ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއުވާން ރައީސް ނަޝީދަށް: އިންތިހާބުތަކާއި ދިމާކޮށް ޑޮކްޓަރަށް ދައްކަން މީހުން އިތުރުވާކަން އެނގިފައެއް ނެތް!

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބުތަކާއި ދިމާކޮށް ޑޮކްޓަރަށް ދައްކަންދާ މީހުން އިތުރުވާކަން އެނގިފައި ނެތްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ދޮގުކުރައްވައިފިއެވެ.

ނަފްސާނީ ދުޅަ ހެޔޮކަމާއި ގުޅޭ ގޮތުން މަޖިލީހުގައި ބަހުސްކުރެވެމުންދިޔަ ވަގުތު ރައީސް ނަޝީދު ވިދާޅުވީ، ފިނޭންސްއިން ނެރެމުންދާ “ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސްއިން” މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ހަރަދުތަކާއި މި އަހަރުގެ ހަރަދުތަކާއި އަޅާ ބަލާއިރު ބޮޑު ތަފާތެއް ދައްކާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މިދިޔަ އަހަރު ޖަނަވަރީ މަހުގެ ތެރޭގައި އާސަންދައަށް ހަރަދުކޮށްފައިވަނީ 67.9 މިލިއަން ކަމަށެވެ. އެހެންނަމަވެސް މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި 283.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި ދިޔަ އަހަރު އަދި މި އަހަރާއި އަޅާ ބަލާއިރު 4 ގުނައިން ބަލި މީހުން އިތުރުވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެފަދަ ބަދަލެއް އައީ އެތެރޭގެ އިންތިހާބަކާއި ގުޅިގެން ތޯ ނުވަތަ ހަގީގަތުގައިވެސް ބަލި މީހުން ހަތަރު ގުނައަށް އިތުރުވެފައިވަނީތޯ މަޖިލީހުން ސުވާލު ކުރަންޖެހޭކަމަށެވެ. އަދި އެކަންކަމާއި ގުޅޭ ގޮތުން މެމްބަރުން ވިސްނާވަޑައިގަންނަވާނެކަން އެމަނިކުފާނު ޔަގީން ކުރައްވާކަމަށާއި ސަރުކާރުން ޝާއިއުކުރާ މައުލޫމާތުތައްވެސް ބައްލަވަމުން ގެންދަވާނެކަން ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބޮޑު ތަނުން އިތުރުވެފައިވުމަކީ މަސް ދުވަހުގެ ތެރޭގައި އިތުރުވެފައިވާ އިތުރުވުމެއްކަމަށެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭ ގޮތުން ސުވާލުކުރުމުން މިއުވާން ވިދާޅުވީ ޖެނުއަރީ މަހު ކުރި ހަރަދު ވަކި ބޮޑު ނޫންކަމަށާއި، އެކި މަސް މަހު ހަރަދުކޮށްފައި ހުންނާނީ އެކި މިންވަރަށްކަމަށެވެ. އަދި ތަފާސް ހިސާބުތަކުން މިކަން ފެންނަން ހުންނާނެ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ އެތެރޭގެ އިންތިހާބަކާއި އާސަންދައާއި ގުޅުވީ ކިހިނެއްކަން ނޭނގޭ ކަމަށެވެ. އަދި އިންތިހާބުތަކާއި ދިމާކޮށް ޑޮކްޓަރަށް ދައްކަންދާ މީހުން އިތުރުވާކަން އެނގިފައި ނެތްކަމަށް މިއުވާން ވިދާޅުވިއެވެ. އާސަންތައިން އެ މަހަކު ހަރަދުކުރަނީ އެ މަހުގައި ޑޮކްޓަރަށްދެއްކި މީހުންނަށް ނޫންކަމަށް ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ޖެނުއަރީ މަހު ފައިސާ ދައްކާފައިވާނީ އެކި މަސް މަހުގެ އެކިއެކި ބިލްތަކަށެވެ. އިންތިހާބުތަކާއި ދިމާކޮށް ނޫންނަސް އާސައްދައިގެ ބިލްތަކަށް ފައިސާދައްކާކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާކަން ކުރައްވާފައި ހުންނެވި ބޭފުޅެއްކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ގައުމުގެ މާލީ ކަންކަން ހިނގާ ގޮތް ވަރަށް ސާފުކޮށް އެނގިލައްވާނެކަމަށެވެ.

މިއުވާން ވަނީ ތަކުރާރުކޮށް ރައީސް ނަޝީދު ދެއްކެވި ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި ވިދާޅުވީ އިންތިހާބަކާއި ދިމާކޮށް ނަމަވެސް ނުވަތަ ނޫން ނަމަވެސް ހަރަދުކުރަނީ ހިލޭ ބޭސް ފަރުވާކުރުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: