ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1443 ވަނަ އަހަރުގެ ހައްޖުދަތުރަށް ހަރަދުވީ 69 މިލިއަން ރުފިޔާ: އިސްލާމިކް މިނިސްޓަރ

އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

1443 ވަނަ އަހަރުގެ ހައްޖުދަތުރަށް ހަރަދުވެފައިވަނީ ފަސްދޮޅަސް ނުވަ މިލިއަން ތިންލައްކަ ހަތަރުހާސް ފައްސަތޭކަ ހަތްދިހަ ހަތް ރުފިޔާ ފަންސާސް އަށް ލާރި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

1443 ވަނަ އަހަރުގެ މުޅި ހައްޖުދަތުރުގައި ހަރަދުވި ފައިސާގެ ޖުމްލަ އަދަދު، ހަރަދު ތަފްސީލުތަކާއި ކޮންމެ ހާޖީއަކަށް ކުރި ހަރަދުގެ ތަފްސީލް ހޯދުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު އެދިލެއްވުމާއި ގުޅިގެން އެ މައުލޫމާތު މަޖިލީހާއި ހިއްސާކުރައްވައި އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީގައިވާގޮތުން 1443 ވަނަ އަހަރުގެ ހައްޖުދަތުރުގައި ހާޖީއަކަށް ބޮލަކަށް ޖެހުނީ އެއްލައްކަ ފަސްދޮޅަސް ހަހާސް އެއްސަތޭކަ ނުވަދިހަ އަށް ރުފިޔާ ތިންލާރިއެވެ.

1443 ވަނަ އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންގޮސްފައިވަނީ ހަމައެކަނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކަމަށްވެސް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހައްޖު މިޝަންއަކީ ސަރުކާރުން ބޮޑު ހަރަދުކޮށްގެން ކޮންމެ އަހަރަކު ގާއިމްކުރާ މިޝަންއެއް ކަމަށް އިބްރާހިމް ރަޝީދުވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ހައްޖަށްދާ ހާޖީންނަށް އެހީތެރިވުމަށް މާލެއިން ބަޔަކު ފޮނުވި ނަމަވެސް އެމީހުންގެ ފަރާތުން ހާޖީންނަށާއި ޖަމާއަތްތަކަށް އެހީތެރިކަން ނުލިބި، އެހީތެރިކަން ލިބެނީ ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީ މުވައްޒަފުންގެ ތެރެއިން މައްކާއަށް ވަޑައިގަންނަވާ މުވައްޒަފުންގެ ކިބައިން އެކަނި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އެހެންކަމުން މާލެއިން ހައްޖު މިޝަން ފޮނުވުމުގެ ބަދަލުގައި ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީ މުވައްޒަފުން މެދުވެރިކޮށް ހާޖީންނަށް އެހީތެރިކަން ފޯރުކޮށްނުދެނީ ކީއްވެގެންތޯ ވިދާޅުވެ އިބްރާހިމް ރަޝީދު  އިސްލާމިކް މިނިސްޓަރުގެ އަރިހުން ލިއުމުން ޖަވާބު ހޯދުމަށް ވަނީ ސުވާލުކޮށްފައެވެ.

އިބްރާހިމް ރަޝީދުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެ އާއި ސައުދީއަރަބިއްޔާގެ ހައްޖު މިނިސްޓްރީ އާއި ދެމެދު ހައްޖުގެ ކަންކަމުގައި އަބަދުވެސް ސޮއި ކުރަނީ ރާއްޖޭގެ ހައްޖުގެ ކަންކަން ރާވައި ހިންގާ ދައުލަތުގެ މުއައްސަސާގެ ފަރާތުން އިސްލާމިކް މިނިސްޓްރީން ކަމަށެވެ.

ސައުދީ އާއި ރާއްޖެއާއި ދެމެދު ހައްޖުގެ ކަންކަމުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ހައްޖަށްދާ ހާޖީންގެ ކަންކަން ބެލެހެއްޓުމާއި ހައްޖުވެރިންގެ ކަންކަމުގައި މުއާމަލާތްކުރާނެ ދައުލަތުގެ އިދާރާއެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ ޕިލްގްރިމް އޮފީސް ކަމަށް އިސްލާމިކް މިނިސްޓަރުގެ ސިޓީގައިވެއެވެ.

