދެތިން ރޮނގެއް އަޅުއްވާލެއްވިކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަދި އެހެނިހެން ބޭފުޅުންވަނީ ގޯތިތަކާއިމެދު ސުވާލު އުފައްދަވާފައިކަމަށެވެ. އަދި ކަޑަ ޖެހުމަށްފަހު ގޯތި ހަވާލު ކުރުމަށް ވިދާޅުވިކަމަށްވެސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ ސަރުކާރުން ކޮންމެހެންވެސް ހައްލު ކުރަންޖެހޭ މައްސަލައެއްކަމަށެވެ. އެހެންނަމަވެސް އެކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރައްވާފައި ނުވާކަމަށް ވިދާޅުވިއެވެ.

ސަރުކާރަށް އިތުރު ފާޑުކިޔުންތައް އަމާޒުކުރައްވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ ސްލޯގަން އަކީ އޮލިމްޕަހުގައި ބުނާހެން “އަންނަނީ” ކަމަށެވެ. އެހެންނަމަވެސް އަނެއް ކުއާޓަރުގައި އަންނާނެކަމަށް ވިދާޅުވިނަމަވެސް އެ ބުނާ ފިލްމެއް ނުފެންނަކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އޮލިމްޕަސް ހުޅުވާ ވާހަކަ އަންނަތާ ފަސް އަހަރުވެފައިވާކަމަށެވެ. އަދި އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތައްވެސް އަންނަތާ ފަސް އަހަރު ވެފައިވާކަމަށާއި އެތަންވެސް އޮތީ އޮތް ގޮތަށްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ދަރަނިތައް އިންތިހާއަށް މަތީގައި ހުރިކަމަށާއި އެހެނިހެން މަސައްކަތްތައްވެސް ކުރަމުންދަނީ އެ ސްލޯގަންގެ ދަށުންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: