ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަނުގެ ތުހުމަތުވާ މީހުންގެ ދިފާއުގައި ޓީވީތަކަށް އަރައި ވާހަކަ ދައްކާ ސަރުކާރެއް މި ނޫނީ ނެތް: އަލީ ހުސެއިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނުގެ ތުހުމަތެއް ކުރެވި ތަހުގީގަށް ހާޒިރުވާން އެންގުމުން، އެބައެއްގެ ދިފާއުގައި ނިކުމެ ހާމަކަން ބޮޑުކޮށް މީޑިއާތަކާއި ޖަލްސާތަކުގައި ވާހަކަ ދެއްކި ސަރުކާރެއް މި ނޫނީ ނެތްކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަލީ ހުސެއިން ވިދާޅުވީ، ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ދައުލަތަށް ގެއްލިފައި ހުރި ފައިސާ ހޯދަން އޮތް މުވައްސަސާއިން ވެސް އަމިއްލަ މީހުންގެ އިމާރާތްތަކުން އޮފީސް ބައިތައް ނަގައި މަސައްކަތް ކުރަމުން ދަނީ ކުއްޔަށް ކަމަށެވެ. މި ސަރުކާރުގެ މިވީ ހަތަރު އަހަރުގެ ތެރޭގައި، އެ ކޮމިޝަނުން ކުލީގެ ގޮތުގައި އެ އިމަރާތްތަކުގެ ވެރިންނަށް ދެއްކި އަދަދު ދައުލަތަށް އަނބުރާ ހޯދުނު ފައިސާތަކަށް ވުރެ އެތައް ގުނައެއް އިތުރުކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

”ވޭތުވެ ދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ވެސް އޭސީސީން މީސް މީހުންނަށް ދެއްކި ކުލީގެ އަދަދު މާ ބޮޑޭ ރިކަވާ ކުރެވުނު އަދަދަށް ވުރެ.. ކުރެވުނު މަސައްކަތަށް ވުރެ ބޮޑަށް އެގްރިމަންޓުތައް ހަދައި، ދެއްކި ކުލީގެ އަދަދު މާގިނަ..“ އަލީ ހުސެއިން

އަލީ ހުސެއިން ވިދާޅުވީ، މިއަދު ރައްޔިތުން އޭސީސީގެ ގާބިލުކަމާއި މެދު ސުވާލު އުފައްދައި އެއީ ހަމަ ހަގީގަތުގައި ވެސް އޮންނަން ޖެހޭ މުވައްސަސާއެއް ތޯ ބަހުސް ކުރަމުން ދާކަމަށެވެ. މިއަދު ރާއްޖޭގެ ހާލަތު ވެސް ގޮސްފައި އޮތީ ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަ “ވައިޓް ކޮލާރ ކްރައިމް” ފަދަ އުސޫލެއްގެ މައްޗަށްކަން ފާހަގަކޮށް އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ މުވައްސަސާތަކުގެ ވެރިންނާއި، މެމްބަރުން އަދި ސިޔާސީ އެކި މީހުން އިއްޒަތާއި އެކު ކޮމިޝަނަށް ބޭނުން ދުވަހަކު ގޮސް އެބޭފުޅުންނާއި ކުރާ ސުވާލަކަށް ޖަވާބު ދީ ބޭނުން ވަގުތަކު ނިކުމެގެން ދާ ކަމަށެވެ.

ސިޔާސީ ބާރު ހުރީތީ، އެ ބަޔަކަށް ނުފޫޒު ބޭނުންކޮށްގެން ބޭނުން ގޮތަކަށް މައްސަލަތައް އަނބުރާލުމުން އާދައިގެ ރައްޔިތު މީހާއަށް އޮތީ ކިރިޔާ ކުރެވޭ ތުހުމަތެއްގެ މައްޗަށް ބަންދުކޮށް އުމުރު ދުވަސް ޖަލު ގޮޅީގައި ހޭދަ ކުރަން ޖެހޭތީ އެކަމަށް ވަރިހަމަވެފައި ތިބެން ވީ ތޯ އަލީ ހުސެއިން ސުވާލު ކުރެއްވި އެވެ.

”އެހެން ނަމަވެސް އާދައިގެ މީހަކު ރިހާކުރު ފުޅިއެއް ވަގަށް ނެގީމައި އޭނާ ގޮސް ޖަލުގައި ހައްޔަރުކޮށްގެން އެ މައްސަލަ ބެލުން.. މިއީ ތޯ އަޅުގަނޑުމެން ކަންތައް ކުރަންވީ ގޮތަކީ..“ އަލީ ހުސެއިން

އެހެން ގައުމުތަކުގައި ތަހުގީގެއްގެ ބޭނުމަށް، އެހެން އިދާރާތްތަކާއި ވަކި ތަހުގީގު މުވައްސަސާއެއް އޮންނަނީ އެ އިދާރާއަކުން މަސައްކަތްކޮށް ނަތީޖާ ނެރޭތީކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އެއާއި ހިލާފަށް ދިވެހިރާއްޖޭގައި ފެންނަނީ އަލީ ހުސެއިން ވިދާޅުވި ގޮތުގައި ކޮމިޝަނުން ވަކި ބައެއްގެ މައްސަލަ ބަލަން ފެށުމާއި އެކު އެހެން ބަޔަކު ނިކުމެ އެ މީހަކު ދިފާއު ކުރުމެވެ.

އަލީ ހުސެއިން ވިދާޅުވީ، މީގެ ކުރިން އޭސީސީގައި ތިއްބެވި މެމްބަރުން ވަކި ބޭފުޅެއްގެ ގިނަ އަދަދެއްގެ މައްސަލަތަކެއް ބަލަމުންދާކަން ހާމަވުމާއި އެކު ފާޅުކަން ބޮޑު ގޮތަކަށް އޭނާގެ ދިފާއުގައި ނިކުމެ މެމްބަރުން ވާހަކަ ދެއްކެވި ކަމަށެވެ.

”ދިވެހިރާއްޖޭގެ ތާރީހުގައި ނުފެންނަ މަންޒަރެއް މި ހަތަރު އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނުނީ.. އެއީ އޭސީސީއަށް ވަކި ބޭފުޅަކާއި ގުޅޭގޮތުން 80 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅުނީމައި ވަކި ބަޔަކާއި ގުޅޭގޮތުން 80 ވަރަކަށް މައްސަލަ ހުށަހެޅުނީމައި އެންޓި ކޮރަޕްޝަން ކޮމިޝަން އުވާލީ.. އަޅުގަނޑުމެން ދުވަހަކު ވެސް ނުދެކެން އޭސީސީއަށް މައްސަލައެއް ހުށަހެޅުނީމަ އެކަން ދިފާއުކޮށްފައި ރާއްޖޭގެ ޓީވީތަކަށް އަރާ، މީޑިއާތަކަށް އަރާ ޑިފެންޑު ކުރި މަންޒަރެއް މި ނޫނީ އަޅުގަނޑު ނުދެން.. މި ސަރުކާރުގައި ނޫނިއްޔާ..“ އަލީ ހުސެއިން

ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ޕާފޯމަންސް އޮޑިޓަކަށް ބަލައި މި ސަރުކާރުން އައްޔަނު ކުރި އޭސީސީގެ މެމްބަރުން ވަކި ކުރި ދުވަސްވަރާއި ދިމާ ވަނީ އެ ކޮމިޝަނުން ސަރުކާރާއި ގުޅުން ހުރި ބައެއް މީހުންގެ މައްސަލަތައް ބަލަމުން ދާކަމަށް މީޑިއާތަކުން ރިޕޯޓު ކުރި ވަގުތަކާއި އެވެ. ކޮމިޝަނުގެ ތަހުގީގަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ އެއާއި ދެކޮޅަށް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު އެގޮތަށް ހާޒިރުވާން އަންގައި ޗިޓު ނުފޮނުވޭނެކަމަށް ބުނެފަ އެވެ. މެމްބަރުން އިސްތިއުފާ ދިން ސިޓީގައި ވެސް ވަނީ، ވަކި މައްސަލަތަކެއް ނުބަލަން އަންގައި މަޖިލީހުގެ ކޮމިޓީން ސިޓީ ފޮނުވިކަން ފާހަގަކޮށްފަ އެވެ.

އެ މައްސަލައަށް އިޝާރާތްކޮށް އަލީ ހުސެއިން ވިދާޅުވީ، އެގޮތަށް މައްސަލަ ބަލަން ފެށި ބޭފުޅުންގެ ދިފައުގައި މީޑިއާތަކުގައި ވެސް ބައެއް މެމްބަރުން ވާހަކަ ދެއްކެވި ކަމަށެވެ. އަދި އެންމެ ފަހުން އެޅި ފިޔަވަޅަކީ އެ މެމްބަރުން ވަކި ކުރުންކަމަށާއި އެއީ ވަރަށް ހުތުރު މަންޒަރެއްކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން ވަނީ މެމްބަރުން ވަކިކޮށްގެން ވަކި އިތުރު ކުރިއެރުމެއް ލިބުނު ތޯ ވެސް ސުވާލު ކުރައްވާފަ އެވެ. ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ހިންގާ އެތައް ކޮރަޕްޝަނެއްގެ އަމަލުތައް ހުރިއިރު އެކަންކަން ބަލައި ފިޔަވަޅު މި ސަރުކާރަށް ނޭޅޭކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

”ހަމައެކަނި ޑިފެންޑު ކުރީއެއް ނޫން.. މިތަނުގައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެބޭފުޅުންނާއި ގުޅިފައި ތިބި މީހުން ބޭނުންކޮށްގެން އެންޓި ކޮރަޕްޝަން ކޮމިޝަން އުވާލީ.. ވަރަށް ހުތުރުކަންކަން.. މިއީ.. ވަރަށް ހުތުރު.. އޭގެ ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް އައު މެމްބަރުން ލިބިއްޖެ ކޮންކަމެއް ތޯ ކުރެވުނީ… ކޮން ބަދަލއެއް ތޯ އައި.. ނުފެނޭ.. އިތުރަށް ކަމެއް ކުރެވޭ ތަނެއް ނުފެނޭ..“ އަލީ ހުސެއިން

އޭސީސީގެ މެމްބަރުން ވަކި ކުރި މައްސަލައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަލީ ހުސެއިން ވާހަކަ ދެއްކެވި އިރު، އެ މެމްބަރުން ވަޒީރަކާއި ސުވާލު ކުރުމަށް ތަހުގީގަށް ހާޒިރުވާން އެނގިކަމުގެ މައުލޫމަތުތަކެއް ލިބެ އެވެ. އެ މައްސަލައިގައި، މަޖިލީހުގެ ކޮމިޓީގައި ކޮމިޝަނުގެ މެމްބަރަށް މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި ސަރުކާރުން ވީ އެންމެ ބޮޑު ވައުދު އެމްއެމްޕީއާރުސީގެ މައްސަލަ ނުބަލައި ކޮމިޝަނުގެ މެމްބަރުން ތަހުގީގު ކުރަނީ އެހެން މައްސަލަތައްކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: