ރިޔާސީ އިންތިހާބުގެ އަހަރު، ޕާޓީއަށް ކާމިޔާބީ ހޯދައި ތާއީދު އިތުރު ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަންނަ އަހަރުގެ މަޖިލީސް އިންތިހާބުގެވާހަކަތައް އިތުރުވާން ވީ ސަބަބާއި މެދު ރައީސް އިބްރާހިމް މުހައްމަދު ސުވާލު އުފައްދައިފި އެވެ.
އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތައް އުފެދި އެކަމުގެ އަސަރު ޕާޓީގެ އެތެރެއަށް ވެސްވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ.
އަންނަ ހޮނިހިރު ދުވަހު ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ދެރައީސުން ވާދަކުރައްވާއިރު ކެމްޕެއިން ބައްދަލުވުންތަކާއި ޖަލްސާތަކުގައި ތަފާތު އެކި ފާޑުކިއުންތައް ދަނީ އަމާޒު ކުރަމުންނެވެ. ރައީސް ސޯލިހު ފާހަގަ ކުރައްވަނީ، 2008 ގައި އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމަށް ރައީސް ނަޝީދު ވަޑައިގަތުމަށް ފަހު، ދޮޅު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު ބަދަލުވެގެން ދިޔަގޮތެވެ. ރައީސް ނަޝީދު ދައްކަވަނީ މި ސަރުކާރަށް އެމްޑީޕީގެ މެނިފެސްޓޯ އާއި ޕާޓީގެ އުސޫލުތައް ދެމެހެއްޓުމުގައި ފެއިލްވެފައިވާކަމުގެ ވާހަކަތަކެވެ.
ކެމްޕެއިނަށް ދެ ރައީސުން ވެސް މިވަގުތު ތިއްބެވީ އަތޮޅު ތެރޭގަ އެވެ. އެގޮތުން، އިއްޔެ ފުވައްމުލައް ސިޓީއަށް ވަޑައިގެން ރައީސް ސޯލިހު ވަނި ކެމްޕެއިންބައްދަލުވުމެއް ބާއްވާފަ އެވެ.
އިންތިހާބު ކާމިޔާބު ކުރުމާއި އަދި ރައްޔިތުން ބަލައިގަންނަ ވެރިކަމެއް ކުރުމުގެ މުހިންމުކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އިންތިހާބާއި ގުޅުވައި ދެކެވޭ ވާހަކަތަކާއި އަދި، އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ރައީސް ސޯލިހު ވިދާޅުވީ އިންތިހާބެއް ކާމިޔާބު ކުރުމަކީ ބަޔަކުދެކޭހާ ފަސޭހަކަމެއް ނޫން ކަމަށެވެ.
2008 ގައި އުފެދުނު ޕާޓީގެ ފުރަތަމަ ވެރިކަން ދައުރު ފުރިހަމަ ނުކުރެވި ދޮޅު އަހަރު ތެރޭ ބަދަލުވުމަށް ފަހު 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެކަމަަށް ބަލައި ކުރި މަސައްކަތް ވީ ނާކާމިޔާބުކަމަށް ރައީސް ސޯލިހު ވިދުވި އެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ، ރައީސް ނަޝީދު ވެރިކަމުންއިސްތިއުފާ ދެއްވުމަށް ފަހު 2013 ގައި ވާދަ ކުރުމުން ރައީސް ޔާމިން އަބްދުލްގައްޔޫމްގެ ސަރުކާރެއް އައުމެވެ. ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެ އަހަރުއެމްޑީޕީ ނުވަތަ ރައީސް ނަޝީދާއި އެކު އިއްތިހާދެއް ހަދާނެ ޕާޓީއެއް ނުވީ އެމަނިކުފާނަށް ސިޔާސީ ތަފާތު ފިކުރުތަކާއި އެ މީހުނާއި އެކު މަޝްވަރާނުކުރެވުމެވެ.
މިގޮތަށް ކަން އޮއްވައި، 2023 ގެ ވާހަކަތަކަށް ވުރެ ބައެއް ބޭފުޅުންގެ ޝައުގު ހުރީ 2024 ގެ 20 ވަނަ ރައްޔިތުންގެ މަޖުލީހުގެ އިންތިހާބަށްކަންފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ އިބުރަތް ހޯދަން ޖެހޭނީ މާޒީން ކަމަށެވެ. ވޭތުވެ ދިޔަ ތަނުގައި ކަންތައް ހިނގި ގޮތާއި މެދު ވިސްނުމަށް ރައީސް ގޮވާލެއްވިއެވެ.
އިންތިހާބުތައް ކާމިޔާބު ކުރެވޭނީ ވެރިކަމުގައި އޮވެގެންކަން ފާހަގަކޮށް މިސާލެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ 2014 ގައި މަޖިލީހުން އޭރު ވެރިކަމުގައިއޮތް ޕީޕީއެމް ހޯދި ކާމިޔާބީ އެވެ. ހަމަ އެ އުސޫލުން 2019 ގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެރިކަމުގައި ލިބިގެން ދިޔަކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ފަހުންކައުންސިލްތަކުން ވެސް ބޮޑު އަޣުލަބިއްޔަތެއް ލިބުނުކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ ރައީސް ގޮވާލެއްވީ 2024 މަޖިލީސް އިންތިހާބު މުހިންމު ނަމަވެސް މިވަގުތު ހުރިހާ ސަމާލުކަމެއް ރިޔާސީ އިންތިހާބަށް ދިނުމަށެވެ.
ދެން އޮންނަ މަޖިލީސް އިންތިހާބެއްގެ ވާހަކަތައް ދައްކަވަނީ ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުންނާއި އެމަނިކުފާނެވެ. އެކި ގޮތް ގޮތުން އެ އިންތިހާބުގެވާހަކަ ދެކެވޭއިރު އެންމެ ބޮޑަށް ގުޅުވާލަނީ ބަރުލަމާނީ ނިޒާމަކާއި އެވެ. އެއީ ބަރުލަމާނީއެއްގައި ސަރުކާރު އެކުލަވާލާނީ މަޖިލީހުން ކަމަށްވާތީ އެވެ.

