ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ޕީޕީއެމްގެ އެކްޓިވިސްޓް އަދި ހުޅުމާލެ ދާއިރާ ރައީސް އަބްދުއްސަމަދަށް އިންޑިއާގައި ދިމާވި ދަތިހާލަތާއިމެދު، މަލާމާތްކޮށް ޖޯކުޖެހި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ހުސެއިން މުހައްމަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަަލައިގަތުމަށް ވޯޓް ދީފައިވަނީ 8 މެމްބަރުންނެވެ. އަދި މައްސަލަ ބަލައިނުގަތުމަށް 31 މެމްބަރަކު ވަނީ ވޯޓް ދީފައެވެ.
ހުސެން މުހައްމަދު ލަތީފް ހުށަހެޅުއްވި މައްސަލައިގައި ވަނީ ދިވެއްސަކު ބޭރު ގައުމެއްގައި އުފުލި ތަކުލީފަށް މިނިސްޓަރު މާރިޔާ ޖޯކުޖައްސަވާފައިވާ ހިނދު، އަބްދުއްސަމަދަކީ ދިވެހި ސަލާމަތީ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާ ޝަރަފުވެރިކަމާއިއެކު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެއްކަމަށާއި އެފަދަ ދިވެހި ދަރިޔަކާ މެދު ޑިފެންސް މިނިސްޓަރު ގެންގުޅުއްވި ދަށު ދަރަޖައިގެ ބަސްމަގު ބަލައިނުގަނެވޭކަމަށެވެ.
މިގޮތުން ދިވެހި ސިފައިންނާއި ފުލުހުންނަކީ މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުންއަރާ ކޮންމެ ވަގުތެއްގައި ވެސް މި ގައުމު ސަލާމަތްކުރުމަށް ކަމަރު ބަނދެގެން ތިބެ، އެންމެ ފުރަތަމަ އެކަމާއި ކުރިމަތިލާން ތައްޔާރަށް ތިބި ބަޔަކަށްވީއިރު، އެއްވެސް އިރެއްގައި ސިފައިން ނުވަތަ ފުލުހުންގެ ތެރޭގައި އިހުލާސްތެރި ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކު މި ގައުމަށް ހަރާމްކޯރު ނުވާނެކަމަށް ވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގައި ވަނީ މިނިސްޓަރު މާރިޔާއަކީ މީގެ ކުރިންވެސް ދިވެހި ފުލުހުންނާއި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް ސިފަކުރައްވައި ޖޯކުޖައްސަވައި އާންމު ގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދުބަސް ވިދާޅުވެފައިވާ ބޭފުޅަކަށްވާތީ މިފަދަ ބޭފުޅަކު މި މަގާމުގައި ހުންނެވުމަކީ މި ސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގުވަޒަން ނުކުރާ މިންވަރު ހާމަވާކަމެއްކަމަށާއި ވަކި ގައުމެއް ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ ގައުމަށް ސަނާ ކިޔައި ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވެފައިވަނީ ފިނި ކޮޓަރީގައި ހުންނެވުމަށްފަހު އެނބުރި މާލެ ވަޑައިގެން ކީރިތި ކުރައްވާފައިވާ ކަމަށެވެ.
މާރިޔާގެ ވާހަކައަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން ސިޔާސީ ގިނަ ފަރާތްތަކާއި އާއްމު ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މާރިޔާ، އަބްދުއްސަމަދަށް މަލާމާތް ކުރުން ބަލައިނުގަނެވޭ ކަމަށެވެ.

