ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސަލް، އާޒިމް ރައީސަށް ތާއީދު ކުރާތީ ޖޭޕީ ހިތްހަމަނުޖެހިފައި؛ ”ރަނގަޅު ގޮތަކީ ޕާޓީ ދޫކޮށް ގޮސް ވާހަކަ ދެއްކުން“

ނައިބު ރައީސް ފައިސަލް ނަސީމާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ޖޭޕީ ލީޑަރު ގާސިމްގެ އެޑްވައިޒަރު އިލްހާމް - (ފޮޓޯ: ވަން)
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންގެ ގޮތުގައި ތިއްބަވައި، އެހެން ޕާޓީއެއްގެ ރިޔާސީ ކެނޑިޑޭޓަކަށް ތާއީދުކޮށް ނައިބް ރައީސް ފައިސަލް ނަސީމާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަ ދައްކަވާނަމަ އެންމެ ރަނގަޅު ގޮތަކީ އެބޭފުޅުން ޕާޓީ ދޫކޮށް ދިއުންކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

2018 ގެ ރިޔާސީ އިންތިހާބަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނެއްގެ ތެރެއިން ނިކުތުމަށް މަސައްކަތް ފަށައި، ނިންމީ އެމްޑީޕީގެ ކެނޑިޑޭޓާއި އެކު ޖުމްހޫރީ ޕާޓީއަށް ރަނިންމޭޓުކަން ދިނުމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ޕާޓީން އެ މަގާމަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލީ މެމްބަރުންގެ މެދުގައި ކައުންސިލުން ސިއްރު ވޯޓެއް ނެގުމުން އިންތިހާބު ވީ އޭރުގެ ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރަމުން އައި ފައިސަލް އެވެ.

ސަރުކާރު އުފެދި މިވީ ހަތަރު އަހަރުގެ ތެރޭގައި، ޖުމްހޫރީ ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މެދު ހިތްހަމަނުޖެހި އެކި ވާހަކަތައް ދެއްކުމާއި އަދި ދެބަސްވުން އުފެދޭ ގޮތަކަށް ބަހުސްތައް ކުރި ނަމަވެސް ސިޔާސީ ނުފޫޒެއް ފޯރުވުން ނުވަތަ ފާޑުކިއުންތައް އަމާޒު ކުރައްވާތަން ފައިސަލްގެ ފަރާތުން ފެނިފައި ނުވެ އެވެ.

މާބޮޑު ބާރުވެރިކަމެއް ފޯރުވުމަށް ފައިސަލް މަސައްކަތް ނުކުރާކަން ފާހަގަކޮށް، އެމްޑީޕީގެ މެމްބަރުން ވެސް އޭނާއަށް ތައުރީފު ކުރެ އެވެ. އަދި ފައިސަލް އަކީ ސަރުކާރުގެ ދިފާއުގައި ވެސް ގިނަ ފަހަރަށް ވާހަކަ ދައްކަވާފައިވާ އަދި އެމްޑީޕީއަކީ ވެރިކަން ކުރާ ޕާޓީކަމުން އެ ޕާޓީގެ ބައެއް ކެނޑިޑޭޓުންނަށް އިންތިހާބުތަކުގައި ތާއީދު ކުރެއްވި ބޭފުޅެކެވެ.

ސަރުކާރުގެ ގިނަ މަޝްރޫއުތައް ކުރިޔަށް ގެންދާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަކީ ވެސް ވަރަށް ބޮޑަށް ރައީސަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާ ބޭފުޅެކެވެ. އަދި އެމަނިކުފާނުގެ ލީޑާޝިޕާއި ގުޅުވައި ވާހަކަ ދައްކަވާއިރު ތަފާތު އެކި ޖަލްސާތަކުގައި ރައީސް ސޯލިހު ވެސް އާޒިމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެ ވަރުގަދަ ލީޑަރުކަން ފާހަގަކުރައްވަ އެވެ.

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށާއި، ރާއްޖޭގެ ހަމަޖެހުން އެމަނިކުފާނަށް ގެނެވޭނެކަމަށް ފާހަގަކޮށް ފައިސަލް އާއި އާޒިމް ވާހަކަ ދެއްކެވުމުން މީގެ ކުރިން މައްސަލައެއް ޖެހިފައި ނުވެ އެވެ. ނަމަވެސް 2023 ގެ ރިޔާސީ އިންތިހާބު ގާތްވެފައި އޮތުމާއި ޖުމްހޫރީ ޕާޓީން އިންތިހާބުގެ ތައްޔާރީތަކާއި މެދު ގޮތެއް ނިންމުމުގެ ކޮންގްރެސް ކުރިޔަށް އޮތުމާއި އެކު، ޕާޓީގެ އެހެން ބައެއް އިސް ބޭފުޅުން ތިއްބެވީ އެކަމަށް ހިތްހަމަނުޖެހިފަ އެވެ.

ދުވަސްތަކަކަށް ފަހު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާތަކަށް މައުލޫމާތު ދެއްވީ މަޖިލީހުގެ ކުރީގެ މެމްބަރުކަން ކުރައްވާފައިވާ އަދި ގާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ތިއްބެވި އިލްހާމް އަހުމަދާއި އަހުމަދު ނިހާން ހުސެއިން މަނިކު އަދި އާރިފެވެ.

އިއްޔެގެ ޕްރެސްގައި އިލްހާމް ވިދާޅުވީ ފައިސަލް އާއި އާޒިމަކީ ޕާޓީގެ އިސް ބޭފުޅުންނަށްވެފައި ދެބޭފުޅުންގެ ފަރާތުން ވެސް ފެންނަނީ ރަނގަޅު ނަމޫނާއެއް ނޫންކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ގޮތެއް ނުނިންމަނީސް، އެހެން ކެނޑިޑޭޓަކަށް ތާއީދު ކުރާނަމަ އެންމެ ރަނގަޅު އަދި ރިވެތި ގޮތަކީ ވެސް ޕާޓީ ދޫކޮށް ގޮސް ކެމްޕެއިން ކުރުންކަމަށް އިލްހާމް ވިދާޅުވި އެވެ.

”އެބޭފުޅުން އެފަދަ ވިސްނުމެއް ހުރެއްޖެ ނަމަ ޕާޓީ ދޫކޮށްލާނެކަމަށް އަޅުގަނޑު ގަބޫލު ކުރަނީ.. ސީރިއަސް ސިފައެއްގައި ކުރާކަމެއް ވާނަމަ އިސްތިއުފާ ދެއްވަން ޖެހޭނެ.. އެއީ ދެއްތޯ ރީތި ގޮތަކީ..“

ފައިސަލް އާއި އާޒިމް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ރައީސަށް ތާއީދުކޮށް ކެމްޕެއިން ކުރަމުންދާކަން މީޑިއާތަކުން ފެންނަކަމަށް އިލްހާމް ވިދާޅުވި އެވެ. ރައީސް ސޯލިހަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށްވާއިރު އެއީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފައްދައި އިލްހާމް ވިދާޅުވީ ތަމްސީލު ކުރަމުން ދާ ޕާޓީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓަށް ދެވަނަ ދައުރެއް ދިނުމަށް އެކި ޖަލްސާތަކާއި ޕްރެސްތަކުގައި އެބޭފުޅުން ވާހަކަ ދެއްކެވުން ރަނގަޅީ ޕާޓީން އިސްތިއުފާ ދިނުމަށް ފަހު ކަމަށެވެ. ތަކުރާރުކޮށް އިލްހާމް ވިދާޅުވީ، ފައިސަލް އާއި އާޒިމްގެ ވިސްނުމަކީ އެއީކަމަށް ވާނަމަ ޕާޓީ ދޫކޮށް ދާން ޖެހޭކަމަށެވެ.

ތަމްސީލު ކުރައްވަނީ ކޯލިޝަން ޕާޓީއެއް ނަމަވެސް ފައިސަލް އާއި، އާޒިމަކީ ސަރުކާރުގެ ސިޔާސަތާއި ވައުދުތައް ތަންފީޒު ކުރައްވަން ޖެހޭ ބޭފުޅުންނެވެ. ހާއްސަކޮށް އާޒިމަކީ ސަރުކާރުގެ އެކި މަޝްރޫއުތައް ކުރިޔަށް ގެންދިއުމާއި، ވައުދުތައް ފުއްދުމުގައި އެންމެ އިސްރޯލެއް އަދާ ކުރާ އެމްޓީސީސީގެ ސީއީއޯއެއްގެ ހައިސިއްޔަތުން އެންމެ ބޮޑު އެއްބާރުލުމެއް ސަރުކާރަށް ދޭން ޖެހޭ ކުންފުންޏެއްގެ ވެރިޔާ އެވެ. އެހެންވެ، އާޒިމް ވެސް ކުންފުނީގެ އެކި ބައްދަލުވުންތަކާއި ޖަލްސާތަކުގައި ސަރުކާރުގެ މަޝްރޫއުތައް ތަންފީޒު ކުރުމުގައި އެމްޓީސީސީން ކުރަމުން ދާ މަސައްކަތް ފާހަގަކޮށް އެކަމަށް ރައީސަށް ތައުރީފު ކުރައްވަ އެވެ.

ބެލެވޭ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު 09 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަ ކުރައްވާނެ އެވެ. ސަރުކާރުގެ ދިފާއުގައި ބައެއް ފަހަރު ގާސިމް ވާހަކަ ދެއްކެވި ނަމަވެސް، ބައެއް ކަންކަމުގައި ސަރުކާރާއި ދެކޮޅަށް ވެސް ވާހަކަ ދައްކަވަ އެވެ. އަދި ރިޔާސީ އިންތިހާބަށް ގާސިމް ނަންގަވާނެ ފިޔަވަޅަކާއި މެދު ސުވާލު އުފެދިފައި ވަނިކޮށް ދާދިފަހުން މަޖިލީހުގައި ގާސިމް ވަނީ ގާނޫނު އަސާސީގެ ބޭނުން ނަމަގޮތުގައި ހިފުމުގެ ފުރުސަތު އެއްވެސް ވެރިއަކަށް ދީގެން ނުވާނެކަމަށާއި އަދި ގާނޫނާއި ހިލާފަށް ވެރިން ކުރާ އަމުރުތަކަށް ތަބައަވާން ނުޖެހޭނެކަމަށް ވެސް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޢާދަމް އާޒިމް ސީއީއޯ ދަށުން ހިންގާ އެމް.ޓީ.ސީ.ސީ މީހުން ލައްވާ މަސައްކަތް ކޮއްފަ ލާރި ނުދީ ހުރި ބޮޑު ވަގެއް……

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: