އެއީ 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރެވެ. މަލްޓި ޕާޓީ ސިސްޓަމެއްގެ ދަށުން، ވާދަވެރި މާހައުލެއްގައި އިންތިހާބުގައި ވާދަ ކުރުމުގެ މަގު ފަހިކޮށްދޭ ފެހި ގާނޫނު އަސާސީއެއް އޮއްވައި އެތައް ބައެއްގެ އަތްތައް ބަނދެވި އެ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން އެއް ފަޅީގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމެވެ. މައިދާނުގައި ރައީސް ޔާމީން ނިކުމެ ހުންނެވި ނަމަވެސް، އޭރު އޮތް އެންމެ ބޮޑު ސުވާލަކީ ”ދެން ކާކު“ ހެއްޔެވެ؟
އެމްޑީޕީ އާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނަށް މުހިންމު ވީ އިންތިހާބަށް ނެރޭ ކެނޑިޑޭޓަކީ ރައީސް ޔާމީނާއި އިދިކޮޅު ސިފަތަކެއް ހުރި ބޭފުޅަކު ނެރުމަށެވެ. މަޑުމައިތިރި، ބަސް މަދު އެ ބުނާ ”އަން-ނެސެސަރީ ރިއެކްޓު“ ނުކުރާ ވެރިއެކެވެ. ރައްޔިތުންނަށް އެ ވިސްނުން ވިއްކުމަށް، އެބޭފުޅުންނަށް ފެނުނީ މަޖިލީހުގައި 25 އަހަރު ހޭދަ ކުރައްވައި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރުކަން ކުރައްވަމުން ގެންދެވި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ”އިބޫ“ ރިޔާސީ އިންތިހާބަށް ނެރުމަށެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ގޮތުން އެމްޑީޕީން ބުނީ، ރައީސް ސޯލިހާއި ސިޔާސީ ގޮތުން ހިޔާލު ތަފާތު އަދި އެ ޕާޓީއަށް ތާއީދު ނުކުރާ މީހުން ވެސް އިއްތިފާގު ވާނެ އެއް ވާހަކައަކީ އެމަނިކުފާނުގެ މަޑުމައިތިރި މަޝްވަރާއަށް އިސްކަން ދޭ ރިވެތި އަހުލާގެވެ.
ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަންވަން ދެން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރަކަށް ހުންނެވި ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާއެއަކަށް އެންމެ ފޯރިގަދަ ބައްދަލުވުމަކަށް ވާނީ 2018، ސެޕްޓެމްބަރު 08 ގައި ބޭއްވި ކާނިވާ ބޮޑު ޖަލްސާ އެވެ.
އެ ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ކޮންމެ ބޭފުޅަކު ވިދާޅުވީ، ”އިބޫގެ ހިކުމަތްތެރިކަމާއި، މަޑުމައިތިރި މިޒާޖާއި، ރުޅި އިސް ނުކުރައްވާ“ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ޖަލްސާގައި ދެއްވި ސްޕީޗަކީ ސިޔާސީ ޕޯޑިއަމަކުން މިހާތަނަށް އިއްވުނު އެންމެ ޖޯޝުން ފުރިގެން ވި، އަދި އެންމެ ވަރުގަދަ ސްޕީޗެވެ. ޖަލްސާ ނިމުމަށް ފަހު މުޅި ފޯކަސް ހުރީ، ވެސް އީވާ ދެއްކެވި ވާހަކައަށެވެ.
އެރޭގެ ޖަލްސާގައި އީވާ ވިދާޅުވީ، އަނިޔާވެރިކަމާއި ބޭއިންސާފަށް ބޯލަނބައި ދީލާލުމަށް އެއްވެސް ރައްޔިތަކު ތައްޔާރެއް ނޫން ކަމަށެވެ. އަދި ދިވެހި ގައުމު ސަލާމަތުގެ އައްސޭރިފަށަށް ގެންގޮސް، އިންސާފުގެ މަގަށް ރުޖޫއަވުމަށް އޮތް 2018، ސެޕްޓެމްބަރު 23 ގެ ވޯޓުގައި މަސައްކަތް ކުރުމަށް ގޮވާލި އެވެ.
އީވާ ވިދާޅުވީ، އިންތިހާބުގައި ވާދަ ކުރަނީ ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ ބައިވެރިޔާ އާއި، ”25 އަހަރު ދިވެހި ރައްޔިތުންނަށް މަންދޫބެއްގެ ގޮތުގައި މަސައްކަތްކޮށް ދެއްވި އެއްވެސް ކިލަނބުކަމެއް އަދި ތުހުމަތެއް ވެސް ނެތް“ ބޭފުޅެއް ކަމަށެވެ.
މިހާރު އެ ރާގު ބަދަލުވެ، ބުނާ ވާހަކައަކީ ރިއެކްޓެއް ކުރުމެއް ނެތް ކަމަށެވެ. ރައްޔިތުންގެ ހިތްހަމަނުޖެހުން އިންތިހާއަށް އިތުރުވެފައިވާއިރާއި، ސިޔާސީ ގޮތުން ދެކެވޭ އެއްވެސް ވާހަކައަށް ވެސް ރައީސް ރިއެކްޓެއް ނުކުރާކަމަށް މިހާރު ބުނަނީ އެމްޑީޕީގެ އިސްވެރިންނެވެ.
”ރިއެކްޓު“ ބަސް އުފެދުނީ 2019 ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދު ރާއްޖޭގެ އޮންލައިން މީޑިއާ ”މިހާރު“ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި ވާހަކައަކާއި ގުޅިގެންނެވެ. އެއީ ރައީސް އިންތިހާބު ވިތާ މާ ގިނަ ދުވަހެއް ނުވަނީސް ނެގި އިންޓަވިއުއެކެވެ. ނޫސްވެރިއާ ކުރި ސުވާލަކަށް ފަޒްނާ ވިދާޅުވީ، ކަމެއް ދިމާވެއްޖެ ނަމަ މާބޮޑަށް އެކަމަށް ރިއެކްޓު ކުރުމަކީ ރައީސް ސޯލިހުގެ ސިފައެއް ނޫން ކަމަށެވެ. އަދި އެކަމަކާއި މެދު ފުންކޮށް ވިސްނުމަށް ފަހު ނޫން ގޮތަކަށް ފިޔަވަޅެއް ނާޅުއްވާކަން ފާހަގަ ކުރި އެވެ.
”ކަމެއް ދިމާވެއްޖެ ނަމަ، އިބޫ ރިއެކްޓެއް ނުކުރައްވާނެ.. އަޅުގަނޑަށް ފާހަގަވޭ އިބޫ ރިއެކްޓެއް ނުކުރައްވާކަން.. ފަހަތަށް ޖެހިލައްވާފައި އެކަމާއި ދޭތެރޭގައި ވިސްނާފައި ނޫނީ ހަމަ ވަރަށް ކަމެއް ނުކުރައްވާނެ“ ފަޒްނާ ވިދާޅުވިއެވެ.
އިންޓަވިއުގައި ފަޒްނާ މިހެން ވިދާޅުވާ ބަސްކޮޅު ދައުރުވެގެން އައީ އަދި މާފަހުންނެވެ. އޭގެ ކުރިއަށް އެ ވާހަކަ ދެއްކެވީ، އިދިކޮޅުގެ އެކި ޖަލްސާތަކުގައި ރައީސް ޔާމީނެވެ. ރިޔާސީ ޓިކެޓާއި ހަވާލުވުމަށް، ކާނިވާ ސަރަހައްގުގައި 2022، އޮގަސްޓު 19 ގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ޑިމޮކްރަސީގެ ނިޒާމަކީ މާ ރަނގަޅު ނިޒާމެއްގެ ގޮތުގައި ބަޔަކަށް ގަބޫލު ކުރެވުނު ނަމަވެސް އޭގައި އެއްވެސް މާނައެއް ނެތީ ރައީސް ސޯލިހު ރިއެކްޓު ނުކުރައްވާތީ ކަމަށެވެ.
އޭގެ ދެ މަސް ފަހުން، ހއ. އިހަވަންދޫގެ ޖަލްސާއެއްގައި ރައީސް ޔާމީން އަނެއްކާ ވެސް ރައީސް ސޯލިހު ރިއެކްޓު ނުކުރާކަމަށް ތަކުރާރު ކުރި އެވެ. ވިދާޅުވީ، އެމަނިކުފާނަކީ ކަންކަމުގައި ރިއެކްޓު ކުރެވޭ ބޭފުޅެއް ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތައް އައުމުން، ތިން ދުވަސް ވަން ދެން އެކަމާއި މެދު ވިސްނަން ނުހުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރިއެކްޓުގެ ވާދަވެރިކަން ފެށުނު ހިސާބަކީ މިއީ އެވެ. ރިޔާސީ ޕްރައިމެރީގެ ކެމްޕެއިނެއްގައި ރައީސް ނަޝީދު ވަރަށް ބޮޑަށް ރައީސް ސޯލިހަށް ފާޑުވިދާޅުވެ ތަކުރާރުކޮށް ރިއެކްޓުގެ ވާހަކަ ދެއްކެވި އެވެ. ސަލްޓަން ޕާކުގައި، ޑިސެމްބަރު 29 ގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މެނިފެސްޓޯއެއްގައި ވައުދުތަކުގެ ލިސްޓެއް ހިމަނާފައިވާނެ ކަމަށެވެ. ބޯހިޔާވަހިކަން ފޯރުކޮށް ދީ، ތާހިރު ދިރިއުޅުމެއް ފޯރުކޮށްދިނުމަށް ވީ ވައުދުއި މާލޭގެ ބޯހިޔާވަހިކަމަށް ވީ އެއްވެސް ވައުދަކަށް ރިއެކްޝަނެއް ސަރުކާރުގެ ތެރޭގައި ނެތްކަމަށް ވިދާޅުވި އެވެ. އޭގެ ތިން ދުވަސް ފަހުން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝިދު، ރައީސް ސޯލިހަށް ގޮވާލެއްވީ ހެނދުނު ހޭލައި ރިއެކްޓު ކުރުމަށެވެ. ގައުމުގެ މައްސަލަތަކަށް ރިއެކްޓު ކުރުމަށެވެ.
ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ފުރަތަމަ ”ރިއެކްޓު“ ކުރީ ރައީސަށް ތާއީދު ކުރާ މެމްބަރުންނެވެ. އެގޮތުން، ރައީސް ނަޝީދަށް ރައްދު ދީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރައީސް ސޯލިހަކީ ރައީސް ނަޝީދު ގޮތަށް ރިއެކްޝަން ދެއްވާ ބޭފުޅެއް ނޫން ކަމަށެވެ.
މާރިޔާ ވިދާޅުވީ، ރިއެކްޓު ކުރުން އެއީ އެމްޑީޕީގެ ސިފައެއް ނޫން ކަމަށެވެ. ހަމަ އެރޭގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވީ، ރައީސް ރިއެކްޓު ނުކުރާކަމަށް ހީވީ ނަމަވެސް ސަރުކާރު ދަނީ ރަނގަޅަށް ކަމަށެވެ. އަދި ރައީސް ނަޝީދު ގޮތަށް ”ކެބިނެޓު އިސްތިއުފާ ދޭ އުސޫލުން“ ރިއެކްޓު ކުރަން ނުޖެހޭކަމަށް ވިދާޅުވި އެވެ.
މިއާއި އެކު އެންމެން އިންތިޒާރު ކުރީ ރައީސް ސޯލިހުގެ ރިއެކްޝަނަކަށެވެ. ޖެނުއަރީ 04 ގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ދެއްވި ރިއެކްޝަން ވަރަށް ވެސް ފައްކަލެވެ. އެހާމެ ގަދައެވެ. ރިއެކްޝަން ފެއްޓެވީ 2012 ގައި ވެއްޓުނު ވެރިކަމާއި، 2008 އިން ފެށިން އެ ތާރީހާއި ހަމައަށް ސޮއި ކުރި މަޝްރޫއުތަކާއި ހަމައިންނެވެ. ހަނދާނަށް ގެންނެވީ، އެމްޑީޕީއަށް އެމްޑީޕީގެ ފުރަތަމަ ވެރިކަމާ ކުރިމަތިލާން ޖެހުނު ބޮޑު ނާކާމިޔާބީތަކެވެ.
ރައީސް ނަޝީދުގެ ނަން ނުގެނެސް، ވާހަކަ ދައްކަވައި ރައީސް ސޯލިހު ރިއެކްޓްކޮށް ވިދާޅުވީ 2008 ގައި ފުރަތަމަ ބުރުގައި އެމްޑީޕީއަށް ލިބުނީ މުޅި ޖުމްލަ 25 އިންސައްތަ ކަމަށެވެ. އިންތިހާބު ކާމިޔާބު ކުރުމަށް އެކުލަވާލި ކޯލިޝަން ރޫޅެން ދެ މަސް ދުވަސް ނުނެގިކަން ފާހަގަކޮށް، އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމިގެން ދާއިރު ވެސް ކޯލިޝަން ދެމި އެބައޮތްކަން ފާހަގަ ކުރި އެވެ.
2013 ގައި ރައީސް ނަޝީދާއި އެކު ކޯލިޝަން ހަނދާނެ ބަޔަކު ނުވީ، އެމަނިކުފާނާއި އެކު މަސައްކަތް ކުރަން ބޭނުންވާ އެއްވެސް ޕާޓީއެއް ނެތުމުގެ ސަބަބުންކަމަށް ދޭހަވާ މޭރުމަކުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނަކީ މި ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާކޮށް އެއްކޮށް މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ކަމަށެވެ.
ބޯހިޔާވަހިކަމާއި، ރަށްތަކުގެ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކައަށް ވެސް ރައީސް ސޯލިހު ”ރިއެކްޓު“ ކުރެއްވި އެވެ. ވިދާޅުވީ 2008 ގައި އުފެދުނު ވެރިކަމުގައި ނަރުދަމާ އާއި ފެނުގެ އެންމެ މަޝްރޫއެއްގައި ސޮއި ކުރިއިރު އެމަނިކުފާނުގެ ފުރަތަމަ އަހަރުގައި އެކަނިވެސް 140 އަށް ވުރެ ގިނަ މަޝްރޫއު ކުރިޔަށް ދިޔަ ކަމަށެވެ.
”އަޅުގަނޑު އެކަން ކުރާނީ، ކުރެންދޫ ރައްތިތުންނަށް ކަނޑުން އެއްހާސް ގޯތި ދޭ ގޮތަކަށް ނޫން“ ރައީސް ސޯލިހުގެ ރިއެކްޝަންގެ ޖަވާކަށްވިއެވެ.
ކުރެންދޫ މިސާލު ރައީސް ޖެއްސެވީ، ރައީސް ނަޝީދަށް އަމާޒުކޮށެވެ. 2022، މާޗު 19 ގައި އެ ރަށުގައި އޮތް ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވީ ކުރެންދޫ އާއި ދިމާ ބޭރުން ކަނޑުން 1000 ގޯތި ދޫކުރެވޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މާލެ އަތޮޅު ބޭރުގައި ފްލޯޓިން ސިޓީއެއް ހެދުމުގެ މަސައްކަތް ނެދަލޭންޑްސްގެ ކުންފުންޏަކުން ކުރަމުން ގެންދާ ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ އެހީގައި މަސައްކަތް ކުރެވޭނެކަމަށް ވިދާޅުވި އެވެ.
ދެން ރައީސް ނަޝީދު ފާޑުވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް ގެނައުމަށް މަސައްކަތްކޮށް އެކަމަށް ކާމިޔާބީ ހޯދިގޮތަށް، ވެރިކަމުން ބާލުވަން ވެސް މަސައްކަތް ކުރާނެކަމަށް ވިދާޅުވެ އެވެ.
ވެރިކަމުގެ އިތުރު ދައުރެއް ދިނުމަށް އެދި ރައީސް ސޯލިހު ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ރައީސް ނަޝީދު އެންމެ ގިނައިން އެމަނިކުފާނަށް އަމާޒުކޮށް ދައްކަވާ ވާހަކައަކީ އެމްޑީޕީގެ އަސާސްތަކާއި ސުލޫކުތަކައި ހިލާފުވެގެން އެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އަދި ރައްޔިތުން މި ވެރިކަން ދެކެ ފޫހިވެފައިވާކަމަށާއި ރައީސް މަސައްކަތް ކުރައްވަނީ ކަންބޮޑުވުންތަކަށް ރިއެކްޓެއް ކުރުމެއް ނެތިކަމަށް ދެކެވޭ ވާހަކައިގެ ރައްދަށް ރައީސް ސޯލިހު ވިދާޅުވަމުން ގެންދަވަނީ 2012 ގައި ވެރިކަން ބަދަލުވެގެން ދިޔަ ގޮތެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހަށް ވެރިކަމަށް އާދެވުނީ ވެސް އެމަނިކުފާނުގެ ސަބަބުން ކަމަށެވެ. ނުވަތަ ވެރިކަމަށް ގެނައީ އެމަނިކުފާނުކަމަށާއި، އެހެންކަމުން ވެރިކަމުން ބާލުވަން ވެސް އެ މަސައްކަތް ހަމަ އެގޮތަށް ކާމިޔާބު ކަމާއި އެކު ކުރާނެކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ގަބޫލު ކުރާ ގޮތުގައި، ރައްޔިތުން ރައީސް ސޯލިހަށް ވޯޓު ދިނީ އެމަނިކުފާނު އެގޮތަށް ރައްޔިތުން ކައިރީ އެދުމުންނެވެ.
”ވެރިކަމަށް ގެނައީ އަޅުގަނޑު، އެމަނިކުފާނު ވެރިކަމުން ބާލާނީ ވެސް ހަމަ އަޅުގަނޑު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން..“ ރައީސް ނަޝީދު
ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރެވޭނެ އެއްވެސް ހާލަތެއް ނެތްކަމަށް ތަކުރާރު ކުރައްވައި މިދިޔަ ހަފްތާގައި އަތޮޅު ތެރޭގެ ދަތުރެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރައްޔިތުންނާއި އެމްޑީޕީގެ އާއްމު މެމްބަރުން ތިބީ ރައީސް ސޯލިހަށް އިތުރު ދައުރެއް ދޭ ގޮތަކަށް ނޫން ކަމަށެވެ. އަދި އޭގެ ސަބަބުތައް ވެސް ވަރަށް ބައިވަރުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝިދު ވިދާޅުވީ ރައީސް ސޯލިހަށް ވޯޓު ދޭން ބޭނުން ނުވާތީ، މި ފަހަރު އެމަނިކުފާނު ވިދާޅުވެގެން ވެސް ވޯޓެއް ނުދޭނެކަމަށް ރައްޔިތުން ބުނަމުން ދާކަމަށެވެ. ގިނަ އާއްމުންގެ ބަހަކީ 2018 ގައި އެބޭފުޅުން ރައީސް ސޯލިހަށް ވޯޓު ދިނީ “އަންނި ބުނެގެން” ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
”ތިބޭފުޅުން.. އެބޭފުޅާއަކަށް ވޯޓު ދޭން ތައްޔާރަކަށް ނޫން ތިތިބީއެއް.. އެތަން މިތަނުން އަޅުގަނޑު ގާތުގައި އެބަ ބުނޭ.. ދެން ބައެއް ބޭފުޅުން އެބަ ބުނޭ ދެން އަންނި ބުންޏަކަސް ވެސް އޭނާއަކަށް ވޯޓެއް ނުދޭނަމޭ“ ރައީސް ނަޝީދު
ރައީސް ނަޝީދު ދެއްކެވި ވާހަކައިގެ ރައްދުގައި ބްރައިޓްވޭ އިންޓަނޭޝަނަލްގައި އޮތް ހުޅުމާލެ ދާއިރާ ބައްދަލުވުމުގައި އޭގެ ޖެހިގެން އައި ދުވަހު ރައީސް ވިދާޅުވީ ވެރިކަން ނޫން އިތުރު ހިޔާލެއް އަދި އެހެން ވާހަކައެއް ވެސް ނުދައްކަނީ ކޮން ބޭފުޅެއްކަން ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ.
ވެރިކަން ހޯދުމަށް ނިޒާމަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރެއްވީ ކޮން ބޭފުޅެއްތޯ ސުވާލު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން އެކަކަށް އެންމެ ގިނަ ވެގެން ހުރެވޭނީ ރިޔާސީ ދެ ދައުރަށް ކަމަށެވެ. އެހެންކަމުން، އެމަނިކުފާނަކީ ތިން ވަނަ ދައުރެއް ހޯދުމުގެ ނިޔަތުގައި ގާނޫނަށް އެއްވެސް ބަދަލެއް ގެންނާނެ ވެރިއެއް ނޫންކަމަށް ވިދާޅުވި އެވެ.
”ވެރިކަން.. ވެރިކަން ނޫން އެއްޗެއް ނެތް.. ނިޒާމު ބަދަލުކޮށްގެން ވިޔަސް.. އަދި ގާނޫނު އަސާސީ ބަދަލުކޮށްގެން ވިޔަސް ވެރިކަމަށް އަންނަނީ ކޮން ބޭފުޅެއްކަން، ކާކުކަން ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ.“ ރައީސް ސޯލިހު
ރައީސް ނަޝީދަށް ރައްދު ދެއްވައި، ރައީސް ދެއްކެވި ވާހަކައިގައި އެމަނިކުފާނުގެ ނަމެއް ބޭނުން ނުކުރައްވަ އެވެ. އެ މައުޟޫއު ފައްޓަވަމުން ވިދާޅުވީ މިއަދު މީޑިއާތަކުގައި ވަކި ބޭފުޅަކު ވިދާޅުވިކަމަށް ކަވަރުކޮށްފައި ހުރި ހަބަރުތަކުގެ ތެރޭގައި ގާނޫނު އަސާސީ ބަދަލުގެން ވިޔަސް ދައުރުތައް އިތުރު ކުރުމުގެ ވާހަކަތައް ލިޔެފައިވާ ކަމަށެވެ.
ވެރިކަން ހަވާލު ކުރި ގޮތަށް، ވެރިކަމުން ބާލުވަން ވެސް މަސައްކަތް ކުރާނެކަމަށާއި، ދެން އެމަނިކުފާނު ބުނެގެން ވެސް ވޯޓު ދޭނެ އާއްމު މެމްބަރެއް ނުހުންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކައިގެ ރައްދުގައި ރައީސް ސޯލިހު ވިދާޅުވީ ވެރިކަމަކީ ވަކި މީހަކު ދޭ އެއްޗެއް ނޫން ކަމަށެވެ. އަދި އޭނާ ބޭނުން ވުމާއި އެކު ވެރިކަމަކުން ދުރު ނުކުރެވޭނެކަމަށް ވިދާޅުވި އެވެ.
”ކެމްޕެއިން ހަރަކާތް ކުރިޔަށް ގެންދާއިރުގާ ނޫސްތަކުގައި ލިޔެފައި ހުންނަ ސުރުހީތައް އަޅުގަނޑަށް ކުޑަކޮށް ބަލާލެވޭ.. އެއްކަމަކަށް އަޅުގަނޑަށް ފާހަގަ ކުރެވުނު ސުރުހީއެއްގައި މިއަދު އޮތީ ވެރިކަން ދިނީ ވެސް ތިމަންނާ އޭ… ވެރިކަން ބަދަލު ކުރާނީ ވެސް ތިމަންނާ އޭ.. ވަރަށް ފުންކޮށް ވިސްނަން އެބަ ޖެހޭ.. ކާކަށް ތޯ، އެހެން މީހަކަށް ވެރިކަމެއް ދެވޭނީ.. ވެރިކަމެއް ބަދަލުވެ ވޭނީ.. އަޅުގަނޑު ހިތުން އިންސާނުންނަށް.. ﷲ ގެ އަޅުންނަށް އޮންނަ ކަމަކީ މަސައްކަތް ކުރުން.. ވެރިކަމަކީ އެފަރާތުން ދެއްވާ އެއްޗެއް.. އަޅުގަނޑަށް މި މަގާމަށް އާދެވުނީ ﷲ ގެ އިރާދަފުޅާއި އެކު އެތައް ބައެއްގެ ތާއީދާއި އެކު.. އަޅުގަނޑަށް މި މަގާމުގައި ދެމި މި ހުރެވެނީ މީހެއްގެ ތާއީދަކުން ނޫން“ ރައީސް ސޯލިހު
މީގެއިތުރުން ރައީސް ސާލިޙް ވިދާޅުވީ އެމަނިކުފާނު ތާއިދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށާއި ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވާނަމަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ. ރައީސް ސާލިޙް މިފަދައިން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅަށް ރައްދު ދެއްވައެވެ. ހަގީގަތުގައި ރައީސް ސާލިޙްގެ ބަރުލަމާނީ ރިކެކްޝަނަކީ ރައީސް ނަޝީދު ބަރުލަމާނީއަށް ތާއިދުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ބޭފުޅަކު ރައީސް ކަމަށް ވާދަ ކުރައްވާތީ ކުރެއްވި ރިއެކްޝަނެކެވެ.
ކޮންމެއަކަސް، ރައީސް ނަޝީދުގެ ވާހަކަތަކަށް ރައީސް ސޯލިހު ދެއްވާ ރިއެކްޝަންތައް މިހާރު މާ ވަރުގަދަ އެވެ. ”ސްލޯ“ ގެ ނަމުންނާއި، އެކި ނަންނަމުން ރައީސަށް މުހާތަބުތައް އަމާޒުވާއިރު އެކި މީހުންގެ ޝުއޫރުތައް ހުރި ގޮތް ތަފާތެވެ.
ހަރުގޭގެ ޖަލްސާގައި، ރައީސް ސޯލިހު ވިދާޅުވީ ކިތަންމެ މަލާމާތަކާއި ފާޑުކިއުންތަކެއް އަމާޒު ކުރިޔަސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ވެސް ދައްކާ ވާހާކައަކީ އެއީ އެވެ. ނަމަވެސް، ރައީސް ނަޝީދުގެ ފެކްޝަނުން ގަބޫލު ކުރާ ގޮތުގައި އެއީ އެއްވެސް ބުރަދަނެއް ހުރި ރިއެކްޝަނެއް ނޫނެވެ.
ރިއެކްޝަނުގެ ތެރެއިން، ރައީސް ނަޝީދު އެންމެ ފަހުން ކުރެއްވި މަލާމާތުގައި ވިދާޅުވީ ”އަންނަނީ، އަންނަނީ“ ކަމަށެވެ. އެއީ އަމީނީ މަގާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިމެނޭކަމަށް ބުނާ ގޮތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ވާހަކަތަކަސް ވެސް ރައީސް ސާލިޙް ވަނީ ރިއެކްޓް ކުރައްވާފައެވެ.
ރައީސް ސާލިޙް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ދަތުރުފަތުގެ ނިޒާމުގެ ސިޔާސަތުގެ މޮޅުކަމުން އެކަމުން ސަލާމަތް ނުވެވިފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީގައި ސަރުކާރުގެ ހިއްސާ އޮންނަ ގޮތަށް ތަރައްގީ ކުރި ޝަންގްރިއްލާ ރިސޯޓުގެ ކަންކަން ވެސް އޮޅުން ބޮޅުން ވެފައިވާ ކަމަށެވެ. ހަގީގަތުގައި ރައީސް ސާލިޙްގެ އެ ރިއެކްޝަނަކީ ރައީސް ނަޝީދުގެ ސަރުކާރުން ދަތުރުފަތުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ހިދުމަތް ފޯރުކޮށްދޭން އެއްބަސްވި ކޮންމެ ބަޔަކަސް ރަށެއް، ފަޅެއް ދީފައި ވާތީ ކުރެއްވި ރިއެކްޝަނެވެ. ހަމައެހެންމެ ނަޝީދުގެ ސަރުކާރުގައި ސާކްސަމިޓާއި ގުޅިގެން ހިންގި މަޝްރޫޢުތަކާއި އެ ނޫން ވެސް އެކިއެކި މަޝްރޫއުތައް މިއަދު ފެންނަން ނެތްކަން ފާހަގަ ކުރައްވާ ފައިދާއެއް ނެތް ގެއްލުން ހުރި ސިޔާސަތުތަކެއް ނަޝީދު ގެންގުޅުއްވި ކަމަށް ދޭހަވާ މޭރުމަކުން ރައީސް ސާލިޙް ރިއެކްޓް ކުރެއްވިއެވެ.
ސުވާލަކީ ރައީސް ސާލިޙް ރިއެކްޓް ކުރުން އެއީ އެމަނިކުފާނާއި ގުޅޭ ކަމެއްތޯއެވެ؟ ހަގީގަތުގައި ގިނަބަޔަކު ދެކޭ ގޮތުގައި ޖަހާހާ ބެރަކަށް ނެށުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި ބުއްދިވެރިންގެ ވެސް ގޮތެއް ނޫނެވެ. އެހެން ކަމުން ރައީސް ސާލިޙްގެ ރިއެކްޓް ކުރުން ބައެއް ފަރާތްތަކުން ސިފަކުރީ އެމަނިކުފާނުގެ އަޙުލާގާއި މިޒާޖާއި ނުގުޅޭ ކަމެއްގެ ގޮތުގައެވެ. އެގޮތުން ގިނަ ބަޔަކަށް ރައީސް ސާލިޙް ކަމުދަނީ ބޭކާރު ވާހަކަ ނުދައްކާތީކަން ރައީސް ސާލީޙްގެ ރިއެކްޝަންއަށް ފާޑުކީ ބައެއް މީހުން ބުނެއެވެ.
މީޑިއާތަކުން ނުވަތަ މީސް މީޑިއާގައި ދައްކާ ބޭކާރު ވާހަކަތަކަށް، ފަލަ ސުރުހީތަކަށް ރިއެކްޓް ނުކުކޮށް ކުރަން ބޭނުންވާ ކަންކަމުގައި ކުރިއަށް ވަޑައިގަތުމަކީ ހަގީގަތުގައި ރައީސް ސާލީހްގެ އަސްލު ސިފަ ކަމަށް ބުނި މީޙުން މަދެއް ނޫނެވެ. އަނެއް ބަޔަކު ބުނާ ގޮތުން ރިއެކްޝަން ވެސް ވަަރަށް ވެސް ގަދައެވެ. ހާލަތާއިއެކު ރިއެކްޓް ކުރަން ޖެހޭނެ ކަމަށް ބުނި މީހުން ނުވަތަ ތާއިދު ކުރި މީހުން މަދެއް ނޫނެވެ.
ކޮންމެއަކަސް ރައީސް ސާލިޙް ރިއެކްޓް ކުރައްވަން ފައްޓަވައިފިއެވެ. ކުރަން ފެއްޓެވި ރިއެކްޝަނާއިއެކު ރައީސް ސާލިޙްއަށް ކުރިއަސް ދެވޭނެކަން ކަނޑައެޅިގެން ދާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހަކީ ރައީސް ސާލިޙްގެ ރިއެކްޝަނަށް ވެސް ގޮތް ކަނޑައެޅިގެންދާނެ ދުވަހެއެވެ.

