ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގައި ބޮޑަށް ބަލަނީ ސްުކޫލްތެރެއިން ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދޭތޯ : އައިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ / ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުން މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގައި ސްކޫލްތެރެއިންވެސް ވަށާޖެހޭ ތައުލީމެއް ދަރިވަރުންނަށް ފޯރުކޮށްދެވޭތޯ ވަރަށް ބޮޑަށް ބަލާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިންޓާރންޝިޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޝަތު އަލީ ވިދާޅުވީ  ދަރިވަރުން ސްކޫލް ނިންމާ މުޖުތަމައުގެ ތެރެއަށް ނިކުތުމަށްފަހުގައި މައުލޫމާތުގެ އިތުރުން އެކުއްޖަކަށް ކާމިޔާބު ކަމާއެކު ދުނިޔޭގައި ދިރިއުޅެވޭނެ ގޮތެއް ހޯދުމަށް ނުވަތަ މަސައްކަތް ކޮށްގެން އޭނާ އަށް މަންފާއެއް ހޯދޭނެ ކަހަލަ ހުނަރެއް ސްކޫލްތެރެއިން ދަސްކޮށްދެވޭތޯ ބަލާ ކަމަށެވެ.

ސްކޫލް ނިންމާ ވަޒީފާ އާ އަލަށް ގުޅޭ ކުދިން މަސައްކަތު މާހައުލަށް ތައްޔާރުވެފައި ނުވާކަން ފާހަގަވާ ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

އެމްޕީއެލްގެ އިންޓާރންޝިޕް ޕްރޮގްރާމް ފަދަ ޕްރޮގްރާމްތަކުން ސްކޫލް ނިންމާ ދަރިވަރުން ވަޒީފާގެ މާހައުލަށް ތައްޔާރު ވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާ ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

ދަރިވަރުން ސްކޫލްގައި އުޅެމުންދާއިރުގައި އެކުދިން ކިޔަވަނީ ފޮތްތަކުގައި ހުންނަ މައުލޫމާތުގެ އިތުރުން ކްލާސްތެރޭގައި ލިބޭ ފުރުސަތު ކަމަށާއި ދަރިވަރުން ކިޔެވި އެއްޗެއް ހަގީގީ މާހައުލުގައި ބޭނުން ކުރަން ލިބެނީ މަދުފަހަރަކު ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

އިންޓާންޝިޕް ޕްރޮގްރާމްތަކުގެ ސަބަބުން ދަރިވަރުންނަށް ވަރަށް ގިނަ ކަންތައްތައް ދަސްވެގެންދާ ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

ތައުލީމީ ގާނޫނު ވުޖޫދުވުމާ ގުޅިގެން އެންމެ ބޮޑަށް ސަމާލުކަމެއްދޭ އެއްކަމަކީ މަސައްކަތްތެރިކަން ރަސްމީ ކަރިކިއުލަމްގެ ތެރެއިން ދަރިވަރުންނަށް ދަސްކޮށްދިނުން ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

މިގޮތަށް އިންޓާންޝިޕްތަކުގައި ދަރިވަރުން ބައިވެރިވުމަކީ އޭގެ އެއްބައި ހަގީގަތުގައި. މިކަހަލަ ފުރުސަތުތަކެއް އަޅުގަނޑުމެންގެ ދަރިވަރުންނަށް ފަހިކޮށްދެއްވިކަމަށްޓަކައި އެމްޕީއެލް އަށް ޝުކުރު ދަންނަވަން.

އަޅުގަނޑު ބެލެނިވެރިން ގާތުވެސް ދަންނަވާލަން ބޭނުން ދަރިވަރުން ހަމައެކަނި ކިޔެވުމަށް ހުސްނުކޮށް މިކަހަލަ އަމަލީ މަސައްކަތް ދަސްކުރުމުގެ ފުރުސަތު އެކުދިންނަށް ފަހިކޮށްދިނުމަށ.ް

ބައެއް ފަހަރު ބެލެނިވެރިން ލޯބިން ދަރިން ގޭގައި ބައިތިއްބައިގެން ހަމައެކަނި ކިޔެވުމަށް އެކުދިން ހުސްކުރާ ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

ސްކޫލްގެ ކިޔެވުމަށް ފަހު ގެއަށްއައިސް ޓިއުޝަން. ދެން އަނެއްކާވެސް ކޮންމެވެސް ކަހަލަ ކިޔެވުމެއްގައި މަޝްއޫލުވެގެން އުޅޭތަން މިފެންނަނީ. ނަމަވެސް ދަރިވަރުންނަށް މިކަހަލަ އަމަލީ ހުނަރުތައް ދަސްކޮށްދިނުން އެއީ ވަރަށް ވަރަށް މުހިއްމު ކަމެއް.

އިންޓާންޝިޕް ޕްރޮގްރާމްތަކުގެ އެޑްވާންޓޭޖަކީ ދަރިވަރުންނަށް މަސައްކަތުގެ މާހައުލެއްގައި އުޅެން ދަސްވުން ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

ތިޔަ ކުދިންނަށް މަސައްކަތު މާހައުލުން ތަފާތު މީހުންނާ ދިމާވާނެ. ކްލާހެއްގައި ނަމަ ތިކުދިންނާ ދިމާވާނީ ޓީޗަރުންނާ. ދެން ސްކޫލްގައި އެއުޅޭ މީހުން ޕްލަސް ތިކުދިންގެ ރައްޓެހިކުދިން. އެކަމު މަސައްކަތުގެ މާހައުލަކަށް ތިކުދިން ދިއުމުން އެކިކަހަލަ ވިސްނުމުގެ އެކި ކަހަލަ މީހުންނާ ދިމާވާނެ. އަދި އެމީހުންނާ އެއްކޮށް އުޅެން ތިކުދިންނަށް ފުރުސަތު ލިބުމުން، ތިކުދިންނަށް މަސައްކަތު މާހައުލުގެ ޑިސިޕްލިންނާ އަދި ތިކުދިންގެ ކެރެކްޓަރ ބިލްޑް ކުރުމަށްވެސް ވަރަށް ބޮޑަށް އެހީތެރިކަމެއް ލިބިގެންދާނެ.

އައިޝަތު އަލީ ވިދާޅުވީ އެމްޕީއެލްގެ އިންޓާންޝިޕް ފުރިހަމަ ކޮށް ސަނަދު ހާސިލްކުރި 10 ކުދިންނަށް ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރެވިފައިވާނެ ކަމަށެވެ. މަސައްކަތުގެ ހުނަރުގެ އިތުރުން އެކުދިންނަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށް އައިޝަތު އަލީ ފާހަގަކުރެއްވިއެވެ.

މިސާލަކަށް ވަރަށް ރީތިކޮށް ގްރޫމް ވެލައިގެން ހުރިހާކުދިން ތިބިތަން ދެންމެ ވެސް ފެނުނީ. އޮފީހަށް އަންނަ އިރު އެތިބެންޖެހޭ ގޮތާއި އޮފީހަކަށް އަންނައިރު ޕަންޗުއަލިޓީ އެ ގަޑިއަށް ހާޒިރުވުން. އަދި އެހެން މީހުންނާ މުއާމަލާތްކުރުން، ޓީމެއްގައި މަސައްކަތް ކުރުން. ކޮމިއުނިކޭޝަން ސްކިލްސް. މިހިރީ ހަމަ ތިކުދިންނަށް އެހުނަރުގެ އިތުރުން ދަސްވާނެ ކަންތައްތައް.

އައިޝަތު އަލީ ވަނީ އިންޓާންޝިޕްގެ ގިނަ ފުރުސަތު ތައް ދަރިވަރުންނަށް ހޯދައިދިނުމަށް ބެލެނިވެރިންގެ ކިބައިން އެދިލައްވާފައެވެ.

އިންޓާންޝިޕްތަކުން ބޭނުންވާ ނަތީޖާތަކުގެ ތެރެއިން ދަރިވަރުންނަށް މަސައްކަތައިގެން ކުރިއަށް ދާނެ މަގެއް ދައްކައިދިނުމަކީ އިންޓާންޝިޕްގެ އެއް ބޭނުން ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

އައިޝަތު އަލީގެ ވާހަކައިގައި ސްކޫލް ނިމިގެން ކުރިއަށްދާނެ ރޮނގެއް ބައެއް ފަހަރު ދަރިވަރުންނަށް ނޭނގޭ ކަން ފާހަގަކުރެއްވިއެވެ.

ބައެއް ކުދިންގާތު އަޅުގަނޑުމެންވެސް އެބަ އަހާލަން، އިނާމްދޭ ފަންކްޝަންތަކުންވެސް ފެނުނީމަ ކޮންދާއިރާ އަކުންހޭ ތިކުދިން ކުރިއަށް ދާން ބޭނުމީ. ދެން ބައެއް ކުދިން ޑޮކްޓަރަކަށް ވާން. އަނެއްބައި ކުދިން އެބަބުނޭ ޕައިލެޓަކަށް ވާން ބޭނުމޭ. ދެން އަޅުގަނޑުމެން ވިސްނާލަންވީ އެކުދިން ކިޔަވާ ނިމުނީމަ ހަގީގަތުގައި އެބޭނުންވާ ދާއިރާއިން ކުރިއަށް ދޭތޯ. އަޅުގަނޑުމެންނާ ދިމާވެފައި އެބަހުރި އަޅުގަނޑާ އެއްކޮށް ކިޔަވަން އުޅުނު ކުދިންވެސް އަދި އަޅުގަނޑު ކިޔަވައިދިން ކުދިންވެސް އެ ކިޔަވަން އުޅޭދުވަސްވަރު އެބުނާ ދާއިރާއަށް އެކުއްޖާ ވަނުމުން ހަގީގަތުގައި ޝައުގުވެރިކަން ނެތިގެން ހަމަ ދާއިރާ ބަދަލުކޮށްފައި އެބަހުރި.

އިންޓާންޝިޕަކީ ކުދިން ސްކޫލް ނިންމުމަށްފަހު ވަޒީފާއަށް ކުރިމަތިލާއިރުގައި އެކުއްޖެއްގެ ޝައުގުވެރިކަން އެދާއިރާ އަކަށް ހުރި މިންވަރު ޓެސްޓް ކޮށްލުމަށް  ލިބޭ ފުރުސަތެއް ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ. އެހެންކަމުން އިންޓާންޝިޕްތައް ހިންގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: