ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަދި އެމަނިކުފާނުގެ ސަރުކާރުން ދައްކަވާ ވާހަކަތަކާއި އަމަލު ކުރައްވާ ގޮތާ ދިމާނުވާކަން ބޭރު ގައުމުތަކުގެ މަންދޫބުންނަށްވެސް ހާމަވެފައިވާކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޮޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ ”ހޯޕް ކޮންފަރެންސް 2023“ ނިންމާލުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، އުންމީދުތަކެއް ލިބިވަޑައިގެންފައިވާކަމަށެވެ. ރައީސް ޔާމިންގެ އާއިލީ ބޭފުޅެއްވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ޕީޕީއެމް އަދި ޕީއެންސީގެ ޓީމެއް ޔޫރަޕިއަން ޔުނިއަންގެ ބޭފުޅުންނާއި ބައްދަލު ކުރެއްވިކަމަށެވެ. އަދި އެ ބައްދަލުވުން ކޮންފަރެންސްއެއްގެ ގޮތުގައި އެ ބޭފުޅުން ކުރިއަށް ގެންދެވި ކަމަށާއި އެކަން އެގޮތުގެ މަތިން ކުރެއްވީ ރައީސް ޔާމީން އަދި އިދިކޮޅު ކޯލިޝަނަށް ކުރާ އިތުބާރު ދެއްކުމުގެ ގޮތުންކަމަށް ހާޒިރުވެ ތިއްބެވި ބޭފުޅުން ވިދާޅުވިކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
އެނާ ވިދާޅުވީ، 6 ގައުމެއްގެ މަންދޫބުން ތިއްބެވިކަމަށާއި އީޔޫ މިޝަންގެ އެމްބަސެޑަރުންވެސް އިދިކޮޅު ކޯލިޝަން އާއި ބައްދަލު ކުރިކަމަށެވެ. އެނާ ވިދާޅުވީ، އެކަން އެގޮތުގެ މަތިން ކޮށްފައިވަނީ، ރައީސް ސާލިހު އަދި އެމްޑީޕީގެ ސަރުކާރުގެ ބަހާއި އަމަލާ ދިމާ ނުވާކަން ބޭރު ދުނިޔެއަށް ހާމަވެގޮސްފައިވާތީކަމަށެވެ. ސައީދު ވިދާޅުވީ، ބާރު ލިބިއްޖެ ހާލަތެއްގައި ”ލާދީނިއްޔަތަށް“ ފުރުސަތު ދޭނެކަމަށް ރައީސް ސާލިހުގެ ސަރުކާރުން ބުނެފައިވާކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ސެކިއުލާ ގައުމަކަށް ހަދާނެކަމަށްވެސް ބުނެފައިވާކަމަށާއި ދިވެހިރާއްޖޭގައި އިސްލާމް ދީން ނޫން އެހެނިހެން ދީންތަކަށް ޖާގަ ފަހިކޮށްދޭނެކަމަށްވެސް ބުނެފައިވާކަމަށް ސައީދު ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، ބަޔާން ކުރެއްވީ، ރައީސް ސާލިހުގެ ސަރުކާރު ވުޖޫދަށް ގެނައުމުގެ ބޭނުމުގައި ދައްކާފައިވާ ވާހަކަތައް ކަމަށެވެ. ސައީދު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ކަޑައްތުވެ ގޮސްފައިވާއިރު، ބޭރު ގައުމުތަކަށް އެނގިގެން އެމްޑީޕީ ވަނީ ފަލީހަތް ވެފައިކަމަށެވެ.
އީޔޫއަށް ރައީސް ޔާމީންގެ މައްޗަށް އިތުބާރު ކުރެވެންވީ ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާ ސައީދު ވިދާޅުވީ، އިތުބާރު ކުރެވެނީ އަޑާ މަންޒަރާ ދިމާވާތީކަމަށެވެ. އަދި އެމަނިކުފާނަކީ އާނ ބަސް ދެއްވައިފިއްޔާ އެކަމެއް ކުރައްވާނެ ބޭފުޅެއްކަމަށެވެ. އަދި އެކަމެއް ނުކުރައްވާނެކަމަށް ވިދާޅުވެއްޖެ ހާލަތެއްގައި ނުކުރައްވާނެ ބޭފުޅެއްކަމަށްވެސް ވިދާޅުވިއެވެ.