ޕިލްގްރިމް އޮފީހަކީ ހައްޖު މޫސުމުގައި އިސްލާމިކް މިނިސްޓްރީން ގާއިމްކުރަން ޖެހޭ އޮފީހެއް ކަމާއި ހައްޖު މިޝަންއަކީ ޕިލްގްރިމް އޮފީސް ކަމަށް ޒާހިރު ވިދާޅުވިއެވެ. އަދި ހައްޖުމިޝަން ވީހާވެސް ކުރިން ގާއިމްކުރަން ޖެހޭކަމަށާއި ހައްޖުގެ އެކި އިންތިޒާމްތަކާ ގުޅޭގޮތުން ސައުދީ އިން ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ސައުދީއަށް ހާޒިރުވުމަކީ ހައްޖު މިޝަންއިން ކުރަންޖެހޭ ކަމެއް ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެފަދަ ކަންކަމަށް އެކަށީގެންވާ ބަޖެޓް ނުލިބޭތީ ހައްޖު މިޝަންގެ ހަރަކާތްތައް ރާއްޖެއިން ހިންގޭ މިންވަރަކީ ހައްޖުމޫސުމުގައި މައްކާގައި އެކަނި ޕިލްގްރިމް އޮފީސް ގާއިމް ކުރުން ކަމަށް ޒާހިރު ވިދާޅުވިއެވެ.

ހައްޖު މިޝަންގެ ފަރާތުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ހައްޖުވެރިންނަށް ތަފާތު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ވޭތުވެދިޔަ މާޒީގައި ރާއްޖެއިން ގާއިމްކުރި ހައްޖު މިޝަން އޮފީސްތަކުން ވަނީ ހައްޖުވެރިން އެއަރޕޯޓަށް އަންނަ ވަގުތުތަކުގައި އެއަރޕޯޓްގައި ހައްޖުވެރިންނާ ކުންފުނިތަކަށް ދިމާވާ ތަފާތު އެކިކަހަލަ މައްސަލަތައް ހައްލުކޮށް ހައްޖުވެރިން ވީއެންމެ އަވަހަށް މައްކާއަށް އެތެރެވެވޭނެ ގޮތަށް ކަންކަން އިންތިޒާމްކޮށްދީފައިކަމަށް ޒާހިރު ވިދާޅުވިއެވެ. އަދި ހައްޖުވެރިން އެނބުރި މާލެ އަންނަ ވަގުތުތަކުގައި އެފަރާތްތަކަށް ބޭނުންވާނެ ހިދުމަތްތައް ދިނުމާއި ހައްޖު ދަތުރުގައި އެކި ހިސާބުތަކުން ހައްޖުވެރިން ގެއްލިގެން ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ހައްޖުވެރިއަކު ނިޔާވެއްޖެނަމަ، ސައުދީއަރަބިއްޔާގެ ކަމާއިގުޅުންހުރި ފަރާތްތަކާ ގުޅިގެން ޖަނާޒާގެ ކަންކަން ހަމަޖެއްސުން ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ހާޖީންނާއި ޖަމާއަތްތަކަށް ހައްޖުމިޝަންގެ އެހީތެރިކަން ނުލިބޭކަމަށާއި އެހިދުމަތްތައްތައް  ދެނީ ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ކަމަށް ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގުވާހަކަ ތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ވަނީ  ވިދާޅުވެފައެވެ.

ހައްޖު މިޝަންއަކީ ހައްޖުވެރިންނަށް ދޭން އެއްބަސްވާ ހިދުމަތްތައް ދެވޭތޯ ނުވަތަ ނޫންތޯ ބަލާ މޮނިޓަރ ކުރުމަށް އޮންނަ މުއައްސަސާއަކަށް ވުމުން، ހައްޖު މިޝަންއާއި މެދު ބައެއް ކުންފުނިތަކުގެ ހިތްހަމަނުޖެހުން އޮންނަ ކަން ފާހަގަ ކުރެވޭ ކަމަށްވެސް ވަނީ ބުނެފައެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީން ބަލަނީ ވީހާވެސް އަދުލުވެރިކަމާއެކު ކުންފުނިތަކާ މުއާމަލާތް ކުރެވޭތޯ ކަމަށްވެސް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: