ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި ރާއްޖެއަށް ކުރިއެރުމެއް އައިސްފައިނުވޭ

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ކުރިއެރުމެއް އައިސްފައިނުވާކަން ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ ‘ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް’ (ސީ.ޕީ.އައި) ގެ 2022 ވަނަ އަހަރުގެ އިންޑެކްސް އިން ހާމަވެއްޖެއެވެ.

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް އާއި ގުޅޭ ގޮތުން މައުލޫމާތުދެއްވަމުން ޓްރާންސްޕޭރެންސީ އިން ބުނެފައިވަނީ ދިވެހިރާއްޖެ ހިމެނެނީ މިދިޔަ އަހަރުވެސް އޮތް ހިސާބުގައި، 50 އަށް ވުރެން ދަށުން ޕޮއިންޓް ލިބިފައިވާ ދުނިޔޭގެ ތިންބައިކުޅަ ދެބައި ޤައުމުތަކުގެ ތެރޭގައިކަމަށެވެ.

ސީ.ޕީ.އައި އަކީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް އާންމުންނަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓްދޭ އިންޑެކްސްއެކެވެ. މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި (0 – 100) ދެމެދުގެ މިންގަނޑެއް ކަމަށް ވާއިރު ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ގައުމުތަކަށެވެ. އަދި 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކަށެވެ. 2022 ވަނަ އަހަރުގެ ސީ.ޕީ.އައި އިން ދިވެހިރާއްޖެއަށް ލިބުނީ 2021 ވަނަ އަހަރެކޭ އެއްފަދައިން 40 ޕޮއިންޓާއެކު 184 ގައުމުގެ ތެރެއިން 85 ވަނަ ގިންތިއެވެ.

ރާއްޖޭގެ 2022 ވަނަ އަހަރުގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ 3 މަސްދަރަކަށްކަމަށް ޓްރާންސްޕޭރެންސީ އިން ވަނީ ބުނެފައެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީ.ޕީ.އައި.އޭ) ކަމަށް ޓްރާންސްޕޭރެންސީ އިން ބުނެފައިވެއެވެ.

ޓްރާންސްޕޭރެންސީ ބުނެފައިވަނީ މި ތަފާސް ހިސާބުތަކުން ދައްކަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ހަދާފައިވާ ގާނޫނުތަކަށް އަމަލުކުރުމުގައްޔާއި ތަންފީޒުކުރުމުގައި ދިވެހިރާއްޖެއިން ކުރިއެރުމެއް އައިސްފައިނުވާކަންކަމަށެވެ. އެހެން އަހަރުތަކެކޭވެސް އެއް ފަދައިން، ދިވެހިރާއްޖޭގައި މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، ގާނޫނުތައް ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭކަން ތަފާސް ހިސާބުތަކުން ދައްކާކަމަށް ބުނެފައިވެއެވެ. އަދި ސީ.ޕީ.އައި ގެ މެދުމިނުގެ ގިންތި ތެރޭގައި ހިމެނިފައިވުމުން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއަށް ކޮރަޕްޝަން ނައްތާލުމަށް ހުރި ބޮޑެތި ހުރަސްތަކުގެ ތެރޭގައި ބޮޑެތި ކޮރަޕްޝަން އަދި ހިޔާނާތުގެ މައްސަލަތަކާއި އާންމުނަށް ގެއްލުންވާގޮތަށް ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބޭ ބައެއް ފަރާތްތަކުން ނުހައްގުން މަންފާ ހޯދުން ހިމެނޭކަންކަމަށް ޓްރާންސްޕޭރެންސީ އިން ވަނީ ބުނެފައެވެ. އަދި މިހާލަތުގައި، ޕެޓީ ކޮރަޕްޝަނަށް ވަގުތީ ހައްލެއް ހޯދުމަށް ކުރެވޭ ކަންތައްތަކަކުން ނުފެދޭކަމަށް ބުނެފައިވެއެވެ.

ޓްރާންސްޕޭރެންސީ އިން ބުނެފައިވާ ގޮތުގައި 2022 ގެ ސީ.ޕީ.އައި ޝިއާރުން އެނގޭގޮތުގައި ކޮރަޕްޝަންގެ ސަބަބުން ސިޔާސީ، އިޖްތިމާއީ އަދި އިޤްތިޞާދީ ލޮޅުންތައް އަރައި، ޤައުމުގެ އަމަން އަމާން ކަމާއި ރައްކާތެރިކަމަށް ބުރޫއަރައެވެ. ހަމަ އެހެންމެ ކޮރަޕްޝަނުގެ ސަބަބުން އޯގަނައިސްޑް ކްރައިމް އާއި ވައިލަންޓް ކޮންފްލިކްޓް އިތުރުވާފަދަ މާހައުލެއް ޤާއިމުވާކަމަށް ބުނެފައިވެއެވެ. އެއީ ދައުލަތުގެ މަތީ މަޤާމުތަކުގައި ތިބޭ ބައެއް ކޮރަޕްޓް ފަރާތްތަކުން ނުފޫޒުގެ ބޭނުންކޮށްގެން ކުށްކުރާ ފަރާތްތަކަށް ކުށްކުރުމަށް ފުރުޞަތު ދޭތީކަމަށާއި، މިކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި އަމާންކަން ހިފެހެއްޓުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިކުރުވާ އަދި ކޮރަޕްޓު ފަރާތްތަކަށް ހިމާޔަތްދޭ ނިޒާމު  އެއްކޮށް ބަދަލުކޮށް، ޒިންމާދާރުކުރުވުމާއި ހާމަކަން ބޮޑު ނިޒާމެއް ކަށަވަރުކުރަންޖެހޭކަމަށް ޓްރާންސްޕޭރެންސީ އިން ބުނެފައިވެއެވެ.

ކޮރަޕްޝަންގެ މިންވަރު ކުޑަކޮށް ސިޔާސީ ކަންކަމަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް، ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން ގޮވާލާފައިވާ ގޮވާލުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ތަކުރާރުކޮށް، ސަރުކާރަށް ބައެއް ހުށައެޅުންތަކެއް ހުށައަޅާފައިވެއެވެ.

އޭގެ ތެރޭގައި:

  • ޔުނައިޓެޑް ނޭޝަންސް ކޮންވެޝަން އަގެއިންސްޓް ކޮރަޕްޝަން (ޔޫއެންސީއޭސީ) ގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރާކަން ކަށަވަރުކޮށް، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވާ، އެކަންކަން މޮނިޓާކުރާ، އެފަދަ އަމަލުތަކުގެ ސައްހަކަށް ޔަގީންކުރާ އަދި ތަންފީޒުކުރާ ނިޒާމުތައް ވަރުގަދަކުރުމާއި، މިހާރު އަމަލުކުރެވެމުންދާ ނިޒާމުތަކުގެ މައުލޫމާތާއި ހޯދެވިފައިވާ ކުރިއެރުންތަކާ ގުޅޭ މައުލޫމާތު އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރުން.
  • ސިޔާސީ ފަރާތްތަކާއި ސަރުކާރުގެ މުވައްޒަފުން ޒިންމާދާރުކުރުވުމަށް، ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ޑްރާފްޓްކޮށްފައިވާ އެސްޓް ޑިކްލަރޭޝަން ބިލް ފާސްކޮށް، ނުހައްޤުން މުއްސަނދި ވުމާއި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓު ގަތުން ހުއްޓުވުމަށް މާލީ ބަޔާން ހާމަކުރުމުގެ ފުރިހަމަ ނިޒާމެއް އެކުލަވާލުން.
  • ސަރުކާރުގެ ނިންމުންތަކުގައި ރައްޔިތުންގެ ފުރިހަމަ އަދި މައުނަވީ ބައިވެރިވުން އިތުރުކުރުމަށް ކަމާބެހޭ މުހިންމު މައުލޫމާތު ލިބޭނެގޮތް ކަށަވަރުކުރުމާއިް، ކޮރަޕްޝަނާއި ރައްޔިތުންގެ ފައިސާއާއި ވަސީލަތްތައް ހަރަދުކުރާ ގޮތާއި ބޭނުންކުރާ ގޮތާ ގުޅޭ އަދާހަމަކުރެވިފައިވާ މައުލޫމާތު ފަސޭހަކަމާއެކު ލިބެން ހުންނާނެގޮތަށް ޝާއިއުކުރުން ހާމަކަން ބޮޑުކޮށް، އެކަށީގެންވާ ވަގުތެއްގެ ތެރޭގައި މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވުމަށް ބޭނުންވާ ގާބިލުކަމާއި ވަސީލަތްތައް ދައުލަތުގެ މުއައްސަސާތަކުގައި އިތުރުކުރުން. އަދި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ  ދައުލަތުގެ މުއައްސަސާތަކަކީ އެކަށީގެންވާ ފަންޑާއި، ވަސީލަތްތައް ލިބި، ނުފޫޒުން އެއްކިބާވެ އެފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގެ މިނިވަންކަން ލިބިފައިވާ މުއައްސަސާތަކެއްކަން ކަށަވަރުކޮށް އެމުއައްސަސާތަކުގެ މައްޗަށް ސިޔާސީ ނުފޫޒާއި ބިރުދެއްކުން ހުއްޓުވިފައިވާކަން ކަށަވަރުކުރުން.
  • ޑިމޮކުރަސީ ހިމާޔަތްކޮށް މަދަނީ މާހައުލު ރައްކާތެރިކުރުމަށް ގާނޫނުތައް ފުރިހަމައަށް ތަންފީޒުކޮށްް، މީގެތެރެއިން ހާއްސަކޮށް އިންސާނުންގެ ވަގުފާރިއާއި ވިސްލްބްލޯ ކުރާފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒުކޮށް، އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ ފަރާތްތަކަށް އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތައް، ސަރުކާރު ހިމެނޭހެން، ޒިންމާދާރުކުރެވޭނެ ގޮތްތައް މަގުފަހިކުރުން.

މީގެ އިތުރުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންދާއިރު، ޒިންމާދާރު ކުރުވުމުގެ ނިޒާމުތަކާއި އަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް ކޮރަޕްޝަނާ މެދު ސިޔާސީގޮތުން ކުރަމުންގެންދާ ކަންތައްތަކާމެދު ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކަކީ ވަގުތުތުން ވަގުތަށް އަވަސްކަންމަތީ ވަކި ފަރާތަކަށް ނުޖެހި ކުރަންޖެހޭ ކަމަކަށްވާތީ، ކޮރަޕްޝަން ހިންގާ ފަރާތްތައް ހިމާޔަތްކުރުން ހުއްޓާލައި، ކޮރަޕްޝަނާ ގުޅޭ ތުހުމަތުތައް ތަހުގީގުކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސިޔާސީ ފަރާތްތަކަށް ވަޒީފާގެ ކުރިއެރުމާއި އިތުރު ކުރިއެރުންތަކާއި ބާރުތައް ދިނުމުގެ ބަދަލުގައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: