ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެއްސަކު ބޭރު ގައުމެއްގައި ތަކުލީފެއް އުފުލަން ޖެހުމުން، ކުރި މަލާމާތަށް މާރިޔާ މައާފަށް އެދެން ޖެހޭ: އިދިކޮޅު

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ/ ފޮޓޯ: ރައީސް ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލު ތަކުލީފަށް ރާއްޖޭގެ ދިފާޢީ ވަޒީރުގެ މަޤާމުގައި ހުރި މާރިއާ އަޙްމަދު ދީދީ ޖޯކު ޖައްސަވާ މަލާމާތްކުރެއްވުން ދިވެހި ރައްޔިތުން ބަލައި ނުގަންނަ ކަމަށް ބުނެ އިދިކޮޅުން އެ އަމަލު ކުށްވެރިކޮށްފިއެވެ.

އާއިލާއާއި އެކު އިންޑިއާގައި ހުއްޓައި، އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނައުމަށް ފަހު ޑިޕޯޓުކޮށް އަނބުރާ ގައުމަށް ފޮނުވާލި އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ހުޅުމާލެ ދާއިރާ ރައީސް އަބްދުއް ސަމަދާއި ގުޅޭގޮތުން މާރިޔާ ދެއްކެވި ވާހަކަތައް ވަރަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އަދި ގިނަ ބަޔަކު ވަނީ، މަލާމާތުގެ ރާގަކަށް މާރިޔާ އެމްޑީޕީގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަށް މައާފަށް އެދެން ގޮވާލާފަ އެވެ.

އިދިކޮޅު ޕީޕީއެމްގެ ސެނެޓު މެމްބަރު ސަމަދު އިންޑިއާގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ އާއިލާ އެކު ބޭސްފަރުވާއަށް އެ ގައުމަށް ގޮސް ހުއްޓަ އެވެ.ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު، ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ޕޯސްޓުކޮށް ސަމަދު ބުނެފައި ވަނީ ހޮސްޕިޓަލުގައި ދަރިންނާއި އަންހެނުން އެކުގައި ތިއްބާ އިމިގްރޭޝަނުން އޭނާ ހިފަހައްޓާފައިވާކަމަށެވެ.

އެއަށް ފަހު އޭނާ ރާއްޖެ އައުމަށް ފަހު، ވެސް ވަނީ އިންޑިއާގެ އިމިގްރޭޝަނުން އަމަލު ކުރީ ވަރަށް އިހާނެތިކޮށްކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި މިއީ އިންޑިއާ އައުޓް ހަރަކާތުގައި އިސްކޮށް އުޅުމުގެ ސަބަބުން ”ޖެއްސި ހާލު“ ކަމަށް އޭނާ ބުންޏެވެ.

ރޭ އޮތް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމުގެ ޖަލްސާގައި މާރިޔާ ވިދާޅުވީ ކޮންމެ ދުވަހެއްގެ ރޭގަނޑުވުމާއި އެކު މާލޭގެ މަގުތަކަށް ނިކުމެ އަވައްޓެރި ގައުމެއްގެ މިލިޓަރީއަށް އަމާޒުކޮށް ތަފާތު އެކި ބަސްތައް ބޭނުންކޮށް، ގޮންޖެއްސަވަމުން ގެންދެވި ބޭފުޅަކު އިންޑިއާއަށް ދިޔަކަމަށެވެ.

ސަމަދު އެނބުރި ރާއްޖެ އައުމަށް ފަހު، އަސަރާއި އެކު ދެއްކި ވާހަކަތައް މާރިޔާ ސިފަ ކުރީ ފިނޑި އަމަލެއްގެ ގޮތުގަ އެވެ. މީޑިއާތައް ކުރިމަތީ ރުއިމަކީ އެއީ ފިނޑިންގެ އަމަލެއްގެ ގޮތުގައި މާރިޔާ ވިދާޅުވި އެވެ. ސަމަދުއަށް ޖޯކު ޖައްސަވައި މާރިޔާ ވިދާޅުވީ، މުޅި އުމުރު ދުވަސް ހޭދަ ކުރީ ސިފައިންގެ ހިދުމަގައިކަމަށް ވިދާޅުވީ ނަމަވެސް އޭނާ ފެންނަނީ އިދިކޮޅު ދިދަ އާއި އެކު ކަމަށެވެ. އިންޑިއާގެ އިމިގްރޭޝަނުން އަމަލު ކުރި ގޮތާއި މެދު ސަމަދު ކަންބޮޑުވުންފާޅު ކުރީތީ، މާރިޔާ ވިދާޅުވީ އޭނާ އެއް ދުވަސް ހޭދަ ކުރީ ފިނި ކޮޓަރިއެއްގެ ތެރޭގައި ކަމަށެވެ.

މައްސަލައިގައި ބަޔާނެއް އާއްމުކޮށް، އިދިކޮޅުން ބުނީ އިންޑިއާގެ ބީޖޭޕީ ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަގާމުތަކުގައި ތިއްބެވި ބޭފޫޅުން އެ ގައުމަށް ސަނާ ކިޔައި، އިސް މީހުން ރުއްސުމަށް ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އިންޑިއާއިން ބޭރުކޮށްލި ސަމަދަށް ޖޯކު ޖައްސަވާ މާރިއާ ދެއްކެވި ވާހަކަތަކަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މައާފަށް އެދުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފަ އެވެ.

ދިވެހި ސިފައިންނާއި ފުލުހުންނަކީ މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން އަރާ ކޮންމެ ވަގުތެއްގައިވެސް މި ގައުމު ސަލާމާތް ކުރުމަށް ކަމަރު ބަނދެގެން ތިބެ، އެންމެ ފުރަތަމަ އެކަމާއި ކުރިމަތިލާން ތައްޔާރަށް ތިބި ބައެއްކަމާއި، އަދި އެއްވެސް އިރެއްގައި ސިފައިންގޭގަ ނުވަތަ ފުލުހުންގެ ތެރޭގައި އިހުލާސްތެރި ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކު މި ގައުމަށް ހަރާންކޯރު ނުވާނެ ކަމަށް ބަޔާނުގައި ވެއެވެ.

ދިވެހި ފުލުހުންނާއި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް ސިފަ ކުރައްވާ، ޖޯކު ޖައްސަވާ އަންމު ގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދުބަސް ވިދާޅުވާ ބޭފުޅަކު ދިފާއީ ވަޒީރުކަމުގައި ހުންނެވުން އެއީ މި ސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގު ވަޒަން ކުރާ މިންވަރު ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއަށް ޖާގަ ދީ، އިންޑިއާއިން ބޭނުންވާހާ ގޮތަށް ރާއްޖޭގެ ރަށްތަށް ދީ، ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް އިންޑިއާގެ ކުންފުނިތަކަށް ދިނުމުގެ އިތުރުން އިންޑިއާގެ ކުންފުނިތަކުން ރާއްޖެ އެތެރެ ކުރާ ތަކެތިން ޓެކްސް ނުނަގާ ގޮތަށް ހަމަޖެއްސުމާއި، އަދި ނުއަގުގައި ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ބިން ދިނުމަކީވެސް ރައްޔިތުންނަށް އޮޅުވާލައިގެން ދިވެހިން އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގެންދިއުމަށް މިސަރުކާރުން ހިންގަމުން ގެންދާ ޢަމަލުތަކެއް ކަމަށް އިދިކޮޅުން ވަނީ ސިފަކޮށްފައެވެ.

އެހެންކަމުން ޑިފެންސް މިނިސްޓަރު މާރިޔާގެ އެ އަމަލާއި އެފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: