ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކޮޅުހެދި ބީއެމްއެލްގެ އިސްވެރިންގެ މުސާރަ ހާމަކުރުމަށް ހައިކޯޓުން އަންގައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެހުރިހާ މުވައްޒަފުންނާއި ޑިރެކްޓަރުންގެ މުސާރައިގެ ތަފްސީލް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެބޭންކަށް އެންގި އެންގުމަށް ބޯނުލަނބައިގެން ހައިކޯޓަށް ދިޔުމުން، މުސާރަޝީޓް ހާމަކުރަން ހައިކޯޓުން އަންގައިފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން ސޯޝަލް މީޑިއާ އެކްޓިވިސްޓް އައިމަން ލަތީފް، ބީއެމްއެލްގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ޑިރެކްޓްރުންގެ ބޯޑާއި ސީނިއަރ މެނޭޖްމެންޓް ސްޓާފުންގެ މުސާރައާއި އިނާޔަތްތައް ވަކިވަކިން އެނގޭނެ ހެން ހޯދުމަށް ހުށައެޅީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.

އައިމަން ބީއެމްއެލްގެ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލް ހޯދުމަށް އެދުމުން ބޭންކުން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. އެހެންކަމުން އެ މައުލޫމާތު އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް މެދުވެރިކޮށް ބީއެމްއެލް އިން ހޯދުމަށް ހުށަހެޅިއެވެ.

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ވަނީ ބީއެމްއެލްގެ މައްޗަށް މުސާރައާއި އިނާޔަތްތަކުގެ މައުލޫމާތު ހާމަކުރުމަށް އަންގާފައެވެ.

ބީއެމްއެލް އިން ހައިކޯޓްގައި މައްސަލަ އިސްތިއުނާފު ކުރަމުން ބުނި ގޮތުގައި އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނި ގޮތުގައި ބޭންކަކީ ދައުލަތުގެ އިދާރާ އެއް ކަމަށް ކަނޑައަޅާފައިވަނީ ގޯސްކޮށްކަމަށާއި ކޮމިޝަނަރުގެ ނިންމުން އާރުޓީއައިގެ ގަވާއިދާ ހިލާފްކަމަށްވެސް ވަނީ ބުނެފައެވެ.

ބޭންކުން ބުނެފައި ބޭންކަކީ ދައުލަތުގެ އިދާރާއެއް ކަމަށް ބެލި ނަމަވެސް މުސާރައިގެ މައުލޫމާތަކީ ކުންފުނީގެ ވިޔަފާރީގެ މަސްލަހަތަށްޓަކައި ހާމަކުރަން ނުޖެހޭ މައުލޫމާތު ތަކެއް ކަމަށް ވެސް ބޭންކުގެ ފަރާތުން ކޯޓުގައި ބުނެފައިވެއެވެ. ނަމަވެސް ހައިކޯޓުގެ ނިންމުމުގައި ވާ ގޮތުގައި ބީއެމްއެލް އަކީ ސަރުކާރުން އުފައްދާފައިވާ ކުންފުންޏެއް ކަމަށް ވުމާއެކު އާރުޓީއައި ގާނޫނުގައި ބުނާ ދައުލަތުގެ އިދާރާއެއްގެ މާނައިގެ ތެރެއަށް ފެތޭ ކަމަށެވެ. އަދި ބީއެމްއެލް އަކީ ދައުލަތުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށް ވެސް ހައިކޯޓްގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ބީއެމްއެލްގެ މުވައްޒަފުންގެ މުސާރައިގެ ތަފްސީލްތަކަކީ ވިޔަފާރީގެ ސިއްރެއް ނުވަތަ ޓްރޭޑް ސީކްރެޓްއެއްގެ ގޮތުގައި ބެލެވިދާނެ މައުލޫމާތުތަކެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ހައިކޯޓްގެ ހުކުމުގައި ބުނެފައިވެއެވެ. އަދި އެ މައުލޫމާތު ހާމަކުރުމަކީ ބީއެމްއެލްގެ ވިޔަފާރީގެ މާލީ މަސްލަހަތަށް ނުވަތަ ވިޔަފާރިއަށް ގެއްލުންވާނެ ކަމެއްކަން ބޭންކަށް ސާބިތުކޮށްދެވިފައިނުވާ ކަމަށްވެސް ހައިކޯޓުން ވަނީ ބުނެފައެވެ.

އެހެންކަމުން ހައިކޯޓްގެ ހުކުމުގައި ވަނީ އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން ބީއެމްއެލްގެ މުސާރަ ހާމަކުރުމަށް ނިންމި ނިންމުން ބާތިލްކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ނުފެންނަ ކަމަށް ބުނެފައެވެ.

ހައިކޯޓުގެ މި ހުކުމާއެކު މިއަދުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތައް މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށަށް ވަދެގެންދާނެއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެދިއްޖެ ކޮންމެ ހިނދެއްގައި އެދުނު މައުލޫމަތެއް ފޯރުކޮށްދިނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލާޒިމްވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: