ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ހަގީގީ މަސައްކަތް ފެށޭނީ އިންތިހާބާ ބެހޭ މައިމަރުކަޒެއް ލިބިގެން: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ގުޅުންހުރި ހަގީގީ މަސައްކަތް ފެށޭނީ އިންތިހާބާ ބެހޭ މައިމަރުކަޒެއް ލިބިގެން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާއި ބެހޭ ގޮތުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި  ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބާއި ބެހޭ މަސައްކަތްތައް މިހާތަނަށް އީސީއިން ކުރަމުން ގެންދިޔައި ބައު ޖަމާލުއްދީން ސްކޫލްގައި ކަމަށެވެ. މިދިޔަ އަހަރުގެ މެދުތެރޭގައި ބައު ޖަމާލުއްދީން ސްކޫލް ސަރުކާރުގެ ބޭނުމަށް ނަގާފައިވާ ކަމަށާއި އެތަނުގައި ހުރި ކޮމިޝަންގެ ތަކެތި އަރަބިއްޔާ ސްކޫލްގެ ބައު އިމާރާތަށް ބަދަލުކުރެވިފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ދިހަ ކްލާސްރޫމަށް އަޅުގަނޑުމެންގެ ތަކެތި ލީ. ދެފަހަރަށް އެތަން ފަޅާލައިފި. އަޅުގަނޑުމެންގެ އިންތިހާބުގެ އޮފީހުގެ ދެން ވަރަށް މުހިއްމު ފައިލްތަކާ އެއްޗިހި ހަމަ ގެއްލިފައިވީ. ޕޮލިހަށް ދެފަހަރު ވެސް ރިޕޯޓްކޮށްގެން. ދެން އަޅުގަނޑުމެން އެތަން އެއީ ހަމަ ސެކިއުރިޓީވެސް ބަލަހައްޓާ ތަނެއް. އެކަމަކު އެކަމަށް އިތުރު ހައްލެއް ގެނައުމަށްޓަކައި އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން. މިދެންނެވިހެން އަޅުގަނޑުމެންގެ މުހިއްމު މަސައްކަތްތައް އެއްކަލަ އަޅުގަނޑުމެންގެ މަރުކަޒު ދާއިމީ މަރުކަޒެއް ނެތީމަ ހަމަ ވަރަށް ބޮޑަށް އޭގެ ދަތިކަން އެބަ ފޯރާ. ދެން މިހާރު ސަރުކާރުން އަޅުގަނޑުމެންނަށް އަންގަވާފައިއޮތީ މިމަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ އަޑުގެ އަނެއްކާވެސް ބައު އިމާރާތް އަޅުގަނޑުމެންގެ އިންތިހާބުގެ މަސައްކަތަށް ދެއްވާނެ ކަމަށް. އެޔަގީންކަން ހަމަ މިއަދުވެސް ރައީސް އޮފީހުން އަޅުގަނޑުމެންނަށް ދެއްވާފަ އޮތީ. ދެން އަޅުގަނޑުމެން ދެންނެވިން މިމަހުގެ ނިޔަލަށް އަޑުގެ އިމާރާތް އަޅުގަނޑުމެންނަށް ނުލިބޭ ކަމަށް ވާނަމަ ދެވަނަ ވިސްނުމަކަށް އަޅުގަނޑުމެން ދަރުބާރުގެ ވެސް އެޕްރިލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ބޭނުންވާނެއޭ. އެއީ މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އަޅުގަނޑުމެންގެ މަސައްކަތްތައް ފެށިގެން ދާނެ އަމަލީގޮތުން.

ހަބީބް ވިދާޅުވީ އަންނަ ފެބްރުއަރީ މަހުގައި އިންތިހާބުގެ މަސައްކަތްތައް އަމަލީ ގޮތުން ފެށިގެންދާއިރު އޭގެ ކުރިން ކުރަންޖެހޭ ގިނަ މަސައްކަތްތައް ހުރިކަމަށެވެ.

މިސާލަކަށް ބައު ތަނަކަށް ދެވިއްޖިއްޔާ ހަމަ އެތަން މަރާމާތު ކުރުމަށްވެސް ހަމަ ދިގުމުއްދަތެއް ނަގާނެ. އެއީ ޕްރޮކިއުމަންޓް އުސޫލުން އަޅުގަނޑުމެން އެތަން މަރާމާތު ކުރަންވެސް ޖެހޭނީ. ކުއްލިއަކަށް އެތަނަށް ގޮސް ނުވެސް ވަދެވޭނެ އެއީ ވަރަށް ބައު ތަނެއް. އެހެންވީމަ އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޮތީ. އެހެންނަމަވެސް ރައީސް އޮފީހުން މިއަދުވެސް އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވި ހަމަ މިމަހުގެ ނިޔަލަށް އަޅުގަނޑުމެންނަށް އެތަން ހަވާލުކޮށްދެއްވާނެ ކަމަށް. އަދި ހަމައެއާއެކީ ކޮމިޝަނަށް އެބައޮތް ހުޅުމާލެއިންވެސް ބިމެއް ދެއްވާނެ ކަމަށް އެޗްޑީސީން އަންގަވާފަ. އެކަމަކު ފައިސާގެ ކަންތައް ހަމަނުޖެހޭތީ އަދި އެކަންވެސް ހަމަ ހަމަނުޖެހި އޮތީ.

ހަބީބް ވިދާޅުވި ގޮތުގައި އިންތިހާބުގެ މަސައްކަތް ކުރާއިރު އިލެކްޝަނުން ވަނީ 123 މިލިއަން ރުފިޔާ ހުށަހަޅާފައިކަމަށެވެ. ނަމަވެސް ސަރުކާރުން ދެއްވީ ނުވަދިހަ މިލިއަން ކަމަށް ހަބީބް ވިދާޅުވިއެވެ. އެހެންކަމުން އިންތިހާބުގެ ހަރަދުތައް ހަމަޖެއްސުމަށް ބަޖެޓް ރިވައިޒް ކުރަމުން ހަރަދު ކުޑަކުރެވެން ހުރި ހުރިހާ ކޮޅަކުން ހަރަދު ކުޑަކުރުމަށް ރާވަމުންދާ ކަމަށް ހަބީބް ވިދާޅުވިއެވެ.

އެގޮތުން ވަރަށް ބޮޑު ހަރަދު ހިނގާ ކަމެއް އެއީ އޮފިޝަލުންގެ އެލަވަންސްގެ ކަންތައް. މިދިޔަ ފަހަރު އޮފިޝަލުންނަށް އަޅުގަނޑުމެން ދިން އެލަވަންސަށް ވުރެ ކުޑައެލަވަންސެއް މިހާރު އަޅުގަނޑުމެންނަށް މި ބަޖެޓް މިގޮތަށް ހަމަޖެހުމުން އަޅުގަނޑުމެން މިހާރު ހަމަޖައްސާފައި މިއޮތީ. އަދި ހަމައެއާއެކީ ރަށްރަށުގައި ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެންގެ ފޯކަލް ޕޮއިންޓްއަކާ ފޯކަލް ޕޮއިންޓްގެ އެހީތެރިއަކު އެބަ މަސައްކަތް ކުރޭ އެހެންވީމަ. އެބޭފުޅުންނަށް ވެސް ކުރިންދިން އެލަވަންސް މިހާރު އެއަށްވުރެ ކުޑަވާނެ ގޮތަކަށް ރާވައިގެން މިގެންދަނީ. މިހެން ހަދަން މިޖެހެނީ އަޅުގަނޑުމެން ކަނޑައެޅި ބަޖެޓް ނުލިބުނީމަ.

ހަބީބު ވިދާޅުވީ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު މި ޖުލައިމަހުގެ 23 ވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަަމަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓޫންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުގެ މުއްދަތު 10 ދުވަހަށް ހުޅުވާލި ނަމަވެސް އެމުއްދަތު 14 ދުވަހަށް އިތުރުކުރުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅާފައިވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އެގޮތުން އެއިސްލާހު ފާސްވެއްޖެނަމަ ކެންޑިޑޭޓުންގެ ނަން ކޮމިޝަނަށް ހުށަހަޅާ ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު މިއަހަރުގެ އޯގަސްޓް މަހުގެ 9 ވަނަ ދުވަހު އިއުލާން ކުރާނެ ކަމާއި ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަަމަ ދެވަނަ ބުރެއް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބް ބާއްވާ ތާރީހާ ހަމައަށް ވޯޓް ލުމުގެ ހައްގު ލިބިގެންވާ ދެލައްކަ އަށްޑިހަ ތިންހާސް ދުއިސައްތަ ހަތްދިހަ ދެމީހުން ކަމަށް ހަބީބް ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލާފައިވަނީ ދެލައްކަ ފަސްދޮޅަސް ދެހާސް އެއްސަތޭކަ އެއްސަތޭކަ ތިރީސްފަސް މީހުން ކަމަށްވެސް ހަބީބް ވިދާޅުވިއެވެ. އެހެންކަމުން 2018 ވަނަ އަހަރާ އަޅާބަލާއިރު ވޯޓްލުމުގެ ހައްގު ލިބިގެންވާ އަދަދު ވަނީ އެކާވީސްހާސް އެއްސަތޭކަ ތިރީސް ހަތް މީހުންގެ ތަފާތެއް އުޅޭ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި އެއަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ހަބީބު ވިދާޅުވިއެވެ. ސަބަބަކީ ވޯޓްލުމުގެ ހައްގު މިވަގުތު ލިބިފައިވާ މީހުންގެ ތެރެއިން ދުނިޔެއިން ވަކިވާ މީހުންގެ އަދަދު ވޯޓްލުމުގެ ހައްގު ލިބޭ މީހުންގެ ޖުމްލަ އަދަދުން އުނިވެގެން 9 ސެޕްޓެމްބަރ އާއި ހަމައަށް ދާނެތީ ކަމުގައި ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި 600 ވޯޓްފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގައި 472 ވޯޓްފޮށި ބެހެއްޓިފައިވާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބަހައްޓަން ކަނޑައަޅާ އުސޫލަށް ބަދަލެއް މިފަހަރުގެ އިންތިހާބުގައި ގެނެވިފައިވާ ކަން ފާހަގަކޮށް ހަބީބް ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި 150 ދިވެހިން ރަޖިސްޓްރީވާ ބޭރު ކޮންމެ ތަނެއްގައި ވޯޓް ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ ކަމަށާއި މިދިޔަ އަހަރު ވޯޓްފޮށި ބެހެއްޓީ 200 މީހުން ވޯޓްލުމަށް ރަޖިސްޓްރީ ވެފައިވާ ތަންތަނުގައި ކަމަށެވެ. އަދި ސިނާއީ މަސައްކަތް ކުރާ ތަންތަނާއި ރިސޯޓްތަކުގައި މީގެކުރިން އޮންނާނީ 50 މީހުން ރަޖިސްޓްރީ ވެއްޖެނަމަ ވޯޓް ފޮށި ބަހައްޓާ ގޮތަށް ކަމަށްވެސް ހަބީބް ވިދާޅުވިއެވެ. ނަމަވެސް މިއަހަރުގެ އިންތިހާބުގައި 30 މީހުންނަށް އެއަދަދު ކުޑަކުރެވިފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އީސީން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އިންތިހާބުގެ ގަވާއިދުގެ މަސައްކަތުގެ ފައިނަލް ޑްރާފްޓްއެއް އެކުލަވާލެވިފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާތީ އެބަދަލު އޭޕްރިލް މަސް ނިމުމުގެ ކުރިން އަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ހަބީބް ވިދާޅުވިއެވެ. އެހެންކަމުން އިންތިހާބުގެ ރަޖިސްޓްރޭޝަންގެ މަސައްކަތް މެއި މަހުގެ 2 ވަނަ ދުވަހު ފެށުމަަށް ނިންމާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި ގުޅުން ހުރި މުއައްސަސާތަކާއި އެކީގައި އިލެކްޝަންސް ކޮމިޝަނުން ދަނީ ބައްދަލުވުންތައް ބާއްވަމުން ކަމަށް ހަބީބް ވިދާޅުވިއެވެ.

އިންތިހާބުގެ އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުގައި ސިވިކް އާއި ވޯޓަރ އެޑިއުކޭޝަންގެ މަސައްކަތް ހިމެނޭ ކަމަށް ހަބީބް ވިދާޅުވިއެވެ. އެމަސައްކަތް މިހާރު ކުރެވެނީ ހައިފެސް (ޔޫއެސްއެއިޑް) ގެ އެހީއާ ގުޅިގެން ކަމަށް ހަބީބް ވިދާޅުވިއެވެ.

މިއަހަރުގެ އިންތިހާބުގައި ހާއްސަ ކަމެއްގެ ގޮތުގައި އިންތިހާބުގެ ގާނޫނުގައި ހުންނަ މުހިއްމު ބައިތަކުގެ އޯޑިއޯ އާއި ވީޑިއޯ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ތައްޔާރުކުރަމުންދާ ކަމަށް ހަބީބް ވިދާޅުވިއެވެ. މީގެ އިތުުރުން ރިޔާސި އިންތިހާބުގެ މައުލޫމާތު ހިމެނޭ ބޫކްލެޓްއެއް ރާއްޖޭގެ ކޮންމެ ގޭބިސީ އަކަށް ތައްޔާރުކުރަމުން ދާ ކަމަށް ހަބީބް ވިދާޅުވިއެވެ.

އިންތިހާބާއި ގުޅިގެން މީޑިއާތައް ހޭލުންތެރިކުރުމަށް ކަމާގުޅުންހުރި މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ އޭސީސީ އާއި މީޑިއާ ކައުންސިލް އާއި ބްރޮޑްކޮމް އާއި  އެކު ކޮމިޝަނުން ހާއްސަ ބައްދަލުވުމެއް ބޭއްވުމަށްޓަކައި ކޮމިޝަނުން މަޝްވަރާ ކުރަމުންދާކަމަށް ހަބީބް ވިދާޅުވިއެވެ. އެކަމުގެ ސަބަބަކީ ފަހަކަށް އައިސް އިންތިހާބުގެ މަސައްކަތުގައި މޮނިޓަރ ކުރާ ބައެއް ފަރާތްތަކަކީ ސިޔާސީ އެކްޓިވިސްޓުންނަށް ވެފައި މީގެކުރިން ބޭއްވުނު ބައެއް ބައިއިލެކްޝަން ތަކުގައި މޮނިޓަރުންގެ ގޮތުގައި ފާސްއަޅައިގެން ތިބި ބައެއް ފަރާތްތަކުން ކުރުން އެކަށީގެން ނުވާ ޒާތުގެ ވަރަށް ގިނަކަންކަން ކުރެވި ކޮމިޝަނަށް އެކަމުގެ ތަޖުރިބާ ކުރެވިފައިވާތީ ކަމަށް ހަބީބް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: