އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ތުހުމަތުކޮށްފިއެވެ.
ވޯޓުލުން ކުރިއަށް ގެންދާނެގޮތާއިމެދު ޝަރުތުކޮށް ރައީސް ނަޝީދުގެ ފަރާތުން އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްއަށް ސިޓީއެއްވެސް ފޮނުއްވާފައިވާއިރު، ރައީސް ނަޝީދުގެ އެޖެންޓު ގޮތުގައި މަސައްކަތްކުރައްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، ރައީސް ސާލިހު އަށް ތާއީދު ކުރައްވާ ބޭފުޅުން މަސައްކަތްކުރައްވަމުންދަނީ ވޯޓު އޮޅުވާލެއްވުމަށްކަމަށެވެ. އެގޮތުން އެމްޑީޕީއަށް ނިސްބަތްވާ އަދި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ މެމްބަރުން ޕާޓީގެ ދަފްތަރުން އުނިކުރެވިގެންދިއީ އެ މަގުސަދު ހާސިލު ކުރުމަށްޓަކައިކަމަށް ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، ވޯޓު އޮޅުވާލުމައްޓަކައި ރައީސް ސާލިހުގެ ޓީމުންވަނީ ވޯޓު އަޅާ ފަރާތްތައް އެއް ރަށުން އަނެއް ރަށަށް ގެންގޮސް ދެ ފަހަރެއްގެ މަތިން ވޯޓުލެއްވުމަށް ނިންމާފައިކަމަށެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ޓީމުން އެކަންކަން ވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެކަމަށާއި، ވޯޓު ފޮށިތަކުގެ ގާތުގައި ތިބުމަށް ކަނޑައެޅިފައިވާ ރައީސް ނަޝީދުގެ މަންދޫބުން އެކަމަށް ސަމާލުވެ ތިއްބަވާނެކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންތައް ނިނުމަކަށް އައިސްފައިވާއިރު، ދެ ކެނޑިޑޭޓުންވެސް ވަނީ ބަހުގެ ހަމަލާތައް ރައްދު ކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަން ގެއްލިގެންދިޔައީ އެމަނިކުފާނު އެ ދުވަސްވަރު އަމަލު ކުރެއްވުމުގެ ގޮތުންކަމަށް ބައެއް މެމްބަރުން ސިފަކުރައްވާފައިވާއިރު، ރައްޔިތުންނަށް މާލީ ނުތަނަވަސްކަމެއް ކުރިމަތިވެފައިވަނީ އެމްޑީޕީގެ ސިޔާސަތިތައް ތަންފީޒު ނުކުރުމުގެ ސަބަބުންކަމަށް ބުނެ ރައީސް ނަޝީދުވަނީ ރައީސް ސާލިހަށް ފާޑުވިދާޅުވެފައެވެ.

