ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ދެމެހެއްޓޭނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެވޭނެ: ރައީސް ސާލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރު ދެމެހެއްޓޭ ކަމަށްވާނަމަ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ  ތަރަައްގީ ގެނެސްދޭނެ ކަމަށްް ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

ރޭ ލ އަތޮޅުގައި ބޭއްވި ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނަށް މަންޒަރު ފެންނަނީ ކޮންމެ ރަށަކުންވެސް ބޮޑުތަފާތަކުން މިއިންތިހާބު ކާމިޔާބު ކުރެވޭތަން ކަމަށެވެ.

ލ އަތޮޅާއި އެހެން އަތޮޅުތަކުގެ މަންޒަރުވެސް އަޅުގަނޑުމެންނަށް ވަރަށް ސާފު. ފެންނަނީ އަޅުގަނޑަށް ހއ ހދ ށ އަދި ނ ރ ބ ޅ އަށް އަޅުގަނޑަށް ދެވިއްޖެ. މިހުރިހާ އަތޮޅަކުންވެސް ފެންނަނީ ހުރިހާ ރަށަކުން ފެންނަ މަންޒަރު. ބޮޑުތަނުން އަޅުގަނޑުމެން ކާމިޔާބު ކުރާތަން.

މި ޕްރައިމަރީ އަކީ ޕާޓީގެ އެތެރޭގެ އިންތިހާބެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ޕްރައިމަރީގައި ޕާޓީގެ މެމްބަރުން ނިންމާ ނިންމުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމަށް ނިންމާ ނިންމުމެއް ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ކުރިމަތީގައި އޮތީ ދެމަގު. އެނބުރި ފަހަތަށް ގޮސް އަނިޔާވެރިކަމާއި ބިރުވެރިކަމާ ނާމާންކަމުގެ ތެރެއަށް އަޅުގަނޑުމެން ދާނީތޯ، ނޫނީ އަޅުގަނޑުމެން މިގެންނަ ރައްޔިތުން ބޭނުންވާ ތަރައްގީ އާ އެކު އަޅުގަނޑުމެން ކުރިއަށް ދާނީތޯ. ވަރަށް ސާފު. ތިބޭފުޅުން މިއާ ދޭތެރޭގައި ވިސްނަވާފަ ގޮތެއް ނިންމަންވީ. އަޅުގަނޑު ހިތުން ދިވެހި އެއްވެސް ރައްޔިތަކު ހާއްސަކޮށް އެމްޑީޕީގެ އެއްވެސް މެމްބަރަކު އެނބުރި ވޭތުވެދިޔަ 2013 އިން 2018 ގައި އެއޮތް އަނިޔާވެރިކަމުގެ ތެރެއަށް ދާކަށް ބޭނުމެއް ނުވާނެ. އެހެންކަމަށްވާނަމަ ރިޔާސީ އިންތިހާބު އެބަޖެހޭ ކާމިޔާބު ކުރަން.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މުޅި ރައްޔިތުންގެ އަގުލަބިއްޔަތު ހޯދަންޖެހޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެމްޑީޕީގައި ތިބި މެމްބަރުންނާއި ދަފްތަރުން އުނިކުރި މެމްބަރުންނާ އެކުގައި ވިޔަސް އެވަރުން އިންތިހާބު ކާމިޔާބު ކުރެވެން ނެތް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީ އިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އިތުރު ބައެއްގެ ވޯޓް ބޭނުންވާ  ކަމަށެވެ. އެގޮތުން ވަކި ފަރާތަކަށް ނުޖެހި ތިބި ރައްޔިތުންނާއި އެހެން ޕާޓީތަކުގެ މެމްބަރުން ގެ ވޯޓާއި ނުލާ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ވުމަކީ ނެތް ގޮތެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެހެން ޕާޓީތަކުގެ ވޯޓް ނުލިބި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭ ކަން ވަރަށް ސާފުކޮށް ވޭތުވެދިޔަ ތިން އިންތިހާބުން ފެނިގެން ގޮސްފައިވާ ކަމަށެވެ.

2008 ކަމަށް ވިޔަސް 2013 ކަމަށް ވިޔަސް 2018 ކަމަށްވިޔަސް ރައްޔިތުންގެ ނިންމުން އޮތީ މިހެން. ސާފުކޮށް އެނގެން އޮތް ގޮތުގައި ހަގީގަތަކީ މިކަން ކުރެވެނީ ކުރެވެން އޮތީ ކިހިނެތްކަން ކާކަށް. އަޅުގަނޑު މިތަނަށް ހުއްޓި އައިސް މިހުރީ އެމްޑީޕީ މަގުމަތިވާން ބޭނުން ނުވާތީ. ތިޔަ ބޭފުޅުން އެނބުރި އެ އަނިޔާވެރިކަމުގެ ތެރެއަށް ގެންދަން ބޭނުން ނުވާތީ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ ލ އަތޮޅާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނާ އެކު ތަރައްގީ އާއިއެކު ކުރިއަށް ދިއުމަށް ކަމަށެވެ.

ރައްޔިތުންނަށް އުފާވެރި ފާގަތި ދިރިއުޅުމެއް އުޅެވޭނީ ފުރަތަމަ ކަމަކަށް އެމީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ސާފު ބޯފެން ލިބެން އެބަޖެހޭ. ކަރަންޓު ލިބެން އެބަޖެހޭ. ފާހާނާ ކުރެވޭނެ ގޮތް އެބަ ހޯދާދޭންޖެހޭ. ލަފާފުރުމުގެ ދަތިކަން ހައްލުކުރަން އެބަޖެހޭ. އެއްގަމާއި ކަނޑާއި ވައިގެ މަގުން މިކަން އެބަ ފަސޭހަކޮށްދޭންޖެހޭ. ރައްޔިތުން ބޭނުންވަނީ މިދެންނެވި ހިދުމަތްތައް.

ލ އަތޮޅު ދަތުރު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގެން މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: