ކެޑިޑޭޓުންގެ މަންދޫބުން ނެތި ވޯޓުލުން ކުރިއަށް ގެންދިޔަ ކަމަށާއި، އަދި އެއީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން ވޯޓުލާ ސަރަހަދައް ގަނޑިއަށް އައިސްފައި ނެތުމުންކަމަށް އެމްޑީޕީގެ އިންތިހާބީ ކޮމިޓީގެ މުގައްރިރު އަދި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު، އިންތިހާބުގެ ސައްހަކަމާއިމެދު ސުވާލު އުފެދޭނެ ގިނަ ކަންތައްތަކެއް ފެނިގެންދިޔައެވެ. މި އިންތިހާބުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބޮޑު ތަނުން ކާމިޔާބު ކުރައްވާފައިވާއިރު، ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުގެ ފަރާތުން ގިނަ ޝަކުވާތަކެއްވެސް ކޮށްފައިވެއެވެ. އަދި ޕްރައިމަރީގެ ނަތީޖާގެ ސައްހަކަމާއިމެދުވެސް އެބޭފުޅުން ސުވާލު އުފައްދަވައެވެ. އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދިޔައިރު ސޯޝަލް މީޑިއާގެ ތެރެއިން ފާހަގަވީ ޝަކުވާތަކަށް ބަލާއިރު، ކެޑިޑޭޓުންގެ މަންދޫބުން ނެތި ވޯޓުލުން ކުރިއަށް ގެންދިޔަކަމަށް ބުނެވެސް ވަނީ ޝަކުވާތަކެއްކޮށްފައެވެ.
މިއަދު އެމްޑީޕީގެ އިންތިހާބީ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއީ ކިހިނެއް ހިގައި ދިޔަ ކަމެއްތޯ ”ސަންގުން“ ސުވާލުކުރުމުން އިބްރާހީމް ވަހީދު ވިދާޅުވީ ކެޑިޑޭޓުންގެ މަންދޫބުން ނެތި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިޔަކަމަށެވެ.
ރައީސް ނަޝީދުގެ މަންދޫބުން ނެތުމުގެ ސަބަބުން ވޯޓުލުމުގެ ކަންކަން ގަޑިއަށް ނުފެށި ހުރި ބައެއް ސަރަހައްދުތަކަށް އޭނާއަށްވެސް ދެވުނުކަމަށް ފާހަގަކުރައްވާ އިބްރާހީމް ވަހީދު ވިދާޅުވީ، ވޯޓުލާން ޕާޓީގެ މެންބަރުން ހާޒިރުވެ ތިބޭއިރު މަންދޫބު ނެތިގެން ވޯޓުލުން ނުފެށި މަޑު ނުކުރެވޭނެކަމަށެވެ. އަދި ގަޑިއަށް އައުމަކީ މަންދޫބުގެ ޒިންމާއެއްކަމަށް ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން ވޯޓުލާން ފަށާނަން ވޯޓުލާން މީހުން އައީމައި. ދެން ކެޑިޑޭޓުގެ މަންދޫބުން، ކެޑިޑޭޓު ކުރައްވަން ޖެހޭކަމެއް މަންދޫބުން ފޮނުވައިގެން ސައްހަކަން ބަލަން އޮންނަ ގޮތަށް ބެލުން. މަންދޫބު އަންނަންދެން ވޯޓުނުލާން އަޅުގަނޑުމެން މަޑެއްނުކުރާނަން.
އޭނާގެ އިރުޝާދުގެ ދަށުންވެސް ކެޑިޑޭޓުންގެ މަންދޫބުން ނެތި ވޯޓުލުން ކުރިއަށް ގެންގޮސްފައި ހުންނާނެކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
މަންދޫބުންގެ ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން އިބްރާހީމް ވަހީދު ވިދާޅުވީ މަންދޫބުންގެ ފާސް ތައްޔާރުކުރީ މަންދޫބުގެ ނަން ނުޖަހާ، އެއީ ކޮން ކެޑިޑޭޓެއްގެ މަންދޫބެއްކަން ސާފުވާ ގޮތަށްކަމަށެވެ. އަދި ކެޑިޑޭޓުންނަށް އެބޭފުޅުން އިހުތިޔާރުކުރައްވާ ފަރާތަކަށް މަންދޫބުންގެ ފާސް ހަވާލުކުރުމަށް ހުޅުވާލިންކަމަށް ފާހަގަކުރައްވާ އިބްރާހީމް ވަހީދު ވިދާޅުވީ ނަމަވެސް މި ގޮތަށް ބޭނުން މަންދޫބަކު ކަނޑައެޅޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ދަތިވާނެކަމަށެވެ.
ބައެއް މަންދޫބުން އެމްޑީޕީގެ ގަވާއިދުގައި ނެތް އެތައްކަމެއް ކުރަން ޑިމާންޑުކުރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ވޯޓާސް ލިސްޓު ވޯޓުލާ ތަނުގެ ބޭރުގައި ތަތްކުރުމަށް އެއްވެސް ގަވާއިދެއްގައި ނޯންނާނެކަމަށް ވިދާޅުވިއެވެ.
މަންދޫބު ބޭނުންވާހާ ގޮތަށް ކަން ނުކުރަންކަމަށް ފާހަގަކުރައްވާ އިބްރާހީމް ވަހީދު ވިދާޅުވީ އެބޭފުޅުން ބަލަނީ އިންތިހާބާއި ބެހޭ ގަވާއިދަށާއި، އެއީ އެބޭފުޅުންގެ ޒިންމާކަމަށެވެ.
މީގެ އިތުރުން އިބްރާހީމް ވަހީދު ވިދާޅުވީ ޕީޕީއެމްގެ 2 މެންބަރުންވެސް މަންދޫބުކަމުގެ ފާސް ހިފައިގެން ހަރަކާތްތެރިވަމުން ދަނިކޮށް ފުލުހުންގެ އެހީއާއިއެކު ވޯޓުލާ ސަރަހައްދުން ދުރުކުރިކަމަށެވެ. އަދި އޭނާ ވަނީ އެމްޑީޕީގައި ނަން ނޯންނަ ”މަޝްއޫރު ލޯޔަރަކު“ ވެސް މާލެ ސަރަހައްދުގައި ހުރި ވޯޓު ފޮށިތައް ކައިރީ އިންތިހާބަށް ނުފުޒު ފޯރުވުމަށް ހަރަކާތްތެރިވަމުން ދިޔަކަމަށް ވިދާޅުވެފައެވެ. އަދި އެއީ ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިިބްރާހިމްކަން އިބްރާހީމް ވަހީދު ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް މިއީ ކެޑިޑޭޓުންނަށް އެގިގެން ހިގައިދިޔަ ކަންތައްތަކެއްކަމަށް އޭނާއަށް ގަބޫލުކުރަން ދަތިކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

