ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބެސްޓް ފްރެންޑް” ދޫކޮށް ވިޔަސް، ނަޝީދު ބޭނުންވަނީ ވެރިކަން ލިބޭނެ ފޯމިއުލާއެއް!

ކުރީޣެ ރައީސް ޔާމީން އަދި މިހާރުގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ސަލާމް ކުރައްވަނީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީ ރިޔާސީ ޕްރަމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ ފޯރިއާއިއެކު، ވަރަށް ވާދަވެރި ކެމްޕެއިންތަކެއް ކުރަމުންނެވެ. ވާދަވެރި ކެނޑިޑޭޓުގެ ގޮތުގައ ފެށުނު ބަހުސް މިހާރު ހަސަދަވެރިންގެ ގޮތުގައި ސިފަވާ މިންވަރަށް ހާލަތު ގޯސްވެއްޖެއެވެ. އެތެރޭގެ އިންތިހާބެއްކަމުން ފުރަތަމަ ބަހުގެ ހަމަލާތައް އަމާޒުކުރަން ބޭނުންކުރީ ޕާޓީގެ ތެރޭގައި ހިނގަމުން ނުވަތަ ހިންގަމުން ދިޔަ ކަންތައްތައް ނަމަވެސް މިހާރު އެހެން ސިޔާސީ ޕާޓީތަކާއި ހަމައަށްވެސް ދައްކަވާ ވާހަކަތައް އަމާޒުވާން ފަށައިފިއެވެ.

އެގޮތުން އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ތައުރީފްކުރައްވާ، ރައީސް ނަޝީދު ވާހަކަދެއްކެވުމާއިއެކު ރައީސް ނަޝީދަށް އަމާޒުވީ މުޅިން ތަފާތު ތުހުމަތުތަކެކެވެ. މީގެ ކުރިންވެސް އިދިކޮޅު ތަމްސީލުކުރައްވާ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ނަޝީދަށް ތާއީދުކޮށް ވާހަކަދައްކަވާކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރަމުން ދަނިކޮށް، ދެން އިވުނު ވާހަކައަކީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އިދިކޮޅުގެ ތާއީދު އޮތީ ރައީސް ނަޝީދަށްކަމަށް ބުނެ ދެކެވުނު ވާހަކަތަކެވެ. ރައީސް ނަޝީދާއި ވާދަވެރި ކެމްޕެއިން ޓީމުން ގަބޫލުކުރާ ގޮތުން ރަށްރަށަށް އެބޭފުޅުންގެ ކެޑިޑޭޓު ރައީސް ސާލިހު ވަޑައިގަންނަވާއިރު، އިދިކޮޅުގެ ނަމުގައި އެމަނިކުފާނާއި ދެކޮޅަށް މުޒާހަރާކުރަމުން ދަނީ ރަށްތަކުގައި ތިބި ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުންނެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ޓީމުގެ ބައެއް ބޭފުޅުންނަށް މިހާރު އޮތް އެންމެ ބޮޑު ބިރަކީވެސް އެއީ އެވެ. ރައީސް ނަޝީދު، ރައީސް ޔާމީނާއި އެކު ކޯލިޝަނެއް އެކުލަވާލަފާނެކަމުގެ ބިރެވެ. ޕީޕީއެމްއާއިއެކު ނުހުންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވީ ނަމަވެސް އެމަނިކުފާނުގެ ވާހަކަތައް ހުރީ އެ މަގަކުން ނޫނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދު ކާމިޔާބު ކުރެވޭ ހާލަތެއްގައި ވިޔަސް މިހާރު މި ސަރުކާރުގެ ކޯލިޝަން ޕާޓުނަރުންނާއިއެކު، އެމަނިކުފާނު ކޯލިޝަނެއް ހެދުން ދުރެވެ. ރައީސް ޔާމީނަކީ ބިރުވެރި ބޭފުޅެއްގެ ގޮތުގައި ރައީސް ސާލިހާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ބުނާތީ، ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންއަށްވުރެ މި ސަރުކާރުން އިއްތިހާދުގައި ތިބި އަދާލަތު ޕާޓީގެ ލީޑަރު ޝެއިހު އިމްރާން އަބްދުﷲ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ލީޑަރު މައުމޫނު އަބްދުލްގައްޔޫމް މާ ބިރުވެރިކަމަށެވެ. އެހެންކަމުން އެބޭފުޅުންނާއި ގުޅިވަޑައިގަތުމުގެ ވިސްނުން ރައީސް ނަޝީދުގެ ނެތްކަން ހާމަވެފައިވާއިރު، ދެން އެމަނިކުފާނަށް އޮތް ހަމައެކަނި ޗޮއިސްއަކީ އިދިކޮޅުގައި އޮތް ޕީޕީއެމްއެވެ.

އެމަނިކުފާނުގެ އަމާޒު ހުރީ ޕީޕީއެމަށް ނަމަވެސް ޕީޕީއެމް ތިބީ ވަރިހަމަވެފައެވެ. ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ނަމަވެސް އެބޭފުޅުންގެ ފަރުވާލެއް ނެތްކަމަށެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރާނެކަމުގެ ޔަގީންކަން ދީ، ޕީޕީއެމުން އަބަދުވެސް ތަކުރާރުކުރަމުންދާ އަނެއް ވާހަކައަކީ ރައީސް ޔާމީން ޢައްދާރުންނާއިއެކު މަސައްކަތްނުކުރައްވާނެކަމުގެ ވާހަކައެވެ. އަދި ދުވަހަކުވެސް ރައީސް ޔާމީންއަށް ޢައްދާރު “އޯކޭ” ނުވާނެކަމަށް ވިދާޅުވެފައިވާއިރު، ޢައްދާރުންގެ ގޮތުގައި އިދިކޮޅުން ފާހަގަކުރަނީ ރައީސް ސާލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި މިފަދަ ބޭފުޅުންތަކެކެވެ. އަދި ރައީސް ސާލިހުވެސް ވަނީ ޔާމީން “އޯކޭ” ނޫންކަމަށާއި، އެކުގައި ކުރައްވާނެ ސިޔާސީ މަސައްކަތެއްވެސް ނޯންނާނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ޕީޕީއެމްއިން ކޯލިޝަން ހަދާނެ އިތުރު ސިޔާސީ ޕާޓީއެއް ނޯނާނެތީ، ޕީޕީއެމްއިން އެމަނިކުފާނާއިއެކު ގުޅިވަޑައިގެންފާނެކަމަށް ރައީސް ނަޝީދަށް ގަބޫލުކުރެވުނީ ކަމަށްވުން އެކަށީގެންވެއެވެ.

ނަމަވެސް ރައީސް ޔާމީންއާއިއެކުވެސް، ރައީސް ސާލިހާއިއެކުވެސް ނުހުންނާނަންކަމަށާއި، އޭގެ ބަދަލުގައި ގޭގައި ހުންނެވުންވެސް މާ ރަނގަޅުކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިފަދަ ގޮތަކަށް ނަމަވެސް އެހެން ސިޔާސީ ޕާޓީތަކުގެ ކުލަތައް ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ވަންނަމުންދާތީ ރައީސް ސާލިހު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރައީސްގެ އިލްތިމާޒަކަށްވީ ޕްރައިމެރީގެ ތެރެއަށް ބަސް ބުނުމާއި އެކު އެހެން ސިޔާސީ ޕާޓީތަކުގެ ކުލަތައް ފެންނަމުން ދާތީ އެކަމަށްސަމާލުވުމެވެ. ރައީސް ސޯލިހު ވިދާޅުވީ، މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ނަމަވެސް އެހެން ޕާޓީތަކާއި ކަމާއި ގުޅުމެއް ނެތް އެތައް ބަޔަކު ބަސް ބުނެ ވަންނަމުން ދާ ކަމަށެވެ. ނަމަވެސް މިމަސައްކަތުގައި އެހެން ކުލައެއް ޖެހުމުގެ ފުރުސަތު ދީގެން ނުވާނެކަމަށް ވިދާޅުވެ، އެމަނިކުފާނު ސުވާލުއުފެއްދެވީ އެ ޝައުގުވެރިކަން އުފެދޭ ސަބަބާއިމެދުއެވެ. އަދި އެންމެ ފާހަގަކުރެވޭ ވާހަކައަކަށް ވިދާޅުވީ އިދިކޮޅަށް ރިޔާސީ އިންތިހާބުގައި ކިރިޔާވެސް އުންމީދެއް އޮތީ އެމްޑީޕީގެ ޕްރައިމެރީއަށް ވަދެގެންކަމަށެވެ.

އިދިކޮޅުގެ ރިޔާސީ ކެޑީޑޭޓު ޖަލުގައި ހުންނެވިއިރުވެސް، ޕާޓީގެ ފަރާތުން އަދި އިތުރު ކެޑިޑޭޓަކު ދައްކާފައެއް ނުވެއެވެ. އެހެންކަމުން އެމްޑީޕީއާއި ގުޅުމުގެ ވިސްނުން އޮތީ ޕީޕީއެމުގައިތޯ ނުވަތަ ޕީޕީއެމްއާއި ގުޅުމުގެ ވިސްނުމާއި، ޝައުގުވެރިކަން އޮތީ އެމްޑީޕީގެތޯ ސުވާލުއުފެދެއެވެ. ޕްރައިމަރީ ނާކާމިޔާބުވެއްނަމަ ރައީސް ނަޝީދާއިއެކު، އެމަނިކުފާނުގެ ފަހަތްޕުޅުގައި ހުންނަވާނެކަމަށް ރައީސް ސާލިހު ވިދާޅުވެފައިވީ ނަމަވެސް، ރައީސް ސާލިހު ޕްރައިމަރީ ކާމިޔާބުކުރައްވައިފިނަމަ އެމަނިކުފާނާއިއެކު ހުންނެވުމުގެ ވިސްނުމެއް ރައީސް ނަޝީދުގެ ނެތެވެ. އަދި އެމްޑީޕީ ދޫކޮށް ވަޑައިގަތުމުގެ ވިސްނުމެއްވެސް އެމަނިކުފާގެ ނެތްކަން ވަނީ ހާމަވެފައެވެ. އެކުގައި ކުޑައިރުންދުރެ އުޅުން ގާތް ރަހުމަހުތެރިޔާއަށް ފުރަގަސްދީފައި ނަމަވެސް ރައީސް ނަޝީދު ބޭނުންވަނީ ވެރިކަން ހޯދޭނެ ގޮތުގެ ފޯމިއުލާއެކެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ފަށާ، ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެޑިޑޭޓަކު ކަނޑައެޅުމަށްޓަކައި އެމްޑީޕިއިން މަސައްކަތްކުރަމުން ދިޔައިރު، ރައީސް ނަޝީދު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އިތުރު ބޭފުޅަކު ނެރުމަށް އޭރު މަޖުބޫރުވީއެވެ. މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ރައީސް ސާލިހަށް މަސައްކަތްކޮށްދެއްވިފަދައިން، ވެރިކަމުން ބޭލުމަށްޓަކައިވެސް މަސައްކަތްކުރައްވާނެކަމަށެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: