ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާއިލާއާއި ޒާތީގޮތުން ނުބެހުމަށް އެދުމާއިއެކު ފައްޔާޒުގެ ޝުކުރު ރައީސް ނަޝީދަށް!

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން، ރައީސް ނަޝީދު އަދި ރައީސް ސާލިހާއި، އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ޕްރައިމަރީ ކެމްޕެއިން އާއި ގުޅުވައި ޕާޓީގެ ޗެއަރޕާސަން އަދި އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލްއާއި ޒާތީ ގޮތުން ދިމާ ނުކުރެއްވުމަށް އިލްތިމާސް ކުރުމުން ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފައްޔާޒް ޝުކުރު ދަންނަވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއް ކަނޑައެޅުމަށް ކުރިއަށް ގެންދާ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ޕާޓީގެ އެތެރޭގައި އުފެދިފައިވާ ކޯޅުންތައް ބޮޑުވެ، މެމްބަރުން އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ރައްދު ކުރުމާއި، ތުހުމަތުތައް އެޅުވުންފަދަ ކަންކަން ފެނިގެންދާއިރު، އާންމު މެމްބަރުންގެ ފަރާތުންވެސް ނޭދެވޭ އަމަލުތައް ފެނިގެންދާކަމަށް ބައެއް މެމްބަރުންވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުވަނީ ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން މަގުމަތިން ދިމާކޮށް، ބިރު ދައްކާ ހަދަމުންދާކަމަށް ވިދާޅުވެފައެވެ. އެނާ ވިދާޅުވީ އެފަދަ އަމަލުތައް ދަނީ އިތުރުވަމުންކަމަށެވެ. އަދި އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ ކިބައިންވެސް އެ މިންގަނޑަށް މި ފަދަ އަމަލުތައް ނުފެންނަކަމަށް ފާހަގަކުރައްވާ އެނާ ވަނީ އިދިކޮޅަށް ވުރެ “ގޯސް” ވުމުން އެއީ ދެރަ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ނިހާދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަޑައިގަންނަވާ ރަށްތަކުގައި ޕީޕީއެމްއަށް ސަޕޯޓު ދީގެން މަސްލަހަތު ނަގާލުމަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެކަމުގެ ހެކިތައްވެސް ފެނިފައިވާކަމަށާއި، އެއީ ލަދުވެތިކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާ ގުރޫޕަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނީ އެމަނިކުފާނު ކަމަށެވެ. އަދި އެމަނިކުފާނު އެދިލައްވާ ވަރަށް މުހިންމު ކަމެއް އޮތްކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ޗެއަރަޕާސަން ފައްޔާޒު އަދި ފައްޔާޒުގެ އާއިލާއާއި ޒާތީ ގޮތުން ދިމާ ނުކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ރައީސް ނަޝީދުގެ އެދިވަޑައިގަތުމާއި އެކު، ފައްޔާޒުވަނީ އެ މެސެޖު ސޯޝަލް މީޑިއާގައި އާންމުކުރައްވާފައެވެ. އެނާ ވިދާޅުވީ، މީޑިއާ މެދުވެރިކޮށާއި އެހެނިހެން ގޮތް ގޮތުންވެސް އެނާ އާއި ދިމާ ކުރެވިދާނެކަމަށެވެ. އެހެންނަމަވެސް ސިޔާސީ ހިޔާލު ތަފާތުވުމެއްގެ ތެރެއިން އަނބިދަރިންނާއި ދިމާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެފަދަ އަމަލުތައް ނުހިންގުމަށް ކެމްޕެއިން ޓީމަށް އިލްތިމާޒް ކުރެއްވުމުން އެކަމަށް ޝުކުރު ދަންނަވާކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފެށި، ދެ ރައީސުންނަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުންގެ ދެމެދުވެސް ބަހުގެ ހަމަލާތަކާއި ފާޑުކިޔުންތައް ރައްދު ކުރައްވަމުންދާއިރު، އަލަށް އިންތިހާބުވެފައިވާ ޗެއަރޕާސަން ފައްޔާޒު މި ކެމްޕެއިންގެ ތެރޭގައި ބައިވެރިވެވަޑައިގަންނަވާފައި ނުވެއެވެ. އެހެންނަމަވެސް ޗެއަރޕާސަން އެއްގެ މަގާމަށް އިންތިހާބު ވުމަށް  ކުރެއްވި ކެމްޕެއިންގެ ތެރެއިން އެނާވަނީ ރައީސް ސާލިހު އާއި އެކު ހުންނަވާނެކަމަށް ވިދާޅުވެފައިކަން ފާހަގަކުރެވެއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: