ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާމިޔާބީގައި ހިތްތިރިކޮށް ނާކާމިޔާބީގައި ހިތްވަރުގަދަކުރާށެވެ!

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބަކީ ތާރީހީ އިންތިހާބެކެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ އެންމެ އިސް ދެބޭފުޅުން އެކަކު އަނެއްކަކާއި ވާދަކޮށް، ދިވެހިރާއްޖޭގައި ހުރި އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތުކަމަށް ބުނާ މާލެ ގ ކެނެރީގެ މުހައްމަދު ނަޝީދު ބަލިކޮށް، އެމަނިކުފާނުގެ މައްޗަށް ޅ ހިންނަވަރު ނޫރާނީއާގޭ އިބްރާހީމް މުހައްމަދު ސާލިހު ކުރި ހޯއްދެވި އިންތިހާބެވެ.

އެމްޑީޕީއަކީ ރައީސް ނަޝީދުކަމަށް ދެކުނު ދެކުން ބަދަލުކޮށްލީ ރައީސް ސާލިހު އޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިއުލާންކުރިއިރު ރައީސް ނަޝީދު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ފުރޮޅިގެން ދިޔަ ނަމަވެސް، އޭރު ރައީސް ސާލިހުވެސް ވިދާޅުވަމުން ގެންދެވީ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރައީސް ނަޝީދު ރާއްޖޭގެ ވެރިކަން ކުރައްވާނެ ދުވަހެއްކަމަށެވެ. ނަމަވެސް މިއަދު އެކުގައި ކުޑަ އިރުންސުރެ އުޅުނު “ބެސްޓްފްރެންޑް” ސިޔާސީ މަންފާއަށްޓަކައި ނުވަތަ ސިޔާސީ ގޮތުން އޮތް ކުރިއެރުމަށްކަށްޓަކައި ހަތުރަކަށްވެއްޖެއެވެ. ރައިސް ސާލިހާއި، ރައީސް ނަޝީދާއި ދެބޭފުޅުން ވާދަކުރެއްވި އެ ތާރީހީ އިންތިހާބުން ރައީސް ސާލިހު ކުރި ހޯއްދެވީ 11.1 އިންސައްތައިގެ ބޮޑު ތަފާތަކުންނެވެ.

އެއާއިއެކު ޕާޓީގެ ތެރެއިން އެމަނިކުފާނަށް އޮތް ބާރުތައް ގެއްލިއްޖެކަމަށް ރައީސް ނަޝީދަށް ގަބޫލުކުރެވިއްޖެއެވެ. އެހެން ނަމަވެސް ބައްޔެއް ގަބޫލެއް ނުކުރައްވައެވެ. ޕްރައިމަރީއަށް އިއުލާންކުރުމާއިއެކުވެސް ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީގެ ނަތީޖާ އޮޅުވާލާނެކަމުގެ ވާހަކައާއި، އިންތިހާބު ގަޑުބަޑުކުރާނެކަމުގެ ވާހަކައެވެ. ދޮޅު މަހެއްހާ ދުވަހު މި އިންތިހާބުގެ ކެމްޕެއިންތަކުގައި ރައީސް ނަޝީދު މައިގަނޑު ގޮތެއްގައި ދެއްކެވި ވާހަކައަކީ އެއީއެވެ. ވޯޓާސް ލިސްޓާއިމެދުވެސް އެތައް ސުވާލުތަކެއް އުފައްދާ، ޕާޓީއިން މެންބަރުންތަކެއް ވަގަށް ނަގައިފިކަމަށް ބުނެވެސް ތުހުމަތުތަކެއް ކުރެވިގެން ދިޔައެވެ. އަދި އެމްޑީޕީގައި ތިބި އެމަނިކުފާނަށް ތާއީދުކުރާ، މި އިންތިހާބުގައި އެމަނިކުފާނަށް ވޯޓުދޭނެ އެތައް ބަޔަކު ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން މި އިންތިހާބުގެ ސައްހަކަމާއިމެދު އަންނަނީ ސުވާލު އުފައްދަވަމުންނެވެ.

ވޯޓުލުމުގެ ކަންކަން ކުރިއަށްދިޔައިރުގައިވެސް އެތަކެއް ހަމަނުޖެހުމެއް ހިގާ، އިންތިހާބުގެ ސައްހަކަމާއިމެދު އާންމު މެންބަރުންގެ ހިތްތަކުގައި ސުވާލު އުފެދޭ ހާލަތަށް ކަންކަން ގޯސްވެގެން ދިޔައެވެ.

އެހެން ނަމަވެސް އިންތިހާބުގެ ވަގުތީ ނަތީޖާ ގުނަން ފެށުމާއިއެކު ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނީ މި އިންތިހާބު ރައީސް ނަޝީދު ކާމިޔާބުކޮށްފިކަމަށެވެ. އަދި ރައީސް ސާލިހުގެ ކެމްޕެއިން ޓީމުންވެސް ހަމަ މިފަދައިން ބުނެފައިވާއިރު، ދެ ކެޑިޑޭޓުންވެސް ތިއްބެވީ އިންތިހާބު ޔަގީން ކުރައްވައިގެންނެވެ.

ވޯޓު ފޮށިތައް ގުނާ، ވަގުތީ ނަތީޖާ އިއުލާންކުރުމާއިއެކު ސިއްސުވާލީ މުޅި ގައުމެވެ. އަދި ބަދަލުކޮށްލީ އެމްޑީޕީގެ ދިގު ތާރީހެވެ. މީގެ ކުރީގައި ޕާޓީގެ ޕްރައިމަރީއެއްގައި އެންމެ އިސް ދެ ލީޑަރުން ވާދަކުރައްވާ، މިހާ ވާދަވެރިކޮށް ކެމްޕެއިންގެ ކަންތައްތައް ކުރިއަށް ގޮސްފައެއް ނެތެވެ. އަދި ރައީސް ނަޝީދު ވާދަކުރެއްވުމަށް ނިންމަވާފައިވަނިކޮށް ޕާޓީއިން އިތުރު ކެޑިޑޭޓެއްވެސް ނެރެފައެއް ނެތެވެ. ޕާޓީގެ ރައީސްކަން 17 އަހަރަށްވުރެ ގިނަ ދުވަހު ރައީސް ނަޝީދު ކުރައްވާފައިވާއިރު އެމަނިކުފާނުގެ މައްޗަށް މީގެ ކުރިން އިތުރު ލީޑަރަކު އިސްވެފައެއް ނެތެވެ.

އެހެންކަމުން ދެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ 8،000 އަށްވުރެ ގިނަ ވޯޓުގެ ބޮޑު ތަފާތަކުން ރައީސް ސާލިހު ކާމިޔާބުކުރެއްވުމުން ބަލި ގަބޫލުކުރަން ހަމަ އުނދަގޫވާނެ ނޫންތޯއެވެ. ރައްޔިތުންގެ މެދުގައި އެމަނިކުފާނަށް އޮތް ތާއީދު ކުޑަވެއްޖެކަން އެގި، އެހެން ބޭފުޅަކު ފަހަތުން އަރާ ކުރި ހޯއްދެވުމުން ހަގީގަތުގައި ކަން އެހެން ވެދާނެކަމަށް ގަބޫލުކުރައްވަން ރައީސް ނަޝީދު އަށް ދަތިވަނީއެވެ.

ރައްޔިތުން އުފައްދަމުން އައި ބޮޑު ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދުދެއްވީ އަރަތެކެވެ. ވިދާޅުވީ ރައީސް ސާލިހާއި މެދު ކިތަންމެ ބޮޑެތި ހިތްހަމަނުޖެހުންތައް ހުރި ނަމަވެސް ޕާޓީ ދޫކޮށްލައި އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތްކަމަށެވެ. ނަމަވެސް ޕާޓީގެ ތެރެއިން އިތުރު ހަރަކާތެއް ކުރިއަށް ގެންދަވާ “ފިކުރެއްގެ ދިރުން” ނަމުގައި ޕާޓީގެ ތެރޭގައި ގޮފިތަކެއް ހައްދަވަން ހުށައެޅުއްވިއެވެ. އަދި “ފިކުރެއްގެ ދިރުން” އިން ވަކި ކެޑިޑޭޓެއްވެސް ކަނޑައަޅާނެ ވާހަކަވެސް ވިދާޅުވިއެވެ.

މިއީވެސް ޕާޓީގެ އަސާސީ ގަވާއިދުން ހުއްދަދޭކަމަކަށްނުވާއިރު، އެމްޑީޕީގެ އަސާސީ ގަވާއިދުން މެންބަރުންނަށް ލާޒިމްކުރާ މަސްއޫލިއްޔަތުތަކުގައި ތެރޭގައި ޕާޓީއިން ކަނޑައަޅާ ކެޑިޑޭޓަކަށް ތާއީދުކޮށް، އެ ކެޑިޑޭޓަކަށް ވޯޓު ހޯދައިދިނުމާއި އަދި ވޯޓު ދިނުމަކީވެސް ކުރަންޖެހޭކަމެކެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ތާއިދުކުރަން ފަސޭހަވާނީ ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެއްބަސްވާ ކެޑިޑޭޓަކަށްކަމަށެވެ. ނަމަވެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ގެންގުޅުއްވާ ވިސްނުމާއި ރައީސް ސާލިހު ފާޅުގައި ދެކޮޅު ހައްދަވާފައިވާފައިވެއެވެ.

ރައީސް ސާލިހު އަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއިން ވާދަކުރައްވާނެ ކެޑިޑޭޓުގެ ގޮތުގައި ޕާޓީގެ އާންމު މެންބަރުން ކަނޑައަޅާފައިވާއިރު، މި ނިންމުމާއި އެމަނިކުފާނު ދެކޮޅު ހައްދަވައެވެ. އަދި މިއީ ޕާޓީއަށް ރަނގަޅު ނިންމުމެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

މެޖޯރިޓީ ރައްޔިތުން ނިންމާ ނިންމުމަކަށް އިހުތިރާމްކުރުމަކީ ޑިމޮކްރަސީގައި އޮންނަ ރިވެތި އުސޫލެކެވެ. ރައީސް ސާލިހު ވޯޓުން ވައްކަން ކުރެއްވިކަން ސާބިތުކޮށްނުދީ، އަދި އެކަމަށްޓަކައި މަސައްކަތްނުކޮށް ރައީސް ސާލިހާއި ދެކޮޅުވުން އެއީ އެމަނިކުފާނު ދިވެހިރާއްޖެއަށް އެމްޑީޕީ މެދުވެރިކޮށް ގެނައިސްދިންކަމަށް ވިދާޅުވާ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި ހިލާފުވުމެވެ. އަދި އެ ޕާޓީ ވުޖޫދަށް ގެނައުމުގައި ހެއްދެވި ގާނޫނުތަކާއިވެސް ހިލާފުވުމެވެ.

އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދެވި ވާހަކައަކީ ކާމިޔާބީގައި ހިތްތިރިކޮށް ނާކާމިޔާބީގައި ހިތްވަރުގަދަ ކުރާ ވާހަކައެވެ. މިއީވެސް ހަމަ ނާކާމިޔާބީގައި ހިތްތިރި ކުރާ ގޮތްތޯއެވެ؟

ކަމެއް ކުރައްވަން އަޒުމްކަނޑައަޅުއްވާ އެކަމެއް ހާސިލްކުރުމުގެ މަސައްކަތްކުރަމުން ގެންދަވާއިރު، ނާކާމިޔާބީ ލިބިއްޖެނަމަ ދެން ހައްދަވާނީ ކިހިނެއްތޯ ސުވާލުކުރުމުން އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދެވީ ނާކާމިޔާބީ ލިބޭނެކަމަށް ވިސްނައިގެން އެއްވެސް ކަމަކާއި ކުރިމަތިނުލާކަމަށެވެ. ނަމަވެސް ފެނިގެން މިދިޔައީ އެކަމަކަށްޓަކައި އުމުރު އެކީ ހޭދަކުރެއްވި ދެ ކަންތައްވެސް ނުވެ، އެމަނިކުފާނަށް ނާކާމިޔާބީ ލިބިގެން ދިޔަ މަންޒަރެވެ. ވެރިކަމުގެ ނިޒާމެއްވެސް ބަދަލެއް ނުކުރެއްވުނެވެ. އަދި ހަމަ އެމްޑީޕީގެ ރިޔާސީ ޓިކެޓުވެސް ބަލަބަލާ ހުއްޓާ ބީވެގެން ދިޔައީއެވެ. އެހެންކަމުން ޕްލޭން ބީ އަކާއި ނުލައި ކަންކަމުގައި އެ ކުރިމަތިލާ ކުރިމަތިލުން ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވަން އެބަޖެހެއެވެ.

ނާކާމިޔާބީ ލިބިއްޖެނަމަ ހައްދަވާނެ ގޮތަކީ ކޮބައިތޯ ދުރާލާ ވިސްނަވާނަމަ، އެ ހާލަތުގައި ހިތްތިރިކުރަން އެގިވަޑައިގަތީސްއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސާވިތު ކޮށްދޭން ޖެހޭވަރުކަމެއް ނެތް އެންމެންގެ ލޯ ކުރިމަތީ އިންތިހާބު ބޯމަތިވެފަ އޮއްވަ 39000 އުނިކުރީ އަދިވެސް ސާބިތުކޮށްދޭން ޖެހޭތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: