ކޯލިޝަނެއް އުފައްދަން އެހެންބަޔަކު އެއްބަސްކުރުވޭނީ، އަމިއްލަ ޕާޓީ އެއްބައި ކުރުމުގެ ”އުރައްޕެއް“ ހުރެގެންކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ ބާރު އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދީފައެވެ. އެމްޑީޕީގެ ފަރާތުން އިއްޒުއްދީން ސްކޫލްގައި ބޭއްވި ގައުމީ މަޖިލީހުގައި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ އެއްވެސް މެމްބަރެއް ބައިވެރިވެފައެއް ނުވެއެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީން އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ބާރު ރައީސް ސާލިހް އަށް ދިނުމަށް ގޮވާލާ ގަރާރު ހުށަހެޅުއްވީ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހްގެ ކެމްޕޭން މެނޭޖަރުކަން ކުރެއްވި ކިނބިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނާޝިޒްއެވެ.
ނާޝިޒް ހުށަހެޅި ގަރާރު ފާސްވެފައިވަނީ ޖަލްސާގައި ބައިވެރިވި 85 މެމްބަރުންގެ ތެރެއިން 81 މެމްބަރުންގެ ވޯޓުންނެވެ.
އެއާއިއެކު ރައިސް ސާލިހުގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބައްދަލުކުރެއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމްއާ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް ސާލިޙްގެ ކޮށްކޯފުޅު އަލީ ނިޔާޒް ވަނީ ސަން އައިލެންޑަށް ވަޑައިގެންފައެވެ. މި ބައްދަލުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދިއުމުން ކުރީގެ ފޮޓޯއެއްކަމަށް ފާހަގަކުރައްވާ ވަހީދުވަނީ އެ ފޮޓޯ މިހާރު ދައުރު ކުރުމުގެ މަގުސަދާއިމެދު ސުވާލު އުފައްދަވާފައެވެ.
ވަހީދަށް ޖަވާބު ދެއްވަމުން ނިޔާޒް ވިދާޅުވީ، އެއީ ކުރީގެ ފޮޓޯއެއް ނޫންކަމަށާއި، އަދި އެ ބައްދަލުވުމުގެ ސަބަބުން އުންމީދު އިތުރުވެގޮސްފައިވާކަމަށެވެ. އެހެންކަމުން މިހާރު އެމްޑީޕީގެ ރައީސް ސާލިހު ފެކްޝަނުން މިސްރާބު ޖަހާފައިވަނީ ކޯލިޝަން އަކާއިއެކު އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށްކަމަށް އެނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތްކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ސާލިހް ވަނީ އަދާލަތު ޕާޓީއަށާއި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އަށްވެސް ސިޓީފުޅެއް ފޮނުއްވާ ދައުވަތު ދެއްވާފައިވެއެވެ.
މިކަމާއި ގުޅިގެން ކުރެއްވި ޓުވީތެއްގައި ވަހިދު ވިދާޅުވީ ކޯލިޝަނެއް އުފައްދަން އެހެންބަޔަކު އެއްބަސްކުރުވޭނީ، ފުރަތަމަ އަމިއްލަ ޕާޓީގެ އެތެރެ އެއްބައި ކުރުމުގެ އުރައްޕެއް ހުރެގެންކަމަށެވެ. އަދި މިހާރު ރައީސް ސޯލިހު ފަހަތަށް ނޭރި ބަޔަކު، ދުވަސްވާވަރަކަށް ޖެހޭނީ އިތުރަށް ފެޔަށްކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.
ވަހީދު މިހެން ވިދާޅުވެފައިވާއިރު، ރައިސް ސާލިހު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި އޮތް ވާދަވެރިކަން ދޫކޮށްލައި، އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް އެކުގައި މަސައްކަތްކުރެއްވުމަށް ވަޑައިގަތުމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ދައުވަތު އަރުވާފައެވެ.

