ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މޮޅުވާނީ އިންޑިއާތަ؟ ނޫނީ ޗައިނާތަ؟”

ޗައިނާގެ ރައީސް އަދި އިންޑިއާގެ ބޮޑުވަޒީރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ ބިމާއި އާބާދީގެ ގޮތުން ކުޑަ ގައުމެއް ނަމަވެސް، މި ގައުމަކީ އަޑު ގަދަ ގައުމެކެވެ. އޭޝިއާ ސަރަހައްދުގެ “ސުވަރުގެ” ގޮތުގައި މީހުން ސިފަ ކުރާ މި ގައުމާއިމެދު ދުނިޔޭގެ ބާރުތަކުގެ ގޮތުގައި އޮތް ބިޔަ ގައުމުތައްވެސް މި ކުޑަކުޑަ ޖަޒީރާ ގައުމަށް އެހާމެ ބޮޑަށް ޝައުގުވެރިވެއެވެ.

އިނގިރޭސި ވިލާތާއި އެމެރިކާވެސް ރާއްޖޭގައި ހިނގަމުންދާ ކަންކަމަށް ޒަމާނުއް ސުރެ ނަޒަރު ހިންގަމުންދާއިރު، ޒަމާން ބަދަލުވެ، މިހާރު އެންމެ ބޮޑަށް ޝައުގުވެރިކަން ދެމުންދާ ދެ ގައުމަށް ޗައިނާ އަދި އިންޑިއާ ވެއްޖެއެވެ.

ޗައިނާ އާއި އިދިކޮޅު ކޯލިޝަން އާއި ގާތް ގުޅުންތަކެއް އޮންނަ އިރު، މިހާރު ވެރިކަން ކުރަމުންދާ މައި ޕާޓީ ކަމަށްވާ އެމްޑީޕީއާ އަވައްޓެރި އިންޑިއާއާ ގާތް ގުޅުމެއް އޮވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ބެއްލެވުމުގެ ދަށުން އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގަދަ އަށް ފަންޑުކޮށްފައިވާ އެއް ގައުމަށް ވެއްޖެއެވެ. ބުރިޖު އެޅުން ފަދަ ބޮޑެތި މަސްއޫލިއްޔަތުތައްވަނީ އެ ގައުމާއި ހަވާލު ކޮށްފައެވެ. އެ ގައުމުގެ ބެލުމުގެ ދަށުން އެތައް މަޝްރޫއެއް ހިނގަމުން އެބަ ދެއެވެ.

އެހެންކަމުން ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކާއިމެދު އެ ގައުމުން ކަންބޮޑުވާނެކަން ޔަގީނެވެ. އަދި އެ ކޯޅުންތަކަކީ ޗައިނާ އަދި އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް ލިބިގެންދާ އުންމީދީ ފުރުސަތެއްކަންވެސް ޔަގީނެވެ. ސަބަބަކީ އިދިކޮޅު ކޮންގްރެސް ކޯލީޝަން ރާއްޖޭގެ ވެރިކަމާ ހަވާލު ވެއްޖެނަމަ އިންޑިއާ އާއިއެކު ހަދާފައިވާ ގިނަ އެއްބަސްވުންތައް ބާތިލް ކުރާނެ ކަމުގެ އިންޒާރު ދީފައި ވުމެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމި، ކެނޑިޑޭޓު ރައީސް ސާލިހަށް ރިޔާސީ ޓިކެޓުވެސް އެރުވިއްޖެއެވެ. އެހެންނަމަވެސް އެ ހިސާބަށް ވާސިލުވުމާއިއެކު އާ މައްސަލައެއް ފެންމަތިވެއްޖެއެވެ. ޕާޓީގެ ރައީސް އަދި ރައީސް ސާލިހާއި ވާދަކުރެއްވި ކެނޑިޑޭޓު މުހައްމަދު ނަޝީދު، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.

އެމަނިކުފާނާއި ތާއީދުކުރައްވާ ފަރާތްތަކުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ބަލައެއް ނުގަތެވެ. އަދި އެމަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ކޯޓަށް މައްސަލައެއްވެސް ހުށައަޅުއްވާފައެވެ. މި މައްސަލަ އަދިވެސް އޮތީ ކޯޓު މަރުހަލާތަކުގެ ތެރޭގައެވެ.

ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުން، އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ ދެމެދު އުފެއްދިފައިވާ މައްސަލައިގެ ސަބަބުން އިދިކޮޅު ކޯލިޝަނަށް ރިޔާސީ ރޭހުގައި ކުރިއެރުމެއް ލިބިފައިވާއިރު، ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ ޖުމްހޫރީ ޕާޓީއިންވެސް އަމިއްލަ ކެނޑިޑޭޓެއް ނެރުމާއި ދިމާލަށް މިސްރާބު ޖަހާފައިވާތީ، ދެވަނަ ބުރަކަށް ދިއުމުގެ ފުރުސަތު ބޮޑުވެ، ރައީސް ވިދާޅުވިފަދައިން ކޯލިޝަނަކުން ނަމަވެސް އެއްބުރުން ކާމިޔާބު ކުރުން ވެގެންދާނީ ދަތިކަމަކަށެވެ.

ޕާޓީގެ ތެރޭގައިވެސް ރިޔާސީ ރޭހުގައި ހުރަސްތަކެއް އެބަ ހުއްޓެވެ. ރިޔާސީ އިންތިހާބުގައި އިންތިހާބުގެ ބަލި ގަބޫލުކުރެއްވިނަމަވެސް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ، ރައީސް ސާލިހާއިއެކު މަސައްކަތްކުރެއްވުމަށް ތައްޔާރަކަށް ނޫނެވެ. ގިނަ ފާޑުކިޔުންތައް ރައްދުވަމުންދާއިރުވެސް އެމަނިކުފާނު އަދި އެކުގައި ތިއްބެވި މެމްބަރުންވެސް މަސައްކަތްކުރަމުންދަނީ “ފިކުރެއްގެ ދިރުން” ނަމުގައި ޕާޓީގެ ގޮތްޕެއް އުފެއްދުމަށެވެ.

އަރިހުގައި ތިއްބެވި ބޭފުޅުން ވިދާޅުވަމުންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެކަމަށެވެ. އަދި ރައީސް ނަޝީދު ރައީސް ސާލިހުގެ ފަހަތަށް އަރާ ވަޑައިގަތުމަށް ނިންމެވި ނަމަވެސް، އެމަނިކުފާނަށް ވޯޓު ނުދޭނެކަމަށްވެސް ބައެއް ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ.

ރައީސް ނަޝީދު އަދި އެމަނިކުފާނަށް ތާއީދު ކުރެއްވި ފަރާތްތަކުންވަނީ އެމްޑީޕީއިން އެންމެ ފަހުން ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލިސް ޖަލްސާއެއްވެސް ބޮއިކޮޓު ކުރައްވާފައެވެ. އެ ބައްދަލުވުމަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ކޯލިޝަން ހެދުމުގެ ހުއްދަ ދިނުމަށް ބޭއްވި ޖަލްސާއެކެވެ.

އެހެންކަމުން ޖުމްހޫރީ ޕާޓީގެ ކޮންފަރެންސަށް އެމަނިކުފާނު ވަޑައިގަތުމުން މުޅި ސިޔާސީ ދާއިރާގެ ނަޒަރު އެ ޖަލްސާއަށް ހުއްޓުނެވެ. އެ ޕާޓީގެ އިސް ލީޑަރު އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ، ޝުކުރުގެ ބަސްތަކާއިއެކުއެވެ. އަދި ދެ ބޭފުޅުންގެ ދެމެދު ތާރީހީ ގާތް ގުޅުމެއް އޮތްކަންވެސް ގާސިމް ފާހަގަކުރެއްވިއެވެ. ދެއްކެވި ވާހަކަތަކާއިއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދެ ބޭފުޅުން އެކުގައި ފެނިގެންގޮސްދާނެތޯވެސް ސުވާލު އުފެދެއެވެ.

ދުނިޔޭގެ އެކި ބާރުތަކުންވެސް ދަނީ މި މަންޒަރުތައް ގާތުން ބަލަމުންނެވެ. ސަރަހައްދީ ބާރުތަކުގެ ގޮތުގައި ތިބި އެތައް ފަރާތެއް ވަނީ ރާއްޖެއަށްއެކި ގޮތް ގޮތްގޮތުން އިންވެސްޓުކޮށްފައިކަމަށްވުމުން، ހިންގަމުންދާ މަޝްރޫޢުތައް ހުއްޓިދާނެކަމުގެ ބިރު އެބަ އޮތެވެ. ރައީސް ސާލިހު ކެމްޕެއިންގެ ތެރެއިން ތަކުރާރުކޮށް މި ވާހަކަތައް ދެއްކެވިއެވެ. ވިދާޅުވީ، މަޝްރޫޢުތައް ހުއްޓިޔަ ނުދީ ކުރިއަށް ގެންދިއުމެއް ދެވަނަ ދައުރެއް ބޭނުންވެވަޑައިގަންނަވާކަމަށެވެ.

އެންމެ ގާތުން ހަރަދުކުރަމުންދާ ދެ ގައުމުންވެސް ތިބީ ފާރަވެރިވެއެވެ. ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ މެދުގައި އޮތް ގައުމެއް ކަމަށްވާއިރު، ބައިނަލްއަގުވާމީ އިގްތިސާދުގެ މައި ލޭނާރެއްވެސް ދައުރު ކުރަނީ މި ސަރަހައްދުގެ ތެރެއިންނެވެ. އެހެންކަމުން ގައިމުވެސް މިހާރު ރާއްޖެއަށް އެންމެ ގަދައަށް އިންވެސްޓުކޮށްފައިވާ ގައުމުކަމަށްވާ އިންޑިއާއަށް މިހާރު އޮތް ވެރިކަން ދެމެހެއްޓިފައި އޮތުން ވަރަށްވެސް މުހިންމުވާނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދީ ބާރުކަމަށްވާ ޗައިނާއަށްވެސް ފުރުސަތުގެ ބޭނުން ހިފައި އެ ނާރު އަތުޖެއްސުން ހަމައެހާމެ މުހިންމުވާނެކަން ޔަގީނެއެވެ. އެހެންކަމުން އޮތީ ރާއްޖޭގެ ވެރިކަމާއި ގާތްވުމުވެ.

އުފެދި ބޮޑުވަމުންދާ މި މައްސަލަތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްގީގެ ޕާޓްނަރުކަމަށް ވާދަކުރަމުންދާ ދެ ގައުމުންވެސް ދިޔައީ ރާއްޖެއާއިއެކު އެކި ގޮތް ގޮތުން ގުޅުން ބަދަހި ކުރަމުންނެވެ. ކޮވިޑްގެ ސަބަބުން ވެއްޓުނު ވަޅުގަނޑުން އަރައިގަތުމަށާއި ދިވެހިރާއްޖޭގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށްދިމަށްވެސް ދެ ގައުމުންދަނީ އެހީތެރިކަމެއް ފޯރުކޮށްދެވުންނެވެ.

ދާދި ފަހުންވެސް އިންޑިއާއިންވަނީ ލޯނާއި ކަރަންސީ ސްވަޕް އެއްބަސްވުންތަކެއް މެދުވެރިކޮށް ރާއްޖެއަށް 300 މިލިއަން ޑޮލަރާއި ގާތް ކުރާ އަދަދެއްގެ މާލީ އެހީ ދީފައެވެ. ހަމަ އެފަދައިން ޗައިނާއިންވެސް ވަނީ ރާއްޖެއަށް މާލީ ތަނަވަސްކަމެއް ލިބިގެންދާނެ ފަދަ ފިޔަވަޅުތަކެއް ތަންފީޒުކޮށްފައެވެ.

އެ ގައުމުންވަނީ އަލުން އަނބުރާ ރާއްޖެއަށް ފަތުރުވެރިން ފޮނުވަން ފައްޓާފައެވެ. އެ ގައުމަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ފޮނުވާ ގައުމެއްކަމަށްވުމުން، އެ މާކެޓު އަނބުރާ އިޔާދަވުމާއިއެކު، އިގްތިސާދަށް ކުރިއެރުންތަކެއް ލިބި މާލީ ހާލަތުވެސް ލުއިވެގެންދާނެއެވެ.

އެ ގައުމުންވަނީ ރާއްޖެއާއި އެކު އޮންނަ ގުޅުމަށް އިތުރު ބަދަހިކަމެއްވެސް ގެނެސްފައެވެ. ޗައިނާއިންވަނީ އެއްބަސްވެފައިވާ ގޮތުގެ މަތިން ދިވެހިންނަށް އޮން އެރައިވަލް ވިސާގައި ޗައިނާއަށް ދެވޭނެ މަގުފަހިކޮށްފައެވެ. އެހެންކަމުން ރިޔާސީ އިންތިހާބަށް ވާދަ ކުރާ ކެނޑިޑޭޓުން ވާދަވެރިކަމާއިއެކު، ރާއްޖެއަށް ނުފޫޒެއް ނުފޯރުވާކަމަށް ބުނާ މި ދެ ގައުމުންވެސް ނުފޫޒު ފޯރުވޭ ހިސާބަކަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ވާދަވެރިކަންވެސް ފާހަގަކުރެވޭ ވަރަށް ފެންމަތިވެއްޖެއެވެ.

ކުރިން ވިސްނިފައިވާ ގޮތުން ޗައިނާއިން ގުޅުންތަކެއް ބާއްވާފައިވަނީ ޕީޕީއެމްއާއިއެކުއެވެ. އެހެންނަމަވެސް ހަގީގަތުގައި ގުޅުމެއް ބޭއްވީ ރާއްޖޭގެ ސަރުކާރާއި ކަމަށްވެސް ބުނެވިދާނެއެވެ. އަދި މިހާރުވެސް އެ ގައުމުންދަނީ ރާއްޖޭގައި އެތައް މަސައްކަތެއް ކުރަމުންކަމަށްވުމުން ކޮންމެ މީހަކު ވެރިޔާގެ ގޮތުގައި ހުންނެވި ނަމަވެސް ފުރުސަތު ލިބިއްޖެ ހާލަތެއްގައި ޗައިނާއިން އަބަދުވެސް ރާއްޖެއަށް ޝައުގުވެރިވާނެކަމަށްވެސް ބުނެވިދާނެއެވެ.

އެހެންނަމަވެސް ރައީސް ނަޝީދުވަނީ ރައީސް ޔާމީންގެ ދައުރުގައި ޗައިނާ އަށް އެތައް ފާޑުކިޔުމެއް އަމާޒުކޮށްފައިކަމަށްވުމުން، އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ވެރިކަމަށް އައި އިރު އެ ގައުމަށް ގާތްވުމަށް ފުރުސަތު ނުލިބުނެއެވެ. އޭރު އެމްޑީޕީއާއި ގާތުގައި އޮތީ 2018ގެ އިންތިހާބަށް ނުފޫޒު ފޯރުވިކަމަށް އިދިކޮޅުން ބުނާ އިންޑިއާއެވެ.

އެހެންނަމަވެސް މިއަދު ހާލަތު ބަދަލުވެ، ރައީސް ނަޝީދު އަދި ރައީސް ސާލިހު ދެމެދު ބޮޑެތި މައްސަލަތަކެއް އުފެދި، ޕާޓީގެ ތެރޭގައި އޮތް ރައީސް ނަޝީދުގެ ބާރުވެސް ކުޑަވެފައިވުމުންނާއި ރައީސް ސާލިހުގެ ސަރުކާރުން އަތް ދިއްކުރާ ގައުމުތަކާއި ސަލާން ކުރުމުގެ ސިޔާސަތެއް ގެންގުޅޭކަމަށްވުމުން ކުރިއަށް އޮތް ދައުރުގައި އެ ގައުމަށްވެސް ރާއްޖޭގެ ސަރުކާރާއި އެކު ގާތް ގުޅުމެއް ގާއިމު ކުރުމުގެ ފުރުސަތު އޮތީ ވަރަށްވެސް ފަހިކޮށެވެ.

އެހެންކަމުން މިއަދު ސިޔާސީ މަސްރަހަށް ނަޒަރު ހިންގާ ފަރާތްތަކުން ދަނީ ސުވާލެއް އުފައްދަމުންނެވެ. އުފައްދަމުންދާ ސުވާލަކީ، މޮޅުވާނީ އިންޑިއާތޯ ނުވަތަ ޗައިނާތޯއެވެ.

ދެ ގައުމުގެ ބެލުމުގެ ދަށުން ރާއްޖޭގައި ކުރެވިފައިވާ މަސައްކަތްތައްވެސް އެންމެހާ ރައްޔިތުންނަށް ފެނެއެވެ. އެއް ކޮޅު އެޅި ބުރިޖު މަތިން މިހާރު ދަތުރު ކުރަމުންދާއިރު، އަނެއް ކޮޅު އަދި އޮތީ ހުވަފެނެއްގެ ގޮތުގައެވެ. އެހެންކަމުން ރާއްޖޭގެ ވެރިޔާގެ މަގާމަށް އަންނަ ފަރާތެއްގެ އިތުރުން އެންމެ ގާތްކޮށް ދެން އޮންނާނެ ގައުމެއް އެނގުންވެސް ވަރަށް މުހިންމު ވެއްޖެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: