ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީފްގެ ރައްދު: ބިމު ކުއްޔަކީ މުއިއްޒުގެ ބަހަނާއެއް، 68 މިލިއަން ދައްކަން ނެތްކަން ސާފުކޮށް ދިނިން!

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް/ ފޮޓޯ: ސިޓީ ކައުންސިލް، ސްޓެލްކޯ މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބިމު ކުލީގެ ގޮތުގައި ސްޓެލްކޯއިން މާލެ ސިޓީ ކައުންސިލަށް 68 މިލިއަން ރުފިޔާ ދައްކަން ޖެހޭކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަތައް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ދޮގުކޮށްފި އެވެ.

ކަރަންޓު ބިލުތަކަށް ސިޓީ ކައުންސިލުން ދައްކަން ޖެހޭ ފައިސާތައް ނުދައްކާ ތީ އެކަމާއި ބެހޭ މައުލޫމާތުތައް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ވާހަކަ ދައްކައި މަޝްވަރާކޮށްގެން ހައްލު ހޯދޭތޯ ކުރި މަސައްކަތްތަކަށް ލިބުނު އެއްބާރުލުމެއް ނެތް ކަމަށެވެ. ޖުމްލަ 21 މިލިއަން ރުފިޔާގެ ބިލުތަކެއް ހުރި ނަމަވެސް، ފައިސާ ނުދައްކައި ބަހަނާއެއްގެ ގޮތުގައި ކައުންސިލުން ބުނަމުން ދަނީ ބިމު ކުލީގެ ފައިސާ ދޭންކަމަށް ޝަރީފް ވިދާޅުވި އެވެ. ދެވަނަ ބަހަނާއެއްގެ ގޮތުގައި، ކައުންސިލުން ދައްކަނީ ޝަރީފް ވިދާޅުވީ ދައުލަތުގެ އެހެން އިދާރާތްތަކާއި، މުވައްސަސާތަކުން ވެސް ނުދައްކައި ހުރި ކަރަންޓު ބިލުތަކެވެ.

އެ މައްސަލައިގައި ޝަރީފް ވިދާޅުވީ، ދައުލަތުގެ އެކި އިދާރާތްތަކާއި މުވައްސަސާތަކުން ލިބެން ޖެހޭ ކަރަންޓު ބިލުތަކުގެ ފައިސާތައް އެބަހުރިކަމަށާއި ބައެއް އިދާރާތަކުގެ މައުލޫމާތުތައް ވެސް ހިއްސާ ކުރެވުނު ކަމަށެވެ. އަދި އެ ފައިސާ ހޯދުމަށް އެއްބަސްވުންތަކެއް ވި، މަޝްވަރާ ކުރަމުން ދާއިރު އެކަމުގެ ތަފްސީލު ކޮންމެހެން ސިޓީ ކައުންސިލަށް އެނގެން ނުޖެހޭކަމަށާއި އެ ފައިސާ ވެސް ކުންފުނިން ހޯދާނެކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެހެން ބައެއް ފައިސާ ނުދައްކައި ހުރުމަކީ އެއީ، ދެވަނަ އިދާރާއެއް ކަރަންޓު ބިލުތައް ދެއްކުމަށް ދެކޮޅު ހަދަން ޖެހޭ ސަބަބެއް ނޫންކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ.

ސިޓީ ކައުންސިލާއި، ސްޓެލްކޯ ދެމެދު މީގެ ކުރިން ވެސް ތަފާތު އެކި މައްސަލަތަކެއް ދިމާވި އެވެ. އަދި ޝަރީފް މިއަދު ވިދާޅުވީ ސްޓެލްކޯގެ މަސައްކަތްތަކަކީ އެއީ ޒާތީ ކަމެއްގެ ގޮތުގައި ސިޓީ ކައުންސިލުން ދެކުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ހަގީގަތް އޮޅޭފަދަ ގޮތަކަށް ކަރަންޓު ބިލުތަކާއި، ބިމު ކުއްޔެއްގެ ގޮތުގައި ދައްކަން ހުރި ފައިސާކަމަށް ބުނެ މީޑިއާތަކަށް ދެމުން ގެންދާ މައުލޫމާތުތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ކަރަންޓު ބިލުގެ މައްސަލައިގައި މިއަދު ސްޓެލްކޯއިން މީޑިއާތަކާއި ބައްދަލު ކުރުމަށް ނިންމުމުން، ނޫސްވެރިން ތިބޭ ސިޓީ ކައުންސިލްގެ މީޑިއާ ގުރޫޕަށް މެސެޖެއް ފޮނުވައި ޑރ. މުއިއްޒު ވިދާޅުވީ 2021، މޭއި މަހުން ފެށިގެން 2022، ޑިސެމްބަރު 31 ގެ ނިޔަލަށް 10.6 މިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށެވެ. އަދި އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނުދެއްކި ހުރި 16.5 މިލިއަން ރުފިޔާކަމަށެވެ.

މީގެ އިތުރުން ކައުންސިލްގެ 49 ބިމަކަށް ސްޓެލްކޯއިން 68.3 މިލިއަން ރުފިޔާ ދައްކަން އެބަހުރިކަމަށް ވިދާޅުވި އެވެ. ނަމަވެސް ސްޓެލްކޯއިން ހިއްސާ ކުރި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ލިޔުމެއްގައި އެ ފައިސާ ސެޓްލްކޮށްފައިވާކަމަށް ވެ އެވެ. އެ ލިޔުން ހިއްސާ ކުރުމުން މުއިއްޒު ވިދާޅުވީ، ކައުންސިލަށް ނޭނގި ކައުންސިލްގެ ބިމެއްގެ ކުލިތައް އެގޮތަށް ސެޓްލް ނުކުރެވޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، އޭނާ ސްޓެލްކޯއާއި ހަވާލުވި ފަހުން ކައުންސިލާއި ދެ ފަހަރެއްގެ މަތީން ވަނީ ބައްދަލުކޮށްފަ އެވެ. އަދި ކައުންސިލްގެ ޝަކުވާއަކީ، އެ ކުންފުނިން ލިބެން ޖެހޭ 68 މިލިއަން ރުފިޔާއެއްގެ ވާހަކަތައްކަމަށް ވިދާޅުވި އެވެ. އެހެންކަމުން، ޝަރީފް އެ ވިދާޅުވި އަދަދާއި، މުއިއްޒު ވިދާޅުވާ އަދަދާއި ދިމާވެ އެވެ. އެކަމަކު، އެ ސުވާލު ކުރުމުން ޝަރީފް ވިދާޅުވި ގޮތުގައި، އެ ފައިސާތައް ވާނީ މީރާއަށް ދައްކައި ހަލާސްކޮށްފަ އެވެ. އެކަމުގެ ތަފްސީލީ ލިޔުންތައް ޝަރީފް ނޫސްވެރިންނާއި ހިއްސާ ވެސް ކުރެއްވި އެވެ. އެހެން ކަމުން، ކައުންސިލުން ދައްކަން ވީ ބަހަނާއެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، ބިމު ކުލިކަމަށް ސިޓީ ކައުންސިލުން އެ ބުނާ ފައިސާއަކީ ކުންފުނީގެ އޮފީސް ހުރި އިމާރާތާއި އެހެން ބައެއް ބައެއް ބިންތަކުގެ ފައިސާ ނަމަވެސް އެއީ ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށާއި، ދައްކަން ޖެހޭ އަދަދެއް ނަމަ މީރާއަށް ދައްކާފައި ވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ކަރަންޓު ބިލުތަކުގެ މައްސަލައިގައި ”ސަންގު“ އިން ޝަރީފާއި ސުވާލު ކުރުމުން ވިދާޅުވީ އާންމު އުސޫލުން ކަރަންޓު ކަނޑާލަނީ ކަރަންޓު ބިލު ނުދައްކާތާ އެތައް ދުވަހެއް ފާއިތުވާ ފަހުން ކަމަށެވެ. އަދި ބިލުތައް ދެއްކުމަށް އެދި މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ފޮނުވި އެއްވެސް ސިޓީއަކަށް އެއްބާރުލުން ނުލިބުނުކަމަށް ވިދާޅުވި އެވެ.

އެހެންވެ އިތުރު ސިޓީއެއް ފޮނުވުމަށް ފަހު، އެއްބާރުލުން ނުދޭ ނަމަ ކަރަންޓު ކަނޑާލަން ޖެހިދާނެކަމުގެ އިންޒާރު ސްޓެލްކޯއިން ދިންކަމަށް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ އެ ސިޓީ ފޮނުވުމަށް ފަހު ކަނޑާލާފައި ވަނީ އާންމު ރައްޔިތުންނަށް އެއްވެސް ކަހަލަ އުނދަގުލެއް ނުވާނެހެންކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ޝަރީފް ފާހަގަކުރެއްވީ، މިސްކިތްތަކާއި، މަގުމަތީ ބައްތިތަކުންނާއި އަދި މަސް މާރުކޭޓުފަދަ އާންމު ހިދުމަތްދޭ ތަންތަނުން ކަރަންޓު ކަނޑާފައި ނުވާނެކަމަށެވެ.

ކަރަންޓު ކަނޑާލައިފައިވާނީ ކައުންސިލަށް އާމްދަނީ ހޯދުމަށް ބޭނުންކުރާ ތަންތަނުންކަމަށާއި، އަދި އޮފީސްގެ ގޮތުގައި ބޭނުންކުރާ ތަންތަނުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: