ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުގެ ބޮޑެތި ބަހުސްތައް: އާރުޑީސީއަށް ނުވި، ތާރު އެޅުން އެންމެ ފަހުން އެމްޓީސީސީއަށް!

ތާރު އަޅައިގެން އަމީނީ މަގު ކޮނެފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2010 ދުވަސް ނުވަތަ 10 މަސް ތެރޭގައި ނިންމާ ގޮތަށް ޕްލޭނިން މިނިސްޓްރީން އާރުޑީސީ އާއި ހަވާލު ކުރި އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އެ ކުންފުނިން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ތާވަލާއި އެއްގޮތަށް ކުރިޔަށް ދިޔަ ނަމަ، މިހިނގާ ފެބްރުއަރީ މަހަށް ނިމެން އޮތް މަސައްކަތް އެއްވެސް ވަރަކަށް ކުރިޔަށް ނުގޮސް މަޑުޖެހިފައި އޮތީ މަގުތައް ކޮނުނު ހިސާބާއި ހަމައިގަ އެވެ. އަދި މަގުގެ މަސައްކަތް ދިގުލައިގެން ދިއުމާއި، ކުރިޔަށް ނުދާ ވާހަކަތައް މީޑިއާތަކުން ރިޕޯޓު ކުރަން ފެށުމުން ދެ ފަރާތުގެ ޕޭވްމަންޓުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިޔަށް ދިޔަ އެވެ.

މާލޭގެ އެންމެ ކާރޫބާރު ބޮޑު އަމީނީ މަގަށް ބޮޑުތަކުރުފާނު މަގުން ވަންނަ ހިސާބުން ފެށިގެން ސިނަމާލެ ފެލެޓުތަކާއި ހަމައަށް މަގު އޮތީ ކޮނެފަ އެވެ. ސެޕްޓެމްބަރު މަހުން ފެށިގެން އެގޮތަށް އޮތުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ގިނަ އުނދަގޫތަކާއި ކުރިމަތިލާން ޖެހޭއިރު އެންމެ ބޮޑު ގޮންޖެހުމަކީ އެ ސަރަހައްދުގައި ސަރުކާރު ހިއްސާވާ ބޮޑު ކުންފުންޏެއްގެ އިމާރާތެއް ހުރުމާއި އެކު ސްކޫލެއް ހުރުމެވެ.

އަމީނީ މަގުގެ މަސައްކަތް ތާވަލަށް ނިންމާ ނުލެވޭނެކަމަށް ހާމަކޮށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އައު ތާރީހެއް ރައްޔިތުންގެ މަޖިލީހުގައި ދެއްވީ މީގެ ތިން ދުވަސް ކުރިންނެވެ. އޭރު ވެސް އެއްވެސް ގޮންޖެހުންތަކެއް ހުރިކަމަށް ވިދާޅެއް ނުވެ އެވެ. އަދި ތާރު މެޝިން ހޯދުން ނުވަތަ އެ ބެހެއްޓުމުގައި ދަތިތަކެއް ދިމާވެގެން އެކަން އާރުޑީސީން ހުށަހަޅާފައިވާކަމަށް ވެސް ހާމައެއް ނުކުރައްވަ އެވެ.

އެންމެ ފަހުން ރޭ ޕްލޭނިން މިނިސްޓްރީގެ، ސްޓޭޓް އަކްރަމް ކަމާލުއްދީން ޓުވީޓެއް ކުރައްވައި ވިދާޅުވީ އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރިޔަށް ގެންދާ މަސައްކަތުގެ ދަށުން އާއްމުންނަށް ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމަށް އާރުޑީސީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ނިންމުން ނިންމި ސަބަބެއްކަމަށް އަކްރަމް ވިދާޅުވެފައި ވަނީ، އާރުޑީސީގެ ތާރު މެޝިނެއް ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައި ނުވާތީކަމަށާއި ބިން ހަމަޖެހުނުހާ އަވަހަކަށް އެ ކުންފުނީގެ މެޝިން ބަހައްޓައގެން އަމީނީ މަގުގެ ދެން އޮތްބައިގައި ތާރު އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ބިން ހަމަނުޖެހޭކަމަށް ބުނެ ޕްލޭނިން މިނިސްޓްރީން ދެއްކެވި ވާހަކައަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އާރުޑީސީގެ ތާރު މެޝިންތައް ބަހައްޓާނެ ބިން ހަމަނުޖެހޭތީ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރިއިރު އެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސާނެ ގޮތަކާއި މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ވަނީ މަޝްރޫއު ކުރިޔަށް ނުގެން ދެވުނީ އާރުޑީސީއަށްކަމަށް ބުނެފަ އެވެ.

ރައްދުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ އެމްޓީސީސީން މި ވަގުތު އެއާޕޯޓުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން ދާއިރު އެ ކުންފުންޏަށް ބިމުގެ ދަތިތައް ދިމާ ނުވާނެކަމަށެވެ. އެހެންވެ، އާރުޑީސީއަށް ބިން ހަމަޖެހެން ދެން ތިބުމުގެ ބަދަލުގައި ދެ ކުންފުނިން އެއްބަސްވެ ތާރު އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ހަތް އަހަރުގެ ތެރޭގައި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އޭނާގެ ހައުސިން މިނިސްޓަރުކަމުގައި ނުކުރެވުނު މަސައްކަތް ނިންމާނެކަމަށް ވިދާޅުވެ މޫކޭ ފެއްޓެވި އަމީނީ މަގުގެ މަސައްކަތުގެ ދުވެލި ލަސްވުމުގެ ސަބަބުން އޭނާ އާއި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވެއެވެ.

މީގެއިތުރުން މަޝްރޫއުއަށް އަމީނީ މަގުގެ ގަސްތައް ކެނޑުމުގެ ސަބަބުންނާއި އަމަލު ކުރާ ގޮތާއި މެދު ފާޑުކިންއުން އަމާޒުވެފައި ވެއެވެ. މަޝްރޫއުގެ ދަށުން ކުރިން 25 ފޫޓުގެ ފުޅާ މިން ހުރި އަމީނީ މަގުގެ ބައެއް ޕޭވްމަންޓަށް ވަނީ އިތުރުކޮށްފަ އެވެ. އެއީ ކުރިން ހަތަރު ފޫޓު ހުރި ޕޭވްމަންޓު ދެފަޅިން ވެސް ފަސް ފޫޓު ހަތް އިންޗިއަށް ބަދަލު ކުރުމެވެ. އެހެންވެ، މަގުގައި ހުންނާނީ ދެން 21 ފޫޓު 10 އިންޗި އެވެ.

ކުރިން 39 މިލިއަން ރުފިޔާގައި ހުރި މަޝްރޫއެއް، 84 މިލިއަނަށް ބޮޑުކޮށް ކުރިޔަށް ގެންދާ މަސައްކަތުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެކަމަށް ތަކުރާރު ކުރައްވައި މުއިއްޒު ވިދާޅުވީ ބިމުގެ އަޑިއަށް ލުމަށް ކުރިން ނިންމާފައިވާ ކޭބަލް ޓްރޭ މިހާރު ފެންނަނީ ބިމުން މަތީގައި ހަދަމުން ދާ މަންޒަރު ކަމަށެވެ.

ކުރިން އާރުޑީސީން ބުނީ އަމީނީ މަގުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވަނީ އެމްޑަބްލިޔު އެސްސީގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ހިދުމަތް އަޕްގްރޭޑް ކުރުމުގެ ވަސީލަތްތައް ލިބިފައި ނުވުމުގެ ސަބަބުން ކަމަށެވެ.

އަމީނީ މަގުގެ މަސައްކަތަކީ ޕްލޭނެއްގެ ދަށުން އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށް ފާހަގަކޮށް، މިދިޔަ ނޮވެމްބަރު މަހު އެ ކުންފުނިން އާއްމު ކުރި ބަޔާނެއްގައި ވަނީ މަޝްރޫއުގެ ފުރަތަމަ ސެގްމެންޓްގެ މަސައްކަތް ނިންމައި ތާރު އެޅުމަށް ތައްޔާރުވެފައިވާ ކަމަށެވެ. ބަޔާނުގައި ވާގޮތުން މަގުގެ ފުރަތަމަ ހުޅުވާލުމަށް ހަމަޖެހިފައިވާ ބައިގައި ތާރުއެޅުން ފިޔަވައި އެހެން ހުރިހާ މަސައްކަތްތަކެއް ވަނީ ނިމިފަ އެވެ.

ނޮވެމްބަރު މަހުގެ ތެރޭގައި މަސައްކަތް ކުރިޔަށް ދާގޮތާއި ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް އާރުޑީސީން ދީފައިވެއެވެ. އެގޮތުން އަމީނީ މަގުގެ ސެގްމެންޓް – 01 ގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި ސްޓޯމް ވޯޓާ ސިސްޓަމް އަދި ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މަގުގެ ޕޭވްމަންޓުގެ ބައެއް މަސައްކަތްތައް ނިންމައި މަގު އެއްވަރުކޮށް ކޮމްޕެކްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް ބުންޏެވެ.
އޭގެ ފަހުން ތިން މަސްވެފައިވާއިރު، އެތަން އަލުން އަނެއްކާ ހުރީ މަސައްކަތް ކުރިޔަށް ގެންދަން ޖަހަން ޖެހޭ ހިސާބުގަ އެވެ.

އެތައް މައްސަލައަކަށް ފަހު އާރުޑީސީ އާއި ހަވާލު ކުރި މި މަސައްކަތް ކުރިޔަށް ގެންދާގޮތަށް އޮތީ މާލެ ސިޓީ ކައުންސިލުންނެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން، މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމާއި މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުން އެއީ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. މި ޕްލޭންގެ ދަށުން ވެހިކަލްތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދާ، ބޮޑެތި ހުރިހާ މަގެއްގައި ޒަމާނީ ފެންވަރަށް ތާރު އެޅުންވެސް ހިމަނާފައި އޮތީ ސިޓީ ކައުންސިލުގެ މެންޑޭޓެއްގެ ގޮތުގަ އެވެ. ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީކޮށް މަރާމާތު ކުރުމުގެ މަޝްރޫއާއިގުޅިގެން ސިޓީ ކައުންސިލާއި އާރުޑީސީ ދެމެދު މައްސަލަ ޖެހުނެވެ. މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މާލޭގެ މަގު ހެދުމުގެމަޝްރޫއު އަތުލައި ދެގުނަ ބޮޑުކޮށް އާރުޑީސީއާ ހަވާލުކުރީ ޕްލޭނިން މިނިސްޓްރީންނެވެ. މިކަން ސިޓީ ކައުންސިލުން ސިފަކުރީ ކޮރަޕްޝަނުގެ އަމަލެއްގެ ގޮތުގައެވެ.

މާލެ ސިޓީ ކައުންސިލާއިއެކު އާރުޑީސީން މަޝްރޫއު ކުރިއަށް ގެންދިޔުމަށް ވި އެއްބަސްވުން ބާތިލު ނުކޮށް، ޕްލޭނިންގ މިނިސްޓްރީ އާއިއެކު އެއްބަސްވުމުގައި ސޮއިކޮށް އާރުޑީސީން މަސައްކަތް ފެށި މައްސަލައިގައި މުއިއްޒުގެ ދިފާއުގައި އެމްޑީޕީ ކައުންސިލް މެމްބަރުން ވެސް ވާހަކަ ދެއްކެވި އެވެ. އެކަމަށް ނުރުހުން ވެ މޫކޭ ވިދާޅުވެފައި ވަނީ އާރުޑީސީއާއި ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމެއް އޮއްވައި، އެ އެއްބަސްވުމުގެ މައްޗަށް އިތުރު އާ އެއްބަސްވުމެއް އެކުލަވާލީކަމަށް ބުނެ މުއިއްޒު އެމްޑީޕީގެ ކައުންސިލް މެމްބަރުންނަށް ވެސް އޮޅިވާލީކަމަށެވެ.

އަމީނީ މަގު އާރުޑީސީ އާއި ހަވާލު ކުރުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ ފާޑުކިއުން އަމާޒުވުމުން ރައްދުގައި މޫކޭ ވިދާޅުވީ އަމީނީ މަގުގެ މައްސަލައިގައި ކޮރަޕްޝަނުގެ ތުހުމަތެއް ކުރެވޭނެ އެއްވެސް ޖާގައެއް ނެތްކަމަށާއި، ކައުންސިލުން މިހާރު ވެސް އާރުޑީސީއަށް ދައްކަން ޖެހޭ ފައިސާ ހުރީ މިލިއަނުން ކަމަށެވެ. އެހެން ކަމުން ތުހުމަތުތަކެއް އަމާޒުކޮށް، ވާހަކަ ދައްކާނަމަ އާރުޑީސީއަށް ދެއްކޭނެ މާގިނަ ވާހަކަތައް ހުންނާނެކަމަށެވެ.

މަޝްރޫއު ސިޓީ ކައުންސިލްގެ އަތުން ނެގި މައްސަލައިގައި މާލޭގެ ކުރީގެ މޭޔަރު، ސިފާ މުހައްމަދު ވެސް މުއިއްޒު ދިފާއު ކުރެއްވި އެވެ. އެކަމަކު މޫކޭ ދެކެނީ އެއީ ސިޔާސީ ކަމެއްގެ ގޮތުގަ އެވެ.

މަގުތައް ތަރައްގީ ކުރުމަކީ މުނިސްޕަލް މަސައްކަތެއްކަން ފާހަގަކޮށް، ކައުންސިލް މެމްބަރުންގެ ތެރެއިން އާރުޑީސީ އާއި މޫކޭއަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފް ފާތިހެވެ. ސައިފް ވިދާޅުވީ މައި ސަރުކާރުގެ ބޮޑު މިނިސްޓްރީގެ ދަށަށް ގެނެސް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ދަރަންޏަށް ލުއިދިނުމަށް އިންފްލޭޓަޑް އަގުގައި މަސައްކަތް ހަވާލު ކުރުމުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ޖަވާބުދާރީ ކޮށް ޒިންމާދާރު ނުކުރެވޭ ކަމަށެވެ.

ކޮންމެއަކަސް މީގެ ކުރިން އާރުޑީސީން ބުނަމުން އައީ އަމީނީ މަގު ހެދުން ލަސްވަނީ މއެމްޑަބްލިޔުއެސްސީގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ނުލިބިގެން ކަމަށެވެ. އެގޮތުން އަމީނީ މަގުގައި ފެން ކުންފުނީގެ ފަރާތުން އެކުންފުނީގެ ހިދުމަތް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދެވިފައި ނެތުމުގެ ސަަބަބުން ކަމަށް އާރުޑީސީ އިން ވަނީ ބުނެފައެވެ. ނަމަވެސް އެކަން އެ ކުންފުނިން ދޮގު ކުރެ އެވެ.
އާރުޑީސީ އާއި އަމީނީ މަގުގެ މަސައްކަތް ހަވާލު ކުރީ 84 މިލިއަން ރުފިޔާއަށެވެ.

އެ މައްސަލައިގައި މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލުން އެމަސައްކަތް ކުރުމަށް ހުށައެޅީ އާރުޑީސީއަށް ދިން އަގަށް ވުރެ ކުޑަ އަގަކަށް ކަމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަމީނީ މަގު ހެދުމަށް ކަނޑައެޅި އަގަކީ 39 މިލިއަން ރުފިޔާއެވެ. އަދި މާލެ ސިޓީ ކައުންސިލަށް މަގު ހެދުމަށް ބޭނުންވާ ބަޖެޓް ފިނޭންސް މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިނުވާ ކަމަށްވެސް މީގެ ކުރިން ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމަށް ނިންމާފައިވަނީ އަމީނީ މަގުގެ ހާލަތު ދަށްވުމާއި ވިއްސާރަ ދުވަސްވަރު އެ މަގުގައި ފެންބޮޑުވެ ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އެކަމުގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައި ވަނިކޮށެވެ. އެ މަގު ތަރައްގީކޮށް ނިމޭއިރު މަގުގައި ފެން ހިންދާނެ ޒަމާނީ ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށް އާރުޑީސީގެ ފަރާތުން ވަނީ ބުނެފައެވެ. އެގޮތުން ފެންހިންދާ ޕަމްޕް ބެހެއްޓިފައި ހުންނާނެ ކަމަށް ވެސް އާރުޑީސީ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: