ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ލީޑަރޝިޕުން މެމްބަރުންނާއި ދޭތެރޭގައި ތަފާތުކުރާ ކަމުގެ ތުހުމަތުތައް!

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޕްލައިނާއި ހިލާފުވި މައްސަލައިގައި ފިޔަވަޅު އެޅުމާއިއެކު، ޕާޓީގެ ލީޑަރޝިޕުން ތަފާތު ކުރަމުންދާކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ތިން ފަހަރެއްގެ މަތިން ވިޕްލައިނާއި ހިލާފުވި މައްސަލައިގައި އިބްރާހިމް ރަޝީދުގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްވަނީ އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްއަށް ސިޓީއެއް ފޮނުއްވާފައެވެ.

މި މައްސަލަ އާއި ގުޅިގެން އިބްރާހިވެސް ވަނީ އަސްލަމް އަށް ސިޓީއެއް ފޮނުއްވާފައެވެ. އެނާ ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނާފައިވާ ގިނަ އަދަދެއްގެ ފައިސާގެ ތަފްސީލެއް ނެތުމުން އެ ތަފްސީލު ހޯދުމަށް އެދިފައިވާ އެދުން ހުއްޓުމަށް އަދި ޖީއެސްޓީ ބޮޑު ކުރުން ވޯޓު ނުދިނުން އެއީ ކުށެއް ކަމަށް އަސްލަމްގެ ސިޓީތަކުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ތިންވަނަ ސިޓީއެއްގައިވަނީ އިނާޔަތްތައް ކަނޑާލާ ވާހަކަ ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

މާފަށް އެދުމަށް ބުނެފައިވާކަމަށް އިޝާރާތްކުރައްވާ އިބްރާހިމް ވިދާޅުވީ، އެނާއަކީ މަޖިލީހަށް އަމިލައަށް އިންތިހާބުވެވަޑައިގެން ހުންނެވި ބޭފުޅެއް ނޫންކަމަށެވެ. އަދި ވެއްދީ ރައްޔިތުންކަމަށާއި އެހެންކަމުން އެނާ އާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ އޮންނާނީ ރައްޔިތުންގެ ފަރާތުންކަމަށް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، ރައްޔިތުންގެ ޝަކުވާއަކީ ކޮވިޑްގެ ހާލަތުން އަރައިނުގަނެވި ދަރަނީގެ އަދަދުތައް އިތުރުވެ މުޖަލާއި ހިދުމަތްތަކުގެ އަގުތައް އުފުލިދިއުން އަދި އަތްމަތި ހުސްވެ ފަގީރުކަން އިތުރުވެ ގައުމު ދަރަނީގެ ދަންތުރައެއްގައި ޖެހިފައިވާއިރު، ޓެކްސް ނެގުމުގެ ޝަކުވާކަމަށެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ޓެކްސް ބޮޑު ކުރުމަށް ވޯޓު ދިނުމަކީ ބޭއިންސާފެއްކަމަށާއި އެއީ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަމަށް އެނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވާޖިބަކީ ދާއިރާ އަދި އެންމެހާ ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކޮށްދިނުންކަމަށެވެ. އެހެންކަމުން އެނާގެ ވޯޓަކީ ދާއިރާ އަދި އެންމެހާ ރައްޔިތުންގެ ހައްގުގައި ދެވޭ އެއްޗެއް ކަމަށް އެނާ ދެކިވަޑައިގަންނަވާކަމަށް އިބްރާހިމް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އަސްލަމް އެދިވަޑައިގެންފައިވާގޮތުގެ މަތިން އެނާ މާފަށް އެދޭނީ ދާއިރާ އަދި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން އެކަމަށް އެދޭ ނަމަ ކަމަށާއި އެ ވާހަކަތައް ދަންނަވަނީ އިހުތިރާމާއި އެކު ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، ރައްޔިތުންގެ ހައްގުތަކަށް އުނިއިތުރުކަން އަންނަ ގާނޫނުތަކަށް ބަދަލެއް އަންނަ ބައްދަލުވުންތައް ބާއްވަންޖެހެނީ ހާމަކަން ބޮޑު ގޮތެއްގައި މީޑިއާތައްވެސް ހާޒިރުކޮށްގެންކަމަށެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް ޕީޖީ ގުރޫޕުގެ އެންމެހާ ބައްދަލުވުންތައް ބާއްވާފައިވަނީ ސިއްރުންކަމަށް އެނާ ވިދާލުވިއެވެ.

އެނާ ވިދާޅުވީ، އެ ބައްދަލުވުންތައް ސިއްރުން ބާއްވަމުންދަނީ ޔައުމިއްޔާވެސް ނުކޮށްކަމަށެވެ. އަދި އެއީ ޑިމޮކްރެސީގެ ރޫހާއި ހެޔޮ ވެރިކަމުގެ އުސޫލުތަކާއި ހިލާފުވާ ހުދުމުހުތާރު އުސޫލުތަކެއް ކަމަށް ވިދާޅުވިއެވެ.

ޕީޖީ ގުރޫޕުން ފާސް ކުރާ ވިޕަށް ވޯޓުދިނުމަށް މަޖިލީހަށް ހާޒިރު ނުވުމަކީ ވިޕަށް ހިލާފުވުންކަން އަސްލަމްއަށް ހަނދާންކޮށްދެއްވާކަމަށް ފާހަގަކުރައްވާ އިބްރާހިމް ވިދާޅުވީ، އަސްލަމްވެސް  ވަނީ ފާއިތުވި 4 އަހަރުގެ ތެރޭގައި އެތައް ޖަލްސާއަކަށް ހާޒިރު ނުވެ، ވިޕާއި ހިލާފުވެފައިކަމަށެވެ. އަދި އެހެނިހެން މެމްބަރުންވެސް ވެފައިވާކަމަށާއި އެއިން އެއްވެސް މެމްބަރަކާއިމެދު ފިޔަވަޅެއް އަޅާފައިނުވާއިރު، ވަކި ބަޔަކަށް ފިޔަވަޅު އެޅުމަކީ ތަފާތުކުރުންކަމަށް އެނާ ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، އެއް މައްސަލައެއްގައި އެކި މީހުންނާއިމެދު ތަފާތު ކުރުމަކީ އަނިޔާއެއް ދިނުންކަމަށެވެ. އަދި އެއީ ވަކި ފިކުރެއް ނައްތާލުމަށް މަސައްކަތްކުރުންކަމަށްވެސް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އެ އުސޫލުތަކަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނު އަސާސީ އާއިވެސް ހިލާފުވާ ހިދުމުތުހުތާރު އަދި އިންސާނީ ހަމަބުއްދި ތައާރަޒްވާފަދަ އަނިޔާވެރި އަމަލެއްކަމަށވެ.

މީގެ އިތުރުން އެނާ ވިދާޅުވީ، އަސްލަމް އެދިވަޑައިގެންފައިވާގޮތުގެ މަތިން އަމަލު ކުރާނީ ގިނަ ރައްޔިތުން އެކަމަށް އެނާގެ ފަރާތުން އެދިވަޑައިގެންފި ހާލަތެއްގައި ކަމަށެވެ. އަދި އެވާހަކަތައް އިހުތިރާމާއިއެކު ދަންނަވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: