ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަތީޖާއަށް އަންނަ ބަދަލަކާއި ހިތްހަމަނުޖެހުނަސް، ޕާޓީ އުސޫލުގެ ތެރެއިން ހިނގަމުންދާނެ: ފައްޔާޒް

އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ނަތީޖާއަށް އަންނަ ބަދަލެއްގެ ސަބަބުން ހިތްހަމަ ނުޖެހުނަސް، ޕާޓީގެ އުސޫލުގެ ތެރެއިން ހިނގަމުންދާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާ ފައްޔާޒް ވިދާޅުވީ ޕާޓީ ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި އިސްވެ ހުންނާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މި ޕާޓީގެ ކެންޑިޑޭޓް ހޮވުމަށްޓަކައި، މިޕާޓީ އެކަނި ކުރިމަތިލިއަސް އަދި ދެން ދިވެހިރާއްޖޭގައި އެކުލެވޭ ހުރިހާ ސިޔާސީ ޕާޓީއަކާ އެއްކޮށްވިޔަސް އިރާދަފުޅުކުރެއްވިއްޔާ 2023 ސެޕްޓެމްބަރު 9 ވަނަ ދުވަހު އަޅުގަނޑުމެންގެ ކެންޑިޑޭޓް ކާމިޔާބުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަމުން ގެންދާނަން.

ފައްޔާޒް ވިދާޅުވީ އެމްޑީޕީ އެއްވެސް ގޮތަކަށް ފަހަތަށް ޖެހުމެއް ނެތް ކަމަށާއި ފެނިގެންދާ މަންޒަރަކީ ފަސޭހަ ކަމާއެކު އިންތިހާބު ކާމިޔާބު ކުރެވޭ ތަން ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކުރި ގަރާރުގެ ސަބަބުން ރިޔާސީ އިންތިހާބު ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދިޔަކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރަކީ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރުމުގެ ބާރު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ލިބިދިނުމަށް ފާސްކުރެވުނު ގަރާރެކެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީން އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ބާރު ރައީސް ސާލިހް އަށް ދިނުމަށް ގޮވާލާ ގަރާރު ހުށަހެޅުއްވީ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހްގެ ކެމްޕޭން މެނޭޖަރުކަން ކުރެއްވި ކިނބިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނާޝިޒް އެވެ.

ނާޝިޒް ހުށަހެޅި ގަރާރު ފާސްވެފައިވަނީ ޖަލްސާގައި ބައިވެރިވި 85 މެމްބަރުންގެ ތެރެއިން 81 މެމްބަރުންގެ ވޯޓުންނެވެ.

ގަރާރު ހުށަހަޅަމުން ނާޝިޒް ވިދާޅުވެފައިވަނީ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށްފަހު އިންތިހާބު ނިމުމާ ހަމައަށް ޕާޓީގެ އެންމެ އިސް ފަރާތަކަށް ވާނީ ރިޔާސީ ކެންޑިޑޭޓް ކަމަށް އެމްޑީޕީގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އެހެން ފަރާތްތަކާ ގުޅުމަކީ މުހިއްމު ކަމެއް ކަމަށް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ފެނިއްޖެ ނަމަ ކޯލިޝަނެއް ކުލަވާލުމަށް މަގުފަހިވާ ގޮތަށް ޕާޓީގެ އެންމެ އިސް ފަރާތަށް އެ އިހްތިޔާރާއި ބާރު ލިބިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށް ނާޝިޒް ވިދާޅުވި އެވެ.

ގަރާރުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި، އެއް ޕާޓީއަކުން އެކަނި ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބުކުރެވުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫން ކަމެއް ކަން ވަނީ ފާހަގަކޮށްފައެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ ކޯލިޝަނަކާ އެކުގައި ކަމަށް ވަނީ ބުނެފައެވެ.

މިދައުރަކީ ވެރިކަމުގައި ކޯލިޝަނެއް ދެމެހެއްޓުނު ހަމައެކަނި ދައުރުކަމަށާއި ކޯލިޝަނެއްގެ ތެރެއިން އިންތިހާބަކަށް ކުރިމަތިލައިގެން ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުކަމަށް  ނާޝިޒްގެ ގަރާރުގައި ވަނީ ބުނެފައެވެ. އެހެންކަމުން އިއްތިހާދުގެ ސަރުކާރެއްގެ ސަބަބުން ގައުމުގެ ހަމަޖެހުން ދެމިއޮތުމަށް މަގުފަހިވެގެންދާކަން ރައީސް ސާލިހްގެ މި ރިޔާސީ ދައުރުގައި އެނގިގެން ގޮސްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ރައީސް ސާލިހް ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާ އިރު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ގޮފި ހެދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓަސްއަޕްގުރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ގަޑުބަޑުކޮށް، އޮޅުވާލިކަމުގެ ތުހުމަތު ތަކުރާރު ކުރައްވައި ޕާޓީގެ ދަފްތަރުން އުނި ކުރި މީހުންނަށް ފުރުސަތު ދީގެން ގޮތް ނިންމުމަށް ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައެވެ.

ގައުމީ މަޖިލީހުގެ ވަޓަސްއަޕް ގުރޫޕަށް ފޮނުވި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާ ކުރުމުން ރައީސް ސޯލިހަށް ލިބުނު ގިނަ ވޯޓު އުނިވާނެ ކަމަށެވެ. ނަމަވެސް ވޯޓާސް ލިސްޓަށް ބަލައި، ކުޑަ ފަރަގަކުން ރައީސް ސޯލިހު މޮޅުވާނެކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ހުށަހެޅުއްވީ، ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި އެމްޑީޕީގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކޮށް ޕާޓީން ވަކި ކުރި 39،000 މެމްބަރުން އަލުން ޕާޓީ އާއި ގުޅުމަށް ފަހު ދެން ކެނޑިޑޭޓާއި މެދު ގޮތެއް ކަނޑައެޅުމަށެވެ. އަދި ”ފިކުރެއްގެ ދިރުން“ ގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ އޭގެ ފަހުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމަނިކުފާނުގެ އަރިސް ބޭފުޅެއްކަމަށްވާ ޕޮލިސް ބޯޑުގެ މެމްބަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ވަނީ އެމްޑީޕީގެ ޕްރައިމަރީ ބާތިލްކުރުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ހާމިދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއިދު ކުރައްވި އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދުއެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށް ހާމިދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އިންތިޚާބު ބާއްވާފައިވަނީ ވަކިކުރި 39،000 މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމުގައިވާތީ އެ މެންބަރުންނަށް ބައިވެރިވެވޭ ގޮތަށް އަލުން އިންތިޚާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. އަދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅަންދެން ރައީސް ސާލިޙްއަށް ރިޔާސީ ޓިކެޓް ދިނުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ބޭއްވުމަށް ހުއްޓވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް މައްސަލައިގައި ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: